އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު. (ފޮޓޯ/ ރައީސް އޮފީސް)

އައިޓޮލްސްގައި ކުރިއަށްދަނީ ތަފާތު މައްސަލައެއް؛ އދ.ގައި ވޯޓުލާނެ ގޮތެއް ރައީސަށް ނިންމޭނެ: އޭޖީ

އދ.ގައި މޮރިޝަސްއަށް ތާއީދުކޮށް ވޯޓުލުމުގެ ސަބަބުން ޓްރައިބިއުނަލްގައި ކުރިއަށްދާ މައްސަލައަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށް ބުނޭ
24 އޮކްޓޯބަރު 2022

ޗާގޯސްގެ މައްސަލައިގައި ރާއްޖޭން ޒަމާނުއްސުރެ ގެންގުޅެމުން އައި ސިޔާސަތު ބަދަލުކޮށް މޮރިޝަސްއާ އެއްކޮޅަށް މި އަހަރުގެ އދ.ގެ ޖެނެރަލް އެސެމްބްލީގައި ވޯޓުލާން ނިންމުމަކީ ހާރިޖީ ސިޔާސަތާ ގުޅޭ ނިންމުމެއް ކަމަށް ވީއިރު އެއީ ރައީސަށް ލިބިގެންވާ ބާރެއް ކަމަށާއި ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ފުށުއަރާ ބަޔާ ގުޅޭ ގޮތުން މިހާރު ކުރިއަށްދާ މައްސަލައިގައި ރާއްޖޭގެ ސިޔާސަތަށް އެއްވެސް ބަދަލެއް ނުގެންނަ ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން އަނެއްކާވެސް ރޭ ބުނެފި އެވެ.

ވީ ކިހިނެއް؟ - ފޯޅަވަހީގެ މިނިވަންކަމުގެ މައްސަލައިގައި ރާއްޖޭގެ ސްޓޭންޑް ބަދަލުވެ، މޮރިޝަސްއާ އެއްކޮޅަށް އދ.ގައި ވޯޓު ދޭނެކަން ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު ހާމަކުރެއްވީ ރާއްޖޭގެ އިގުތިސާދީ ސަރަހައްދުން ބައެއް ހޯދަން، ކަމާ ބެހޭ ޓްރައިބިއުނަލްއަށް ހުށަހަޅައިގެން ކުރިއަށްދާ މައްސަލައިގެ ތެރެއިން، މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެކަމާ ގުޅިގެން ބައެއް ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

މިއީ ތަފާތު ދެ މައްސަލައެއް ކަމަށާއި މޮރިޝަސްއާ އެއްކޮޅަށް އދ.ގައި ވޯޓުލައިގެން ޓްރައިބިއުނަލްގެ ނިންމުމަށް އަސަރެއް ނުކުރާނެ ކަމަށް އެޓާނީ ޖެނެރަލް (އޭޖީ)ގެ އޮފީހުން ކުރިން ވެސް ބުނެފައިވާ ބުނުން ތަކުރާރުކުރަމުން ރޭ ވަނީ ބަޔާނެއް ނެރެފަ އެވެ. އެ ބަޔާނުގައި އޭޖީގެ އޮފީހުން ވަނީ މި ދެ މައްސަލައާ ގުޅޭ ގޮތުން ސަރުކާރުން ދެކޭ ގޮތް ފުރަތަމަ ފަހަރަށް ތަފްސީލުކޮށް އާންމުކޮށް ކިޔައިދީފަ އެވެ.

ރާއްޖެ އާއި މޮރިޝަސްގެ މައްސަލަ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސްގައި ކުރިއަށް ދަނީ. (ފޮޓޯ/އިޓޮލްސް)

ބުނީ ކީކޭ؟ - އޭޖީ އޮފީހުން ބުނި ގޮތުގައި، އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓޮލްސް)ގައި މިހާރު ކުރިއަށްދާ މައްސަލައިގައި ރާއްޖޭން އިއުތިރާޒްކުރަނީ:

  • 1-

    ހިކި ދިޔައިގައި ފެންނަން އޮންނަ ބެހިމް ފަރުން ފެށިގެން އިން ކަނޑައަޅަން މޮރިޝަސް އިން ހުށަހަޅާފައިވާ ހުށަހެޅުމާ ދެކޮޅު ހަދަނީ، އެއީ ބޭސް ޕޮއިންޓެއް ކަމަށް ނުބަލައި އެ ސަރަހައްދު ބައިކުރުމަށް ރާއްޖޭން މަސައްކަތްކޮށް ކާމިޔާބުވެއްޖެ ނަމަ ރާއްޖެއަށް 4,687 އަކަ ކިލޯމީޓަރުގެ އިތުރު ސަރަހައްދެއް ލިބޭނެތީ

  • 2-

    ކޮމިޝަން އޮން ދަ ލިމިޓްސް އޮފް ދަ ކޮންޓިނެންޓަލް ޝެލްފް (ސީއެލްސީއެސް)އަށް ރާއްޖޭން 2010ގައި ހުށަހެޅި ހުށަހެޅުމާ ގުޅޭ ގޮތުން ސީއެލްސީއެސްގައި ގޮތެއް ކަނޑައެެޅުމަކީ ރާއްޖެއަށް އެންމެ ފައިދާ ބޮޑުވާނެ ގޮތަށް ވާތީ، ކޮންޓިނެންޓަލް ޝެލްފާ ގުޅޭ ގޮތުން މޮރިޝަސް އިން އިޓޮލްސްއަށް ހުށަހެޅި ހުށަހެޅުމަށް އެ ޓްރައިބިއުނަލަށް ގޮތެއް ނިންމިދާނެ ކަމަށް ރާއްޖެއަކުން ނުދެކޭ

  • 3-

    ކޮންޓިނެންޓަލް ޝެލްފާ ގުޅޭ ގޮތުން މޮރިޝަސް އިން ކަމާ ބެހޭ ފަންނީ ހެކިތައް ހުށަހަޅާފައި ނުވާތީ، އެކަން ބެލުމުގެ އިހްތިސޯސް ޓްރައިބިއުނަލަށް ލިބިގެންވާ ކަމަށް އެ ތަނުން ނިންމިޔަސް، އެއީ މޮރިޝަސްގެ ހައްގެއް ކަމަކަށް ރާއްޖެއަކުން ނުދެކޭ

"މި ބާވަތުގެ އެހެން މައްސަލަތަކުގައި ވެސް އާންމު އުސޫލުން ނިންމުންތައް ނިންމާ ހަމަތަކަށް ބަލާއިރު، މުއާހަދާގައި ބަޔާންކޮށްފައިވާ ބައިނަލްއަގުވާމީ ގާނޫނީ ހަމަތަކާ އެއްގޮތަށް، ފުށުއަރާ ކަނޑުގެ ސަރަހައްދުތަކުގެ ބައުންޑަރީ ޓްރައިބިއުނަލުން ކަނޑައަޅާނެ އެވެ،" ބަޔާނުގައިވެ އެވެ.

ބައިނަލްއަގުވާމީ އުސޫލުތަކަށް ރިއާޔަތްކުރާއިރު، އާންމު އުސޫލެއްގެ ގޮތުން ދެ ގައުމުގެ މެދުގައި އޮންނަ ފުށުއަރާ ސަރަހައްދުގެ ބައި ކަނޑައަޅަނީ އިކުއިޑިސްޓެންސްގެ ހަމަހަމަ އުސޫލުންނެވެ. އޭގެ ނަތީޖާއަކަށް ވާނީ، މުއާހަދާގައި ބަޔާންކޮށްފައިވާ ހަމަތަކާ އެއްގޮތަށް ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުގެ ބައުންޑަރީ ކަނޑައެޅި، ދިވެހިރާއްޖެއަށް އެ ސަރަހައްދުތަކުގެ މައްޗަށް ސިޔާދަތީ ހައްގުތައް ލިބިގެން ދިއުމެވެ."

އިޓޮލްސްގައި ކުރިއަށްދާ މައްސަލައިގައި ރާއްޖެ ތަމްސީލުކުރާ ޓީމު. (ފޮޓޯ/އިޓޮލްސް)

އދ.ގެ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ޗާގޯސްގެ މައްސަލައިގައި މޮރިޝަސް ކޮޅަށް ނިންމި ނިންމުމާ ގުޅޭ ގޮތުން އދ.ގެ އާންމު މަޖިލީހަށް ހުށަހެޅި ގަރާރަށް މޭ 2019ގައި ނެގި ވޯޓުގައި ރާއްޖޭން މޮރިޝަސްއާ ދެކޮޅަށް ވޯޓު ދިނީ، އޭޖީ އޮފީހުން ބުނި ގޮތުގައި، ކޮންޓިނެންޓަލް ޝެލްފްގެ މައްސަލައިގައި ސީއެލްސީއެސްއަށް ރާއްޖޭން ހުށަހެޅި ހުށަހެޅުމަށް މޮރިޝަސް އިން އިއުތިރާޒުކޮށް، 24 މާޗު 2011ގައި 'ފޯމަލް ޕްރޮޓެސްޓް' ހުށަހަޅާފައިވާތީ އެވެ.

ނަމަވެސް، އޭގެ ފަހުން މިހާރު ރާއްޖޭގެ ސްޓޭންޑް ބަދަލުވީ، އޭޖީ އޮފީހުން ބުނި ގޮތުގައި:

  • ރާއްޖެއަކީ ޑީކޮލޮނައިޒޭޝަނަށް އަބަދު ވެސް ތާއީދުކުރާ ގައުމަކަށް ވުން

  • މޮރިޝަސް އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން މިހާރު އިތުރަށް ބަދަހިވަމުން އައުން

"ޔޫއެން ޖެނެރަލް އެސެމްބްލީގައި ބަހުސްކުރެވޭ ވަކި ކަމެއްގައި ވަކި ގޮތަކަށް ވޯޓު ދިނުމަކީ ރާއްޖޭގެ ހާރިޖީ ސިޔާސަތާ ގުޅިފައިވާ ކަމެކެވެ. އަދި ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (މ)އަށް ބަލާއިރު، ހާރިޖީ ސިޔާސަތު ކަނޑައެޅުމާއި ހިންގުމާއި އެ ސިޔާސަތު ހިނގާ ނުހިނގާ ގޮތް ބަލައި ބޭރު ގައުމުތަކާއި ބައިނަލްއަގުވާމީ ޖަމިއްޔާތަކާ އެކު ގުޅުން ގާއިމުކޮށް ދެމެހެއްޓުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރެކެވެ،" ބަޔާނުގައިވެ އެވެ.

"ދިވެހިރާއްޖެ އާއި ޗާގޮސްއާ ދެމެދު އޮތް ކަނޑުގެ ސަރަހައްދުގެ ތެރެއިން ފުށުއަރާ ސަރަހައްދާ ގުޅޭ ގޮތުން ޓްރައިބިއުނަލްގައި ހިނގަމުންދާ މައްސަލައަކީ ރާއްޖެ ބައިވެރިވެފައިވާ މުއާހަދާގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ގޮތް ނިންމަން ޖެހޭ، މުޅިން ތަފާތު މައްސަލައެއް ކަމަށް ވާއިރު، އައިސީޖޭގެ ނިންމުން ތަންފީޒުކޮށް، ޗާގޯސް މޮރިޝަސްއާ ހަވާލުކުރުމަށް ގޮވާލާ ގަރާރަށް އދ.ގެ ޖެނެރަލް އެސެމްބްލީގައި ތާއީދުކޮށް ވޯޓުލުމުގެ ސަބަބުން ޓްރައިބިއުނަލްގައި ކުރިއަށްދާ މައްސަލައަށް އެއްވެސް އަސަރެއް ނުކުރާނެ އެވެ."

އެނގުން މުހިންމު - މިއީ މުޅިން ތަފާތު ދެ މައްސަލަ ކަމަށާއި އދ.ގައި ވޯޓުލާނެ ގޮތް ނިންމުމުގެ ބާރު ރައީސަށް ލިބިގެންވާ ކަމަށް އޭޖީ އޮފީހުން ބުނިއިރު، އިދިކޮޅު ފަރާތްތަކާއި ކުރީގެ އެޓާނީ ޖެނެރަލުން ވެސް ވަނީ މި މައްސަލައިގައި ރާއްޖޭގެ ސިޔާސަތު ބަދަލުކުރުމުގެ ކުރިން މަޖިލީހަށް ހުށަހެޅުމަކީ ގާނޫނުގެ ރޫހު ކަމަށް ވިދާޅުވެފަ އެވެ.

އިތުރަށް ކިޔާލަން -

އިތުރު އާޓިކަލް

އިތުރު އާޓިކަލް