ފާތުމަތު ނަބާހާ އަބްދުއްރައްޒާގު، ދުނިޔޭގެ އެއްވަނަ ކުޅުންތެރިޔާ ސައުތު ކޮރެޔާގެ އާން ސެޔަންގްއާ ދެކޮޅަށް ކުޅެނީ. (ފޮޓޯ/ނައުޝަމް ވަހީދު/އެމްއޯސީ)

ނަބާހާ ބަލިވީ ދުނިޔޭގެ ޗެމްޕިއަނުންނާ ވާދަކޮށްގެން

ބެޑްމިންޓަންގައި ވެސް ދުނިޔޭގެ އެންމެ މަތީ ފެންވަރާ ދެކޮޅަށް ކުޅުމަކީ ދިވެހި ކުޅުންތެރިންނަށް އަދި ވަރަށް އުނދަގޫ ކަމެއް
4 އޮކްޓޯބަރު 2023

ރާއްޖޭގެ ބެޑްމިންޓަން ކުޅުންތެރިޔާ ފާތުމަތު ނަބާހާ އަބްދުއްރައްޒާގަށް، އެއްގޮތަކުން، މިއަދުގެ ނާކާމިޔާބީއަކީ ހިތާމައެއް ނޫނެވެ. މިއަދު އޭނާއަށް ވެސް ދަސްވީ، ދުނިޔޭގެ އެންމެ މަތީ ފެންވަރުގައި ވާދަކުރަން އުނދަގޫ ކަމެވެ.

ޗައިނާގައި ކުރިއަށް ދާ އޭޝިއަން ގޭމްސްގެ ބެޑްމިންޓަންގެ އަންހެން ސިންގަލްސް ގަދަ 16ގައި ނަބާހާ ސީދާ ދެ ގޭމުން ބަލިވީ ދުނިޔޭގެ އެއް ވަނަ އަދި އެންމެ ފަހުން އޮތް ވޯލްޑް ބެޑްމިންޓަން ޗެމްޕިއަންޝިޕްގެ އަންހެން ސިންގަލްސް ޗެމްޕިއަން ސައުތު ކޮރެޔާގެ އާން ސެޔަންގް އަތުންނެވެ. އެންމެ 21 މިނިޓްގެ ތެރޭގައި މެޗު ނިންމާލީ 21-4 ،21-6 އިންނެވެ.

މެޗު ތެރޭގައި ރާއްޖޭގެ ގައުމީ ކޯޗު، ނަބާހާއަށް އިރުޝާދު ދެނީ (ނައުޝަމް ވަހީދު/އެމްއޯސީ)

ކްއާޓާ ފައިނަލަށް ދިޔަ ސެޔަންގްއަކީ ދުނިޔޭގައި މި ވަގުތު ހުރި އަންހެން އެންމެ މޮޅު ބެޑްމިންޓަން ކުޅުންތެރިޔާ އެވެ. އުމުރުން 21 އަހަރުގައި އޭނާ ވަނީ މި އަހަރުގެ ދުނިޔޭގެ ޗެމްޕިއަންޝޕް ވެސް ކާމިޔާބުކޮށްފަ އެވެ. އެ މަގާމު މިހާތަނަށް ލިބުނު ސައުތު ކޮރެޔާގެ ހަމައެކަނި އަންހެން ކުޅުންތެރިޔަކީ ވެސް އޭނާ އެވެ.

ނަބާހާއަށް މި ފެންވަރުގެ ކުޅުންތެރިޔަކާ ދެކޮޅަށް، އޭޝިއަން ގޭމްސް ފަދަ ބޮޑު މުބާރާތެއްގެ ގަދަ 16ގައި ކުޅެލަން ލިބުމަކީ ވެސް، ބެޑްމިންޓަންގައި އޭނާއަށް އެޅުނު ވަރަށް ބޮޑު ފިޔަވަޅެކެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް