އައިއޯއައިޖީގެ ސިންގަލްސް ފައިނަލްގައި ކުޅެ، ރިހި މެޑެއްޔާ އެކު ފާތިމަތު ނަބާހާ އަބްދުއްރައްޒާގު -- (ފޮޓޯ/މުހައްމަދު ޝަބީން/އެމްއޯސީ)

އައިއޯއައިޖީ 2023

ކޮއްކޮގެ ރަން މެޑެލް އަތުނުލެވި ނަބާހާގެ ކަރުގައި ރިހި މެޑެލް

އެއްމާބަނޑު ދެ ކުޅުންތެރިންނަކީ ރާއްޖޭގެ އަންހެން ބެޑްމިންޓަނުގެ އެންމެ އުއްމީދީ ތަރިން
2 ސެޕްޓެމްބަރު 2023

މީގެ ހަތަރު އަހަރު ކުރިން ފާތުމަތު ނަބާހާ އަަބްދުއްރައްޒާގު އިނީ އޭނާގެ އެއްމާބަނޑު ކޮއްކޮ އައިމިނަތު ނަބީހާ އަބްދުއްރައްޒާގު، އައިއޯއައިޖީގެ ބެޑްމިންޓަންގެ ސިންގަލްސް ފައިނަލް މެޗުން މޮޅުވެ، ރަން މެޑެލް ހޯދި ތަން ބަލާށެވެ. އެއީ އޭނާގެ ވެސް އުއްމީދެވެ. ނަމަވެސް އެ ފަހަރު އެ ޝަރަފު ހޯދީ ކޮއްކޮ އެވެ.

މިއަދު ހެނދުނު މަޑަގަސްކަރާގައި ކުރިއަށް ދިޔައީ އައިއޯއައިޖީގެ އަންހެން ސިންގަލްސް ފައިނަލެވެ. އެކަމަކު ރަން މެޑެލްއާ އެންމެ ފިޔަވަޅެއްގެ ދުރުގައި ހުރެ ކުޅުނީ ނަބާހާ އެވެ. ކޮއްކޮ އިނީ ހިތްވަރުދޭން މެޗު ބަލާށެވެ.

މޮރިޝަސްގެ ޖޭ.ކޭ.އެލް ލުޑިކްއާ ދެކޮޅަށް ނަބާހާ ކުޅެމުން ދިޔައީ އުއްމީދަށް ކުޑަ ވެސް ބަދަލެއް ނުގެނެހެވެ. ނަމަވެސް މިއީ އޭނާގެ ދުވަހެއް ނޫނެވެ. މެޗުން ލުޑިކް މޮޅުވީ 21-13 ،21-19 އިންނެވެ.

ނަބާހާ (ވ) އާއި ނަބީހާ: ދެބެން ވެސް އަންނަނީ އައިއޯއައިޖީގައި މެޑެލް ހޯދަމުން

ރާއްޖޭގެ އަންހެން ބެޑްމިންޓަނުގެ އުއްމީދު ކަމަށްވާ މި ދެބެންނަކީ އެއް ފެންވަރުގެ ކުޅުންތެރިންނެވެ. ބައެއް ފަހަރަށް ޗެމްޕިއަނުންނަކީ ދައްތަ އެވެ. އަނެއް ބައި ފަހަރަށް ކޮއްކޮ އެވެ.

ބޭރުގެ މުބާރާތެއްގައި ބެޑްމިންޓަނުން ފުރަތަމަ ހޯދި ރަން މެޑެލް ނަބީހާގެ ކަރުގައި 2019 ވަނަ އަހަރުގެ ރާއްޖޭގެ މިނިވަން ދުވަހު އެޅުވުމަކީ، މުޅި ރާއްޖެއަށް ވެސް ލިބުނު ޝަރަފެކެވެ. މިފަހަރުގެ މުބާރާތަށް ދެބެން ދިޔައީ ވެސް ކޮންމެވެސް އެކަކު އެ ރަން މެޑެލް ރާއްޖެއަށް ގެނައުމުގެ އުއްމީދުގަ އެވެ.

މި މުބާރާތުގެ ގަވާއިދު އޮތް ގޮތުން ސެމީ ފައިނަލުން ބަލިވާ ދެ ކުޅުންތެރިންނަށް ވެސް ލޯ މެޑެލް ލިބެ އެވެ. އެހެންކަމުން ނަބީހާ، ތިން ވަނަ ހޮވާ މެޗު ނުކުޅެ، ދައްތަ ނަބާހާއާ އެކު މެޑެލް ހަފުލާގައި ބައިވެރިވެ، ލޯ މެޑެލް އަޅުވާލި އެވެ.

މުބާރާތުގެ ފިރިހެން ސިންގަލްސްއިން ލޯ މެޑެލް ރާއްޖޭގެ ނިބާލް އަހުމަދު ވެސް ހޯދި އެވެ. ސެމީ ފައިނަލްގައި އިއްޔެ އޭނާ ބަލިވީ މޮރިޝަސްގެ ޖޫލިއަން ޖީ ޕޯލް އަތުން 21-13 ،21-8 އިންނެވެ.

ނިބާލް އަހުމަދު ބެޑްމިންޓަން ސިންގަލްސްގެ ލޯ މެޑެލްއާ އެކު --ފޮޓޯ/މުހައްމަދު ޝަބީން/އެމްއޯސީ

އިތުރު އާޓިކަލް

އިތުރު އާޓިކަލް