މާލޭ ވިިޔަފާރި ބަނދަރުގައި އެމްޕީއެލް މުވައްޒަފަކު މަސައްކަތުގައި: ރާއްޖޭގެ ކެރުއެރުމާ އެއްވަރުގެ ބަނދަރަކަށް މި ތަން ނުވޭ (ދައުރު ފޮޓޯ/އަބްދުﷲ އިޔާން

ބަނދަރު ކޮށިއަރާފައި؛ އެތައް ބިލިއަންގެ އިންވެސްޓްމަންޓުތައް ހުއްޓިފައި

ރޯދައާ ދިމާކޮށް މާލެ ވިޔަފާރި ބަނދަރަށް ބާރުބޮޑުވެ، ވިޔަފާރިވެރިންނަށް މުދާ ކްލިއާ ކުރަން ދަތިވި. އެ މައްސަލައަށް ހައްލެއް ނުލިބި އޮއްވާ ފެށި މެދުއިރުމަތީގެ ހަނގުރާމަ ވީ އިތުރު ބުރައަކަށް

ކުރިން އެ ފިހާރަ ހުޅުވާފައި ހުރެއްޖެ ނަމަ ކައުންޓަރު ކައިރީގައި އާންމުކޮށް ކަސްޓަމަރުން ތިބޭނީ ތޮއްޖެހިފަ އެވެ. އެކަމަކު މިހާރު އެ މަންޒަރެއް ނުފެނެ އެވެ.

"ބާޒާރުގެ ހަލަބޮލިކަން ކެނޑިއްޖެ،" ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި އެފްއެމްސީޖީ (ފާސްޓް މޫވިން ކޮންސިއުމާ ގުޑްސް) ހޯލްސޭލް އަދި ރީޓެއިލްކުރާ ކުންފުންޏެއްގެ އިސް ބޭފުޅަކު ވިދާޅުވި އެވެ.

"މުދާ ނުލިބިގެން، ސްޓޮކު ހުސްވެ، މި ދޭތެރެއިން ވިއްކާނެ އެއްޗެއް ނެތިފައި މި ދިޔައީ."

ގިނަ ވިޔަފާރިވެރިން މި ވާހަކަ ނުދައްކާ ތިބެނީ ސިޔާސީ ލޭބަލް ނޭޅުވެން ވެގެންނެވެ.  ޝަކުވާއެއް ކޮށްފި ނަމަ އެ ވާނީ ސަރުކާރާ އިދިކޮޅު ކަމަށެވެ. އެހެންވެ މި ރިޕޯޓަށް މައުލޫމާތު ދިން އެއްވެސް ވިޔަފާރިވެރިޔަކު އެ ކުންފުންޏެއްގެ ނުވަތަ އެ މީހެއްގެ ނަން ވެސް ޖަހަން ބޭނުމެއް ނުވެ އެވެ.

ހަނގުރާމައިގެ ކުރިން މައްސަލަ ކުރިމަތިވެއްޖެ

ގިނަ ވިޔަފާރިވެރިން ބުނާ ގޮތުގައި ރޯދަމަހާ އެކު މުދާ ނުގެނެވި ތާށިވުމުގެ މައްސަލަ ކުރިމަތިވާން ފަށައިފި އެވެ. އެއީ މެދުއިރުމަތީގެ ހަނގުރާމަ ފެށުމުގެ ވެސް ކުރި އެވެ. އެހެންވީމާ ފުރަތަމަ މުދާ ތާށިވާން ފެށީ އެތެރޭގެ މައްސަލައަކުންނެވެ.

"ރޯދަމަސް ފެށި ތަނާ އަޅުގަނޑުމެންގެ މުދާ ކޮލޮމްބޯގައި ތާށިވެއްޖެ. މައްސަލަ ދިމާވީ ބޯޓެއް މިކޮޅަށް [މާލެ ވިޔަފާރި ބަނދަރަށް] އައިސް ކައިރި ނުކުރެވި، މުދާ އަންލޯޑު ނުކުރެވިގެން އަނބުރާ ދާން ޖެހުނީ،" ވިޔަފާރިވެރިޔާ ވިދާޅުވި އެވެ.

"އެ ފަހަރު އެ ބޯޓު އައިސް ހަފްތާއެއް ވަންދެން ބޭރުގައި އޮވެފައި އަނެއްކާ ދިޔައީ. ދެން އައީ ރޯދަމަހުގެ މެދު ތެރޭގައި. ރޯދަމަސް ނިމެން އުޅެނިކޮށް ކްލިއާ ކުރެވުނީ."

މާލޭ ވިޔަފާރި ބަނދަރުގައި ބަހައްޓާފައި ހުރި ކޮންޓެއިނަރުތަކެއް (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)

އޭނާ ވިދާޅުވީ އޭރު އެމްޕީއެލްގެ ވެރިންނާ ވެސް ބައްދަލުކޮށް، އެކަމާ ބެހޭ ގޮތުން މަޝްވަރާކުރި ކަމަށެވެ. އެ މަޝްވަރާތަކުގައި މުދާ ކްލިއާކުރުން ލަސްވާ މައިގަނޑު ސަބަބެއް ކަމަށް އެމްޕީއެލްއިން ބުނީ، އޭނާ ވިދާޅުވި ގޮތުގައި، މުދާ ބާލަން ބޭނުންކުރާ ވަސީލަތްތަކެއް ހަލާކުވެފައި ހުރުމެވެ.

އެ ދުވަސްވަރު އެމްޕީއެލްގެ އޮފިޝަލަކާ ސުވާލުކުރުމުން ބަނދަރުގެ ޖާގައިގެ ދަތިކަން އޮތް މިންވަރު ސާފުވެ އެވެ.

އޭނާ ވިދާޅުވި ގޮތުގައި:

  • ކޮންމެ އަހަރަކު ވެސް ރާއްޖެއަށް މުދާ ހިފައިގެން އަންނަ ބޯޓުފަހަރު އިތުރުވާ ދުވަސްވަރު މާލެ ވިޔަފާރި ބަނދަރުގެ ޖާގައިގެ ދަތިކަން ކުރިމަތިވާތީ މުދާ ބާލަން ދަތިވޭ

  • ބޯޓުފަހަރުން ގެންނަ މުދަލުގެ އަދަދު ވެސް ވަނީ އިތުރުވެފައި

  • ކުރިން އާންމުކޮށް ކޮންމެ ބޯޓަކުން ދަތުރެއްގައި ގެންނަނީ 500 - 600 ޓީއީޔޫގެ މުދާ؛ މިހާރު ބައެއް ބޯޓުފަހަރުން ދަތުރެއްގައި 1،000 ޓީއީޔޫގެ މުދާ ވެސް ގެނޭ

މާލޭ ވިޔަފާރި ބަނދަރު. (ދައުރު ފޮޓޯ)

ޖާގައިގެ ދަތިކަމުގެ އިތުރަށް މާލެ ވިޔަފާރި ބަނދަރުގައި މުދާ ކްލިއާ ކުރަން ބޭނުންކުރާ އާރުޓީޖީ ދެ ކްރޭންގެ ތެރެއިން އޭރު ބޭނުންކުރަމުން އައީ އެއް ކްރޭން އެވެ. މިއީ ވެސް އެ މަސައްކަތުގައި ލަސްތަކެއް ދިމާވި ސަބަބެކެވެ.

އެކަމާ ބެހޭ ގޮތުން ސުވާލުކުރުމުން އޮފިޝަލް އޭރު ވިދާޅުވީ އޭރު ދިޔައީ އާރުޓީޖީ ދެ ކްރޭންގެ ތެރެއިން އެއް ކްރޭން މަރާމާތުކުރުމުގެ މަސައްކަތް ކުރަމުން ކަމަށެވެ.

އެއީ ވަރަށް ގިނަ ދުވަސްވެފައިވާ އެއްޗަކަށް ވުމުން ދޭތެރެދޭތެރެއިން މައްސަލަތައް ދިމާވެ އެވެ. ސާވިސްކުރުމުގެ ބޭނުމަކީ ވެސް، އޭނާ ވިދާޅުވި ގޮތުގައި، މައްސަލަތައް ކުޑަކުރުމެވެ.

އޭނާ ވިދާޅުވި ގޮތުން ނަމަ އޭރު އެ ކްރޭން މަރާމާތު ކުރުމުގެ މަސައްކަތް އޮތީ ނިމުމަކާ ހިސާބުގަ އެވެ.

އަމިއްލަ ބާރުގައި ނެތް، އިތުރު ބުރައެއް

މެދުއިރުމަތީގެ ހަނގުރާ ފެށީ އެ މައްސަލަ މުޅިން ހައްލު ނުކުރެވި އޮއްވަ އެވެ. އެއީ ދެ ވަނަ 'ޑިލޭ' އެވެ. އެކަމަކު އެއީ ރާއްޖެއަށް ބާރު ނުފޯރުވޭ، ބޭރުގައި ހިނގަމުންދާ ކަމެއްކަން އޭނާ ވެސް ގަބޫލުކުރައްވަ އެވެ.

"ހަނގުރާމައިގެ އުނދަގޫވޭ. މުދަލުގެ އަގު އުފުލިއްޖެ. ފްރައިޓް ޗާޖު ވެސް 'ޕައް' ކިޔާފައި އަރައިގެންދަނީ. އެއް ފަހަރު ނަގާ ފްރައިޓް ޗާޖެއް ނޫން ދެން މުދާ ގެންނަ ފަހަރު ނަގަނީ،" މުދާ އެތެރެކުރުމުގައި ބޭރުން ކުރިމަތިވާ ދަތިތައް ތަފްސީލުކޮށްދެއްވަމުން އޭނާ ވިދާޅުވި އެވެ.

"އެ ކޮޅުން ބުނާ ވަރެއް ދީގެން ކޮންޓެއިނާ ލޯޑުކުރަނީ. އެކަމަކު މުދާ ލޯޑުކޮށްފައި ހުއްޓާ ބައެއް ފަހަރު އެހެން ޕޯޓުތަކަށް އެބަ ބަދަލުކުރޭ. ބަދަލުކުރާ ފަހުން އަނެއްކާ އެ ޕޯޓު ބަންދުކޮށްގެން މުދާ އެބަ ތާށިވޭ އެތަނެއްގައި."

މި މައްސަލަތަކާ ހުރެ، އާންމުކޮށް މީހުން ގަނެއުޅޭ ސާމާނު ލިބުން މި ދޭތެރެއިން ވަރަށް ބޮޑަށް ދަތިވި އެވެ.

"ޖޫހާއި ކިރު ކަހަލަ އެއްޗެހި ގޭގެއިން ހުސްވެގެން، ކުދިންގެ އިންޓަވަލް ނުލިބިގެން މީހުން އުޅޭ،" އޭނާ ވިދާޅުވި އެވެ.

"ބައެއް ބެލެނިވެރިން އައިސް ކުދިންގެ އިންޓަވަލްއަށް ގަންނަ ޕެކެޓުގެ ދެ ކޭސް، ތިން ކޭސް ބައިންދައްޗޭ ބުނެފައި، ނޯޓު ކޮށްފައި އެބަދޭ."

މާލޭ ނޯތު ހާބަރުގައި މީހަކު ލޮރީއަކުން މުދާ ބާލަނީ. (ދައުރު ފޮޓޯ/ މުހައްމަދު އަޝްހަލް ސައީދު)

އޭނާ ވިދާޅުވީ މުދާ ނުލިބޭ މައްސަލަ މިފަހުން ކޮންމެވެސް ވަރަކަށް ހަމަޔަށް އެޅުނު ނަމަވެސް، އަދިވެސް އާންމު ހާލަތަށް ނާންނަ ކަމަށެވެ.

"މިހާރު ވެސް، ފިހާރަތަކަށް ލިސްޓުކޮށްގެން އަޅުގަނޑުމެން މި ވިއްކަނީ. ބައެއް ފިހާރަތަކުން ބޭނުންވޭ 50 ކޭހުން ވެސް ސާމާނު ނަގަން. އެކަމަކު އެގޮތަށް ދީފިއްޔާ އެހެން ފިހާރަތަކަށް ދޭނެ އެއްޗެއް ނުހުންނާނެތީ އެގޮތަށް ވެސް ނުދެން. ފިހާރަތަކަށް ވެސް ލިމިޓުކޮށްގެން ދެނީ،" އޭނާ ވިދާޅުވި އެވެ.

މުދާ ގެނައުމަށް ވުރެ މުދާ ކްލިއާކުރުން މާ ލަސް

ޓޫރިޒަމް ވިޔަފާރިވެރިޔަކު ބުނީ އޭނާގެ ގެސްޓުހައުސްއަށް ބޭނުންވާ މުދާ ނުގެނެވިގެން އުޅޭތާ މިހާރު ދެ މަހަށް ވުރެ ގިނަ ދުވަސް ވެފައިވާ ކަމަށެވެ.

"ޗައިނާއިން ލޯޑުކުރީ. 6 ފެބްރުއަރީގައި ލިބޭ ގޮތަށް. ދެން ލަސްކުރީ 20 ފެބްރުއަރީއަށް. އަނެއްކާ މާޗު ކުރީކޮޅަށް. މިހާރު ދީފައި އޮތް ތާރީހަކީ 2 މެއި. ކޮލޮމްބޯގައި ތާށިވެފައި އެ އޮންނަނީ،" އޭނާ ވިދާޅުވި އެވެ.

މި ރިޕޯޓަށް ވާހަކަދެއްކި ކޮންސްޓްރަކްޝަން ކުންފުންޏެއްގެ ވެރިޔަކު ވިދާޅުވީ އެ ކުންފުނިން ރާއްޖޭގައި ހިންގާ، ބައިނަލްއަގްވާމީ މަޝްރޫއުތަކަށް ބޭނުންވާ މުދާ ނުގެނެވޭތީ މަސައްކަތްތައް ހުރީ ހުއްޓިފައި ކަމަށެވެ.

"ހަނގުރާމައާ ހެދި ލަންކާގައި ހުރި ކޮންޓެއިނާތަކުގެ ދެބައިކުޅަ އެއްބައި ރާއްޖެއާ ހަމައަށް ފޯރީ މި މަހުގެ ފުރަތަމަ ހަފްތާގައި. އަދި މި އުޅެނީ ނުބޭލިގެން،" އޭނާ ވިދާޅުވި އެވެ.

"މިކަހަލަ މަޝްރޫއުތަކުގައި ޓައިމްލައިނެއް އެބަ އޮވޭ. އެންމެ ދުވަހެއް ލަސްވިޔަސް އެއީ ވަރަށް ބޮޑު ގެއްލުމެއް."

ބިދޭސީ މަސައްކަތްތެރިން ސިމެންތި ބަސްތާތަކެއް އުފުލަނީ: ރާއްޖޭގެ ބައެއް ސަރަހައްދުތަކުން ސިމެންތި ލިބުން ވަނީ ދަތިވެފައި. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

އޭނާ ވިދާޅުވީ ހަނގުރާމައިގެ ސަބަބުން މުދާ ގެނައުމުގައި ދަތިތަކެއް ދިމާވި ނަމަވެސް، ރާއްޖެއަށް ބޯޓު ވަނުމަށް ފަހު ދެން ކުރިމަތިވަނީ އެމްޕީއެލްގެ މައްސަލަ ކަމަށެވެ. އެ ކުންފުނީގައި ނުވަތަ މާލެ ވިޔަފާރި ބަނދަރުގައި އެކަމަށް ބޭނުންވާ ކެޕޭސިޓީ ނެތީ އެވެ.

"ސިންގަޕޫރު، ދުބާއީ ތަންތަނުން މުދާ ރާއްޖެއާ ހަމައަށް އަންނަން ނަގާ މުއްދަތަށް ވުރެ ގިނަ ދުވަސް އެބަވޭ އެމްޕީއެލްއިން މުދާ ކްލިއާކުރަން،" އޭނާ ވިދާޅުވި އެވެ.

އެމްޕީއެލްގައި ބޭނުންކުރާ ރީޗް ސްޓެކާއެއް ކޮންޓެއިނަރެއް އުފުލައިގެން ގެންދަނީ. (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)

އެތައް ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓްތައް ހުއްޓިފައި

ރިސޯޓު ތަރައްގީކުރުން ފަދަ މަޝްރޫއުތަކަކީ، ވިޔަފާރިވެރިންގެ އިތުރުން ސަރުކާރަށް ވެސް އާމްދަނީ ވަންނާނެ ކަމެކެވެ. އޭނާ ވިދާޅުވީ މިގޮތަށް ލަސްތަކެއް ދިމާވެ، ޓައިމްލައިނުން ކައްސާލައިގެން ރިސޯޓު ނުހުޅުވި ލަސްވާ ނަމަ ސަރުކާރަށް ވެސް އޭގެ ގެއްލުން ވާނެ ކަމަށެވެ.

"ޓޫރިޒަމް ސެކްޓާ ފޮރިން އިންވެސްޓްމަންޓުގެ ގޮތުގައި ބައިވަރު ބޭރު މީހުންގެ 8 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް އެބަ އޮތް. އެއީ އަދި ފަށާފައި ހުރި މަޝްރޫއުތަކުގެ އަގު. އެމީހުންނަށް ވެސް މި ތާށި އަރާނެ. ކުރިއަށް ވެސް އެބަހުރި ބައިވަރު،" އޭނާ ވިދާޅުވި އެވެ.

މިދިޔަ އަންގާރަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ މިދިޔަ އަހަރުގެ ފުރަތަމަ ތިން މަހާ އަޅާބަލާއިރު މި އަހަރުގެ އެ މުއްދަތުގައި ރާއްޖެއަށް މުދާ އެތެރެކުރި މިންވަރު %19 އިތުރުވެފައިވާ ކަމަށެވެ. ސަބަބަކީ، އޭނާ ވިދާޅުވި ގޮތުގައި، ގިނަ މަޝްރޫއުތަކެއް ކުރިއަށްދިއުމުގެ އިތުރުން ޓޫރިޒަމްގެ ބޮޑެތި މަޝްރޫއުތަކެއް ވެސް ފަށާފައި އޮތުމެވެ.

މުދާ ކްލިއަރެންސްގައި ހުރި ދަތިތަކާ އެކު ވެސް އިމްޕޯޓުގެ ނިސްބަތުން ބަލައިފި ނަމަ އެއީ ކުރިއެރުމެކެވެ. އެކަމަކު އެ ނަންބަރު ހަގީގަތުގައި އޮންނަން ވާނީ އެއަށް ވުރެ ވެސް މަތީގަ އެވެ. އެހެން ނޫން ނަމަ އެތައް ހާސް ކޮންޓެއިނަރު ތާށިވެގެން ވިޔަފާރިވެރިން އެ ޝަކުވާ ކުރާކަށް ނުޖެހޭނެ އެވެ.

ސައީދު ވިދާޅުވީ ރާއްޖެއަށް އަންނަން ޖެހޭ 4،241 ކޮންޓެއިނަރު، އޭގެ ކުރީ ހަފްތާގެ ނިޔަލަށް ލަންކާގައި ތާށިވެފައި ހުރި ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އޭގެ ތެރެއިން 2،500 ކޮންޓެއިނަރު މި ނިމުނު ހަފްތާގެ ތެރޭގައި ގެނެވޭނެ އެވެ. އެހެން ކަމަށްވާ ނަމަ އެއީ ވިޔަފާރިވެރިންނަށް ކުރިމަތިވެފައިވާ ތާށިކަމުގެ ތެރެއިން ހިންދެމިލަން ލިބޭނެ ކުޑަ ނަމަވެސް ފުރުސަތެކެވެ.

ހައްލަކީ ރަނގަޅު ބަނދަރެއް؛ އެކަން އަވަސްކޮށްދީ

ވިޔަފާރިވެރިޔަކު ވިދާޅުވި ގޮތުގައި އާންމުކޮށް ވެސް އެމްޕީއެލްއިން ލިބޭ ހިދުމަތުގެ ފެންވަރު ދަށެވެ. އެކަމަކު ބަނދަރުގެ ދަތިކަން އެއްވެސް ސަރުކާރަކަށް ހައްލެއްނުކުރެވުނެވެ. ގައުމެއް ތަރައްގީކުރާއިރު އެންމެ ކުރިން ކުރަން ޖެހޭ އެއް ކަމަކީ، އޭނާ ވިދާޅުވި ގޮތުގައި، އެއީ އެވެ.

މިސާލެއްގެ ގޮތުގައި އޭނާ އިޝާރާތްކުރެއްވީ ސިންގަޕޫރަށެވެ. އެއީ ރާއްޖެއާ އެކު، އެއް އަހަރެއްގައި މިނިވަންކަން ލިބުނު ގައުމެކެވެ. ތަފާތަކީ، މިނިވަންކަން ލިބުމާ އެކު ސިންގަޕޫރުން އަވަސްވެގަތީ ބަނދަރު ފަދަ މުހިންމު އުމްރާނީ ވަސީލަތްތައް ތަރައްގީ ކުރުމަށެވެ. ދުނިޔޭގައި އޭރު ނެތް ވަރުގެ އެއާޕޯޓަކާއި ސީ ޕޯޓެއް ގާއިމްކުރި އެވެ.

"ސިންގަޕޫރަކީ ވެސް ވަސީލަތްތައް މަދު ގައުމެއް. ރާއްޖޭގައި ގުދުރަތީ ވަސީލަތްތައް މާ ގިނަ. އެކަމަކު ސިންގަޕޫރުން ވަރުގަދަ ކުރީ އެ ގައުމުގެ އިންފްރާސްޓްރަކްޗާ. ރާއްޖޭގައި މިސާލަކަށް ބައްލަވާ ސިނަމާލެ ބްރިޖު. އެ ބްރިޖު އެޅީމަ ވިޔަފާރީގެ އިތުރު ފުރުސަތުތައް ފަހިވެ، ކަނެކްޓިވިޓީ ލިބިއްޖެ،" އޭނާ ވިދާޅުވި އެވެ.

ހަމަ އެގޮތަށް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ވެސް ތަރައްގީކުރެވީ ދިގު އިންތިޒާރަކަށް ފަހު އެވެ. އެކަމަކު އޭނާ ވިދާޅުވީ ވިޔަފާރި ބަނދަރެއްގެ ވާހަކަ ދައްކާތާ 18 އަހަރު ވެއްޖެ ކަމަށެވެ. ހަމަ ނުވަނީ އެވެ.

މާލޭގެ ވިޔަފާރި ބަނދަރު. (ފޮޓޯ/ކަސްޓަމްސް)

"ފާމް ޑިސިޝަންއެއް ނަގާފައި އަވަހަށް ނިންމަންވީ. މުދާ ވަންނަ ތަނުން ތާށި ވީމާ އެތައް ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް މި ހުއްޓެނީ. އެންމެ އިސްކަން ދޭންވީ ކަމަކީ ބަނދަރުގެ މައްސަލަ ހައްލުކުރުން،" އޭނާ ވިދާޅުވި އެވެ.

ހިތާމައަކީ، ވިޔަފާރިވެރިޔާ ވިދާޅުވި ގޮތުގައި، މިކަހަލަ ވާހަކަދެއްކުމުން ސަރުކާރުން ނުބައިކޮށް މާނަ ނަގާތީ އެވެ.

"ބުނާނެ، ސަރުކާރު ބަދުނާމު ކުރަނީއޭ. ނޫން، ވަކި ބަޔަކު ބަދުނާމު ނޫނީ ކުށްވެރި ކުރަނީއެއް ނޫން. މި ވިސްނައިދެނީ މިކަންކަން އަވަހަށް ކުރަން."

11 ނޮވެމްބަރު 2027: ވިޔަފާރިވެރިންނަށް މުހިންމު ތާރީހެއް

ސަރުކާރުން މިހާރު މަސައްކަތް ކުރަމުން އަންނަނީ މާލޭގެ ވިޔަފާރި ބަނދަރު، ތިލަފުއްޓަށް ބަދަލު ކުރުމަށެވެ. މާލެ ވިޔަފާރި ބަނދަރުގެ ވަށައިގެންވާ މައްސަލަތަކަށް ސަރުކާރުން ހުށަހަޅާ ޖުމްލަ ހައްލަކީ އެއީ އެވެ. އޭރުން ލުޔެއް ލިބޭނެ ކަމަށް ވިޔަފާރިވެރިން ވެސް އެއްބަސްވެ އެވެ.

މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވަން ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މުހައްމަދު މުއިއްޒު، އެކަމާ ގުޅޭ ގޮތުން ވަރަށް މުހިންމު ތާރީހެއް ވިދާޅުވި އެވެ. ތިލަފުއްޓަށް ބަނދަރު ބަދަލުކުރައްވާނީ 11 ނޮވެމްބަރު 2027ގައި ކަމަށެވެ.

އޭރުން ލިބޭނެ ލުއިތަކަކީ، އެމަނިކުފާނު ވިދާޅުވި ގޮތުގައި:

  • މިހާރު ހަތް ދުވަހުން ހުސްކުރެވޭ ބޯޓެއް، 48 ގަޑިއިރުން ހުސްކުރެވޭނެ

  • ބަނދަރުގައި މުދާ ބެހެއްޓޭނެ މުއްދަތު އިތުރުކުރެވޭނެ

  • ރާއްޖެއަށް މުދާ ގެންނަން ކުރާ ހޭދަ ކުޑަކުރެވޭނެ

  • މުދާ އުފުލާ ދޯނިތަކަށް ފަސޭހަކަމާ އެކު ބަނދަރުކުރެވި، މުދާ އަރުވާ ބޭލުމަށް ބަނދަރުގައި ހޭދަކުރަން ޖެހޭ ދުވަސްތައް މަދުވާނެ

  • ރަށްރަށަށް މުދަ ގެންދިއުން އަވަސްވާނެ

  • މާލޭގެ އެކި ސަރަހައްދުތަކުގައި މުދާ ގުދަންކުރަން ޖެހުމުގެ ސަބަބުން އާންމުންނަށް ދިމާވާ ދަތިތަކަށް ހައްލު ލިބި، މިހާރު މާލޭގެ އެންމެ ކާރޫބާރު ބޮޑު އެމްޕީއެލް ސަރަހައްދާއި މާރުކޭޓު ސަރަހައްދު ދުއްވާ ތަކެއްޗަށް ފަސޭހަވެ، މީހުން ހިނގާބިނގާވެ އުޅުމަށް ފަސޭހަ ސަރަހައްދަކަށް ވާނެ

2026 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވަން ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ރިޔާސީ ބަޔާން އިއްވަވަނީ. (ފޮޓޯ/މަޖިލިސް)

"މި ހުރިހާ ބަދަލުތަކާ އެކު މުދަލުގެ އަގު ކުޑަކުރެވި، އޭގެ ފައިދާ ރައްޔިތުންނަށް ލިބޭނެ. އަދި މިހާރު މާލޭގައި ގުދަންކުރެވޭ މުދާ ތިލަފުށީގައި ގުދަން ކުރުމުގެ ފުރުސަތު ފަހިވެ، މާލޭގެ މާރުކޭޓު ސަރަހައްްދުގައި މިހާރު ކުރަމުންދާ ހޯލްސޭލް ވިޔަފާރު އެކީގައި ހެން ތިލަފުއްޓަށް ބަދަލުކުރެވިގެންދާނެ،" އެ ދުވަހު ރައީސް ވިދާޅުވި އެވެ.

މާލޭ ވިޔަފާރި ބަނދަރު ތިލަފުށީގައި ތަރައްގީ ކުރުމަށް ރާވާފައިވާ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ޗައިނާ ހާބަ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ)އާ، 5 ފެބްރުއަރީ 2026ގައި ވަނީ ހަވާލުކޮށްފަ އެވެ.

އެ ކުންފުންޏަށް ޑިޒައިނިން މަރުހަލާ ނިންމަން ދިނީ ފަސް މަސް ދުވަހެވެ.

ވިޔަފާރިވެރިންނަށް މިފަދަ ސުންގަޑިތަކަކީ އާ އެއްޗެއް ނޫނެވެ. މީގެ ކުރިން އައި ސަރުކާރުތަކުން ވެސް ދިން އެކަހަލަ އެތައް ސުންގަޑިތައް މާޒީވެގެން ހިނގައްޖެ އެވެ. އަނެއްކާވެސް އެ ތިބީ ޒަމާނީ ބަނދަރެއް ލިބި، މިހާރު ހުރި މައްސަލަތަކަށް ހައްލެއް ލިބޭނެކަމުގެ އިންތިޒާރުގަ އެވެ. ގޯސް މާނައެއް ނުނަގައި، ވިޔަފާރިވެރިން އެ ދޭ ނަސޭހަތުގެ އަޑުއަހާނެ ކަމުގެ އުންމީދުގަ އެވެ.

ކޮމެންޓް (3)

ސައުދުން

24 އޭޕްރީލު 2026
ބަނދަރުގަ މުދާ ޑިލޭވާ ނިސްބަތް އުޅެނީ މުދާ އިމްޕޯޓްކުރުން އިތުރުވެގެން އުޅޭ ވަރަށް ވުރެ މާބޮޑަށް ދޯ؟ އެހެންވީމަ ބަނދަރު ހިންގުމުގެ މައްސަލައެއް ކަމަށް ފެނޭ.
0 0

ސިކުނޑި

19 އޭޕްރީލު 2026
ރާއްޖެއަށް މުދާ ގެންނަ މިންވަރު ނިސްބަތުން އިތުރުވަމުންދޭ! އަދި އެވަރަށް ބަނދަރުގެ ކެޕޭސިޓީވެސް އިތުރު ކުރަމުންދަނީ! މިހާރު ދިމާވެގެން މިއުޅެނީ ޚާއްސަ ހާލަތެއް! ގިނަ ސަބަބުތަކަކާހެދި! ރަމަޟާންމަހު މުދާ އުފުލާ ގަޑި މަދުކުރުމާއި، ފަހު ދިހައެއް ސަރުކާރު ބަންދު ކުރުމާއި، އަދި ހަނގުރާމައިގެ އަސަރު ހިމެނޭ! ވިޔާފާރިވެރިން ކުރާނީ އެމީހުންގެ ޝަކުވާ! އާންމުން ކުރަނީ އެމީހުންގެ ޝަކުވާ! ތެލުގެ އަގު ދެ ގުނަ ބޮޑުވެއްޖެ! ސަރުކާރުން އެތިބެނީ ރައްޔިތުންނަށް ހަނގުރާމައިގެ އަސަރެއް ނުކުރާނެޔޭ ކިޔާލަ ކިޔާލާ! ތެދެއް ރާއްޖެއަކަށް ބޮމެއްނާޅާ!
4 3

ތެފައާސާ.

19 އޭޕްރީލު 2026
ސަތޭކަ ޕަސެންޓު އިމްޕޯޓަށް ބަރޯސާވެފައި އޮންނަ ގައުމަކަށް މުދާ ގެނެސް ބާލައި ކްލިއާރ ކުރާ މައި ބަނދަރުގައި މި އޮންނަނީ މުދާ ކްލިއާ ކުރަން ބޭނުންކުރާ އާރުޓީޖީ ދެ ކްރޭން. އޭގެއިން އެއް ކްރޭން ގިނައިން މި އޮންނަނީ މަރާމާތު ކުރަން ވެފަޔޯ؟ އެހެންވީމާ ދެން މިއަކު ނެތެއްނު އިތުރަކަށް މީހަކު ބުނާނެ އެއްޗެއް؟
8 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް