ސުނާމީ އެރި ދުވަހު އަލީ ނާޒިމް (ފުލުހުންގެ ޔުނީފޯމުގައި) މީހަކަށް އެހީތެރިވަނީ
ރާޅުތަކުގެ ތެރެއިން 10 ކުދިންނަށް ހިމާޔަތްދިން ފުލުހަކު ދެއްކި ހިތްވަރު
ރާއްޖެ ސިއްސުވާލި، ބިރުވެރި ސުނާމީ ކާރިސާއަށް 20 އަހަރު ފުރުމާ އެކު، ފުލުހުން މިއަދު ކުރަހާލަދިނީ އޭގެ ތެރެއިން އެއް މަންޒަރެވެ؛ އެ ހާދިސާގައި އެންމެ ބޮޑަށް ގެއްލުން ލިބުނު ލ. މުންޑޫގައި ހިދުމަތް ކުރަމުން ދިޔަ، އޭރު ކޮންސްޓަބަލްގެ މަގާމުގައި ހުރި އަލީ ނާޒިމް، ފުރާނަ އަތްމައްޗަށް ލައިގެން މީހުން ސަލާމަތް ކުރަން އުޅުނު ގޮތެވެ.
ސުނާމީ ކާރިސާއަށް ދެ އަހަރު ފަހުން، ހަމަ ގައުމީ ހިދުމަތުގައި އުޅެނިކޮށް ހިނގި އެކްސިޑެންޓެއްގައި ނާޒިމް ވަނީ ދުނިޔެ ދޫކޮށްފަ އެވެ. އެހެންވެ، ފުލުހުން މިއަދު ނާޒިމްގެ ވާހަކަ ކިޔައިދިނީ، ހިތްވަރު ގަދަ، ޖެހިލުން ކުޑަ، ގައުމު ދެކެ ލޯބިވާ ފުލުހެއްގެ ވާހަކައިގެ ގޮތުގަ އެވެ. އޭނާގެ ހަނދާނަކަށް، އެންމެންގެ އިބްރަތަކަށެވެ.
ފުލުހުންގެ އިދާރާއިން މިއަދު އާއްމު ކުރި މަޒުމޫނެއްގައި ކިޔައިދިން ގޮތުގައި ސުނާމީގެ ބިރުވެރި ރާޅުތައް އަރައިގެން ދާން ފެށުމާއެކު ލ. ފޮނަދުއަށް ނުކުތް އެ ޒުވާނާ ނުކުތީ މީހުން ސަލާމަތް ކުރާށެވެ. އޭނާއަށް ފެނުނީ ރާޅުތަކުގެ ތެރޭގައި އެކި ގޮތްގޮތަށް މީހުން ދުވާތަނެވެ. އެ ރާޅުތަކުގެ ތެރެއަށް އޭނާ ފުންމާލީ، 'ދެ ފަހަރަކު މަރެއް ނުވާނެއޭ' ބުނަމުންނެވެ. އޭނާ ދިޔައީ، މަގުމަތިން، އޭނާއަށް އަތު ޖެހުނު ކުއްޖަކު ގޮވައިގެން ސަލާމަތްކަން ލިބޭތޯ ވަންނާނެ ގެއެއް ހޯދަމުންނެވެ.
"އަޅުގަނޑަށް ވަދެވުނީ ރުއްކޮށީ ގެއަށެވެ. އޭރު އަޅުގަނޑުގެ ހިމާޔަތުގައި ހަތް އަހަރާއި 15 އަހަރާ ދެމެދުގެ 10 ވަރަކަށް ކުދިން ތިއްބެވެ." ނާޒިމް ކިޔައިދިން ގޮތަށް، ފުލުހުންގެ މަޒުމޫނުގައި ލިޔެފައިވެ އެވެ.
އޭގައި ނާޒިމް ބުނެފައިވާ ގޮތުގައި، އެ ހުރިހާ ކުދިން ގޮވައިގެން އޭނާ އެރީ ގެއެއްގެ ފާރުމައްޗަށެވެ. ހަތް ފޫޓު ހުންނަ އެ ފާރުމަތިން ލާފައި އެ ކުދިން ހިކިފަސްތަނަކަށް ބޭލުވި އެވެ. އޭރު އަތިރިމަތީގައި އެއްގަމުގައި ބައްތެއްޔެއް އޮތުމުން ކުދިންނަށް ގެންގޮސްލީ އޭގެ ތެރެއަށެވެ. ދެން އޭނާ އެއްގަމަށް ދުއްވައިގަތީ އިތުރު މީހުން ސަލާމަތް ކުރުމަށެވެ.
ފުލުހުން ބުނި ގޮތުގައި، "އެންމެން ވެސް އޮޑިފަހަރަށް އެރުމަށް" ގޮވަމުން ދަނިކޮށް ނާޒިމްގެ ލޮލުގައި އަޅައިގަތީ، ފައިތިލައިގެ މަސްގަނޑު އިރައިގެން ގޮސް، ހަށިގަނޑަށް ވެސް އިތުރު ޒަހަމްތަކެއް ލިބިފައިވާ އަންހެނެކެވެ.
"އޭރު އޭނާގެ ފައިން ލޭ އަންނަމުންދާތީ ލޭ މަނާކުރުމަށްޓަކައި ފޮތިކޮޅެއް ކައިރި ހިސާބަކުން ނުލިބުމުން އަޅުގަނޑު ލައިގެން ހުރި ޔުނީފޯމްގެ ގަމީސް ވީދާލުމަށްފަހު ޒަހަމް މަތީގައި ބަނދެލީމެވެ،" ނާޒިމް ކިޔައިދިނެވެ.
"މުޅި ރަށުތެރެއިން އޭރު އިވެނީ ރުއިމާއި ގިސްލުމުގެ އަޑެވެ.''
ނާޒިމްގެ ވާހަކަ މިއަދު ފުލުހުން ކިޔައިދިނީ، އާދަޔާހިލާފު ހިތްވަރެއް ދެއްކި ފުލުހެއް ކަމަށް ބުނަމުންނެވެ. އޭނާގެ މި އަމަލުތަކުން ވެސް، ދިވެހި ފުލުހުންގެ ހިތުގައި ގައުމީ ލޯބި އޮތް މިންވަރު ހާމަވާ ކަމަށް ބުނަމުންނެވެ.
ނާޒިމް ފުލުސް އޮފީހަށް ވަނީ 1996ގަ އެވެ. ހަތް އަހަރާއި ހަ މަސްދުވަހު ފުލުހުންގެ ހިދުމަތުގައި އޭނާ މަސައްކަތް ކުރި އެވެ. ސުނާމީއަށް މާގިނަ ދުވަސްތަކެއް ނުވަނީސް، ލާންސް ކޯޕްރަލްގެ މަގާމަށް އޭނާ ޕްރޮމޯޓްވި އެވެ. އެކަމަކު ހަމަ އޭގެ އަހަރެއް ފަހުން އޭނާ ނިއާވީ އެވެ.
ފުލުސް އޮފީހުން ބުނި ގޮތުގައި، 12 ސެޕްޓެންބަރު 2006ގައި ނާޒިމް މަގުމައްޗަށް ނުކުތީ، ކަނޑުމަތީގައި ބަޔަކު ހާލުގައި ޖެހިފައިވާ ކަމުގެ މައުލޫމާތު ލިބުމުން އެ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ދާށެވެ. އެކަމަކު އޭނާ ދުއްވަމުން ދިޔަ ސައިކަލު، މަގުމަތީގައި ކޮނެފައިވާ ވަޅުގަނޑަކަށް ވެއްޓި ލިބުނު ޒަހަމްތަކުގައި ދުނިޔެ ދޫކުރީ އެވެ.
އެ ހާދިސާވީ އޭނާގެ އާއިލާ އާއި ދަންނަ ހުރިހާ އެންމެންނަށް ވެސް ލިބުނު ބޮޑު ހިތާމައަކަށެވެ.
ނާޒިމްގެ ހަނދާނުގައި، އޭނާގެ ޒިކުރާ އާކުރުމުގެ ގޮތުން 2007 ވަނަ އަހަރު ސަރުކާރުން އޭނާއަށް ވަނީ ޝަހީދު ޖަވާދު އުމަރު އެވޯޑްދީފަ އެވެ.
"ނާޒިމްގެ ހަޔާތަކީ ދިވެހި ފުލުހުންނަށާއި މުޅި ގައުމަށް ނަމޫނާއެކެވެ. އޭނާގެ ހިތްވަރުގަދަކަމާއި ގައުމީ ލޯބި، އަދި ރައްޔިތުންނަށް ހިދުމަތްކުރުމުގެ ޖޯޝް ދައްކުވައިދެނީ ފުލުހުންގެ މަތިވެރި ސިފަތަކެވެ." ފުލުހުންގެ މަޒުމޫނު ނިންމާލަމުން ބުނެފައި ވެ އެވެ.