އެމްޕީއެލް ސަރަހައްދުގައި ހުރި ކޮންޓެއިނަތުތަކެއް (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

އެމްޕީއެލް

ރޯދައާ ދިމާކޮށް މުދާ ހިފައިގެން ގިނަ ބޯޓުތައް އަންނާތީ މުދާ ބޭލުމުގައި ދަތިތަކެއް

މާލޭ ވިޔަފާރި ބަނދަރުގެ ޖާގައިގެ ދަތިކަމާ އެކު، އެއްފަހަރާ ގިނަ ބޯޓު ފަހަރު އަންނަ ކޮންމެ ދުވަސްވަރެއްގައި ވެސް މުދާ ބޭލުމުގައި ދަތިތައް ކުރިމަތިވާ ކަމަށް އެމްޕީއެލް އިން ބުނި

ކުރިއަށް އޮތް ރޯދަ މަހާ ދިމާކޮށް މާލޭ ވިޔަފާރި ބަނދަރަށް އެއްފަހަރާ ގިނަ ބޯޓުތައް އަންނާތީ މުދާ ބޭލުމުގައި ދަތިތައް ކުރިމަތިވެއްޖެ އެވެ.

ވީ ކިހިނެއް؟ - އެމްޕީއެލް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރޯދަ މަހާ ދިމާކޮށް، މާލޭ ވިޔަފާރި ބަނދަރަށް އެއްފަހަރާ ގިނަ އަދަދެއްގެ މުދާ އުފުލާ ބޯޓު ފަހަރު އައިސްފައިވާ ކަމަށާއި މާލޭ ވިޔަފާރި ބަނދަރުގެ ޖާގައިގެ ދަތިކަމާ އެކު، މުދާ ބޭލުމުގައި ކޮންމެވެސް ވަރެއްގެ ދަތިކަމެއް ކުރިމަތިވެފައިވާ ކަމަށެވެ.

ތަފްސީލް - އެމްޕީއެލް އިން ބުނީ މި މަހުގެ 12 ވަނަ ދުވަހުން ފެށިގެން މިއަދުގެ މެންދުރު 12އާ ހަމައަށް މާލޭ ވިޔަފާރި ބަނދަރަށް ކޮންޓެއިނަރު އުފުލާ 7 އުޅަނދު ކޯލްކޮށްފައިވާ ކަމަށެވެ. އެގޮތުން:

  • މި އުޅަނދުތަކުން ބާލަން ޖުމްލަ 3،901 ކޮންޓެއިނަރު ހުރި 

  • ލޯޑްކުރުރަން 2،700 ކޮންޓެއިނަރު ހުރި

އެމްޕީއެލް އިން ބުނީ މާލޭ ވިޔަފާރި ބަނދަރުން މުދާ ބޭލުމަށް އޮތް ބެކްލޮގް ފިލުވުމަށް އެ ކުންފުނީގެ އޮޕަރޭޝަންސްގެ ޓީމުތަކުން ކުރި މަސައްކަތުން މިއަދުގެ 12އާ ހަމައަށް ނުބޭލި ހުރީ 1،250 ކޮންޓެއިނަރު ކަމަށާއި ލޯޑްކުރަން ހުރީ 1،118 ކޮންޓެއިނަރު ކަމަށެވެ. އެގޮތުން:

  • މި މަހުގެ 12 ވަނަ ދުވަހުން ފެށިގެން މިއަދުގެ މެންދުރު 12އާ ހަމައަށް މާލޭ ވިޔަފާރި ބަނދަރަށް ކޯލްކުރި އުޅަނދު ފަހަރުގެ ތެރެއިން މި ވަގުތު ހުސްނުކުރެވި އޮތީ ދެ އުޅަނދު

މާލޭ ވިޔަފާރި ބަނދަރުގެ ޖާގައިގެ ދަތިކަމާ އެކު، އެއްފަހަރާ ގިނަ ބޯޓު ފަހަރު އަންނަ ކޮންމެ ދުވަސްވަރެއްގައި ވެސް މުދާ ބޭލުމުގައި ދަތިތައް ކުރިމަތިވާ ކަމަށް އެމްޕީއެލް އިން ބުންޏެވެ.

ނަމަވެސް ކުންފުނީގެ އޮޕަރޭޝަންސްގެ ޓީމުތަކުން ވީހާ ވެސް އަވަހަށް މުދާ ބޭލުމުގެ މަސައްކަތްތައް އިންތިޒާމްކުރުމަށް ކެނޑިނޭޅި މަސައްކަތްކުރާ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެމްޕީއެލް އިން ބުނީ:

  • މާލޭ ސަރަހައްދުގެ ކޮންޓެއިނާ ޓާމިނަލްތަކުގެ ޖުމްލަ ކެޕޭސިޓީއަކީ 2،750 ކޮންޓެއިނަރު 

  • ނަމަވެސް މި ވަގުތު ވެސް މާލެ އާއި ހުޅުމާލޭގެ ޓާމިނަލުގައި ޖުމްލަ 5،338 ކޮންޓެއިނަރު އެބަހުރި


އިތުރު އާޓިކަލް

އިތުރު އާޓިކަލް