ރ. ދުވާފަރުގެ މަގުމަތީގައި ބަޔަކު މަޑުކޮށްލައިގެން: މި ރަށުގައި ވަޒަންވެރިކޮށްފައި ވަނީ ކަނދޮޅުދޫ މީހުންނަށްވާއިރު އެ މީހުންނަށް ކަނދޮޅުދުއަކީ އަދިވެސް މަރެއް (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)
މި މީހުންގެ ހިތް އަދިވެސް އޮތީ ކަނދޮޅުދޫގައި
މުހިންމު ނުކުތާތައް
ބައެއް މީހުން ބުނާ ގޮތުގައި މިހާރު ވެސް ބަދަލުވެވޭ ނަމަ ކަނދޮޅުދުއަށް އެނބުރި ދާނެ
ދުވާފަރުގެ ބިން ބޮޑަސް ކަނދޮޅުދޫން އެ ލިބުނު ހިތްހަމަޖެހުމާއި އުފާ ނެތް ކަމަށް ވެސް، ބައެއް މީހުން ބުނި
ބައެއް ޒުވާނުން ބުނަނީ ސުނާމީގެ މިޔުޒިއަމެއްގެ ގޮތުގައި ކަނދޮޅުދޫ ހަމަޖައްސައި، އާމްދަނީ ހޯދަން
ރ. ދުވާފަރު - ސުނާމީގެ ރާޅުތަކުން ކަނދޮޅުދޫ ރައްޔިތުންގެ ދިރިއުޅުން ދޮވެލުމާ އެކު ރަށް ދޫކޮށް ދާން ޖެހުނީ ހުސް އަތާ އެވެ. ވަގުތީ ހިޔާގައި ހެދި ޓެންޓުތަކާއި ރަހުމަތްތެރިންގެ ގޭގޭގައި އަހަރުތަކެއް ވަންދެން ގަނަތެޅުނެވެ.
މިއީ މިހާރު އޭގެ 20 އަހަރު ފަހެވެ؛ އެ މީހުން މިހާރު ރަށްވެހިކޮށްފައި ތިބީ ޖާގައިގެ ގޮތުން ތަނަވަސް މިރަށުގަ އެވެ. އެކަމަކު ކަނދޮޅުދޫ އޮތީ އެ މީހުންގެ ހިތާ އަދިވެސް އެންމެ ކައިރީގަ އެވެ.
"ރީތި އުފާވެރި، ހަމަޖެހޭ، މޮޅު ދިރިއުޅުމެއް އެއީ. އެކުވެރިކަން އެހާ ގަދަ ދިރިއުޅުމެއް އެއީ. ވަކިވުމެއް ނެތި އެކަކު އަނެކަކަށް އޯގާތެރިކަމާ އެކު އުޅެމުން އައި ތަނެއް އެއީ. ވަރަށް ހިތްފަސޭހަ ކަނދޮޅުދޫ،" މިހާރު 79 އަހަރުގެ ހަރީރާ އަބްދުއްރަހުމާން ބުންޏެވެ.
"މި ރަށް ބޮޑު ކަމަކުން ހިތް އުފަލެއް ނުވޭ. މީހުންގެ އެކުވެރިކަމެއް ނޯވޭ. އެކަނިވެރިކަން ބޮޑީ. ކަނދޮޅުދޫގައި ވާގޮތަކީ މިތަނުން އެތަނަށް ގޮވާލީމާ އޯއްޔެކޭ ބުނާނެ. އޭރުގެ އެކުވެރިކަން އާލާވަނީ. އެކުވެރިކަން ވިސްނެނީ. އެހެންވެ ދެރަ ވެސް ވޭ."
މިއީ ހަރީރާ ނޫނަސް މި ރަށުގެ އެތައް ބައެއްގެ ޝުއޫރެވެ. ކަނދޮޅުދޫގެ އެޑްރެސް އައިޑީ ކާޑުން ގެއްލިދާނެތީ މިރަށަށް ރަށްވެހިކަން ބަދަލުކޮށް، އާ އައިޑީ ކާޑެއް ހައްދަން ބޭނުންނުވާ އެކި އުމުރު ފުރައިގެ މީހުން ވެސް އެބަ ތިއްބެވެ. އެ މީހުން ބޭނުން ވަނީ ކަނދޮޅުދޫ މީހުންގެ ގޮތުގައި އުމުރު ހޭދަކޮށްލާށެވެ.
"އަހަރެން ބޭނުމެއް ނޫން ކަނދޮޅުދޫ މަގޭ އައިޑީ ކާޑުން ފޮހެލަން. އެއީ މަގޭ އައިޑެންޓިޓީ ފޮހެލުން ކަހަލަ ކަމެއް،" އައިޑީ ކާޑުގެ މުއްދަތު ހަމަވެފައި ވިޔަސް އާ އައިޑީ ކާޑެއް ނުހައްދާ އުޅޭ ސަބަބާ ގުޅޭ ގޮތުން 30 އަހަރުގެ ޒުވާނަކު ބުންޏެވެ.
އެކަމަކު ކަނދޮޅުއަކީ މިހާރު ފަޅުރަށެކެވެ. އަލަށް ހައްދާ އައިޑީ ކާޑުތަކުގައި ކަނދޮޅުދޫގެ އެޑްރެސް ޖަހައެއް ނުދެ އެވެ. އެކަމަކު ވެސް މި ރަށު ގިނަ މީހުން އަދިވެސް ތައާރަފް ވަމުން ބުނެލަނީ ތިމަންނާއަކީ ކަނދޮޅުދޫ މީހެއް ކަމަށެވެ. އެއީ އެ މީހުންނަށް ފަހުރެކެވެ. ޒުވާން ފުރައިގެ މީހުން ވެސް ގަބޫލުކުރަނީ ކަނދޮޅުދޫގެ ދިރިއުޅުން އެ މީހުންނަށް އަދިވެސް މާ ހިތްފަސޭހަ ކަމަށެވެ.
"ވަރަށް މިސްވޭ އަސްލު ކަނދޮޅުދޫ މާހައުލު. މިހާރު ކަނދޮޅުދުއަށް ވިޒިޓްކޮށްލާފައި ހިތަށްއަރާ ކިހިނެއް ބާއޭ ދިރިއުޅުނީ އޭރު. މަގުތައް އޭރަކު ކުޑަވެގެން ނޫޅެން... ޖާގައިގެ ދަތިކަން ނޫނީ އެއީ ގޯސް ރަށެއް ނޫން. ހިތްފަސޭހަ ދިރިއުޅުމެއް،" އުމުރުން 35 އަހަރުގެ މުހައްމަދު ޖަމީލް، އޭނާގެ ކަނދޮޅުދޫ އެޑްރެސް 'ބުލާސަމްގެ' ނަން ކިޔާލަމުން، ބުންޏެވެ.
ކަނދޮޅުދޫގެ ގިނަ މީހުންނަކީ މަސްވެރިކަމުން ހަޔާތެއް އާރާސްތުކުރި ބައެކެވެ. އެ މީހުންނަށް ކަނދޮޅުދޫ ހާއްސަ ވެގެން އުޅޭ އެއް ސަބަބަކީ ވެސް އެއީ އެވެ.
ދުވާފަރަށް ބަދަލުވި ފަހުން ވެސް މަސް ކައްކާ، ހިއްކައިގެން އާމްދަނީ ހޯދަމުން އަންނަ އެކަކީ، ކަނދޮޅުދޫގެ އެޑްރެސް ނަމަ، ފިނިމައިޒާންގޭ ގާސިމް މުހައްމަދެވެ. އޭނާ ބުނީ އަދިވެސް އުޅޭ ހިތްވަނީ ކަނދޮޅުދޫގައި ކަމަށެވެ.
މުޅި ހަޔާތާ ގުޅިފައި އޮތް މަސްވެރިކަމަށް އަދިވެސް އެންމެ ރަނގަޅީ، އޭނާ ބުނި ގޮތުގައި، ކަނދޮޅުދު އެވެ. ސަބަބަކީ މަސް ތިޔާގި ކަނޑުތަކާ ކައިރީގައި އެ ރަށް އޮތުމެވެ.
"އެ ނޫން ގޮތެއް އޮތް ނަމަ އަހަރެން ނުވެސް ފޭބީމުސް. އަހަރެމެން ގަދަކަމުން ބޭލުވީ އޭރު،" ގާސިމް ބުންޏެވެ.
"ކަނދޮޅުދުއާ އަޅާބަލާއިރު މި ރަށް މިއީ ސުމެއް."
ކަނދޮޅުދުއާ މެދު އަދިވެސް އުންމީދުތަކެއްގައި
ކަނދޮޅުދޫ ވައިޖެހޭގެ ހައްވާ އިސްމާއިލް، 57، އެރަށުގެ ދިިރިއުޅުން ސިފަކުރީ 'ތަނަވަސް، ހިތްފަސޭހަ' ކަމެއްގެ ގޮތުގަ އެވެ. އެނބުރި ދެވޭ ނަމަ ކަނދޮޅުދުއަށް ދާން އޭނާ މިހާރު ވެސް ހުރީ ތައްޔާރަށެވެ. ދުވާފަރު ކިތަންމެ ބޮޑަސް ކަނދޮޅުދޫން ލިބުނު ހިތްހަމަޖެހުމެއް އޭނާއަކަށް ނުލިބެ އެވެ. ކިތަންމެ އަހަރެއް ވިޔަސް އެކަން ބަދަލުވާނެ ކަމަކަށް ނުވެ އެވެ.
"ކަނދޮޅުދޫ އެންމެ ރަނގަޅީ. އަދިވެސް ދާން ބޭނުމީ ކަނދޮޅުދުއަށް. އެހާ ހިތްހަމައެއް ވެސް ނުޖެހޭ މިކޮޅުގައި. ހިތް ފަސޭހައެއް ވެސް ނޫން،" ހައްވަ ބުންޏެވެ.
"އެ ރަށަށް ލައިދިނިންޏާ ރަނގަޅީ. ދާން ބޭނުންވާ މީހުންނަށް ގެދޮރު އަޅައިދީ ރަށެއް ގޮތަށް ހަދައިދިނިއްޔާ ޝުކުރުވެރިވާނަން ސަރުކާރަށް ވެސް."
އެކަމަކު އެއީ ދެން ނުވާނެ ކަމެއްކަން އޭނާއަށް ވެސް އެނގެ އެވެ. އެހެންކަމުން އޭނާގެ އެދުމަކީ ދުވާފަރުގެ ބައެއްގެ ގޮތަށް ކަނދޮޅުދޫ ހަމަޖައްސައިދިނުމެވެ.
"ފަޅު ރަށްރަށް ހުންނަނީތާ ދެއްތޯ އެކި ރަށްރަށަށް ދީފައި މިހާރު ވެސް އެކި މަސައްކަތް ކުރަން. އެހެން ވެއްޖިއްޔާ މި ރަށު މީހުން ދަނޑު ހައްދަން މަސްލޮނު އަޅަން ކަހަލަ ކަންކަން ކުރަން ހަމަ އެ ރަށް ބޭނުން ކުރާނެ. ކޮންމެވެސް ބަޔަކު އެކަން ކުރާނެ،" ހައްވަ ބުންޏެވެ.
ޒުވާނުންގެ ވިސްނުން: ކަނދޮޅުދޫ މިޔުޒިއަމް
ކަނދޮޅުއާ މެދު މި ރަށުގެ ބައެއް ޒުވާނުންގެ އެހެން ވިސްނުމެއް އެބަ އޮތެވެ: ސުނާމީ ކާރިސާގެ މިޔުޒިއަމް ނުވަތަ ދާރުލްއާސާރަކަށް ހެދުމެވެ. އެ ޒުވާނުން ދެކޭ ގޮތުގައި އޭރުން ކައިރި ރިސޯޓްތަކުން އެ ތަނަށް ޓޫރިސްޓުން ގެންގޮސް ޓުއާ ދީގެން އާމްދަނީ ހޯދޭނެ އެވެ.
"މިޔުޒިމްއެއް ގޮތަށް ހަދާފައި އެތަނުގައި ކޮންމެވެސް ވަރަކަށް ޓޫރިސްޓް ފެސިލިޓީ ވެސް ހެދީމާ ހަމަ މީހުން ދާނެ. ޝައުގުވެރިވާނެ ބަލަން. އެއީ މި ރަށަށް ލިބޭ އާމްދަނީއެއްގެ ގޮތުގައި ހެދޭނެ،" ދުވާފަރުގެ ޒުވާނެއް ކަަމަށްވާ ޖަމީލް ބުންޏެވެ.
ސުނާމީގެ ކުރިން ވެސް ކަނދޮޅުދުއަކީ ދިރިއުޅެން އެކަށީގެންވާ ރަށެއް ނޫނެވެ. އޭރު ބައެއް މީހުން ސިފަކުރި ގޮތުން ނަމަ އެއީ 'މަގެއް ނެތް ހަމައެކަނި ރަށެ'ވެ. ކުޑަކުޑަ ރަށަކަށް ބަލާއިރު އާބާދީ އެހާ ބޮޑެވެ. އެހެންވެ ގެތަކުން ރަށް އޮންނަނީ ފުރިފަ އެވެ. ތިމާވެށީގެ ނާޒުކުކަން ވެސް އެހާމެ ބޮޑެވެ.
އެކަމަކު ކިތައްމެ ގިނަ އުނދަގޫތަކެއްގައި އުޅެން ޖެހުނަސް ރަށު މީހުން ހިތްހަމަޖެހޭ އެތައް ކަމެއް ހުރެދާނެ އެވެ. އެއީ އިންސާނީ ތަބީއަތެވެ. އުފަން ފަސްގަނޑު ދޫކޮށްލަން ބޭނުން ނޫން މީހުން ރާއްޖޭގެ އެކި ހިސާބުތަކުން އަދިވެސް ފެންނަނީ އެހެންވެ އެވެ.
ސުނާމީގެ ބިރުވެރި ކާރިސާގައި ފުނޑުފުނޑުވުމުން ރަށުން ފޭބި ބައެއް މީހުންގެ ހިތުގައި، އޭގެ 20 އަހަރު ފަހުން ވެސް، ކަނދޮޅުދުއަށް އެނބުރި ދިއުމުގެ ނިޔަތް އެބަ އޮތެވެ. އެ ރަށުގެ ހަނދާންތަކާ ދުރުވުމެއް ނެތެވެ. އެއީ އަބަދުގެ އަބަދަށް ބިންވަޅު ނެގިފައިވާ ހަނދާންތަކެކެވެ.