އެމްޕީއެލްގައި ބަހައްޓާފައި ހުރި ކޮންޓެއިނަރު. (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)

މާލެ ވިޔަފާރި ބަނދަރުން މުދާ ނުބޭލި ލަސްވާ މައްސަލަ ބޮޑުވެއްޖެ

މުދާ ކްލިއާ ކުރުމުގައި ތާށިކަން ބޮޑުވުމުގެ ސަބަބުން ރާއްޖެއަށް މުދާ ނުގެނެވި، އެހެން ގައުމުތަކުގެ ބަނދަރުގައި ތާށިވެފައި ހުރި ކަމަށް ވެސް ބައެއް ވިޔަފާރިވެރިން ބުނޭ
2 އޭޕްރީލު 2026

މާލެ ވިޔަފާރި ބަނދަރުން މުދާ ކްލިއަރެންސް ކުރުމުގައި ދަތިތަކެއް ދިމާވެ، އެކަން ދިގުލައިގެންދާ މައްސަލަ ބޮޑުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ބައެއް ވިޔަފާރިވެރިން ބުނާ ގޮތުގައި، އަސާސީ ކާބޯތަކެތީގެ އިތުރުން އެހެނިހެން ބާވަތްތަކުގެ މުދާ ކްލިއާ ކުރުމުގައި ވެސް ލަސްތަކެއް ދަނީ ދިމާވަމުންނެވެ. އަދި ނިމިދިޔަ ރޯދަމަހު ވެސް އެ މައްސަލަ ކުރިމަތިވި ކަމަށް ބައެއް މީހުން ބުނެ އެވެ.

މުދާ ކްލިއާ ކުރުމުގައި ތާށިކަން ބޮޑުވުމުގެ ސަބަބުން ބައެއް ވިޔަފާރިވެރިން މުދާ ރާއްޖެއަށް ނުގެނެވި، އެހެން ގައުމުތަކުގެ ބަނދަރުގައި ތާށިވެފައި ވެސް އެބަހުއްޓެވެ.

ބުނީ ކީކޭ؟ - މިކަމާ ބެހޭ ގޮތުން 'ދައުރު'ން ސުވާލުކުރުމުން އެމްޕީއެލްގެ އޮފިޝަލަކު ވިދާޅުވީ ކޮންމެ އަހަރަކު ވެސް ރާއްޖެއަށް މުދާ ހިފައިގެން އަންނަ ބޯޓުފަހަރު އިތުރުވާ ދުވަސްވަރު މާލެ ވިޔަފާރި ބަނދަރުގެ ޖާގައިގެ ދަތިކަން ކުރިމަތިވާތީ މުދާ ބޭލުމުގައި ކޮންމެވެސް ވަރެއްގެ ދަތިތަކެއް ދިމާވާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި:

  • މާލޭ ވިޔަފާރި ބަނދަރު ސަރަހައްދުގައި މިއަދު ވެސް ޖުމްލަ 9 މުދާ އުފުލާ ބޯޓު އެބައޮތް

  • އެއީ ކޮންޓެއިނަރު އުފުލާ 5 ބޯޓާއި ޖެނެރަލް ކާގޯ (ޕެރިޝަބަލްސް) އުފުލާ 4 ބޯޓު

  • ބަނދަރުގެ ޖާގައިގެ ދަތިކަމާ އެކު ވެސް ބޯޓަކުން މުދާ ބޭލުމުގެ މަސައްކަތް ފަށާތާ ގިނަވެގެން 7 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާލެވޭނެ

  • ނަމަވެސް ކިޔޫގައި ބޯޓު އޮންނަ ދުވަސްތައް ހިމަނައިގެން މުދާ ހުސްކޮށް އެނބުރި ދާން އެއަށްވުރެ ދިގު މުއްދަތެއް މި ދުވަސްވަރު ހޭދަވާނެ

އޭގެ އިތުރުން، އޭނާ ވިދާޅުވި ގޮތުގައި، ބޯޓުފަހަރުން ގެންނަ މުދަލުގެ އަދަދު ވެސް ވަނީ އިތުރުވެފަ އެވެ. ކުރިން އާންމުކޮށް ކޮންމެ ބޯޓަކުން ދަތުރެއްގައި 500-600 ޓީއީޔޫގެ މުދާ ގެނައި ނަމަވެސް، އޮފިޝަލް ވިދާޅުވީ ބައެއް ބޯޓުފަހަރުން ދަތުރެއްގައި 1،000 ޓީއީޔޫއަށް ވުރެ ގިނަ މުދާ ވެސް ގެންނަ ކަމަށެވެ.

އެމްޕީއެލް ގަ ބަހައްޓާފައި ހުރި ކޮންޓެއިނަރްތައް(ދައުރު ފޮޓޯ/އަބްދުﷲ އިޔާން)

ތަފްސީލު - އޭނާ ވިދާޅުވީ ބަނދަރުގެ ޖާގައިގެ މައްސަލައަށް ލުޔެއް ހޯދަން މިވަގުތު ބޭނުންކުރެވެން ހުރި ހުރިހާ އުމްރާނީ ވަސީލަތްތަކެއް އެމްޕީއެލްއިން އަންނަނީ ބޭނުންކުރަމުންނެވެ.

އެގޮތުން، ތިލަފުށީގައި މިހާރު ބޭނުންކުރާ އެމްޓީ ކޮންޓެއިނަރު ޑީޕޯގެ ކެޕޭސިޓީ އިތުރުކޮށްފައިވާއިރު، އޭނާ ވިދާޅުވި ގޮތުގައި، އޭގެ ސަބަބުން ޖާގައިގެ ދަތިކަމަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބޭނެ އެވެ.

"ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބެން އޮތީ ބަނދަރު ރިލޮކޭޓްކޮށްގެން. ތިލަފުއްޓަށް ބަނދަރު ބަދަލުކުރުމުގެ މަސައްކަތްތައް މި ކުންފުނިން ދަނީ ބާރު ސްޕީޑްގައި ކުރިއަށް ގެންދަމުން،" އޭނާ ވިދާޅުވި އެވެ.

އެމްޕީއެލްގެ އަމާޒަކީ 2027ގެ ތެރޭގައި ތިލަފުއްޓަށް ބަނދަރުގެ ކޮންޓެއިނާ އޮޕަރޭޝަންތައް ބަދަލުކުރުމެވެ.

ތިލަފުއްޓަށް ބަނދަރު ބަދަލުކުރަން މިދިޔަ ފެބްރުއަރީގައި ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ)އާ ހަވާލުކުރި މަޝްރޫއުގެ ދަށުން ތިލަފުށީގައި އިންޓަނޭޝަނަލް އަދި ޑޮމެސްޓިކް ކީވޯލްގެ ފުރަތަމަ ދިރާސާތައް ތާވަލަށް ވުރެ ކުރިން ވަނީ ނިންމާފަ އެވެ. އަދި މިހާރު 'ޖިއޯ ޓެކްނިކަލް' ސާވޭގެ މަސައްކަތް ކުރަމުން އަންނައިރު، ޔާޑު އަދި ޓާމިނަލްގެ ލޭއައުޓާއި ޕްލޭނިިން މަސައްކަތްތައް އެމްޕީއެލްއިން ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ގުޅުންހުރި ކަމެއް - މިދިޔަ ރޯދަމަހު ވެސް މުދާ ކްލިއަރެންސް ލަސްވުމުގެ މައްސަލަ ވިޔަފާރިވެރިންނަށް ވަނީ ކުރިމަތިވެފަ އެވެ. 'ދައުރު'އަށް މައުލޫމާތު ލިބުނު ގޮތުގައި، މާލޭ ވިޔަފާރި ބަނދަރުގައި ބޭނުންކުރާ އާރުޓީޖީ ދެ ކްރޭންގެ ތެރެއިން އޭރު ބޭނުންކުރަމުން އައީ އެންމެ ކްރޭނެކެވެ.

އެކަމާ ބެހޭ ގޮތުން ސުވާލުކުރުމުން އެމްޕީއެލްގެ އޮފިޝަލަކު ވިދާޅުވީ އާރުޓީޖީ ދެ ކްރޭންގެ ތެރެއިން އެއް ކްރޭން މަރާމާތުކުރުމުގެ މަސައްކަތް ކުރަމުން އަންނާތީ އޭރު ބޭނުން ކުރެވެން ހުރީ އާރުޓީޖީ އެއް ކްރޭން ކަމަށެވެ.

އެ ކްރޭނަކީ ވަރަށް ގިނަ ދުވަސްވެފައިވާ އެއްޗަކަށް ވުމުން ދޭތެރެދޭތެރެއިން މައްސަލަތައް ދިމާވެ އެވެ. ސާވިސްކުރުމުގެ ބޭނުމަކީ ވެސް، އޮފިޝަލް ވިދާޅުވި ގޮތުގައި މައްސަލަތައް ކުޑަ ކުރުމަށެވެ.

މާލެ ވިޔަފާރި ބަނދަރުގައި ބޭނުންކުރާ ދެ އާރުޓީޖީ ކްރޭން. (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)

އޭނާ ވިދާޅުވީ ފުރަތަމަ ކްރޭންގެ މަސައްކަތް އޭރު ގާތްގަނޑަކަށް ވަނީ ނިމިފަ އެވެ. އަދި މުޅިން ނިމުމުން ދެ ވަނަ ފިޔަވައްސެއްގެ ގޮތުގައި ދެން ހުރި ކްރޭން ވެސް މަރާމާތު ކުރާނެ އެވެ.

އާރުޓީޖީ ކްރޭނަކީ ކޮންޓެއިނަރުތައް ކްލިއާ ކުރުމުގެ މަސައްކަތުގައި ބޭނުންކުރާ މޮބައިލް ކްރޭނެކެވެ. ކޮންޓެއިނަރުތައް އެއްތަނުން އަނެއް ތަނަށް ގެންދިއުމާއި ބަރިޖެހުން ފަދަ ކަންކަން އަވަސްކުރުމުގެ ގޮތުން ވެސް ބޭނުންކުރަނީ މި ކްރޭނެވެ.

މާލެ ވިޔަފާރި ބަނދަރުގައި ފުރަތަމަ އާރުޓީޖީ ކްރޭނެއް ބޭނުންކުރަނީ ފެށީ 2007 ގައެވެ. އަދި މިހާރު އެތަނުގައި މީގެ 2 ކްރޭން އަންނަނީ ބޭނުންކުރަމުންނެވެ.

އާރުޓީޖީ ކްރޭން މަރާމާތު ކުރާއިރު ނުވަތަ މައްސަލައެއް ދިމާވެގެން ބޭނުން ނުކުރެވޭ ހާލަތްތަކުގައި މުދާ ކްލިއާ ކުރަން ބޭނުންކުރަނީ ރީޗް ސްޓެކާ އެވެ. ނަމަވެސް ރީޗް ސްޓެކާއިން ކޮންޓެއިނާ ނެގުމާއި އެއް ތަނުން އަނެއް ތަނަށް ގެންދަން ގިނަ ވަގުތު ހޭދަވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް