ޗާގޯސް އައިލެންޑްސް (ފޮޓޯ/ ގެޓީ)

ޗާގޯސް ހޯދަން ދައުވާކުރުމުގެ ފުރުސަތު މިހާރު ރާއްޖެއަކަށް ނެތް: ޕްރޮފެސަރު ޕާޔަން

ރާއްޖެއަށް އެ ފުރުސަތު ގެއްލުނީ، ޕްރޮފެސަރު ވިދާޅުވާ ގޮތުގައި، އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)އިން ޗާގޯސް ރަށްތަކަކީ މޮރިޝަސްގެ ސިޔާދަތީ ބާރުގެ ދަށުގައިވާ ތަނެއް ކަމަށް 2019ގައި އިސްތިޝާރީ ލަފާ ދިނުމުން
25 އޮކްޓޯބަރު 2022
1

ޗާގޯސް ރަށްތަކަކީ މޮރިޝަސްގެ ސިޔާދަތީ ބާރުގެ ދަށުގައިވާ ތަނެއް ކަމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން އިސްތިޝާރީ ލަފާ ދިން ހިސާބުން އެ ރަށްތަކުގެ ސިޔާދަތީ ބާރަށް ދައުވާކުރުމުގެ ފުރުސަތު ރާއްޖެއަށް ގެއްލިފައިވާ ކަމަށް، މޮރިޝަސް އިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީޒް (އިޓްލޮސް)އަށް ހުށަހަޅާފައިވާ މައްސަލައިގައި ރާއްޖެ ތަމްސީލްކުރައްވާ އިސް ވަކީލު ޕްރޮފެސަރު ޕާޔަން އަކާވަން ރޭ ވިދާޅުވެއްޖެ އެވެ.

މައްސަލައިގެ ފެށުން - އިނގިރޭސިވިލާތުން 1965ގައި މޮރިޝަސް އިން ޗާގޮސް ވަކިކުރި މައްސަލައިގައި ޗާގޯސް އަކީ މޮރިޝަސްގެ ސިޔާދަތީ ބާރު އޮތް ތަނެއް ކަމަށް އެ ގައުމުން ދައުވާ ކުރެ އެވެ.

އެ މައްސަލައިގައި:

  • އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)ގެ އިސްތިޝާރީ ލަފަޔަކަށް އެދުމުން 2019ގައި އިސްތިޝާރީ ލަފާ ދިނީ ޗާގޮސް ރަށްތަކަކީ މޮރިޝަސްގެ ސިޔާދަތީ ބާރުގެ ދަށުގައިވާ ތަނެއް ކަމަށް 

  • ހަމަ އެ އަހަރު، ހަ މަސްދުވަހުގެ ތެރޭގައި މޮރިޝަސްއާ ޗާގޮސް ހަވާލުކުރުމަށް އިނގިރޭސިވިލާތަށް ގޮވާލައި ގަރާރެއް އދ.ގެ އާންމު މަޖިލީހުން ފާސްކުރި 

  • ރާއްޖެއާ އިން ވަކިކުރުމަށް މޮރިޝަސް އިން އިޓްލޮސްއަށް ދިޔައީ ވެސް އައިސީޖޭގެ އިސްތިޝާރީ ލަފަޔަށް ބިނާކޮށް

އދ.ގެ ގަރާރާ ދެކޮޅަށް ރާއްޖެއިން އޭރު ވޯޓު ދިން ނަމަވެސް، މިދިޔަ އޮގަސްޓް މަހު ރާއްޖޭގެ ސްޓޭންޑު މޮރިޝަސްއާ އެއްކޮޅަށް ވަނީ ބަދަލުކޮށްފަ އެވެ.

ރާއްޖެ އާއި މޮރިޝަސްއާ ދެމެދު އީއީޒެޑް ފުށުއަރާ ސަރަހައްދު ވިލު ކުލައިން އަދި އިން ވަކިކުރުމުގައި ހިޔާލު ތަފާތުވާ ސަރަހައްދު ދަނބު ކުލައިން ފާހަގަކޮށްފައި.

ވީ ކިހިނެއް؟ - ރައީސް އޮފީހުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޮރިޝަސް އިން އިޓްލޮސްއަށް ހުށަހަޅާފައިވާ މައްސަލައިގައި ރާއްޖެ ތަމްސީލްކުރައްވާ އިސް ވަކީލު ޕްރޮފެސަރު ޕާޔަން އަކާވަން ވިދާޅުވީ ޗާގޯސްގެ ސިޔާދަތީ ބާރަށް ދައުވާކުރުމުގެ ފުރުސަތު ރާއްޖެއަށް މިހާރު ނެތް ކަމަށެވެ.

ބުނީ ކީކޭ؟ - "ބައިނަލްއަގުވާމީ ގާނޫނުތަކުން، އެ ސަރަހައްދަކީ [ޗާގޯސް އަކީ] މޮރިޝަސްގެ ތަނެއް ކަމަށް ވަނީ ކަނޑައަޅާފައި. [އެ ގޮތަށް ނިންމީ] އިނގިރޭސިވިލާތުން ކޮލޯނިއަލް ބައުންޑަރީސް ކަނޑައެޅި ގޮތުން،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިއީ ދެ ގައުމެއްގެ އިން ވަކިކުރުމުގައި ހިޔާލު ތަފާތުވުންތަކެއް އުފެދިގެން އުޅޭ ފުރަތަމަ ފަހަރު ނޫން ކަމަށެވެ.

ރައީސް އޮފީހުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާޗުއަލްކޮށް ބައިވެރިވެވަޑައިގެން ޕްރޮފެސަރު ޕާޔަން ވާހަކަދައްކަވަނީ. (ފޮޓޯ/ރައީސް އޮފީސް)

ތަފްސީލު - މިސާލެއްގެ ގޮތުން ޕާޔަން ދެއްކެވީ އިނގިރޭސިންގެ ބާރުގެ ދަށުގައި އިންޑިއާގެ ސަބްކޮންޓިންޓް އޮތުމަށް ފަހު އެކި ގައުމުތަކަށް ބައި ބައި ކުރިއިރު، ޕާކިސްތާނާއި ބަންގްލަދޭޝް އަދި އިންޑިއާ އާއި މިޔަންމާއާ ދެމެދު ބޯޑަރު ވަކިކުރި ގޮތާއި އެފްރިކާގައި ކެންޔާ އާއި ސޯމާލިއާ ދެމެދު އޮންނަ ބޯޑަރަށެވެ.

"ކޮލޯނިއަލް ބައުންޑަރީތަކަކީ، އާންމުކޮށް އެއްވެސް ތާކުން ތާކު ޖެހޭ އެއްޗެއް ނޫން. އެ ބައުންޑަރީތައް ކަނޑައެޅުމުގައި ތާރީހީ ގޮތުން ބަޔަކާ އޮތް ގުޅުމަށް ބެލުން ނޯވެދާނެ،" އޭނާ ވިދާޅުވި އެވެ.

ނަމަވެސް، ޕާޔަން ވިދާޅުވީ ދުނިޔޭގެ ސުލްހަމަސަލަސްކަމަށް، އެގޮތަށް ވާރުތަވާ ބައުންޑަރީތަކަށް ކަމޭހިތުމަށް ބައިނަލްއަގްވާމީ ގާނޫނުތަކުގައި ބަޔާންކޮށްފައިވާ ކަމަށެވެ.

"އެހެން ނޫން ނަމަ ބައުންޑަރީއާ މެދު ބަހުސްކުރުމުގެ ބަދަލުގައި ދުނިޔޭގައި އެކަމާ ގުޅޭ އެތައް 100 ހަނގުރާމަތަކެއް ކޮށްކޮށް ތިބޭނީ،" އޭނާ ވިދާޅުވި އެވެ.

'އިން ވަކިކުރުމަކީ މިހާރު މުހިންމު ކަމެއް ނޫން'

ޕާޔަން ވިދާޅުވީ މީގެ އަހަރުތަކެއް ކުރިން ދެ ގައުމުގެ ދެމެދުގައި އިން ވަކިކުރުމަކީ މުހިންމު ކަމެއް ކަމަށް ވިޔަސް، އެއީ މިހާރު މާ މުހިންމު ކަމެއް ނޫން ކަމަށެވެ.

"ސަބަބަކީ މިހާރު ވިޔަފާރި އަދި އިންވެސްޓް ކުރުމާއި ތިމާވެށީގެ މައްސަލަތަކުގައި ގުޅިގެން މަސައްކަތް ކުރުމާއި ކަލްޗަރަލް އެކްސްޗޭންޖްތަކުގެ ތެރެއިން ބައުންޑަރީތައް ވަނީ 'ފުސްވެފައި'،" އޭނާ ވިދާޅުވި އެވެ.

"މިހާރު، އިން ވަކިކުރުމަށް ވުރެ ބޮޑަށް މުހިންމީ، [އިމުގެ] އަނެއް ފަރާތުގައި ކަންތައްތަކެއް ކުރުން."

އޭނާ ވިދާޅުވީ އިން ވަކިކުރުމަށް ފަހު ދެ ފަރާތުން ގުޅިގެން މަސައްކަތް ނުކުރާ ނަމަ، މައްސަލަތަކެއް އުފެދޭނެ ކަމަށެވެ. މިސާލަކަށް ބޯޑަރު ކަނޑައެޅުމަށް ފަހު، މިއޮތީ ބޯޑަރޭ ކިޔާފައި ރޮނގެއް ދެއްކުމަކީ، އޭނާ ވިދާޅުވި ގޮތުގައި، ވަކި ކަމެކެވެ.

"އެއަށް ފަހު ދެން ކުރާނެ ކަންކަން ބަލަންވީ. މިސާލަކަށް މަސްވެރިކަން ހިމާޔަތްކުރާނެ ގޮތެއް. މިސާލަކަށް [އިން ވަކިކުރިޔަސް] ކަނޑުމަސްތަކަށް އިމެއް ނޯންނާނެ. އެއް ތަނުން އަނެއް ތަނަށް ގޮސް ގޮސް ތިބޭނީ،" އޭނާ ވިދާޅުވި އެވެ.

"ރާއްޖެ އާއި ޗާގޯސްއާ ދެމެދު ތާރީހީ ގޮތުން [ޔަގީނުން ވެސް އޮތް] ގުޅުމެއް އޮތްތޯ އުފެދޭ ސުވާލަކީ އިން ވަކިކުރުމުގެ މައްސަލަ ނިންމަން އެއްވެސް ބުރަދަނެއް ދޭނެ ކަމެއް ނޫން. އެއީ މި ވަގުތު ދިވެހިން ކުރަން އެންމެ މުހިންމު ސުވާލެއް ވެސް ނޫން... މި ވަގުތު ކުރަންވީ ސުވާލަކީ ޗާގޯސް އިން ބޭލި މީހުން އަލުން އެ ތަނުގައި ވަޒަންވެރިވުމުން މި ސަރަހައްދު ބޭނުންކުރުމުގައި ދިވެހިންނަށް އެއްވެސް އުނދަގުލެއް ވާނެތޯ ނުވަތަ ނޫންތޯ."

ގުޅުންހުރި ކަމެއް - އިން ވަކިކުރުމުގެ މައްސަލަ މޮރިޝަސް ކޮޅަށް ނިމިއްޖެ ނަމަ ދިވެހި މަސްވެރިކަމަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށް ބުނެ ދެކުނުގެ މަސްވެރިން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އިތުރަށް ކިޔާލަން -

ކޮމެންޓް (1)

ސްމޭޝް

25 އޮކްޓޯބަރު 2022
ރަނގަޅު ވާހަކައެއް!
0 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް