ރާއްޖެއިން ފުރަތަމަ ފަހަރަށް އޮލިމްޕިކްސްއަށް ކޮލިފައިވި ދީމާއަށް މަރުހަބާ ކިޔަނީ (ދައުރު ފޮޓޮ/ އަބްދުﷲ އަނޫފް ޖުނައިދް)
ދީމާއަށް ދިން ޝަރަފް ރަނގަޅު، އަޖުފާން އާއި ނަބާހާއަށް އައްސަރިބަހާއި ސާބަސް
ކޮލިފިކޭޝަން ކުޅެ އޭގެ ސިންގަލްސް ޗެމްޕިއަންކަން ހޯދުމާ އެކު އޮލިމްޕިކްސްއަށް ރާއްޖޭގެ ޒުވާން ޓީޓީ ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީ ކޮލިފައިވުމުން އެ ޝަރަފުވެރިކަން މީޑިއާ އާއި އެހެން މީހުން ސިފަކުރީ 'މިހާތަނަށް އޮލިމްޕިކަށް ކޮލިފައިވި ރާއްޖޭގެ ފުރަތަމަ އެތުލީޓް'ގެ ގޮތުގަ އެވެ.
ނަމަވެސް 16 އަހަރުގެ ދީމާއަށް ދިން އެ ޝަރަފާ މެދު ހިޔާލު ތަފާތުވުން އެބަ އޮތެވެ. ކުޅިވަރުގެ ބައެއް މީހުން ބުނާ ގޮތުގައި 2012ގެ ލަންޑަން އޮލިމްޕިކްސްގެ ފިރިހެން ބެޑްމިންޓަންގައި އޭރު ރާއްޖޭގެ އެއްވަނަ މުހައްމަދު އަޖުފާން އާއި 2020ގެ ޓޯކިޔޯ އޮލިމްޕިކްސްގައި ނަބާހާ އަބްދުއްރައްޒާގު (ނަބާ) ވެސް ވާދަކުރީ 'ކޮލިފައިވެގެންނެ'ވެ.
މި ބަހުސްގައި ކުޅިވަރުގެ ރަސްމީ ބައެއް އޮފިޝަލުން ނަން ޖަހައިގެން ވާހަކަ ދައްކަވަން ޖެހިލުންވެވަޑައިގަނެ އެވެ. އެކަމަކު ދީމާ އާއި އަޖުފާން/ނަބާހާ އޮލިމްޕިކްސްގައި ވާދަކުރާ/ވާދަކުރި ހައިސިއްޔަތުގައި ތަފާތުތަކެއް އެބަ ހުއްޓެވެ. އެކަން 'ދައުރު'ގެ ކިޔުންތެރިންނަށް ބުނެދޭން ބައެއް ތަފުސީލުތަކަށް ޖެހިލާނަމެވެ.
އަޖުފާން އާއި ނަބާހާއަށް ވެސް އައްސަރިބަހާއި ސާބަސް
ފުރަތަމަ ކަމަކަށް އަޖުފާން 2012ގެ އޮލިމްޕިކްސްގައި އަދި 2020ގެ އޮލިމްޕިކްސްގެ ބެޑްމިންޓަންގައި ނަބާހާ ޖާގަ ހޯދީ ވަރަށް ބޮޑު މަސައްކަތެއްކޮށް، ވަރަށް ވަރުގަދަ ހިތްވަރެއް ވެސް ދައްކައިގެންނެވެ. އެކަމަށްޓަކައި އޭރު ވެސް އަދި މިހާރު ވެސް މި ދެ ކުޅުންތެރިންނަށް އައްސަރިބަހާއި ސާބަސް ހައްގެވެ.
އަޖުފާންއަކީ އޮލިމްޕިކްސްގައި ދުވުމާއި ފެތުން ފިޔަވައި އެެހެން ކުޅިވަރަކުން ރާއްޖެ ތަމްސީލްކުރި ފުރަތަމަ އެތުލީޓެވެ.
ރާއްޖެ ކަހަލަ ދުނިޔޭގެ ކުޅިވަރުގައި 'އާދައިގެ' ގައުމަކަށް 2012ގެ ކުރިން ހަމައެކަނި ފުރުސަތު ލިބުނީ ދުވުމާއި ފެތުމުގަ އެވެ. އެއީ އެއްވެސް ކަހަލަ ކޮލިފިކޭޝަނެއްގައި ބައިވެރިނުވެ، އޮލިމްޕިކްސްގެ ރޫހުގެ ދަށުން ކޮންމެ ގައުމަކަށް ވެސް ދޭ ފުރުސަތެކެވެ.
އެކަމަކު އެތުލެޓިކްސް އާއި ފެތުމުގެ އިތުރުން އެހެން ކުޅިވަރުތަކުން ވެސް ކޮލިފިކޭޝަން ނުކުޅެ، ނުވަތަ ދުނިޔޭގެ ރޭންކިންގެ އެންމެ މަތީގައި ހިމެނޭ ނިސްބަތުން ހޮވެން އޮންނަ ފުރުސަތުގެ ބޭރުން އެހެން ދައުވަތެއް ލިބޭ ނިޒާމެއް ދުނިޔޭގެ އޮލިމްޕިކް ކޮމިޓީން ހަމަޖައްސާފައި އޮވެ އެވެ. އެއަށް ކިޔަނީ ޓްރައިޕާޓައިޓް އިންވިޓޭޝަން އެވެ.
މި ހާއްސަ ދައުވަތު ލިބެނީ، ދުވުމާއި ފެތުމާ ހިލާފަށް، ވާދަވެރި މުބާރާތްތަކެއްގައި ކުޅެގެން، އެ ދައުވަތު ލިބޭ ދަރަޖައަކަށް ދުނިޔޭގެ ރޭންކިންގައި ކުރި ހޯދައިގެންނެވެ. އެކަމަކު އެ ހާލަތުގައި ވެސް ރާއްޖެ ކަހަލަ ގައުމެއްގެ ކުޅުންތެރިންނަށް ވުރެ، މިސާލަކަށް އިންޑިއާގެ އެތައް ކުޅުންތެރިންނެއް އުޅޭނީ ކުރީގަ އެވެ. އިންޑިއާގެ އެ ހުރިހާ ކުޅުންތެރިންނަށް އޮލިމްޕިކްސް އިން ފުރުސަތު ނުލިބެނީ، އިންޑިއާއަށް ލިބޭ މަދު ޖާގައަށް އޭރު ވެސް ކުޅުންތެރިން ހޮވިފައި ތިބުމުންނެވެ.
ދީމާ ހޯދި ކާމިޔާބު ތަފާތު
މަތީގައި އެ ދިން މިސާލުގެ މާނައަކީ، އަޖުފާން އާއި ނަބާހާއަށް ޓްރައިޕާޓައިޓް އިންވިޓޭޝަންގެ ދަށުން އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލްކުރުމުގެ ފުރުސަތު ލިބުނު އިރު އެ ދެ ކުޅުންތެރިންނަށް ވުރެ ދުނިޔޭގެ ރޭންކިންގައި މާ މަތީގައި އުޅޭ އެތައް ކުޅުންތެރިންނަކަށް އެ ޖާގަ ނުލިބުނު ކަމެވެ. އެހެންކަމުން އެއީ، ދީމާ ގޮތަށް، ކޮލިފިކޭޝަންއެއް ސީދާ ކާމިޔާބުކޮށްގެން އޮލިމްޕިކްސްއަށް ހޮވުނީ ކަމަށް، ކުޅިވަރުގެ ގިނަ އޮފިޝަލުން ގަބޫލެއްނުކުރެ އެވެ.
'ދައުރު'ން ހޯދި މައުލޫމާތުތަކަށް ބަލާއިރު، މިސާލަކަށް ނަބާހާގެ އެ ކާމިޔާބީއާ ގުޅިގެން އޭރުގެ ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ކުރެއްވި ޓްވީޓަކުން ސާބިތުކޮށްދޭ ކަންތައްތަކެއް އެބަ ހުއްޓެވެ.
Congratulations Naba on been awarded the Tripartite Commission invitation to compete at the Tokyo 2020 Olympics. Hoping to see you show your best at the Games. Our best wishes are with you.
— Ahmed Mahloof (@AhmedMahloof) June 4, 2021
🇲🇻🏸@moosanashid @BaMdv pic.twitter.com/IwEeCrhHE6
ނަބާހާއަށް މަހްލޫފް މަރުހަބާ ވިދާޅުވީ ރާއްޖެއިން އޮލިމްޕިކްސްއަށް ކޮލިފައިވީ ކަމަށް ސިފަކުރައްވަމުންނެއް ނޫނެވެ. އޭނާ ވެސް ގެންނެވީ ޓްރައިޕާޓައިޓް އިންވިޓޭޝަންގެ ދަށުން އޮލިމްޕިކަށް ހޮވުނުކަމުގެ ވާހަކަ އާއި މަރުހަބާ ވިދާޅުވި ވިދާޅުވުމެވެ. ހެޔޮއެދުމާ އެކު ދެން ލިއުއްވީ މުބާރާތުގައި ނަބާހާގެ އެންމެ މަތީ ފެންވަރު ފެންނާނެ ކަމަށް އުއްމީދުކުރައްވާ ވާހަކަ އެވެ.
އޮލިމްޕިކްސްއަށް ނަބާހާ ސީދާ ކޮލިފައިވީ ނަމަ ކުޅިވަރު މިނިސްޓަރު އެކަން ފާހަގަކުރައްވާނެ ކަމާ މެދު އެއްވެސް ޝައްކެއް ނެތެވެ. ސަބަބަކީ ރާއްޖޭގައި ކުޅިވަރު ކުރިއަރުވަން މިހާތަނަށް ޒަމާނީ ފެންވަރުގައި އެންމެ ގިނަ ފުރުސަތުތައް ތަނަވަސްކޮށްދިނީ މިދިއަ ސަރުކާރުން ކަމަށް ވާތީ، އެފަދަ ބޮޑު ކާމިޔާބީއެއް އޭގެ އަސްލު ރޫހުގައި ފާހަގަނުކޮށް ނުތިބޭނެތީ އެވެ.
ދީމާގެ ކާމިޔާބު ތަފާތުވާ ތަންކޮޅަކީ މި އެވެ. މި ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން ޓީޓީގައި ދުނިޔޭގެ ރޭންކިންއަށް ބަލައިގެން އިންޑިއާގެ ކުޅުންތެރިން ވަނީ ކޮލިފައިވެފަ އެވެ. ދެން އަންހެން/ފިރިހެނުންގެ ތެރެއިން ސައުތު އޭޝިއާއަށް ލިބުނު ދެ ފުރުސަތުގައި ހޮވާނެ ކުޅުންތެރިޔަކު ކަނޑައަޅަން ނިންމީ ކޮލިފިކޭޝަން މުބާރާތެއް ކުޅެގެންނެވެ.
ދީމާ ޗެމްޕިއަންކަން ހޯދީ އެ ކޮލިފިކޭޝަންގައި ސަރަހައްދުގެ އެހެން ކުޅުންތެރިން ބަލިކޮށް، ފައިނަލް މެޗު ވެސް ކާމިޔާބުކޮށްގެންނެވެ. އެ ކޮލިފިކޭޝަންގައި ރާއްޖޭގެ އެންމެ މޮޅު ފިރިހެން ކުޅުންތެރިން، ފިރިހެނުންގެ ބައިގައި ވާދަކުރި އެވެ. ނަމަވެސް ދީމާ ގޮތަށް ޗެމްޕިއަންކަން ހޯދިފައެއް ނުވެ އެވެ.
ކޮލިފިކޭޝަނެއް ކުޅެގެން އޭގެ ޗެމްޕިއަންކަން ހޯދައިގެން އޮލިމްޕިކްސްއަށް ކޮލިފައިވުމުން ދީމާއަށް ލިބޭ ނަން ތަފާތުވެ އެވެ. އޭނާ ވާދަކުރީ ދުނިޔޭގެ ފެންވަރުގެ އެންމެ މަތީ ކުޅުންތެރިންނަށް ނުވިޔަސް މެ އެވެ. އަޖުފާން އާއި ނަބާހާ އޭރު ބައިވެރިވި މުބަރާތްތަކުގައި ދުނިޔޭގެ ފެންވަރުން ބެޑްމިންޓަންގެ މާ މޮޅެތި ކުޅުންތެރިންނާ ވާދަކޮށްފައި އެބަ ހުއްޓެވެ. އެއީ އެހެން ވާހަކައެކެވެ. އެ ދެ ކުޅުންތެރިންނަށް އޮލިމްޕިކްސްއިން ފުރުސަތު ލިބުނީ ކޮލިފިކޭޝަންގެ އެންމެ މަތީ މަގާމު ހޯދައިގެންނެއް ނޫނެވެ.
އޮލިމްޕިކްސްގެ ޓޭބަލް ޓެނިސްގެ ސިންގަލްސް ބައިން ޖާގަ ދީފައި ވަނީ، ދުނިޔޭގެ ރޭންކިންގެ އެންމެ މަތީ 15 ކުޅުންތެރިން ނަގާފައި، ދެން ހުރިހާ ސަރަހައްދެއްގައި ކޮލިފިކޭޝަން މުބާރާތްތައް ކުޅެގެންނެވެ. ނޭޕާލުގެ ކަތަމަންޑޫގައި މި މަހު 13-15އަށް އޮތީ، އަދި އަންހެން ސިންގަލްސް ޗެމްޕިއަންކަން ދީމާ ހޯދީ، އެގޮތުން ބޭއްވި ކޮލިފިކޭޝަންގަ އެވެ. ދީމާއަކީ އޮލިމްޕިކްސްއަށް ކޮލިފައިވި ފުރަތަމަ އެތުލީޓަށް ވަނީ އެހެންވެގެންނެވެ.
ކޮމެންޓް (2)
އަލީ ސަލީމް
އަލީ ސަލީމް