ކުޅެން ތިއްބާ ރާޅު ދިޔައީ ބޯ މަތިން، ކޮއްކޮ އަތެއްނުވި
އުމުރުން ހަތަރު އަހަރުގެ އައިމިނަތު ޝިފްނާ ހެނދުނު ސައިބުއީ ބައްޕަ އަބްދުﷲ ޖަލީލްއާ އެކު އެވެ. އޭގެ ފަހުން އޭނާ އެދުނީ ސުޕާރީއެއް ގަންނަން ރުފިޔާއެއް ދިނުމަށެވެ. ޖަލީލު އޭނާއަށް ފަސް ރުފިޔާ ދިނެވެ.
ހަމައެކަނި އޭނާއަށް ލާރި ލިބިގެން ޝިފްނާ ހިތްހަމަޖައްސައެއް ނުލި އެވެ. ދެން ބުނީ ދޮންތައަށް ވެސް ދޭންވާނެ ނޫން ހެއްޔޭ އެވެ.
"ދެން އަހަރެން ބުނީ މާލެ ގޮސް އައިސް ދޭނަމޭ،" ޖަލީލް ކިޔައިދިނެވެ.
އެއީ އޭނާ އާއި އޭނާގެ އެންމެ ހަގު ދަރިފުޅާ ދެމެދު ބަދަލުކުރި އެންމެ ފަހު ބަސްކޮޅެވެ. ޖަލީލު ދިޔައީ ރަށު ފެރީން މާލެއަށެވެ. ޝިފްނާ އެނބުރުނީ ހެނދުނުގެ އެ ހިތްގައިމު ވަގުތުކޮޅު ކުޅެން ދެވޭނެ ގޮތެއް ހޯދާށެވެ. އޭގެ ކުރިން އޭނާ އާއި އޭނާގެ ދޮންތަ މަރިޔަމް ލަމްހާ ދިޔައީ ފިހާރައަކަށް މެޓާ ގަންނާށެވެ. ހެދުމުގެ ޖީބަށް އެ މެޓާތައް އަޅައިލި އެވެ.
ގާތްގަނޑަކަށް 9:30 ހާއިރު ޖަލީލު އިނީ އައިޖީއެމްއެޗު ކައިރީގައި ހުރި ހޮޓަލެއްގަ އެވެ. އެތާ އިންދާ މީހުން ގޮވަން ފެށީ 'ރާޅު އަރަނިއްޔޭ، ރާޅު އަރަނިއްޔޭ' އެވެ. އޭނާ ގޮސް ބަލައިލި އިރު މުޅި ހިސާބުގަނޑުގައި ފެންގަނޑު ބޮޑުކޮށްލައިފި އެވެ.
އޭރު ސުނާމީގެ އެންމެ ބޮޑު ރާޅު ގުޅީގައި ތިބި އޭނާގެ ދަރިންގެ ބޯ މަތިން ވެސް ބިންދާލައިފި އެވެ.
ޝިފްނާ އާއި ލަމްހާ އާއި ބޭބެގެ އިތުރުން އެހެން ކުދިންތަކެއް ތިބީ ގުޅީ އިރުމަތީ ފަރާތު އަތިރިމަތީގަ އެވެ. އެ ކުދިންގެ ގެއާ ވެސް ޖެހިގެން އޮތް ހިސާބެއްގަ އެވެ.
ލަމްހާ ބުނި ގޮތުގައި އުދަ އަރާ ގޮތަށް ލޮނުގަނޑު ބޮޑުވިތަން ފެނުނެވެ. ނަމަވެސް އެއީ މާ އާދަޔާ ހިލާފު ކަމެއް ކަަމަކަށް ފުރަތަމަ ފުރަތަމަ ގަބޫލެއްނުކުރެވުނެވެ. ބޮޑުވި ލޮނުގަނޑު ފެނިފައި ޝިފްނާގެ ފޯރި ގަދަވީ އެވެ.
"އެންމެން ވެސް ތިބީ ކުޅެން ވަރަށް މަޖާވެފައި. ކުޑަކޮށް ރާޅުއަރަން ފެށީމާ ދެން ކޮއްކޮއަށް ވަރަށް މަޖާވެއްޖެ،" އެ ހަނދާންތައް އާކުރަމުން ލަމްހާ ކިޔައިދިނެވެ.
އެކަމަކު ލޮނުގަނޑު މާ ބޮޑަށް އެއްގަމަށް އަރަން ފެށުމުން އޭނާގެ ހިތުގައި ބިރުވެރިކަން ހިނގައިގަތެވެ. އެތަނުން ދާން އެދުނީމާ ޝިފްނާ އެކަމަކަށް އެއްބަހެއް ނުވި އެވެ. އޭނާ ބުނީ 'ވަރަށް މަޖައޭ، ހުންނާނިއްޔޭ' އެވެ.
ލަމްހާ އެތާ އޮތް ގަސްބުޑެއް މައްޗަށް އެރި އެވެ. ހުރެވުނީ މޫދު ނުފެންނަ ގޮތަށް ރަށުތެރެއަށް ކުރިމަތިލައިގެންނެވެ. އޭރު ސުނާމީގެ އެންމެ ބޮޑު ރާޅު ގުޅިއާ ދިމާލަށް މިސްރާބު ޖަހައިފި އެވެ.
އެ ރާޅު ދިޔައީ އެތާ ތިބި އެންމެންގެ ބޯމަތިންނެވެ.
"ދެން ނޭނގެ ވީ ގޮތެއް އެެއްގޮތަކަށް ވެސް،" ލަމްހާ ބުންޏެވެ.
"ހީވި ކޮއްކޮ އަތުގައި ޖެހުނުހެން ވެސް. ދެން މާ ރަނގަޅަކަށް ނޭނގުނު މޫދުގަނޑުގެ ތެރޭގައި ވީމާ. ލޮނު ވެސް ބޮވިފައި ހުރެވުނީ. ފައި ޖެހޭ ހިސާބަށް ދެވުނީމާ ދެން މި ހޭވެރިކަންވީ."
ސުނާމީގެ ކަވަރޭޖް
ރާޅުތަކުގެ ތެރެއިން 10 ކުދިންނަށް ހިމާޔަތްދިން ފުލުހެއްގެ ވާހަކަ
26 ޑިސެމްބަރު 2024
ރ. އަތޮޅު ރައްޔިތުންނަށް ލޯތްބާ އެކު ޝުކުރު
26 ޑިސެމްބަރު 2024
އެ ބިރުވެރި ހަނދާންތައް
26 ޑިސެމްބަރު 2024
ސުނާމީގެ ހަނދާންތައް ވީރާނާވެފައި ހުރި ގޭގެ ތެރެއިން
25 ޑިސެމްބަރު 2024
އެހެން ހުރިހާ ކުދިން ރަށުގެ ފަސްގަނޑާ ދުރަކަށް ނުގެންދެ އެވެ. މޫދަށް ދަމައިގަތީ، ނަސީބު ދެރަކަމުން، ޝިފްނާ އެކަންޏެވެ.
"ދެން ހުރިހާ އެންމެން ހޯދަން ފެށި. އެކަމަކު ކޮއްކޮއެއް ނުފެނުނު. ކޮއްކޮ އެ ރާޅުގަނޑާ އެެކު ބޭރަށް ގެންދިޔައީ."
މާލޭގައި ހުރި ޖަލީލު ބެލީ މާފަންނުކޮޅުގައި ބޮޑުވި ފެންގަނޑުން ނެއްޓި މާލެތެރެއަށް އަރައިގެން މާރުކޭޓް ސަރަހައްދަށް ދާށެވެ. ޗާނދަނީ މަގުން ބައްދަލުވި މީހަކު 'އެ ފަރާތް އޮތީ އެއްކޮށް އަޑިއަށް ގޮސްފައޭ' ބުންޏަސް އޭނާގެ ބޭނުމަކަށް ވީ ރަށު ބަޔަކާ ދިމާވުމެވެ. މާރުކޭޓް ސަރަހައްދުން ދިމާވި ރަށު މީހަކު އޭނާއަށް ދިނީ އެ ހިތާމަވެރި ހަބަރެވެ.
އޭނާ "ބުނެފި ކަލޭގެ ދަރިފުޅު އެބަ އުޅެއޭ ގެއްލިގެން. ދެން އަޅުގަނޑު އަވަހަށް އާދެވޭނެ ގޮތެއް ބެލީ. އަޅުގަނޑު ދިޔަ ފެރީ ވެސް [އޭރު ފުރައިފި]. ދެން މަސްދޯންޏެއް ލެފީމާ އެ ދޯންޏަށް އަރައިގެން އައީ،" ޖަލީލު ބުންޏެވެ.
ޝިފްނާ ހޯދަން ރައްޔިތުން މަސައްކަތްކުރި އެވެ. އެކަމަކު އެ ކުޑަކުޑަ ހަށިގަނޑު ފެނުނީ އެގޭ ތިން ދުވަސް ފަހުން، އޮޔާ ރަށަށް ލައްގަން އަންނަނިކޮށެވެ.
އެދުވަހު ހެނދުނު ލަމްހާއާ އެކު ގޮސް ގަތް މެޓާތައް، އާންމު ދުވަހެއް ނަމަ، އެހެން ކުދިންނާ އެކު ކައި ހުސްކުރީހެވެ. ނަމަވެސް 26 ޑިސެމްބަރު 2004އަކީ އާންމު ދުވަހެއް ނޫން ކަމުން ސުނާމީގެ ބޮޑު ރާޅުގެ ތެރޭގައި މަރުވި ޝިފްނާގެ ހެދުމުގެ ތެރޭގައި މެޓާތައް ހުރި ގޮތަށް ހުއްޓެވެ.
ޖަލީލުގެ މުޅި އާއިލާ އާއި ގުޅިއަށް ވެސް ހިތާމަ އެވެ. އެ ހިތާމަ އެމީހުން ބަރުދާސްކުރި އެވެ.
މީގެ 20 އަހަރު ކުރިން ޝިފްނާގެ އެ ހިތާމަވެރި މަރުގެ ރިޕޯޓް 'ހަވީރު'ގައި ލިއުނު އެކަކީ އަޅުގަނޑެވެ. އޭގެ 20 އަހަރު ފަހުން ފުރަތަމަ ފަހަރަށް ލަމްހާއާ ބައްދަލުވެވުނެވެ.
މިހާރު އެއީ 27 އަހަރުގެ އަންބެކެވެ. ޒުވާން މަންމައެކެވެ.
އެކަމަކު މިހާރު ވެސް ޝިފްނާގެ މަތިން އޭނާ ހަނދާންވެ އެވެ.
"އަންހެން ކޮއްކޮއަކަށް އޭނާ ހުންނާނީ. ފިހާރަކައަށް ދިޔައަސް ދަނީ ދެ މީހުން އެއްކޮށްވިއްޔަ،" ލަމްހާ ބުންޏެވެ.
މި ހަޔާތަކީ ދިރުމާއި ނިމުމެވެ.
"މަރުވާނެތާ ކޮންމެ މީހަކު ވެސް. ކޮންެމެ ކަމަަކަށް އޮންނާނީ ކެތްތެރިވުން. ކެތްތެރިވެގެން ﷲގެ ހަޒުރަތުގައި ދުއާ ދެންނެވުން. ކޮއްކޮ މަރުވީމާ ކޮއްކޮއަށް ވެސް ދުއާކުރުން،" ލަމްހާ ބުންޏެވެ.
ކޮމެންޓް (2)
އެޑްމުންޑޯ
މުނީރް