ސިނާއަތް މަސައްކަތްތައް ކުރާ ތިލަފުށި: (ފޮޓޯ/އެޗްޑީސީ)

ތިލަފުށި

އަންނަ އަހަރުގެ 11 ނޮވެމްބަރުގައި ބަނދަރު ތިލަފުއްޓަށް ބަދަލުކުރަނީ

ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން 125 މީޓަރުގެ އިންޓަނޭޝަނަލް ކީ-ވޯލްގެ މަސައްކަތް އެމްޕީއެލް އިން މިއަދު ބަޔަކާ ހަވާލު ކުރާނެ

އަންނަ އަހަރުގެ 11 ނޮވެމްބަރުގައި މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރައްވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް މިއަދު ބާއްވާ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ ތިލަފުއްޓަށް ބަނދަރު ބަދަލުކޮށް ހިދުމަތްތައް ފެށުމުން މިހާރު 7 ދުވަހުން ހުސްކުރެވޭ ބޯޓު 48 ގަޑިއިރުން ހުސްކުރެވޭނެ ކަމަށެވެ.

ތަފްސީލް - ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން 125 މީޓަރުގެ އިންޓަނޭޝަނަލް ކީ-ވޯލްގެ މަސައްކަތް އެމްޕީއެލް އިން މިއަދު ބަޔަކާ ހަވާލު ކުރާނެ ކަމަށް ރައީސް މިއަދު ވިދާޅުވި އެވެ.

މީގެ އިތުރުން، ޑޮމެސްޓިކް ޕޯޓު ބަދަލުކުރުމަށް ބޭނުންވާ 2 ކިލޯމީޓަރުގެ ކީވޯލް އާއި ޕޭވް ކުރުމާއި އިމާރަތްތައް އަދި އިކުއިޕްމެންޓު ހޯދުމުގެ މަސައްކަތް މި އަހަރު ތެރޭ އެކި ފަރާތްތަކާ ހަވާލުކުރެވޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ރިޔާސީ ބަޔާން އިއްވަވަނީ. (ފޮޓޯ/މަޖިލިސް)

ބަނދަރު ތިލަފުއްޓަށް ބަދަލު ކުރުމާ އެކު ބަނދަރުގައި މުދާ ބެހެއްޓޭނެ މުއްދަތު އިތުރުކުރެވި، ރާއްޖެއަށް މުދާ ގެނައުމަށް ކުރާ ހޭދަ ކުޑަކުރެވޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"މި ހުރިހާ ބަދަލުތަކާ އެކު މުދަލުގެ އަގު ކުޑަކުރެވި، އޭގެ ފައިދާ ރައްޔިތުންނަށް ލިބޭނެ. އަދި މިހާރު މާލޭގައި ގުދަންކުރެވޭ މުދާ ތިލަފުށީގައި ގުދަން ކުރުމުގެ ފުރުސަތު ފަހިވެ، މާލޭގެ މާރުކޭޓު ސަރަހައްްދުގައި މިހާރު ކުރަމުންދާ ހޯލްސޭލް ވިޔަފާރު އެކީގައި ހެން ތިލަފުއްޓަށް ބަދަލުކުރެވިގެންދާނެ،" ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ:

  • މުދާ އުފުލާ ދޯނިތަކަށް ފަސޭހަކަމާ އެކު ބަނދަރުކުރެވި، މުދާ އަރުވާ ބޭލުމަށް ބަނދަރުގައި ހޭދަކުރަން ޖެހޭ ދުވަސްތައް މަދުވާނެ

  • ރަށްރަށަށް މުދާ ގެންދިޔުން އަވަސްވާނެ

  • މާލޭގެ އެކި ސަރަހައްދުތަކުގައި މުދާ ގުދަންކުރަން ޖެހުމުގެ ސަބަބުން އާންމުންނަށް ދިމާވާ ދަތިތަކަށް ހައްލު ލިބި، މިހާރު މާލޭގެ އެންމެ ކާރޫބާރު ބޮޑު އެމްޕީއެލް ސަރަހައްދާއި މާރުކޭޓު ސަރަހައްދު ދުއްވާ ތަކެއްޗަށް ފަސޭހަވެ، މީހުން ހިނގާބިނގާވެ އުޅުމަށް ފަސޭހަ ސަރަހައްދަކަށް ވާނެ

ފާހަގަ ކުރެވޭ - ތިލަފުށީގައި ގާއިމް ކުރާ ބައިލަންއަގުވާމީ ވިޔަފާރި ބަނދަރުގެ މަސައްކަތަށް އިންޑިއާ އިން އެހީތެރިކަން ދޭން ތައްޔާރު ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.


ކޮމެންޓް (1)

ފަރު

5 ފެބްރުއަރީ 2026
އަސްތާ ގަބޫލުކުރެވޭނެ ތާރީޚެއް ބުނާނަމަދޯ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް