ރ. ކަނދޮޅުދޫ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ސުނާމީ ކާރިސާ

ރ. އަތޮޅު ރައްޔިތުންނަށް ލޯތްބާ އެކު ޝުކުރު

އެ ހިތްދަތިކަމުން އަރައިގަތުމަށް އަވައްޓެރި ރަށްތަކުން އެދުވަހު ދިން އެހީތެރިކަމަކީ ކަނދޮޅުދޫގެ ރައްޔިތުން، މިހާރު ދުވާފަރުގެ ރައްޔިތުން މުޅި އުމުރަށް ޝުކުރުވެރިކަމާއެކު ބަލައިގަންނާނެ ކަމެއް

މުހިންމު ނުކުތާތައް

އެހީގެ ދޯނިފަހަރު ކަނދޮޅުދޫން ފުރައިގެން ދިޔައީ ރަށުން ފައިބަން ބޭނުން މީހުން ގޮވައިގެން

ވަގުތީ ހިޔާ އަޅަންދެން އުޅެމުން އައީ އެކި ރަށްރަށުގެ އަމިއްލަ މީސްމީހުންގެ ގޭގައި، އާއިލާއެއްގެ ގޮތުގައި

މިހާރު ދުވާފަރުގެ ރަށްވެހިން ބުނަނީ އެ އެހީތެރިކަމާއި އަޅާލުން ދުވަހަކު ވެސް ހަނދާން ނުނެތޭނެ ކަމަށް

(ރ.ދުވާފަރު) - ސުނާމީގެ ބޮޑު ރާޅާ އެކު ރ. ކަނދޮޅުދޫ ފުނޑުފުނޑުވީ އެވެ. އުމުރު ދުވަހު މަސައްކަތް ކޮށްގެން ކޮޅަށް ޖެހި ދިރިއުޅުން ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އޮޔާ ދިޔައީ އެވެ. މުޅި ރަށް އެރާޅާ އެކު ދޮވެލި އިރު ވަންނާނެ ގެދޮރެއް، ލައިގެން ތިބި އަންނައުނު ފިޔަވާ އުނުއޮރިޔާން ނިވާކުރާނެ ހެދުމެއް ވެސް ނެތެވެ.

އެ ހިތާމަވެރި ހާދިސާއަށް 20 އަހަރު ވީއިރު އެ ހިތްދަތިކަން ތަހައްމަލުކުރި މީހުންނަށް މިހާރު ވެސް ހީވަނީ ދެންމެ ލޯމަތީ ހިނގައިދިޔަ ކަމެއް ހެންނެވެ. އެދުވަހުގެ އެ ހިތްދަތިކަމުން އަރައިގަތުމަށް އަވައްޓެރި ރަށްތަކުން ދިން އެހީތެރިކަން، މިހާރު ދުވާފަރުގައި އަބާދުވެގެން ތިބި ކަނދޮޅުދޫ ރައްޔިތުން މުޅި އުމުރުގައި ވެސް ޝުކުރުވެރިކަމާ އެކު ބަލައިގަންނާނެ އެވެ. އެއީ ދިވެހިންގެ އެއްބައިވަންތަކަމާއި އެއްބަޔެއް ވަންތަކަން ފުރިހަމައަށް ދައްކައިދިން ދުވަހެކެވެ.

ސުނާމީގައި އެންމެ ބޮޑު ގެއްލުމެއް ލިބުނު އެއް ރަށަކީ ކަނދޮޅުދު އެވެ. ރަށް ދޫކޮށް އެހެން ރަށަކަށް ހިޖުރަކުރަން އެ ހާދިސާއިން މަޖުބޫރުކުރި އެވެ. އެމީހުންނަށް ދާއިމީ ހިޔާވައްސެއް ހޯދައިދޭން ދުވާފަރު ބިނާކޮށް ނިމެންދެން ކަނދޮޅުދޫ މީހުންގެ އެންމެ ގާތް އަހުންގެ ގޮތުގައި ތިބީ އަތޮޅުގެ އެހެން ރަށްރަށުގެ މީހުންނެވެ. އެ ހެޔޮކަން އަބަދުވެސް އެ މީހުން ބަލައިގަނެ އެވެ. 

ރ. ކަނދޮޅުދޫ. ސުނާމީގައި ރަށް އެއްކޮށް ދޮވެލި (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ސުނާމީ ކާރިސާ ކުރިމަތިވި އިރު ކަނދޮޅުދޫ ކުޑަ ކަތީބުގެ މަގާމުގައި ހުންނެވި މުހައްމަދު އަލިފުޅު ވިދާޅުވި ގޮތުގައި ސުނާމީ ކާރިސާގައި ރަށް ސުންނާފަތިވެފައި އޮއްވާ ރައްޔިތުންނަށް އެހީވާން އަތޮޅުގެ ރަށްރަށުން ދޯނިތަކުގައި އެ ރަށަށް ދިޔަ އެވެ.

ކާބޯތަކެއްޗާއި ފެން ހިފައިގެން ދިޔަ ދޯނިތަކުގައި ރަށުގެ ރައްޔިތުން ގޮވައިގެން އަތޮޅުގެ އެހެން ރަށްރަށުގެ މީހުން ދިޔައީ އެއީ އަމިއްލަ އާއިލާ ކަމަށް ބަލައިގެންނެވެ. އެ މީހުން ތިބީ ވެސް ރަށްރަށުގައި އެ މީހުންގެ ގޭގޭގަ އެވެ.

އެ ދުވަހުގެ ހާލަތު ކިޔައިދެއްވަމުން މުހައްމަދު އަލިފުޅު ވިދާޅުވީ ރަށުގެ ފިރިހެންވެރިން އެދުވަހު ވީ މަހަށް ގޮސް ކަމަށެވެ. ރަށުގައި ތިބީ އަންހެނުންނާއި ކުޑަކުދިންނާއި ދުވަސްވީ މީހުންނެވެ. ސުނާމީގެ ރާޅު އަރާ ރަށުގައި ފެން ބޮޑުކޮށްލުމުން އެންމެން ތިބީ ރަށުގެ  މިސްކިތުގަ އެވެ.

ސުނާމީގެ ހަބަރާ އެކު އޭރު އުނގޫފާރުގައި ހުންނެވި މުހައްމަދު އަލިފުޅު ރަށަށް ވަޑައިގަތީ އަތޮޅުވެރިންނާ އެކު އެވެ.

ރ. ކަނދޮޅުދޫ ކުރީގެ ކުޑަ ކަތީބު މުހައްމަދު އަލިފުޅު ދައުރުއަށް އިންޓަވިއު ދެއްވަނީ. (ދައުރު ފޮޓޮ/ އަބްދުﷲ އަނޫފް ޖުނައިދު)

"ލޯންޗުގައި ސެޓު ހުރީ ތައްޔާރުކޮށްފައި. ސެޓުން އަތޮޅުވެރިން ގުޅީ އަތޮޅުގެ ރަށްރަށަށް. ގުޅާފައި ލިބެން ހުރި ފެނާއި ކާބޯތަކެތި ހިފައިގެން ދޯނިފަހަރު ރަށަށް ފޮނުވައިދޭށޭ،" އޭނާ ވިދާޅުވި އެވެ.

"ވަގުތުން ރަށްރަށުން އިޖާބަ ދީފި. ވަރަށް ރަނގަޅޭ އަޅުގަނޑު ދަންނަވާނީ އަތޮޅުގެ ރައްޔިތުން ވެސް. އަންނަ ދޯންޏަކަށް ވިއްޔާ އަޅުގަނޑުމެން މި ދަންނަވަނީ ރައްޔިތުން ކައިރީ އަވަހަށް އަރާށޭ."

ރަށްރަށުން ގެނައި ފެނާއި ކާބޯތަކެތި ރައްޔިތުންނަށް ދީފައި އެމީހުން ދޯނިތަކުގައި ރަށްރަށަށް ފުރުވާލީ އެމީހަކު ދާން ބޭނުން ރަށަކަށެވެ.

ސުނާމީގައި އެއްކޮށް ދޮވެލި ކަނދޮޅުދޫ މީހުން ރަށް ދޫކޮށް އަތޮޅުގެ އެގެން ރަށްތަކަށް ފުރަނީ (ފޮޓޯ/އެންޑީއެމްއޭ)

"އޭގެ ފަހުން ވަގުތީ ހިޔާ އަޅައިގެން އުޅުނީ ފަސް ރަށެއްގައި. އެއީ އަލިފުށި، އުނގޫފާރު، ހުޅުދުއްފާރު، މީދޫ އަދި މަޑުއްވަރީގައި. އަތޮޅުން ބޭރުގައި ވެސް ކޮންމެވެސް ވަރަކަށް މީހުން އުޅުނު. އެންމެ ގިނަ މީހުން ތިބީ އުނގޫފާރުގައި،" މުހައްމަދު އަލިފުޅު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކަނދޮޅުދޫ މީހުން ދިޔަ ކޮންމެ ރަށެއްގައި ވެސް އެ ރަށެއްގައި ހުސްކޮށް ހުރި ކޮންމެ ތަނެއް ވެސް އެމީހުންނަށް ހުރީ ހަމަޖައްސައިދީފަ އެވެ.

"ބައެއް އާންމުންގެ ގޭގޭގައި ވެސް ބޭތިއްބި،" އޭނާ ވިދާޅުވި އެވެ.

ދުވާފަރު މަގެއްގެ މަތީ ބަޔަކު ޖޯލީގައި އިށީނދެގެން. ސުނާމީ ކާރިސާ އަށް ފަހު 4 އަހަރު ވަންދެން އެ ރަށު މީހުން އުޅުނީ ވަގުތީ ހިޔާތަކުގައި (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ވަގުތީ ހިޔާތަކުގައި ދިރިއުޅުނު އިރު ވެސް ކަނދޮޅުދޫ ރައްޔިތުންނަށް އެމީހުންނަކީ ރަށުން ބޭރު ބަޔެއްކަމުގެ އިހުސާސް ނުކުރެވެ އެވެ. އަތޮޅުގެ ރައްޔިތުން އެމީހުންނާ މެދު ކަންކުރީ ހަމަ އާއިލާ މީހުން ފަދައިންނެވެ. 

އާންމު ރައްޔިތުންގެ ތެރޭގައި އަޅުގަނޑުމެން ކަނދޮޅުދޫން ދިޔަ މީހުންނަށް އަލިފުށީ ރައްޔިތުންގެ ހިދުމަތް ލިބުނީ އެންމެ ފުރިހަމައަށް،"

ހައްވާ އިސްމާއިލް، ދުވާފަރު ރައްޔިތެއް

ސުނާމީ ކާރިސާ ކުރިމަތިވި އިރު ހައްވާ އިސްމާއިލް ހުރީ މާލޭގަ އެވެ. އެކަމަކު އޭނާގެ ދިރިއުޅުން އޮތީ ކަނދޮޅުދޫގަ އެވެ. 

ކަނދޮޅުދޫ ފަޅުކޮށްލި އެ ކާރިސާއަށް ފަހު ހައްވަ ދިޔައީ ރ. އަލިފުއްޓަށެވެ. އޭނާގެ ބަހުން ނަމަ އެއީ 'ވަރަށް ހެޔޮ ރައްޔިތުންތަކެއް ދިރިއުޅޭ ރަށެކެ'ވެ.

ހައްވާ އިސްމާއިލް ދައުރު އަށް އިންޓަވިއު ދެއްވަނީ. ދިރިއުޅުމާއިގެން ކުރިއަށް ދާން އަތޮޅުގެ ރަށްތަކުން ދިން އެއްބާރުލުން ޝުކުރުވެރިކަމާއެކު ފާހަގަކުރި (ދައުރު ފޮޓޮ/ އަބްދުﷲ އަނޫފް ޖުނައިދު)

"އަޅުގަނޑުމެން ދިޔައީ އަލިފުއްޓަށް. ވަރަށް ރަނގަޅު ރަށެއް. މާޝާﷲ. އެވަރުގެ ރަށެއް ނެތޭ ދެންނެވޭނީ. ވަރަށް ރަނގަޅު. އާންމު ރައްޔިތުންގެ ތެރޭގައި އަޅުގަނޑުމެން ކަނދޮޅުދޫން ދިޔަ މީހުންނަށް އަލިފުށީ ރައްޔިތުންގެ ހިދުމަތް ލިބުނީ އެންމެ ފުރިހަމައަށް،" ޝުކުރުވެރިކަމާ އެކު ހައްވަ ބުންޏެވެ.

"އެންމެ ފުރަތަމަ ތިބީ ގޭގޭގައި، އޭރު ޓެންޓުތަކެއް [ވަގުތީ ހިޔާ] ނާޅާ. ގޭގޭގައި ތިބި އިރު ވެސް އެއްބަނޑު އެއްބަފާކަމުގެ ގުޅުން ގެންގުޅުނު. ވަރަށް ރަނގަޅޭ ދެންނެވޭނީ." 

އަލިފުށީ ރައްޔިތުންގެ ހުރިހާ ކަމެއްގައި ކަނދޮޅުދޫ މީހުން ބައިވެރިކުރި ކަމަށާއި  ބީރައްޓެހިކަން އިހުސާސްވިޔަ ނުދޭ ކަމަށް ވެސް ހައްވަ ބުންޏެވެ.

"އަތޮޅުގެ އެހެން ރަށްރަށުން ވެސް އެ ލިބުނު އެއްބައިވަންތަކަމާއި އެއްބާރުލުން މިހާތަނަށް ވެސް އަޅުގަނޑުމެން ބަލައިގަންނަން. ޝުކުރު ކުރަން،" އޭނާ ބުނެލި އެވެ.

ހަތަރު އަހަރު ވަންދެން ވަގުތީ ހިޔާގައި ދިރިއުޅުނު އިރު ވެސް އަލިފުށީ ރައްޔިތުންނާ އެކު އޮތީ އެ ގާތްކަމެވެ.

ސުނާމީގައި އެއްކޮށް ދޮވެލި ކަނދޮޅުދޫ. މިހާރު އެ ރަށް އޮތީ އެއްކޮށް ވީރާނާ ވެފައި (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

"ލިބޭ ކޮންމެ އެއްޗެއް ވެސް [ސަރުކާރުން ދޭ އެހީ] އަޅުގަނޑުމެން ވެސް އެ ރަށުގެ ރައްޔިތުންނަށް ދީގެން ނޫނީ ބޭނުމެއް ނުކުރަން. އެ ބޭފުޅުންނަށް ލިބޭ ކޮންމެ އެއްޗެއް ވެސް ހަމަ އަޅުގަނޑުމެންނަށް ދީގެން ވަރަށް އެކުގައި އުޅުނީ. އަޅުގަނޑުމެންނަށް މިހާ ހިސާބަށް މި އާދެވުނީ އަތޮޅުގެ ގިނަ ރަށްރަށެއްގެ ގިނަ ބައެއްގެ އެހީތެރިކަން ލިބިގެން،" ހައްވަ ބުންޏެވެ.

ދުވާފަރަށް ކުރި ދަތުރުގައި ބައްދަލުވެ ވާހަކަ ދެކެވުނު މީހުންގެ ކައިރިން އެ ތަޖުރިބާ އަހާލުމުން ކޮންމެ މީހަކު ވެސް އެކަން ފާހަގަކުރަނީ އުފަލުން ޝުކުރުވެރިކަމާ އެކު އެވެ.

ދިރިއުޅުން އޮޔާ ގޮސް ހާލުގައި ޖެހުނު ދުވަހު އޯގާތެރިކަމާ އެކު އެ ދިން ހިމާޔަތް ކަނދޮޅުދޫ މީހުންގެ ހިތުން ފިލައިގެން ނުދެ އެވެ. 

ކޮމެންޓް (1)

ޢޮއްޓަރު

28 ޑިސެމްބަރު 2024
މީ ވަރަށް މައުލޫމާތު މަދު ލިޔުމެއް
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް