ސުނާމީގެ ހަނދާންތައް ވީރާނާވެފައި ހުރި ގޭގެ ތެރެއިން

އުމުރުން ނުވަ އަހަރުގެ އަނަސް އިބްރާހިމް މީގެ 20 އަހަރު ކުރީގެ ހަނދާންތަކުގެ ތެރެއަށް ދިޔައީ އޭނާގެ އުފަން ގެ އެކަމަކު މިހާރު ވީރާނާވެފައި ހުރި 'ނީލަމްގެ'އަށް ކުރި ޒިޔާރަތެއްގައި

މުހިންމު ނުކުތާތައް

އަނަސްއަށް ފެނުނީ ބަނދަރުގެ ތޮށިގަނޑު މައްޗާ ހަމައަށް ލޮނުގަނޑު އުފުލިފައި އޮތް ތަން. އޭނާ ބެލީ މަސް ހިފޭތޯ

ދެން އެހެން ކުދިން ހަޅޭއްލަވާފައި ދުއްވައި ގަތް ތަން ފެނިގެން އޭނާ ވެސް އަވަހަށް ދުއްވައިގަތް. އޭރު ލޮނުގަނޑު ރަށުތެރެއަށް އަރަން ފަށައިފި

ގޭތެރެއަށް ވަން ބޮޑު ލޮނުގަނޑުން ސަލާމަތްވާން ބޭބެއާ އެކު ފަންކާގައި ވެސް ހިފަހައްޓައިގެން ހުންނަން ޖެހުނު

ރ. ކަނދޮޅުދޫ - އާދައިގެ މަތިން ޑިސެމްބަރު 26، 2004 ފެށިގެން އައީ ވެސް އެހެން ދުވަސްތަކާ މާ ބޮޑު ތަފާތެއް ނެތި އެވެ. އުމުރުން އެންމެ ނުވަ އަހަރުގެ އަނަސް އިބްރާހިމް ފަތިސް ނަމާދުކޮށްލައިގެން ރަހުމަތްތެރިންނާ އެކު ފުޓްބޯޅަ ކުޅުނެވެ. އޭގެ ފަހުން ރ. ކަނދޮޅުދޫ ބަނދަރު މައްޗަށް އޭނާ ނުކުތީ މަޖާކޮށްލާފައި ގެއަށް ދާށެވެ. އޭރު ގަޑިން ހެނދުނު ނުވައެއް ޖަހަނީ އެވެ.

ޖެޓީ މައްޗަށް އެރިއިރު ލޮނުގަނޑު ހުރީ ތޮށިގަނޑާ ގާތްގަނޑަކަށް އެއް ލެވެލްއެއްގަ އެވެ. ލޮނުގަނޑު މަތީގައި ކުދިކުދި މަސްތައް އުޅެ އެވެ.

އަނަސްއަކީ މަސް ހިފާހިތްވާ ކުއްޖެކެވެ. ނަމަވެސް އޭރު ފަތަން ނޭނގޭތީ ޖެޓީއާ ދިމާލުން މޫދަށް އެރިއެއް ނޫޅެ އެވެ. ޖެޓީއާ އެހާ ކައިރީގައި މަސް އުޅޭތަން ފެނުމުން އެ އެއްޗެހި ހިފަންވެގެން ޖަގެއް ހޯދި އެވެ.

"ހިތަށްއެރީ މިއަދު ހިފޭނޭ، ނުއެއް ވެއްޓޭނޭ،" އަނަސް ބުންޏެވެ.

މޫދަށް ޖަގު ކޮއްޕާލައިގެން މަސް ހިފަން އުޅުނު ވަގުތު ކުރިއަށް ވުރެ ބޮޑަށް ލޮނުގަނޑު މައްޗަށް އުފުލިއްޖެ އެވެ.

ސުނާމީގައި ސުންނާފަތިވި ރ. ކަނދޮޅުދުއަކީ މިހާރު ފަޅު ރަށެއް (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

އެއީ އަނަސްގެ ހަޔާތް އަބަދަށްމެ ބަދަލުކޮށްލާނޭ ހިނދުކޮޅު ކަމެއް، އޭނާއަށް އެއްގޮތަކަށް ވެސް ހީކުރެވިފައެއް ނެތެވެ. އޭނާ ގަތީ ބިރެވެ.

"މަންމާއޭ ކިޔާފައި ހަޅޭއްލަވައިގެންފައި އެ ހިސާބުން ދުއްވައިގަތީ،" އަނަސް ބުންޏެވެ.

އެއީ މީގެ 20 އަހަރު ކުރިން ރާއްޖޭގެ އެތައް ރަށެއް ފުނޑުކޮށްލި ސުނާމީގެ ރާޅުތައް ކަނދޮޅޫ ދޮވެލުމުގެ ހަމަ ކުޑަ އިރުކޮޅެއް ކުރި އެވެ. އަނަސްއަށް ވެސް ދެން ކުރިމަތިލާން ޖެހެނީ އެ ބިރުވެރިކަމާ އެވެ.

މިހާރު އޭނާގެ އުމުރުން 29 އަހަރެވެ. އެ ދުވަހުގެ އެ ބިރުވެރި ހަނދާންތައް އާކުރީ 'ދައުރު'ގެ ނޫސްވެރިންގެ ޓީމާ އެކު އެނބުރި ކަނދޮޅުދުއަށް ގޮސް، އެ ދުވަހު އޭނާ ހުރި ހިސާބުގަނޑު ދައްކަމުންނެވެ.

ސުނާމީއަށް ފަހު ކަނދޮޅުދޫގެ މީހުން ވަނީ ދުވާފަރަށް ބަދަލުކޮށްފަ އެވެ. މިހާރު ކަނދޮޅުދުއަކީ އިމާރާތްތައް ވީރާނާވެ ވާހެދިފައިވާ ފަޅުރަށެކެވެ. އެތަނުގައި ދިރުމެއް ނެތެވެ. އަނަސް އޭނާގެ އުފަން ރަށަށް ފައިބައިގެން، ގަސްބޯ ހަނި މަގުތަކުން، ވީރާނާވެފައިވާ ގެތަކުގެ ތެރެއިން ލައިގެން ގޮސް މަޑުކޮށްލީ ކުޑައިރުގެ ހަނދާންތައް ގުޅިފައިވާ އާއިލީ ގެ 'ނީލަމްގެ' ކައިރިއަށެވެ. އެއީ ރަށުން ފޭބި ފަހުން އެގެއަށް އޭނާ ޒިޔާރަތްކުރި ފުރަތަމަ ފަހަރެވެ.

އަނަސް އުޅެ ބޮޑުވި ގޭގައި (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

އެ ހިސާބުން ކުޑައިރުގެ ހަނދާންތައް އޭނާގެ އިހުސާސްތަކާ ކުޅެލި އެވެ. ކަރުނަ ނުހިފެހެއްޓުނެވެ.

"ދަތުރު އެއްޗިހި އަންނައިރު ވެސް މި ރަށަށް އަރާލާފައި ދަނީ. މި ގެއާ ހަމައަށް ނާންނަން. އެކަމަކު މި ގޮތަށް މި ގެއަށް 20 އަހަރު ފަހުން އާދެވުނީމާ ވަރަށް އެހެން ކަހަލަ އިހުސާސެއް ކުރެވެނީ،" ފެންކަޅިވެފައި ހުރެ އަނަސް ބުންޏެވެ.

"މިއީ އަޅުގަނޑުމެން އެންމެން އުޅެ ބޮޑުވިތަން. މިގެ ވަރަށް މިސްވޭ. އެންމެ ބޮޑަށް ހަނދާންވަނީ ބައްޕަ މަތިން. ބައްޕަ މިހާރު ދުނިޔޭގައި ވެސް ނެތީމަ. ބައްޕަގެ އެ މެމޮރީތައް އަންނަނީ މިގެއަށް ވަނީމަ. ބައްޕަ ދެއްވާ ނަސޭހަތްތައް."

މޫދާ ދުރަށް ދުވީ ހުރި ބާރެއް ލާފައި

ސުނާމީގެ އެ ދުވަހުގެ، އެވަގުތުކޮޅު އަނަސް ދުވަމުން ދިޔަ އެވެ. ރަށު ތެރެއަށް އަރަމުން ދިޔަ ރާޅުތަކުން ސަލާމަތްވާން ގައިގައި ހުރި ބާރެއް ލާފަ އެވެ. އޭނާ ބެލީ މަންމަ އާއި ބައްޕަ ފެނޭތޯ އެވެ.

"އެ ދުވަހު ގުރުއާން ނުކިޔެވުނީމާ ކުޅެން ނުދާށޭ ބުނެފައި އޮއްވާ ބައްޕަމެންނަށް ފިލައިގެން ކުޅެން ދިޔައީ ވެސް. އެހެންވީމާ، އަވަހަށް ބައްޕަ އާއި މަންމަ ފެނޭތޯ ދުއްވައިގަނެވުނީ،" އަނަސް ކިޔައިދިނެވެ.

އޭނާގެ ފުލް ސްޕީޑްގައި ދުވަމުން ދިޔަ ނަމަވެސް، އޭނާއަށް ވުރެ ލޮނުގަނޑު މާ ބާރެވެ. މުޅި މަގުގައި ފެންބޮޑުކޮށްލި އެވެ. އޭނާގެ ކުޑަ ހުޅާ ހަމައަށެވެ. އެކަމަށް ފަރުވާލެއް ނުބަހައްޓާ ފަހަތަށް ބެލުމެއް ނެތި އަނަސް އިހުނަށް ވުރަށް ބާރަށް ދުވަން ފެށި އެވެ. ފުރަތަމަ ވަނީ އޭނާގެ ގެއަށެވެ. ބޭނުމީ ބައްޕަ އާއި މަންމަގެ ހާލެއް ބަލާށެވެ. އެކަމަކު އެ މީހުންނެއް ނެތެވެ. ދިމާވީ އެއްބަޑު އެއްބަފާ ބޭބެއާ އެވެ. ބޭބެ އުޅުނީ ގޭގައި ހުރި މުހިންމު ސާމާނާއި ސްކޫލް ފޮތްތައް ފަދަ ތަކެތި އުސް ތަންތަނަށް ލާ ސަލާމަތްކުރެވޭތޯ އެވެ.

ސުނާމީގައި ސުންނާފަތިވި ރ. ކަނދޮޅުދޫ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ބޭބެއަށް އެހީވެވޭ ވަރަށް ވުރެ ބޮޑަށް އަނަސް ހުރީ ހާސްވެފަ އެވެ. މަންމަ އާއި ބައްޕަ ނުފެނުމުން ހަދާނޭ ގޮތް ހުސްވި އެވެ. ބޮޑު މަގަށް ނުކުމެ އަނެއްކާވެސް ބާރަށް ދުއްވައިގަތެވެ. ނަސީބު ރަނގަޅުކަމުން ބޮޑު މަގުގެ ވަކި ހިސާބަކުން ބައްޕައާ ދިމާވި އެވެ. އެކަމަކު ބައްޕަ އެދުނީ އެނބުރި ގެއަށް ގޮސް ބޭބެ ކައިރީގައި މަޑުކުރުމަށެވެ. އެހެންވެ، ބައްޕަގެ ބަސް އަހައިގެން އަނބުރާލާފައި އައިކޮޅަށް ދުވެފައި ގޮސް ވަނީ ގެއަށެވެ.

އެކަމަކު ގެއަށް ވަނުމަކީ ނުރައްކަލެކެވެ. ގޭތެރެއަށް ލޮނުގަނޑު ވަދެ ދޮރު ވެސް ބަންދުވީ އެވެ. ދެބެން ތާށިވީ އެވެ. ނުކުމެވޭނެ ގޮތެއް ނެތެވެ. ގޭތެރޭގައި ލޮނުގަނޑު ބޮޑުވަމުން ގޮސް ފޫޅަށް ވުރެ މައްޗަށް އެރި އެވެ. ސަލާމަތްވާންވެގެން ދެބެން އެރީ ސިޓިން ރޫމުގައި ހުރި މޭޒެއްގެ މައްޗަށެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި ދެބެންގެ ކަރާ ހަމައަށް ލޮނުގަނޑު ބޮޑުވެއްޖެ އެވެ. އެ ހިސާބުން ދެބެން އެކުގައި ފުންމައިގަނެ ސީލިންގުގައި ހުރި ފަންކާގައި އެލިގަތެވެ.

"ދެ މީހުން ފަންކާގައި އެލިގަނެގެން ތިބީ. ދޮރު ވެސް ހުރީ ތާށިވެފައި. ނުކުމެވޭ ގޮތެއް ނުވި. ދެން ބޭބެއާ ދެ މީހުން އެލިގެން ތިއްބާ ހަތް ފޫޓު ވަރަށް ފެންގަނޑު އަރާފައި ރޫސްލާފައި ފެންގަނޑު ތިރިވެއްޖެ،" އެންމެ ނުރައްކާވި ވަގުތުކޮޅު ކިޔައިދެމުން އަނަސް ބުންޏެވެ.

" އެ ގަޑީގައި ދޮރު ހުޅުވުނީ."

ހީކުރީ ގިޔާމަތްވީ ކަމަށް ދެން. ރޮއި ހަޅޭއްލަވައި އެހީއަށް އެދި ގޮވާ އަޑުއިވެނީ މުޅި ތަނުން

އަނަސް އިބްރާހިމް، ރ. ކަނދޮޅުދޫ

ބިރާއި ހާސްކަމާ އެކު ދެބެއިންނަށް ދުއްވައިގަނެވުނީ ދެ ދިމާލަށެވެ. އެ ހިސާބުން އަނަސްއަށް ބޭބެ ގެއްލިއްޖެ އެވެ. އަނެއްކާވެސް ބޮޑު މަގަށް ނުކުމެ ބަލައިލިއިރު ވަރަށް ބާރަށް ލޮނުގަނޑު ރަށު ތެރެއަށް އަރައިގެން އަންނަނީ އެވެ. އަނަސް ދުއްވައިގަތީ ސުކޫލާ ދިމާލަށެވެ. ލޮނުގަނޑުގެ ތެރެއިން އޭނާ އެރީ ސްކޫލް ކައިރީ ހުރި ފޯނު ބޫތެއްގެ މައްޗަށެވެ. ދުރަށް ބަލައިލުމުން ފެނުނު މަންޒަރުތަކުން އޭނާ ބިރުން ތުރުތުރުއެޅި އެވެ. ބައެއް ގޭގެ ސުންނާފަތި ވަމުން ދިޔައީ ބަލަން ހުއްޓަ އެވެ.

"އެ ހިސާބުން ދެން ވަރަށް ބިރު ގަނެއްޖެ. ހިތަށްއެރީ ދެން ދުވަސް މި ދިއައްޔޭ. ސަލާމަތެއް ނުވާނޭ. ފެންގަނޑު ތެރެއަށް ގެބިގެން ފާރުތަކާ އެއްޗިހި ވެއްޓޭތަން ފެނޭ،" އޭނާ ބުންޏެވެ.

"އަލިބެ ކިޔާ މީހަކު ގެބިގެން ދިޔަތަން ފެނޭ. ހިތަށްއެރި އަލިބެ ވެސް އެދިއައްޔޭ، ދެން ސަލާމަތެއް ނުވާނޭ."

ނީލަމްގެއަށް އަނަސް ދިޔަ މިއީ ފުރަތަމަ ފަހަރު (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ފޯނު ބޫތު މަތީގައި ހުރެފައި އޭނާ ފުންމާލީ ސްކޫލް ތެރެއަށެވެ. އިވެމުން ދިޔައީ ރުޔުމާއި ހަޅޭއްކުގެ އަޑެވެ. އެ ނުތަނަވަސް ހާލަތުގައި އޭނާ ދެން ވެސް ބެލީ މަންމަ އާއި ބައްޕަ ފެނޭތޯ އެވެ. އެކަމަކު އެއިން އެއްވެސް މީހެއްގެ ހިލަމެއް ނެތެވެ.

ސަލާމަތްވާން ފާރުތަކުގެ މަތިން ފުންމުމުގެ ތެރޭ އޭނާގެ ފައި ވެސް ހުރީ ޒަހަމްވެފަ އެވެ. ލޭ އަންނަނީ އެވެ.

"ހީކުރީ ގިޔާމަތްވީ ކަމަށް ދެން. ރޮއި ހަޅޭއްލަވައި އަޑުއިވެނީ މުޅި ތަނުން،" އަނަސް ބުންޏެވެ.

ގިނަ ބަޔަކު ރަށުގެ ބޮޑު މިސްކިތު ތެރެއަށް ޖަމާވެފައި އޮތް ހަބަރު ލިބުމުން ދެން ދިޔައީ އެތަނަށެވެ. އެ ވަގުތު ވެސް އޭނާއަށް ފެނުނީ އެތައް ގެއެއް ވެއްޓި، ފުނޑުފުނޑުވެފައި ހުރި ތަނެވެ.

"އެތަނުން ވެސް މަންމަ އާއި ބައްޕައެއް ނުފެނުނު. މިސްކިތް ތެރޭގައި ވެސް މީހުންގެ ރުޔުމާއި ހަޅޭއްކުގެ އަޑުއިވެމުން ދިޔައީ،" އަނަސް ކިޔައިދިނެވެ.

ރ. ކަނދޮޅުދޫގެ ބޮޑު މިސްކިތް މިހާރު ހުރި ގޮތް: ސުނާމީ އެރުމާ އެކު ގިނަ މީހުން ޖަމާވީ މި މިސްކިތަށް (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

އޭރު އޭނާގެ ހަށިގަނޑުގައި ވަރެއް ނެތެވެ. އަނބުރައިގަނެގެން ވެއްޓިއްޖެ އެވެ.

ހޭއެރިއިރު އޮތީ ދޯންޏެއްގެ ތެރޭގަ އެވެ. އޭނާ ގެންދަނީ އުނގޫފާރަށްކަން އެނގުނީ ކައިރީ ތިބި މީހުން ބުނުމުންނެވެ. އެތައް ބަޔަކު މަރުވިކަމުގެ ހަބަރު ލިބުނެވެ. އަމިއްލަ ވަޒަން ކަނދޮޅުދޫ މުޅިން ހަލާކުވި ވާހަކަ އިވުނެވެ. އާއިލާގެ އެއްވެސް މީހަކު ސަލާމަތުން ހުރެދާނެ ކަމަކަށް އޭނާއަށް އުންމީދެއް ނުކުރެވުނެވެ.

އެ ހިޔާލުތަކާ އެކު އަނެއްކާވެސް އަނބުރައިގަތީ އެވެ.

"އުނގޫފާރަށް ދިޔަ ފަހުން ހޭއަރަނީ ވެސް. އެތަނުން ދައްތައާ ދިމާވަނީ. ދައްތަ ބުނީ މަންމަ އާއި ބައްޕަ އެބަ ތިއްބޭ ސަލާމަތުން،" އަނަސް ކިޔައިދިނެވެ.

"އެހެން ބުންޏަސް ގަބޫލެއް ނުކުރެވޭ."

އޭނާއަށް ބައްޕަ އާއި މަންމައާ ބައްދަލުވެވެނީ އޭގެ ހަ ދުވަސް ފަހުންނެވެ. 

އަނަސްގެ ހުރިހާ ބިރެއް ފިލައި، ކިރިޔާ ވެސް ހަމަޖެހުމެއް ލިބުނީ އެ ހިސާބުންނެވެ. 

އެދުވަހު ވަކި ހިސާބުން އަނަސް ހޭނެތިގެން ވެއްޓުނު (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ސުނާމީއަކީ އޭނާގެ ހަޔާތް ވެސް ތާއަބަދަށް ބަދަލުކޮށްލި ރާޅެކެވެ. މިހާރު ވެސް ދޭތެރެ ދޭތެރެއިން އެ ހަނދާންތައް އޭނާ ވަށާލަ އެވެ. ނިދަން ވެސް އުނދަގޫވެ އެވެ.

"ބައްޕަ ނިޔާވި ފަހުން ލައިފްގައި އަސްލު އެދުވަހުގެ މި މެމޮރީތައް ބޮޑަށް އުނދަގޫކުރަން ފެށީ. އެ ކަންތައްތައް އެންމެ ބޮޑަށް ފައިޓްކުރަން މި ޖެހުނީ،" އަނަސް ބުންޏެވެ.

އޭނާއަކީ މިހާރު ދުވާފަރުގެ ފުލުހެކެވެ. ދުވާފަރަކީ ސުނާމީގައި ފުނޑުފުނޑުވި ކަނދޮޅުދޫ ރައްޔިތުންނަށް ހާއްސަކޮށްގެން ތަރައްގީކުރި ރަށެވެ.

އަނަސް ބުނި ގޮތުގައި އޭނާއަށް މިހާ ހިސާބަށް ދެވުނީ ބައްޕަގެ ނަސޭހަތާއި ހިތްވަރުންނެވެ.

"ފުލުހަކަށްވެ ހަރުދަނާ މީހަކަށް ވުމުގައި އަސްލު އެ ދުވަހުގެ މެމޮރިތަކާ އެކު ބައްޕަގެ ހެޔޮ ނަސޭހަތްތައް އަބަދު ސިކުނޑީގައި ހުންނާތީ ބައްޕަގެ ޑްރީމެއް ހާސިލްކުރަން މަސައްކަތް ކުރީ. އެހެންވެ ފުލުހަކަށް ވެވުނީ. މިއަދު އެއީ އެންމެ ބޮޑު އުފަލަކީ،" އަނަސް ބުންޏެވެ.

އެޑިޓަރުގެ ނޯޓް:

ސުމާނީގެ ހާއްސަ ކަވަރޭޖްގެ ފޮޓޯތައް ނަގާފައި ވަނީ އަނޫފް ޖުނައިދު އެވެ. ވީޑިއޯ ނަގައި، އެޑިޓްކުރީ އަހުމަދު ލައުހު މުހައްމަދު އެވެ.

ކޮމެންޓް (3)

މޯޑް

26 ޑިސެމްބަރު 2024
އަނަސް އަކީ ކުޑަ އިރުވެސް އަދި މީހާރުވެސް ވ.ރަނގަޅު ބަސް އަހާ މަޑުމައިތިރި ކުއްޖެކޭ.ފުލުހަކަށްވެ ވަރަށް ޕްރޮފެޝަނަލް ކޮށް މަސަކަތް ކުރާ ކުއްޖެއް ވަކި މީހަކަށް އާއިލާ މީހަކަށް ވަޒީފާގަ ނުބަލާ ހައްގަށް މަސަކަތް ކުރާ ފުލުހެއް މިކަހަލަ ފުލުހުން ވ.މަދުންނޫނީ ނުފެނެ އެހާމެ ހަތް ހެޔޮ މީހުންނާ ގުޅޭ ކުއްޖެއް
6 0

ށެރީ

26 ޑިސެމްބަރު 2024
ކޮބާ ބޭބެ
0 0
އިބްރާހިމް Avatar

އިބްރާހިމް

25 ޑިސެމްބަރު 2024
އަނަސް އަކީ ހުނަރުވެރި ފުޓުބޯޅަ ކުޅުންތެރިއެއް ، ފުލުހުންގެ ތެރޭގައިވެސް އެކިގޮތްގޮތުން ފާހަގަ ކޮށްލެވޭ ފުލުހެއް. ހަޔާތުގައި ތިހާބޮޑު ކަމެއް ދިމާވެފައި ހުރި މީހަކާއި ބަލާއިރު މެންޓަލީ ވަރަށް ފިޓު .. ކާމިޔާބަށް އެދެން އަނަސްއަށް..
25 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް