އެ ބިރުވެރި ހަނދާންތައް

އެ ބިރުވެރި ހަނދާންތައް

މީގެ 20 އަހަރު ކުރިން ރާއްޖެއަށް ކުރިމަތިވި ސުނާމީގައި 83 މީހުން މަރުވެ، 25 މީހުން ގެއްލުނު. ބައެއް ރަށްރަށް އެއްކޮށް ހަލާކުވި. އެއީ އެދުވަހުގެ ތަޖުރިބާކުރި މީހުންގެ ހަނދާނުން ދުވަހަކު ވެސް ފޮހެވޭނެ ކަމެއް ނޫން

އިސްކަންދަރު ސްކޫލް އޮތީ މީހުންތަކުން ފުރިފަ އެވެ. ރޯމީހުން ރޮނީ އެވެ. ހަޅޭއްލަވާ މީހުން ހަޅޭއްލަވަނީ އެވެ. އެކަކު އަނެކަކު ދައްކާ ވާހަކަތައް ވެސް ސާފުވާވަރެއް ނޫނެވެ. ސަރުކާރުގެ މިނިސްޓަރުންނާއި ސިފައިންގެ އިސް މީހުން، އާންމުން ހަމަޖެއްސޭތޯ އުޅުނެވެ. އެކަމަކު ލިބެން ނެތް މައުލޫމާތެއް ނުދެވޭނެތާ އެވެ.

އިސްކަންދަރު ސްކޫލްގެ ގޯތިތެރެއިން އޭރު އެ ފެނުނީ މުޅި ރާއްޖެއަށް ފެތުރިފައި އޮތް ހާސްކަމާއި ކަންބޮޑުވުމާއި ބިރުވެރިކަމުގެ ވަރަށް ކުޑަ މަންޒަރެކެވެ.

އޭރު 26 ޑިސެމްބަރު 2004ގެ ސުނާމީގައި ރާއްޖޭގެ އެތައް ރަށެއް ފުނޑުފުނޑުވެ، އެތައް ބަޔަކު މަރުވެ، އެތައް ބަޔަކު ގެއްލިއްޖެ އެވެ. އެކަމަކު އެއްވެސް ރަށެއްގެ ހާލަތު އެނގޭ ވަރު ނުވީ، ރަށްތަކަށް އެރި ބާރުގަދަ ލޮނުގަނޑުގައި މުވާސަލާތީ ގުޅުމުގެ އާލާތްތައް ވެސް ހަލާކުވުމުންނެވެ.

މާލޭގެ ވަށައިގެން ކުއްލިއަކަށް އެރި ލޮނުގަނޑު ރަށުތެރެއަށް ފައިބައިގެން ދިޔަ ގޮތުން ސުނާމީގެ ބާރު މާލޭގެ ރައްޔިތުންނަށް ވަޒަންކުރެވުނެވެ. އެހެންކަމުން މާލޭގައި ދިރިއުޅެމުން އައި ރަށްރަށުގެ މީހުން އެ މީހުންގެ އާއިލާތަކުގެ ހާލުއަހުވާލު ބަލަން ދުއްވައިގަތީ، ސަރުކާރުން އިސްކަންދަރު ސްކޫލްގައި ގާއިމްކުރި ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރަށެވެ. 

"އޭރު ވެސް އަސްލު މީގެ ނުރައްކާތެރި މިންވަރު ވަޒަނެއް ނުކުރެވޭ،" އެ ސެންޓަރުގައި އިސް ޒިންމާތަކަކާ ހަވާލުވި ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވި އެވެ.

އެކަމަކު ރާއްޖޭގެ ގަޑިން ހެނދުނު 9.20 ހާއިރު އެކި ރަށްރަށަށް ސުނާމީގެ ބިޔަ ލޮނުގަނޑު ފޯރައިފި އެވެ. 

ރ. ކަނދޮޅުދޫގައި މޫދާ ކައިރީގައި ހުރި ސްކޫލްގެ ފާރު ފޮރުވޭ ވަރަށް ބޮޑުވި ރާޅު ރަށުތެރެއަށް ފެތުރި، އެތައް ބަޔަކު އޭގެ ބާރުގެ ދަށަށް ލައިފި އެވެ. (ތިން މީހުން މަރުވި އެވެ.)

ކ. ގުޅީގެ އަތިރިމަތީގައި ކުޅެން ތިބި ކުދިންތަކުގެ ބޯމަތިން އެ ލޮނުގަނޑު ދަތުރުކޮށްފި އެވެ. (އެއް ކުއްޖަކު މަރުވި އެވެ.)

ތ. ވިލުފުށީގައި 14 ފޫޓަށް ބޮޑުވި ރާޅު އެއްކޮޅުން އަރައިގެން ގޮސް އަނެއްކޮޅަށް  ފައިބައިގެން ދިޔައީ ކުޑަ ހިނދުކޮޅެއްގެ ތެރޭގަ އެވެ. (21 މީހުން މަރުވި އެވެ.)

ސުނާމީގެ ހަނދާންތައް ވީރާނާވެފައި ހުރި ގޭގެ ތެރެއިން

އުމުރުން ނުވަ އަހަރުގެ އަނަސް އިބްރާހިމް މީގެ 20 އަހަރު ކުރީގެ ހަނދާންތަކުގެ ތެރެއަށް ދިޔައީ އޭނާގެ އުފަން ގެ އެކަމަކު މިހާރު ވީރާނާވެފައި ހުރި 'ނީލަމްގެ'އަށް ކުރި ޒިޔާރަތެއްގައި

މާލޭގެ ވަށައިގެން ބޮޑުވި ލޮނުގަނޑު އޭގެ ކުރިން ދުވަހަކު ވެސް މާލެ ތެރެއަށް ފެތުރިގެން ނުދާ ވަރަށް ދެމިގެން ހިނގައްޖެ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ރަންވޭ އޮތީ ފެނު އަޑީގަ އެވެ.

ރަށުތެރެއިންނާއި މޫދުގައި މަރުވެފައި އޮތް އެތައް ބަޔަކު ފެންނަން ފަށައިފި އެވެ. ގެއްލުނު އެތައް ބަޔަކު ފެނޭތޯ ހޯދަނީ އެވެ.

ބައެއް ރިސޯޓްތަކުގެ މޫދު ކޮޓަރިތައް އެ ހުރި ތަނބުތަކުން ނެއްޓި، އޮޔާ ދަނީ އެވެ.

އެއީ އެމީހަކު ތިބި ރަށެއްގެ ހާލަތު ހަމައެކަނި އެމީހަކަށް އެނގުނު ދުވަހެކެވެ. 

އަޅުގަނޑު ދަންނަވާނީ ވަރަށް އުނދަގޫ ވަގުތެކޭ. [ހާލަތު] ނޭނގިގެން ރަށްރަށުގެ ގިނަ ބަޔަކު އިސްކަންދަރު ސްކޫލަށް އެއްވަމުން ދިޔައީ 

 ނާޒިމް 

ރާއްޖެއާ ހަމައަށް އެ ރާޅު އައުމުގެ ގާތްގަނޑަކަށް ތިން ގަޑިއިރު ކުރިން އިންޑޮނީޝިއާގެ ސުމަތުރާ ގުޑައިގެން އެ ދިޔައީ 1964ގެ ފަހުން ދުނިޔެ ދުށް އެންމެ ބާރުގަދަ ބިންހެލުމެވެ. އެ ބިންހެލުމުގައި ކަނޑު އަޑިން ފަޅައިގެން ދިޔަ ބިންގަނޑުގެ ދިގުމިން 1،300 ކިލޯމީޓަރެވެ. އެއާ އެކު އުފެދުނު ބިޔަ ރާޅު، ނުވަތަ އޭގެ އަސްލު ހަމައިން ނެއްޓުނު ލޮނުގަނޑު، އިންޑިއާ ކަނޑުގައި އެހާމެ ބާރު ސްޕީޑްގައި ދަތުރުކުރަމުން، ގައުމުތަކުގެ އައްސޭރި ފަށް ހަލާކުކުރަމުން، ރަށްތައް ދޮވެލަމުން އެ ދިޔައީ ކިހާ ބިރުވެރި ގޮތެއްގައި ކަން ދުނިޔެއަށް ވެސް އެނގުނީ އަދި މާ ފަހުންނެވެ.

ރާއްޖެ ކުޑަ އެވެ. ރަށްރަށް އޮތީ ވަކިންނެވެ. މޮބައިލް މުވާސަލާތުގެ ގުޅުން ކެނޑުމާ އެކު ދެން ކިރިޔާ ވެސް އަވަސް މައުލޫމާތެއް ލިބެން އޮތީ އުޅަނދުފަހަރު ފޮނުވައިގެންނެވެ. 

"އަޅުގަނޑު ދަންނަވާނީ ވަރަށް އުނދަގޫ ވަގުތެކޭ. [ހާލަތު] ނޭނގިގެން ރަށްރަށުގެ ގިނަ ބަޔަކު އިސްކަންދަރު ސްކޫލަށް އެއްވަމުން ދިޔައީ،" ނާޒިމް ވިދާޅުވި އެވެ.

"އަޅުގަނޑު ދަންނަވާނީ ވަރަށް އުނދަގޫ ވަގުތެކޭ. [ހާލަތު] ނޭނގިގެން ރަށްރަށުގެ ގިނަ ބަޔަކު އިސްކަންދަރު ސްކޫލަށް އެއްވަމުން ދިޔައީ،" ނާޒިމް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ކޮން ޖަވާބެއްތޯ ދޭނީ؟ އަޅުގަނޑުމެންގެ އަތުގައި ވެސް އެއްވެސް ޖަވާބެއް ނެތް. ގުޅޭނެ ގޮތެއް ނެތް."

ރާއްޖޭގެ ބައެއް ހިސާބުތަކުން ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރަށް ރަނގަޅު މައުލޫމާތެއް ލިބޭ ވަރުވީ އެ ދުވަހުގެ ހަވީރުކޮޅު އެވެ. ޓީއެމްއޭގެ މަތިންދާބޯޓުގައި އެކި ރަށްރަށަށް ދަތުރުތައް ފެށީ އަނެއް ދުވަހު އެވެ.

"އަޅުގަނޑު ވަރަށް ދެރަވި. މުޅި އުމުރުގައި ވެސް ނުދެކޭ ވަރުގެ ހިތާމަވެރި މަންޒަރެއް އަޅުގަނޑަށް ފެނުނީ،" އދ.ގެ އޭރުގެ ސެކްރެޓަރީ ޖެނެރަލް ކޯފީ އަންނާން ފަދަ ބޭފުޅުންނާ އެކު އެކި ރަށްރަށަށް ދަތުރުކުރެއްވި ނާޒިމް، އޭރުގެ ހަނދާންތައް އާކުރައްވަމުން 'ދައުރު'އަށް، ވިދާޅުވި އެވެ.

"ތ. ވިލުފުށީ ދޯނިފަހަރު ހުރީ ރަށު ތެރެއަށް އަރާފައި. މީހުން ވަރަށް ނިކަމެތިކޮށް،  ކެވޭނެ ބޮވޭނެ ގޮތެއް ވެސް ނެތިފައި. ކޮޅުފުއްޓަކީ އެއް ރަށް. ދިޔައިރު ރޮވޭ އަޅުގަނޑުމެންނަށް. މީހުން ތިބީ ނިދޭނެ އެއްވެސް ގޮތެއް ނެތިފައި. ވަރަށް ހިތާމަވެރި ބިރުވެރި މަންޒަރެއް. ކަނދޮޅުދޫގައި އެއްވެސް ހާލެއް ނެތިފައި. ކުޑަ ރަށް އެއްކޮށް ހަލާކުވެފައި."

އެދުވަހުގެ ހެނދުނު ގާތްގަނޑަކަށް 9.30 ހާއިރު ނާޒިމް އިންނެވީ ސިފައިންގެ މައި މަރުކަޒު، ބަނޑޭރިކޮށީގެ މަތީ ބުރީގަ އެވެ. ޗީފް އޮފް ޑިފެންސް ފޯސް މުހައްމަދު ޒާހިރު އޭނާއަށް ގުޅުއްވާފައި ވިދާޅުވީ ރާޅު ބޮޑުވާ ވާހަކަ އެވެ. ނާޒިމް ބޭރަށް ބައްލަވާލެއްވި އިރު، ޖުމްހޫރީ މައިދާނުގެ ބިއްދޮށުން މޫދު ރަނގަޅަށް ފެނެ އެވެ.

މިއީ ވަރަށް ނުރައްކާތެރި ހާދިސާއެއް

މުހައްމަދު ޒާހިރު، އޭރުގެ ޗީފް އޮފް ޑިފެންސް ފޯސް

"ހަގީގަތުގައި ނޭނގޭ ކޮން ކަހަލަ ރާޅުތަކެއްކަމެއް. އާންމު ގޮތެއްގައި އަޅުގަނޑުމެންނަށް އޭރު ފެނިފައި ހުންނަނީ ޓައިޑަލް ވޭވް، މޫސުމީ ބަދަލުން އަންނަ ކުދިކުދި ރާޅު. އެ ދުވަހު ފެނުނު ރާޅު ވަރަށް ބޮޑު. އޭރު ބަނދަރު ތެރޭގައި ހުރި ހުރިހާ އުޅަނދެއް ތަޅަމުން ތަޅަމުން ދިޔަ،" ނާޒިމް ވިދާޅުވި އެވެ.

"އަވަގުތު މުހައްމަދު ޒާހިރު ވިދާޅުވީ ބޭނުންފުުޅުވޭ ބައްލަވާލައްވަން ވަޑައިގަންނަވަަން ކިހިނެއްތޯ ވެގެން މި އުޅެނީ. ކާރުކޮޅުގައި ނުކެމެވަޑައިގެން [މުލިއާގެ]އާ ހަމައަށް ވަޑައިގެންނެވުނު. [އެކަމަކު] ފެން ބޮޑުކަމުން ވެހިކަލްގައި ދުރަކަށް ވަޑައެއްނުގެންނެވުނު.  އެނބުރި ވަޑައިގެންފައި ވިދާޅުވީ ނާޒިމްއޭ މިއީ ވަރަށް ނުރައްކާތެރި ހާދިސާއެކޭ."

އޭގެ އިރުގަނޑެއް ފަހުން ރައީސް މައުމޫން އަބްދުލްގައްޔޫމް ޓާސްކްފޯސްއެއް އުފެއްދެވި އެވެ. އިސްކަންދަރު ސްކޫލްގައި ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު ގާއިމްކޮށް އެކަން ރޭޑިއޯ އާއި ޓީވީން އިއުލާންކުރި އެވެ.

ރަށްރަށުގެ މީހުން އެ ތަނަށް ދާން ފެށީ އެ ހިސާބުންނެވެ. ވަރުގަދަ އުސް ތޮށިގަނޑެއްގެ ހިމާޔަތުގައި އޮތް މާލެ ތެރެއަށް ލޮނުގަނޑު ފެތުރުނު ގޮތް އެ އެންމެންނަށް އޮތީ ފެނިފަ އެވެ. އެހެންކަމުން ރަށްރަށުގެ ހާލަތު އަދި މާ ގޯސްވާނެ ކަމަށް ގަބޫލުކުރެވުނެވެ. އެހާ ބޮޑު ރާޅެއްގައި އެތައް ބަޔަކު މަރުވުމުގެ ބިރު ވެސް އޮތީ އުފެދިފަ އެވެ.

"ރޯމީހުން ރޮނީ. ރުޅިގަދަ މީހުން ރުޅިގަދައީ. ގަޔަށް ބޮލަށް އަރައިގަންނަ ހިސާބަށް ދިޔަ. [ގޮވަނީ] ކީއްހޭ ތި ކުރަނީ؟ ކޮބައިހޭ ތިމަންނަގެ މަންމަ؟ ކޮބައިހޭ ތިމަންނަގެ އާއިލާގެ މީހުން،" ނާޒިމް ކިޔައިދެއްވި އެވެ.

"އަޅުގަނޑުމެންނަށް އެ އިހުސާސެއް ނުކުރެވޭނެ އެ ހާލަތުގައި އަޅުގަނޑުމެން ނެތީމާ.  އަޅުގަނޑުމެން ވަރަށް ކެތްތެރިކަމާ އެކީގައި ޖަވާބުދެމުން ދިޔައީ މަޑުމަޑުން މައުލޫމާތު ލިބޭވަރަކުން."

"ހަގީގަތުގައި އަޅުގަނޑުމެންނަށް ކަންކަން ހޯދައިގަނެވުނީ އަޅުގަނޑު ދަންނަވާނީ 24 ގަޑިއިރު ފަހުންނޭ. މިސާލަކަށް ކިހާ ވަރެއް ބަޔަކުތޯ ގެއްލުނީ، ކިހާ ވަރެއްގެ އަނިޔާއެއްތޯ ލިބުނީ. [ގާތްގަނޑަކަށް] 36 ގަޑިއިރުގެ ތެރޭގައި އަޅުގަނޑުމެންނަށް ހަމަ ރަނގަޅު މަންޒަރެއް ރާއްޖޭގައި ލިބިއްޖެ."

އޭރު ރާއްޖޭގައި ވަކި އިދާރާއެއްގެ ގޮތުގައި ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރެއް ނުހުރެ އެވެ. ކާރިސާގެ ހާލަތުގައި ކަންކަންކުރާނެ ގޮތުގެ މައުލޫމާތު، ބޭރުގައި ހެއްދެވި ކޯސްތަކުގެ ތެރެއިން، އެންމެ ބޮޑަށް ލިބިވަޑައިގެން ހުންނެވި އެއް ބޭފުޅަކީ ވެސް، ނާޒިމެވެ. ވަގުތީ ސެންޓަރުގައި މަސައްކަތްތައް ފެށީ އޭރު އެކުލަވާލާފައި އޮތް ޑިޒާސްޓާ މެނޭޖްމަންޓް ޕްލޭންގައި ހުރި ކަންކަމަށް ބަލައިގެންނެވެ.

ހާލަތު ދެނެގަންނާނެ ޓީމުތަކާއި އެހީ ފޯރުކޮށްދޭނެ ޓީމުތަކާއި އެހީ ހޯދާނެ ޓީމުތައް ނެގި އެވެ. އާންމުންގެ އެހީއަށް އެދި އިއުލާންކުރި އެވެ. މާލޭގެ އެތައް ހާސް ބަޔަކު އަންނައުނާއި ތަފާތު އެހެން އެއްޗެހިތައް އަމީނިއްޔާ ސްކޫލަށް ޖަމާކުރަން ފެށީ އިސާހިތަކު އެވެ.

ސުނާމީއާ ގުޅިގެން ދިވެހިން ދިވެހިންނަށް ދިއްކޮށްލި އޯގާތެރިކަން ވަރަށް ބޮޑެވެ. މާލޭގެ އިސް ބައެއް ވިޔަފާރިވެރިން ބުނީ 'ގުދަން އެހުރީ ހުޅުވާފަ އެވެ. ބޭނުން އެއްޗެއް ގެންދާށޭ އެވެ.'

"އެދުވަހު ފެނުނީ ރައްޔިތުންގެ މެދުގައި އެއްބަައިވަންތަކަން އޮތް މިންވަރު. އަޅުގަނޑުމެންނަށް ބޮޑު ކަމެއް ދިމާވާ ދުވަހަކު ދިވެހި ރައްޔިިތުން އެއްބައިވާކަމުގެ ނަމޫނާ ރައްޔިތުން އެ ދުވަހު ދައްކައިދިންކަން ގަބޫލުކުރަން،" ނާޒިމް ވިދާޅުވި އެވެ.

ސުނާމީއަކީ އެނގެން އޮތް ރާއްޖެ ތާރީހު ދުށް އެންމެ ބޮޑު ކާރިސާ އެވެ. މީހުން ދިރިއުޅޭ 200 ވަރަކަށް ރަށުގެ ތެރެއިން އެންމެ ނުވަ ރަށް ނޫނީ އެހެން ހުރިހާ ރަށެއްގައި ފެން ބޮޑުވި އެވެ.

އެ ދުވަހު ރާއްޖެއިން މަރުވި މީހުންގެ އަދަދަކީ 83 އެވެ. ގެއްލުނީ 25 މީހުންނެވެ. އަނިޔާވި މީހުންގެ އަދަދު 1،300އަށް އަރަ އެވެ. ގެދޮރު ގެއްލުނު މީހުންގެ އަދަދަކީ 29،000 އެވެ. އެކި ހިސާބުތަކުގެ 8،000އަށް ވުރެ ގިނަ ގެއަށް ގެއްލުން ލިބުނެވެ.

ޓޫރިޒަމަށް އައީ ކުއްލި ބޮޑު ހުއްޓުމެކެވެ. ގައުމުގެ އުފެއްދުންތެރިކަމުގެ ނިސްބަތުން ސުނާމީގައި އެންމެ ބޮޑު ގެއްލުމެއް ލިބުނީ ރާއްޖެއަށެވެ. ޖެހިގެން އައި 2005ގައި ރާއްޖޭގެ ޓޫރިޒަމް %33 ދަށަށް ދިޔަ އެވެ. ނަތީޖާއަކީ މުޅި އިގުތިސާދަށް %3ގެ ހުއްޓުމެއް އައުމެވެ.

"މިފަދަ ދުވަހެއް ނުދެއްކެވުން އަޅުގަނޑުމެން ﷲ ތައާލާއަށް އަބަދުވެސް އެދެން ޖެހޭ،" ސުނާމީގެ ހަނދާންތައް އާކުރައްވަމުން ނާޒިމް ވިދާޅުވި އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް