ޗާގޯސް އައިލެންޑްސް: ރާއްޖޭގެ ދެކުނު ސަރަހައްދު ބެހި އިރު ޗާގޯސްއަށް ވެސް ބައެއް ދިޔަ (ފޮޓޯ/ ގެޓީ)
ދެކުނު ކަނޑު ހޯދުން: އުފުލި އަޑަށް ވުރެ މަސައްކަތް ލަސްކޮށް؟
ރާއްޖޭގެ ދެކުނުގެ ކަނޑު ސަރަހައްދު ބެހި ގޮތުން ރާއްޖޭގެ ބައެއް ގެއްލިއްޖެ ކަމަށް ބުނެ، އެ ބައި ހޯދަން މަސައްކަތްކުރުމަކީ މި ސަރުކާރުގެ އެއް ވައުދެވެ. އެމްޑީޕީގެ ސަރުކާރުން ރާއްޖޭގެ ދެކުނުގެ ކަނޑު 'ވިއްކާލީކަމު'ގެ ތުހުމަތުގައި އެންމެ ބޮޑަށް ވާހަކަ ދެއްކެވީ ވެސް މިހާރު ސަރުކާރުގައި ތިއްބެވި އޭރުގެ އިދިކޮޅު ބޭފުޅުންނެވެ.
އެކަމަކު ޗާގޯސްގެ މައްސަަލާގައި މިހާރު ސަރުކާރުން ދައްކާ ބައެއް ވާހަކަތަކާ މެދު ގާނޫނީ ބައެއް ބޭފުޅުން ހިތްހަމަޖެހިވަޑައެއް ނުގަންނަވަ އެވެ.
ބަންޑާރަ ނައިބުގެ އޮފީހުން ބޭރުގެ ބައެއް ތަޖުރިބާކާރުންގެ ގާނޫނީ އެހީތެރިކަން ހޯދައި، ރިޕޯޓެއްގެ މަސައްކަތުގައި އުޅެނިކޮށް އިނގިރޭސިވިލާތުން ޗާގޯސްގެ ރަށްތައް މޮރިޝަސްއަށް ދޭން މިހާރު ވަނީ އެއްބަސްވެފަ އެވެ. ބައެއް މީހުންގެ ސުވާލަކީ އެ ނިންމުމުން ރާއްޖޭގެ މަސައްކަތަށް ދެން ވާނީ ކިހިނެއް ހެއްޔެވެ؟
މޮރިޝަސްއަށް ވުރެ ރާއްޖެއަށް ޗާގޯސް ހައްގު ކަމަށް ވިދާޅުވެ ރައީސް މުހައްމަދު މުއިއްޒު އިނގިރޭސިވިލާތަށް ސިޓީއެއް ވެސް ފޮނުއްވި އެވެ. އެކަން އިއްޔެ ރޭ އޮތް ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި އެމަނިކުފާނު ވިދާޅުވި އެވެ.
"ދާދި މިދާކަށް ދުވަހު އިނގިރޭސި ސަރުކާރުން މޮރިޝަސްއަށް ޗާގޯސް ހަވާލުކުރުމާ ބެހޭ ވާހަކަތަކެއް ދެކެވުނީމަ އަޅުގަނޑުމެންގެ ތާރީހީ ގުޅުމެއް ވަރަށް ބޮޑަށް އޮތް ތަނަކަށް އެތަން ވާތީ، ރަސްމީކޮށް، ލިޔެކިޔުމުން، ސިޓީން، ދިވެހި ސަރުކާރުން މިހާރު ވާނީ އިނގިރޭސި ސަރުކާރަށް ސިޓީއެއް ފޮނުވާފައި،" ރައީސް ވިދާޅުވި އެވެ.
ސަރުކާރުން ދެކެނީ ދެން ގޮންޖެހުން ބޮޑުވާނެ ކަމަށް
މޮރިޝަސްއަށް ޗާގޯސްގެ ރަށްތައް ދޭން އެއްބަސްވިކަން ހާމަކުރަނީ ދެ ގައުމުން މިދިޔަ މަހު ނެރުނު ބަޔާނެއްގަ އެވެ. އޭގައި ވާ ގޮތުން:
-
މޮރިޝަސްއަށް ޗާގޯސް އަނބުރާ ދެނީ އެމެރިކާގެ އަސްކަރީ މަރުކަޒެއް ގާއިމްކޮށްފައިވާ ޑިއެގޯ ގާސިއާ ނުވަތަ ފޯޅަވައްސާ ވެސް އެއްކޮށް
-
ޗާގޯސް މޮރިޝަސްގެ ދަށަށް ދިޔަ ނަމަވެސް ފޯޅަވަހީގައި ހަދާފައިވާ އެމެރިކާގެ އަސްކަރީ މަރުކަޒު މިހާރު ވެސް ހިންގާ ގޮތަށް ހިންގަން އެ ރަށް ހާއްސަކޮށްފައި ބާއްވަން ދެ ފަރާތުން ވަނީ އެއްބަސްވެފައި
-
ފޯޅަވަހި ފިޔަވައި ޗާގޯސް ޖަޒީރާގެ އެހެން ރަށްތަކުގައި މީހުން ވަޒަންވެރިކުރުމުގެ ޕްރޮގްރާމުތައް ކުރިއަށް ގެންދާނެ
މިދިޔަ މަހު 30ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބަންޑާރަ ނައިބު އަހުމަދު އުޝާމް ވަނީ ޗާގޯސް މައްސަލާގައި ތަފްސީލުކޮށް ވާހަކަދައްކަވައިފަ އެވެ. އިނގިރޭސިވިލާތުގެ ނިންމުމުގެ ސަބަބުން ރާއްޖޭގެ މައްސަލާގައި ކުރިއަށް ދާން އިތުރު ގޮންޖެހުންތަކެއް ހުރި ކަން އެ ދުވަހު އޭނާ ވިދާޅުވި އެވެ.
"މި ނިންމުމުގެ ސަބަބުން [އާ] ގޮންޖެހުންތަކެއް އެބަހުރި. އަޅުގަނޑުމެންގެ [މުޅި] ސްޓްރެޓެޖީ ބަދަލުކުރަން ޖެހޭ ކަހަލަ ނިންމުމެއް އެ ނިންމުމަކީ،" އުޝާމް ވިދާޅުވި އެވެ.
އިނގިރޭސިވިލާތުން އެ ނިންމުން ނިންމީ، އިޓްލޮސްގެ ނިންމުން ރިވިއުކުރަން ބޭރުގެ ތަޖުރިބާކާރުން ދީފައިވާ އެޑްވައިޒަރީ ރިޕޯޓު ކެބިނެޓަށް ހުށަހަޅަން ތައްޔާރު ވެފައިވަނިކޮށެވެ.
"އިންޓަނޭޝަނަލް އެކްސްޕާޓުންގެ ރިޕޯޓުގެ މަސައްކަތް ވެސް ނިމިގެން ކެބިނެޓަށް ހުށަހަޅަން އަޅުގަނޑުމެން ތައްޔާރުވަމުން ދަނިކޮށް، މި ކަމެއް މި ދިމާވީ ވެސް،" އުޝާމް ވިދާޅުވި އެވެ.
އޭނާގެ ވާހަކައިން ދޭހަވީ ކުރިން ކުރި މަސައްކަތްތައް އަނެއްކާވެސް 'އަލުން ބަލުން' ކުރަން ޖެހުނީ ކަމެވެ. އެގޮތުން އަނެއްކާވެސް ބޭރު ތަޖުރިބާކާރުންގެ އިތުރު ލަފާ ހޯދަން އެދިފައިވާނެ ކަމަށް ވިދާޅުވި އެވެ. އެ މަސައްކަތް ނިމޭނެ ތާރީހެއް ވިދާޅުވާން ބަންޑާރަނައިބަށް ދައްޗެވެ.
"އެހެން ބަޔަކަށް ވެސް ބަރޯސާވެގެން ކުރަމުންދާ މަސައްކަތެއް ވީމައި، ދެން އަނެއްކާ ވެސް ކިހާ މުއްދަތެއް ނަގާނެ ކަމަށް ބުނަން ދަތި،" އުޝާމް ވިދާޅުވި އެވެ.
'ކުއްލި ހައިރާން ކަމެއް މިއަކު ނެތް'
ކުރީގެ ދެ ބަންޑާރަ ނައިބުން ކަމަށްވާ އަދި ޗާގޯސް މައްސަލާގައި ކުރީގެ ސަރުކާރަށް އެންމެ ބޮޑަށް ފާޑުވިދާޅުވި ޑރ. މުހައްމަދު މުނައްވަރާއި އައިޝަތު އާޒިމާ ޝަކޫރުގެ ހިޔާލު ތަފާތެވެ.
އާޒިމާ ވިދާޅުވި ގޮތުގައި އިނގިރޭސިވިލާތުން މޮރިޝަސްއާ އެކު އެއްބަސްވުމަކަށް ހިނގައިދާނެ ކަމަށް ކުރިން ވެސް ބެލެވުނެވެ. އެހެންކަމުން އެއީ ހައިރާން ވާން ޖެހޭ ވަރުގެ ނިންމުމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ ހާލަތަށް ފުރަތަމަ ދުވަހުން ފެށިގެން ސަރުކާރަށް ތައްޔާރުވެވޭނެ ކަމަށް ވެސް އޭނާ ގަބޫލުކުރައްވަ އެވެ.
އާޒިމާ އެ ގޮތަށް ދެކެވަޑައިގަންނަވާ އެންމެ ބޮޑު ސަބަބަކީ ޗާގޯސްގައި އެމެރިކާގެ އަސްކަރީ މަރުކަޒެއް ގާއިމްކުރެވުނު ގޮތެވެ. އެ މަރުކަޒު ހިންގަން އިނގިރޭސިވިލާތުން ވެސް ބޭނުންވާނެތީވެ، މާ ކުރިން ވެސް ދެ ފަރާތުން ވާހަކަ ދައްކަމުން ދިޔަ ކަމެވެ.
"ޑިއާގޮ ގާސިއާގައި ދުނިޔޭގެ އެންމެ ބޮޑު ބާރުގެ އަސްކަރީ ބޭހެއް ގާއިމްކުރެވުނު ހާލަތާއި ގޮތަށް ބަލާއިރު، އެ ހިނގީ ހައިރާންވާން ޖެހޭ ވަރު ކަމެއް ނޫން. ރާއްޖެއިން މަސައްކުރަން ވާނޭ ކަމަށް ދެކެނީ އެ ހާލަތަށް ހިނގައިދާނޭ ކަމަށް ވެސް ވިސްނައިގެން،" އާޒިމާ ވިދާޅުވި އެވެ.
ކަނޑުގެ ގާނޫނީ ދާއިރާއިން ރާއްޖޭގައި ހުންނެވި އެންމެ ބޮޑު ތަޖުރިބާކާރު މުނައްވަރު ވެސް ފާހަގަކުރެއްވީ އެ ކަމެވެ. އިނގިރޭސިން މާ ކުރިން ވެސް އިސްތިއުމާރުކުރި ތަނެއްގެ މިލްކުވެރިކަން މޮރިޝަސްއަށް ލިބޭ ގޮތް ވާ ނަމަ އެ ބަޔަކާ އެއްބަސްވުމަކަށް ދާން މަސައްކަތް ކުރާނެ ކަމަށް ދެކެން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެކަމަކު އިނގިރޭސިން މޮރިޝަސްއަށް އެ ތަން ދޭން ޖެހޭ އެއްވެސް ހަމައެއް، އުސޫލެއް ނެތް. އެ ތަން އިސްތިއުމާރުކުރި ޒަމާނުގައި މޮރިޝަސް ކިޔާ ދައުލަތެއް ވެސް ނެތް. އަޅުގަނޑުމެން އިނގިރޭސީންނަށް މިހެން ބަރޯސާވެގެން ތިބޭކަށް ވެސް ނުޖެހޭ،" މުނައްވަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވަނީ އިނގިރޭސީންގެ ނިންމުމުގެ ސަބަބުން މާ ބޮޑު ގޮންޖެހުމެއް އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.
"ގޮންޖެހުމެއް އޮވެގެން ނުވާނެ. މި ކަން ކުރަން ނުދަންނަ ބަޔަކާ ހަވާލުކުރީމާ ގޮންޖެހުން ހުންނާނެ. އެއީ ގޮންޖެހުމަކަށް ވެގެން އުޅޭ ކަމަކީ،" މުނައްވަރު ވިދާޅުވި އެވެ.
މައްސަލަ ހުށަހެޅުން މާ ލަސްވެއްޖެ؟
އިނގިރޭސިވިލާތުގެ ނިންމުމުގެ ސަބަބުން ބަންޑާރަ ނައިބުގެ އޮފީހުން މިދިޔަ މަހު 13ގައި 'ދައުރު'ން ސުވާލުކުރުމުން ދިން ޖަވާބުގައި ފާހަގަކޮށްފައިވާ ގޮތުގައި މިދިޔަ ފެބްރުއަރީ މަހު ބޭރުގެ ތަޖުރިބާކާރުންގެ ރިޕޯޓު ވަނީ ލިބިފަ އެވެ. އެ އޮފީހުން އެ މަސައްކަތަށް ނެގި ކޮމިޓީގެ ރިޕޯޓު ވެސް މިދިޔަ މަހު ލިބުނެވެ.
"މި މައްސަލައާ ގުޅިގެން ކަމާ ބެހޭ ތަޖުރިބާކާރުންގެ ލަފާ މި އޮފީހަށް ވަނީ [ފެބްރުއަރީ މަހުގެ ތެރޭގައި] ލިބިފަ އެވެ. އަދި މި މަސައްކަތްކުރުމަށް ބަންޑާރަ ނައިބު އުފައްދަވާފައިވާ ކޮމިޓީން ތައްޔާރުކޮށްފައިވާ ރިޕޯޓް ވެސް މި އޮފީހަށް ވަނީ ލިބިފަ އެވެ،" އޭޖީ އޮފީހުން ހިއްސާކުރި މައުލޫމާތުގައި ލިޔެފައިވެ އެވެ.
ބަންޑާރަ ނައިބު އޮފީހުން އެކުލަވާލި ކޮމިޓީގެ އިސް ބޭފުޅަކަށް ހުންނަވަނީ ކުރީގެ ބަންޑާރަ ނައިބު މުހައްމަދު އަނިލް އެވެ.
ޗާގޯސް މައްސަލައިގެ އިތުރު ކަވަރޭޖް
ސަރުކާރުން އެ ބޭފުޅުންގެ ކައިރިން ގާނޫނީ ލަފައަކަށް އެދިފައިނުވާ ކަމަށް މުނައްވަރާއި އާޒިމާ ވެސް ވިދާޅުވި އެވެ. ޗާގޯސް މައްސަލާގައި ކުރީގެ ސަރުކާރާ ދެކޮޅަށް އަޑުއުފުއްލެވުމުގައި، މި ދެ ބޭފުޅުންނާ އެކު، ދެން އިސްކޮށް އުޅުއްވީ ކުރީގެ ބަންޑާރަ ނައިބުކަން ކުރެއްވި ދިޔާނާ ސައީދެވެ.
ރިޔާސީ އިންތިހާބުގެ ދުވަސްވަރު މި ތިން ބޭފުޅުން އެކުގައި ކުރެއްވި މަސައްކަތުން އާ ސަރުކާރުގެ ކުރިން ވެސް 'ލީގަލް އެކްޝަންސް'ގެ ކަރުދާހެއް އެކުލަވާލި ކަމަށް އެ ބޭފުޅުން ވިދާޅުވެފައިވެ އެވެ.
ވިލިމާލެ ދާއިރާގެ ރައްޔިތުންގެ މަޖިލިހުގެ މެންބަރަކަށް ހުންނެވި އިރު އުޝާމް ވެސް އެ ވާހަކަ ވިދާޅުވި އެވެ.
ތިން ބޭފުޅުން ހިމެނޭ ގޮތަށް އޭރު އިދިކޮޅު ފަރާތްތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުންތަކުގައި ދެ ކަމެއް ފާހަގަކުރެއްވި އެވެ. އެއީ:
-
އެކުއިޑިސްޓެންސް (ހަމަހަމައަށް ކަނޑުގެ ސަރަހައްދު ދެ ބަޔަށް ބަހައިލުން)ގެ ބަދަލުގައި އެކުއިޓެބަލް (ތާރީހީ ބައެއް ހެކިތަކުގެ އަލީގައި އެންމެ އިންސާފުވެރިކަމަށް ބެލެވޭނެ ގޮތް)ގެ މައްޗަށް އިޓްލޮސްގައި ވަކާލާތުކުރަން ޖެހޭ ކަން
-
އިޓްލޮސްގެ ނިންމުމެއް ރިވިއުކުރަން ލިބޭ 10 އަހަރުގެ މުއްދަތު ބަޔާންކުރާ މާއްދާގެ ބޭނުން ހިފައި، އެ މާއްދާގައި އެފަދަ ހުށަހެޅުމެއް ބަލައިގަތުމަށް ޝަރުތުކުރާ ނިއު ޑިސްކަވަރީ (އާ ހެކި) ހުންނާނެ ކަން
އޭރު ދެއްކި ވާހަކަތަކާ ގުޅޭ ގޮތުން ސުވާލުކުރުމުން އާޒިމާ ވިދާޅުވީ މިއަދު ވެސް ގަބޫލުކުރައްވަނީ އެ ހަމައިން އެއީ ކުރެވޭނެ ކަމެއް ކަމަށެވެ. ނަމަވެސް އެ މަސައްކަތް މި ވަގުތު ކުރިއަށްދާ ދުވެއްޔާ މެދު އޭނާގެ ކަންބޮޑުވުން ހުރި ކަމަށް ވިދާޅުވި އެވެ.
"އެ ދުވަހު ވެސް އަދި މިއަދު ވެސް އަޅުގަނޑު ދަންނަވާނީ ގެއްލުނު ކަނޑުގެ ސަރަހައްދު އަނބުރާ ހޯދޭނެޔޭ. އެއީ ފަސޭހަ ކަމަކަށް ނުވާނެ. އެކަމަކު ހޯދޭނެ. ފޯޅަވަހީގެ މިލްކުވެރިކަން އެހާ ފަސޭހައިން މޮރިޝަސްއަށް ދޫކޮށްނުލާ، ރާއްޖެއިން އެކަށް ކްލެއިމް ކުރުމުގެ ވިސްނުންތަކެއް ގެންގުޅެން ޖެހޭ އެބަ،" އާޒިމާ ވިދާޅުވި އެވެ.
މުނައްވަރު ވެސް ގަބޫލުކުރައްވާ ގޮތުގައި މި މަސައްކަތް ކުރުމަށް ބޭރުގެ ބަޔަކަށް މިހާ ބަރޯސާވެގެން ތިބެން ޖެހޭ ސަބަބެއް ނެތެވެ. އޭނާ ވެސް ހިމެނޭ ގޮތަށް އޭރު މި މަސައްކަތަށް ނުކުތް ތަޖުރިބާކާރުންނަށް މަސައްކަތް ހަވާލުކުރުމުން އެކަން ކުރިއަށް ދާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"ދިވެހިން އެބަ ތިއްބޭ މި ކަން ކުރެވޭ ވަރުގެ. ކީއްކުރަންހޭ ބޭރު ބަޔަކަށް ފައިސާ ދީގެން، ހަރަދުތަކެއް ކޮށްގެން މި ކަން ކުރަންވީއެއް؟ މިހާރު އެ މީހުންގެ ލަފާ ނުލިބިގެން އެޔަކަށް ބަރޯސާވެގެން މި ތިބެން ޖެހޭނީ،" މުނައްވަރު ވިދާޅުވި އެވެ.
ދެކުނު ކަނޑު ހޯދަން ވަރަށް ބުރަކޮށް ކޮންމެ ދުވަހަކު ވެސް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ. އެކަމަކު ގާނޫނީ ދާއިރާގެ ބައެއް ތަޖުރިބާކާރުންނަށް ފެންނަނީ އެ މަސައްކަތުގެ ދުވެލި މަޑުވެފައިވާ ތަނެވެ.
ކޮމެންޓް (1)
ތެފައާސާ.