މިއަދުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވާހަކަދައްކަވަނީ. (ފޮޓޯ/މަޖިލީސް)

މޮރިޝަސްއާ އެއްކޮޅުވުމުން އެ އެއްބަސްވެވުނީ ރާއްޖޭގެ ބައެއް ދޫކޮށްލަން: ނަޝީދު

ނަޝީދު ވަނީ ޝަރީފްގެ ވާހަކަ ހުއްޓުވައި އެއްވެސް މެންބަރަކު ހަގީގަތް އޮޅޭ ގޮތަށް ވާހަކަ ނުދެއްކެވުމަށް އެދިވަޑައިގެންފައި
24 އޮކްޓޯބަރު 2022

ޗާގޯސް ރަށްތަކަކީ މޮރިޝަސްގެ ބައެއް ކަމަށް ދިވެހި ސަރުކާރުން ގަބޫލުކުރުމަކީ ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން ބައެއް ދޫކޮށްލުމަށް އެއްބަސްވުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މައްސަލައިގެ ފެށުން - މޮރިޝަސް އިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް)އަށް ހުށަހަޅައިގެން ކުރިއަށްދާ މައްސަލައިގެ އަޑުއެހުމުގައި މިދިޔަ ބުރާސްފަތި ދުވަހު ބަންޑާރަނައިބު އިބްރާހިމް ރިއްފަތު ވަނީ، ރާއްޖޭގެ ސްޓޭންޑް ބަދަލުވެ، މޮރިޝަސްއާ އެއްކޮޅަށް އދ.ގައި ވޯޓު ދޭނެކަން ހާމަކުރައްވާފަ އެވެ. އެ ނިންމުމާ ވިދިގެން ރާއްޖެ-މޮރިޝަސްގެ ކަނޑުގެ އިން ކަނޑައެޅުމާ ގުޅޭ މައްސަލައަށް އަސަރެއް ނުކުރާނެ ކަމުގެ ޔަގީންކަން ސަރުކާރުން ދިނަސް ބައެއް ފަރާތްތަކުން އަންނަނީ އެކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން ބައެއް ދޫކޮށްލަން ޖެހިދާނެ ކަމަށް ބުނެ، އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ވީ ކިހިނެއް؟ - ޗާގޯސްގެ މައްސަލައިގައި ދިވެހި ސަރުކާރުގެ ސިޔާސަތު ކުއްލިއަކަށް ބަދަލުވި ގޮތް ކުށްވެރިކޮށް އަދި އެކަން ސާފުކޮށްދިނުމަށް ގޮވާލައި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށަހެޅުއްވި މައްސަލައަށް މަޖިލީހުގެ މިއަދު ޖަލްސާގައި އަންނަނީ ބަހުސް ކުރަމުންނެވެ.

މޮރިޝަސްގެ ސިޔާދަތު ނުވަތަ ސޮވަރިނިޓީ ފޯޅަވަހީގެ މައްޗަށް އޮތް ކަމަށް ދިވެހި ސަރުކާރުން ގަބޫލުކުރީމާ ދެން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ދޫކޮށްލުމަށް ދިވެހި ސަރުކާރުން އެ އެއްބަސްވެވުނީ.

މުހައްމަދު ނަޝީދު / ރައްޔިތުންގެ މަޖިލީހުގެ ރައީސް

އެ ބަހުސްގައި، މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވީ ޗާގޯސް އަކީ މޮރިޝަސްގެ ބައެއް ކަމަށް ރާއްޖެއިން އެއްބަސްވި ނަމަވެސް ސަރަހައްދީ އިން ކަނޑައެޅުމުގެ މައްސަލައިގައި ރާއްޖެއިން މޮރިޝަސްއަށް ދޫ ދޭން އެއްބަސްވެފައި ނުވާ ކަމަށެވެ. އެހެންވެ، ސަރުކާރުން ރާއްޖޭގެ ބައެއް ދޫކޮށްލަން އެއްބަސްވީ ކަމަށް ބުނެ ދައްކަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް ޝަރީފް ވިދާޅުވެ ވާހަކަ ކުރިއަށް ގެންދަވަން ފެއްޓެވި އެވެ.

ތަފްސީލް - އެއާ އެކު، ނަޝީދު ވަނީ ޝަރީފްގެ ވާހަކަ ހުއްޓުވައި އެއްވެސް މެންބަރަކު ހަގީގަތް އޮޅޭ ގޮތަށް ވާހަކަ ނުދެއްކެވުމަށް އެދިވަޑައިގެންފަ އެވެ. އެއަށް ފަހު ނަޝީދު ވަނީ ވެގެން އުޅޭ ގޮތް ސާފުކޮށްދެއްވައިފަ އެވެ.

"މޮރިޝަސްގެ ސިޔާދަތު ނުވަތަ ސޮވަރިނިޓީ ފޯޅަވަހީގެ މައްޗަށް އޮތް ކަމަށް ދިވެހި ސަރުކާރުން ގަބޫލުކުރީމާ ދެން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ދޫކޮށްލުމަށް ދިވެހި ސަރުކާރުން އެ އެއްބަސްވެވުނީ،" ނަޝީދު ވިދާޅުވި އެވެ.

ރާއްޖެ، މޮރިޝަސް އަދި ޗާގޯސް އައިލެންޑްސް (ބްރިޓިޝް އިންޑިއަން އޯޝަން ޓެރިޓަރީ) ފެންނަ ޗާޓެއް.

މަޖިލީހުގެ ޖަލްސާ ސައި ގަޑިއަށް މެދުކަނޑާލުމުގެ ކުރިން ވެސް ނަޝީދު ވިދާޅުވީ:

  • އެ މަނިކުފާނުގެ ވެރިކަމުގައި ޗާގޯސްގެ ރަށްތަކަކީ ރާއްޖޭގެ ބައެއްގެ ގޮތުގައި ބައްލަވައިގެން މަސައްކަތް ކުރެއްވި ކަމަށް 

  • އެ ދައުވާ ދޫކޮށްލެވެން ނެތް ކަމަށް ވިދާޅުވެފައި ވާނެ ކަމަށް 

  • އެ މަނިކުފާނުގެ ސަރުކާރުގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދު ދޫނުކޮށްލާ ގޮތަށް މޮރިޝަސްއާ އެކު ރާއްޖޭގެ ކަނޑުގެ އިން ކަނޑައަޅަން މަސައްކަތް ކުުރުމަށް އިނގިރޭސި ސަރުކާރާ މަޝްވަރާކުރަން ރާއްޖެ-މޮރިޝަސް އެއްބަސްވުމެއް އެކުލަވާލި ކަމަށް

ނަމަވެސް، އެ މަނިކުފާނުގެ ސަރުކާރު ބަދަލުވެ، 2019އާ ހަމައަށް ވެސް މޮރިޝަސް އިން އެއްބަސްވުމާ އެއްގޮތަށް އަމަލު ކުރަން މަސައްކަތް ކުރި ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި އެ މައްސަލަ ކޯޓާ ހަމައަށް މޮރިޝަސް އިން ގެންދިޔައީ، ނަޝީދު ވިދާޅުވި ގޮތުގައި، ރާއްޖެއިން އެއްބަސްވުމަށް އިހުތިރާމް ނުކުރުމުންނެވެ.

ނަމަވެސް، އެކަމާ ގުޅޭ ސީދާ ތަފްސީލުތަކެއް ނަޝީދު ހާމައެއް ނުކުރައްވަ އެވެ.

ގުޅުން ހުރި ކަމެއް - ޗާގޯސްގެ މައްސަލައިގައި ރާއްޖޭން ޒަމާނުއްސުރެ ގެންގުޅެމުން އައި ސިޔާސަތު ބަދަލުކޮށް، މޮރިޝަސްއާ އެއްކޮޅަށް މި އަހަރުގެ އދ.ގެ އާންމު މަޖިލީހުގައި ވޯޓުލާން ނިންމުމަކީ ހާރިޖީ ސިޔާސަތާ ގުޅޭ ނިންމުމެއް ކަމަށް ވީއިރު، އެއީ ރައީސަށް ލިބިގެންވާ ބާރެއް ކަމަށާއި ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ފުށުއަރާ ބަޔާ ގުޅޭ ގޮތުން މިހާރު ކުރިއަށްދާ މައްސަލައިގައި ރާއްޖޭގެ ސިޔާސަތަށް އެއްވެސް ބަދަލެއް ނުގެންނަ ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ރޭ ވަނީ ބުނެފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް