ޗާގޯސް އައިލެންޑްސް: ރާއްޖޭގެ ސަރަހައްދުން ބައެއް ގެއްލުމުގެ ބިރު އޮތީ މޮރިޝަސް އާއި ރާއްޖޭގެ އީއީޒެޑް ބަހާނެ ގޮތަކާ މެދު ހިޔާލު ތަފާތުވެފައިވާތީ (ފޮޓޯ/ގެޓީ)

ރައީސް ސޯލިހުގެ ސިޓީފުޅު، ފުރަތަމަ ދިވެހިންނަށް

ރާއްޖޭގެ ސިޔާދަތީ މިނިވަންކަން ހިމާޔަތްކުރުމަށް ކަމަށް ބުނެ ދުނިޔޭގެ ކުރިމަތީގައި ރާއްޖެ ލަދުވެތިކަމާ ކުރިމަތިލި ނިންމުމެއް ބަދަލުކުރި އިރު ސަރުކާރުން ރައްޔިތުންނަށް ކިޔައެއް ނުދޭ
23 އޮކްޓޯބަރު 2022
7

މި ސަރުކާރު ވެރިކަމާ ހަވާލުވިތާ އެންމެ ފަސް މަސްދުވަހުގެ ތެރޭގައި އދ.ގެ އާންމު މަޖިލީހުގައި، އޭގެ ކުރިން ރާއްޖެއިން ދުނިޔޭގެ މައްސަލައެއްގައި އެކަހެރިނުވާ ވަރަށް އެކަހެރިވި އެވެ؛ ޗާގޯސް ރަށްތަކަކީ މޮރިޝަސްގެ ބައެއްގެ ގޮތުގައި ބަލައިގަތުމަށް ނެގިި ވޯޓުގައި އިނގިރޭސިންނާ އެއްކޮޅަށް ވޯޓު ދިން އެންމެ ހަ ގައުމުގެ ތެރޭގައި ރާއްޖެ ހިމެނުމެވެ.

އދ.ގެ އާންމު މަޖިލީހުގެ 193 ގައުމު ހިމެނޭ ވޯޓެއްގައި އިނގިރޭސީންނަށް ރާއްޖެ ތާއީދުކުރާނެކަން، 22 މެއި 2019 ގައި އޮތް ވޯޓުގެ ކުރިން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ރާއްޖޭގެ އިސް ބައެއް އެޑިޓަރުންނާ އެކު ފޮރިން މިނިސްޓްރީގައި އޮތް ބައްދަލުވުމެއްގައި ވިދާޅުވި އެވެ. އެ ބައްދަލުވުމުގައި އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުން އިނގިރޭސިންނާ އެއްކޮޅަށް ވޯޓު ދެނީ، ހަމައެކަނި ރާއްޖޭގެ ސިޔާދަތީ މިނިވަންކަން ހިމާޔަތްކުރުމުގެ ގޮތުންނެވެ.

އެކަމަކު މިހާރު މި އެނގުނީ، އެ ވޯޓުގެ ލަދުވެތިކަމާ ކުރިމަތިލައި، އޭގެ ފަހަތުން ލިބެން ޖެހޭނެ ނަތީޖާ ނުހޯދި، ސަރުކާރުގެ ސިޔާސަތު މުޅިން ބަދަލުވި ކަމެވެ. އަދި ޗާގޯސްގެ މައްސަލާގައި މޮރިޝަސްއަށް ތާއީދުކުރަން ރާއްޖެއިން ނިންމިކަން، ދިވެހި ރައްޔިތުންނަށް ފުރަތަމަ އެންގެވުމެއް ނެތި، މޮރިޝަސްގެ ބޮޑުވަޒީރަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހާއްސަ ސިޓީފުޅަކުން އެންގެވި ކަމެވެ.

މޮރިޝަސްގެ މައްސަލަ ރާއްޖޭގެ ތާރީހުގައި ވެސް ކުރިމަތިވި އެންމެ ބޮޑު މިލްކުވެރިކަމުގެ މައްސަލައަށް ވެގެން މި އުޅެނީ ރާއްޖޭގެ އިގުތިސާދީ ސަރަހައްދުގެ ބައެއް ގެއްލުމުގެ ފުރުސަތު އޮތީމަ އެވެ. ދިވެހި ރައްޔިތުންނަށް ޖަވާބުދާރީވެވަޑައިގަތުމާއި އެ މައްސަލާގައި ސަރުކާރުގެ ސިޔާސަތު އަކުރުން އަކުރަށް އަންގައިދެއްވަން ރައީސަށް މަޖުބޫރުވެވަޑައިގަންނަވަނީ، ބައިނަލްއަގުވާމީ ކޯޓެއްގައި ރާއްޖޭގެ ސަރަހައްދެއް 'ގުރުބާންކުރަން' ޖެހިދާނެތީ އެވެ. ކޯޓުގައި ރާއްޖެއަށް ކާމިޔާބުވުމާއި ނުވުމަކީ އެހެން ކަމެކެވެ. ރައީސް ސޯލިހަށް އޮތީ މި މައްސަލާގައި ރައްޔިތުންނާ ކައިރިއަށް ޖެހިވަޑައިގެން، ކަންކަން އޮޅުންފިލުވައިދެއްވުމެވެ.

ދުނިޔޭގެ ކަނޑުތަކުގެ ގާނޫނު ބުނާގޮތުން ކޮންމެ ގައުމަކަށް ވެސް، އައްސޭރިފަށުން ފެށިގެން 200 މޭލު އެ ގައުމެއްގެ ހާއްސަ އިގްތިސާދީ ސަރަހައްދު (އީއީޒެޑް)ގެ ގޮތުގައި ކަނޑައެޅެ އެވެ. އަދި ޖެހިގެން އޮންނަ ގައުމެއްގެ އީއީޒެޑްއާ ފުށުއަރާ ނަމަ، އަމަލުކުރަން އޮންނަ ގޮތަކީ، ފުށުއަރާ ސަރަހައްދާ އެންމެ ގާތުން އޮންނަ އައްސޭރިފަށުން ފެށިގެން، ދެ ގައުމަށް އެއްވަރަށް ބަހާލުމެވެ. ރާއްޖެ އާއި ޗާގޯސްއާ ދެމެދު އީއީޒެޑް ފުށުއަރާ 95،000 އަކަ ކިލޯމީޓަރުގެ ސަރަހަދެއް އެބައޮތެވެ. މިފަދަ ސަރަހައްދުތައް ބަހާނެ ގޮތަކާ މެދު ދެ ގައުމަަށް އެއްބަސްނުވެވޭ ނަމަ އެ މައްސަލައެއް ހިފައިގެން ދާން އޮންނަނީ ޖަރުމަންގެ ހަމްބާގުގައި ހުންނަ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ސީ (އިޓްލޮސް) އަށެވެ. އެ ކޯޓުން މިދިއަ އަހަރުގެ ކުރީކޮޅު ރާއްޖެއަށް ވަނީ ނާކާމިޔާބީއަކާ ކުރިމަތިވެފަ އެވެ. އީއީޒެޑް ފުށުއަރާ ސަރަހައްދު ބަހާނެ ގޮތަކާ މެދު މޮރިޝަސް އިން ކުރާ ދައުވާ ބެލޭނެ ކަމަށް ޓްރައިބިއުނަލުން ނިންމުމެވެ.

މޮރިޝަސް އިން މި މައްސަލަ ރަސްމީކޮށް ނެގީ ޗާގޯސް ރަށްތަކަކީ މޮރިޝަސްގެ ބައެއް ކަމަށް، އދ.ގެ އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް (އައިސީޖޭ) އަށް ފެންނަ ކަމަށް 2019 ގައި ލަފާ ދިނުމުންނެވެ. 

ކަނޑުގެ ގާނޫނާ ބެހޭ އދ. ގެ ހާއްސަ ޓްރައިބިއުނަލްގައި އެޓާނީ ޖެނެރަލް އިބްރާހިމް ރިއްފަތު ވާހަކަ ދައްކަވަނީ

ޗާގޯސް 19 ވަނަ ގަރުނުގެ ކުރީކޮޅުން ފެށިގެން އޮތީ އިނގިރޭސިވިލާތުގެ ތަނެއްގެ ގޮތުގަ އެވެ. އެ ރަށްތަކުގެ ތެރޭގައި ހިމެނޭ އެންމެ ބޮޑު ރަށް، ޑިއަގޯ ގާސިއާއަކީ އެމެރިކާގެ އެންމެ ވަރުގަދަ އެއް އަސްކަރީ މަރުކަޒެވެ.

އެކަމަކު 1968 ގައި މޮރިޝަސް މިނިވަންވުމާ އެކު އިނގިރޭސީން އެ ރަށްތައް އެންމެ 3.6 މިލިއަން ޑޮލަރަށް ހޯދުމާ އެކު އިނގިރޭސީން ބުނަނީ އެއީ އެ މީހުންގެ މިލްކެއް ކަމަށެވެ. މި ސަރުކާރު ވެރިކަމާ ހަވާލުވިތާ މާ ގިނަ ދުވަހެއް ނުވެ 22 މެއި 2019 ގައި އދ.ގެ އާންމު މަޖިލީހުގައި ވޯޓު ނެގީ، އައިސީޖޭގެ ލަފާއާ އެއްގޮތަށް، ޗާގޯސްގެ ސިޔާދަތީ ހައްގުވެރިއަކީ މޮރިޝަސް ކަމަށް އދ. ގެ ޖަމާއަތްތަކުން ބަލައިގަތުމަށެވެ. އިނގިރޭސީންނާ އެއްކޮޅަށް ވޯޓު ދިނީ ރާއްޖޭގެ އިތުރުން އެމެރިކާ އާއި އިޒުރޭލާއި ހަންގެރީ އަދި އޮސްޓްރޭލިޔާ އެވެ.

ދެކުނުން ރާއްޖޭގެ އިގުތިސާދީ ސަރަހައްދު ކަނޑައަޅާފައި އޮތް ގޮތާ މެދު އިނގިރޭސިވިލާތުން ދެބަހެއް ނުވެ އެވެ. އެކަމަކު މޮރިޝަސްއަށް އެއީ މައްސަލައެކެވެ. އެހެންކަމުން މޮރިޝަސް އިން މައްސަލަ ހުށައެޅީ ހަމްބާގުގައި ހުންނަ ޓްރައިބިއުނަލަށެވެ. އެ މައްސަލާގައި 2021ގެ ކުރީކޮޅު އޮތް އިޖުރާއީ އަޑުއެހުމުގައި ރާއްޖެއިން ވަކާލާތުކުރީ، އައިސީޖޭ އިން ލަފާދީފައި އޮތަސް، ޗާގޯސް ރަށްތަކުގެ ފުރިހަމަ ސިޔާދަތީ ބާރު އޮތީ އިނގިރޭސީންގެ ދަށުގައި ކަމަށާއި އެކަން ހައްލުނުކޮށް މޮރިޝަސްއަށް ރާއްޖެއާ ދެކޮޅަށް މައްސަލަ ހުށައެޅި، އިގުތިސާދީ ސަރަހައްދު ބަހާނެ ގޮތަކާ މެދު ކޯޓަށް ގޮތެއް ނުނިންމޭނެ ކަމަށެވެ. ނަމަވެސް ކޯޓުން ނިންމީ އެ ބާރު އެ ކޯޓަށް ލިބިގެންވާ ކަމަށެވެ. މިދިއަ ހޯމަދުވަހުން ފެށިގެން ހަމްބާގުގައި ކުރިއަށް އެ ދަނީ މައްސަލައިގެ އަސްލު އަޑުއެހުންތަކެވެ. ބޭރުގެ ތަޖުރިބާކާރުން ހިމެނޭ ވަކީލުންގެ ޓީމުގައި އިސްކޮށް ހުންނެވީ އެޓާނީ ޖެނެރަލް އިބްރާހިމް ރިއްފަތެވެ.

ރާއްޖެ އާއި މޮރިޝަސްއާ ދެމެދު ހިޔާލު ތަފާތުވެގެން އުޅެނީ ފުށުއަރާ 95،000 އަކަ ކިލޯމީޓަރުގެ ސަރަހައްދު ދެ ގައުމުގެ މެދުގައި ބަހަން ރޮނގު ދަމަން ފަށާނެ ތަންތަނާ މެދު އެވެ. ރާއްޖެއިން ވަކާލާތުކުރަނީ ޗާގޯސް ރަށްތަކުގެ އެންމެ އުތުރަށް އޮންނަ އައްސޭރިފަށް ކަމަށްވާ ޕެރޮސް ބަންހޮސް އަތޮޅުން ފެށުމަށެވެ. ނަމަވެސް މޮރިޝަސް އިން ވަކާލާތުކުރަނީ އެ އަތޮޅަށް ވުރެ ރާއްޖެއާ ކައިރިއަށް އޮންނަ ބެހިމް ފަރު ވެސް، އިން ކަނޑައަޅަން ބަލާ ޕޮއިންޓެއްގެ ގޮތުގައި، ހިމަނާށެވެ. ހަމައެކަނި ހިކި ދިޔައިގައި ފެނުން މައްޗަށް ފެންނަ ކަމަށް މޮރިޝަސްގެ ސާވޭއަކުން ދައްކާ މި ފަރު ހިމަނައިގެން ރޮނގު ދަމައިފި ނަމަ، ރާއްޖޭގެ އީއީޒެޑް ކަމަށް މިހާރު ބަލާ ސަރަހައްދުން ބައެއް ގެއްލޭނެ އެވެ. މީގެ އިތުރުން، ރާއްޖޭގެ އިން ކަނޑައަޅަންވާނީ އައްޑޫ އާއި ފުވައްމުލަކުން ފެށިގެން ކަމަށް ވެސް މޮރިޝަސްއިން ބުނެ އެވެ.

މި މައްސަލާގައި ދިވެހި ރައްޔިތުން ތިބީ އަނދިރީގަ އެވެ. މިދިއަ ހޯމަދުވަހު އަޑުއެހުންތައް ފެށުމުގެ ކުރިން ވެސް، ސަރުކާރުން އިސްވެ މީޑިއާއަށް ތަފުސީލީ މައުލޫމާތު ދީފައެއް ނުވެ އެވެ. ހާއްސަކޮށް މިއީ ގާނޫނީ ގޮތުން ޓެކްނިކަލް ބައިތައް ގިނަ މައްސަލައަކަށް ވާތީ އާންމު ދިވެހިންނަށް އެކަން ކިޔައިދިނުން ވެސް ތިލަކުރަން ޖެހެ އެވެ. އެއީ އެޓާނީ ޖެނެރަލްގެ އޮފީހުގެ ޒިންމާއެކެވެ.

ޗާގޯސް އައިލެންޑްސްގެ ތެރޭގައި ހިމެނޭ އެންމެ ބޮޑު ރަށް ޑިއެގޯ ގާސިއާ ނުވަތަ ފޯޅަވަހި

ޗާގޯސްގެ މައްސަލާގައި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2017 ގައި ވެސް ރާއްޖެ އިން ތާއީދުކުރީ އިނގިރޭސިވިލާތަށެވެ. މި ސަރުކާރުގެ ފެށުން އައީ ވެސް އެ މިސްރާބުގަ އެވެ. އެކަމަކު ރާއްޖޭގެ ސިޔާސަތު ބަދަލުވިކަން ރައްޔިތުންނަށް އެންގެވުމުގެ ކުރިން 22 އޮގަސްޓްގައި ރައީސް ސޯލިހު އެންގެވީ މޮރިޝަސްގެ ބޮޑުވަޒީރަށެވެ. އެ 'ސިއްރު' ރިއްފަތު ހާމަކުރެއްވީ ހަމްބާގުގައި ވާހަކަ ދައްކަވަމުންނެވެ.

ރާއްޖޭގެ ސަރަހައްދުން ބައެއް ގެއްލުމުގެ ފުރުސަތު އޮތް މައްސަލައެއް އދ. ގެ ކޯޓެއްގައި ކުރިއަށް މިދަނީ ދިވެހިންނަށް އޭގެ މާ ގިނަ މައުލޫމާތުތަކެއް ނުލިބި އެވެ. އޭޖީގެ ހައިސިއްޔަތުން ރިއްފަތު ވެސް، އަދި އޭޖީ އޮފީހުން ވެސް، މި މައްސަލާގައި ދިވެހިންނަށް ކަންކަން އޮޅުންފިލުވައިދިނުމުގެ މާ ބޮޑު ދައުރެއް އަދައެއް ނުކުރެ އެވެ.

އދ.ގެ އާންމު މަޖިލީހުގައި ރާއްޖެއިން ލަދުވެތިކަމާ ކުރިމަތިލީ، އެ ވޯޓުގެ ސަބަބުން ރާއްޖޭގެ ސަރަހައްދު ހިމާޔަތްކުރެވޭނެ ކަމަށް ބަލައިފަ އެވެ. އެހެންކަމުން އެ ސިޔާސަތު ސަރުކާރުން ބަދަލުކުރި ނަމަ، އެކަން ދިވެހިންނަށް އެނގުން ވަރަށް މުހިންމެވެ. އެއީ ކޯޓުގައި އޭޖީ ދެއްވާ ބަޔާނުގައި ވިދާޅުވުމުގެ ކުރިން ދިވެހިންނަށް ލިބެން ޖެހޭނެ މައުލޫމާތެއް ވެސް މެ އެވެ.

ރާއްޖޭގެ ސަރަހައްދާ ބެހޭ ގޮތުން މީގެ ކުރިން ދުވަހަކު ވެސް އދ. ގެ ކޯޓެއްގައި ދިފާއުވާކަށް ނުޖެހެ އެވެ. އެހެންކަމުން ގައުމީ ނަޒަރަކުން ބަލާ ނަމަ ދިވެހިންނަށް މި މައްސަލައިގެ މައުލޫމާތު ދުވަހުން ދުވަހަށް، އޭޖީގެ ފަރާތުން ތިލަވާން ޖެހެ އެވެ. އަދި ސަރުކާރުގެ ބޮޑު ސިޔާސަތެއް ބަދަލުވާ ނަމަ ރައީސް ސޯލިހު ވެސް އެކަން ސާފު ބަހުން ދިވެހި ރައްޔިތުންނަށް އަންގަވަން ޖެހެ އެވެ.

ޝަރީއަތުން ނުކުންނަ ނަތީޖާއަކީ، ކުރިން ވެސް ބުނިހެން، އަދި އެހެން ކަމެކެވެ.

ކޮމެންޓް (7)

ފާއިޒު

24 އޮކްޓޯބަރު 2022
ބުނަންވީ ނުރުހެމޭ. އެކަމަކު ސަރުކާރު ނަގަހައްޓާ ދެމެހެއްޓުމަށް ކުރެވެންހުރި ހުރި ހުރިހާ ކަމެއް ކޮށްދޭ. ތަޅުލެވިފަ ހުރީމަ. ެެެ
1 0

ގާލިބް

23 އޮކްޓޯބަރު 2022
ކެނެރީ ކެރަފާ މިއިންބަޔަކު ދުވަހަކު ދިވެހީންނަށް ހެވެއް ނޭދޭނެ.
9 3

ޒައިކް

23 އޮކްޓޯބަރު 2022
އެކަހެރިވީލެއް ބޮޑުކަމުން އދގެ އާންމު މަޖިލީހުގެ ރައީސްގެ ގޮނޑިޔާ ހިއުމަންރައިޓްސް ކައުންސިލުގެ ގޮނޑިވެސް ރާއްޖެއަށް ލިބުނީ ދެއްތޯ؟؟ އެއީ ޔާމީނު ވެރިކަމުގަ ވާދަކޮށް ބޮޑު ލަދެއް ލިބިފަ އޮތް ކަމެއް. އެތަށް ޤައުމަކުން އޮން އެރައިވަލް ވިސާ ދިނީވެސް ދުނިޔެއާ އެކަހެރި ވީމަތޯ؟؟ އެކަހެރިވެ ބާކީ ވީ މީހުން ވަރަށް ސާފު.. ގުނބޯ ހައްދަން ނޫޅުއްވާ ތިކަހަލަ ނުކިޔަވާ މީހުންނެއް ނޫން ކިޔަން ތިބީ
5 36

ޢަލިބެ

23 އޮކްޓޯބަރު 2022
@ޒައިކް އެއީވެސް ބޮޑުބޭބެ ގޯތި ދަމައިގަންނަން ދިން މެޓާ އެއް
17 1

ތަރަބެ

23 އޮކްޓޯބަރު 2022
@ޒައިކް ތިޔަ ހުރިހާ ކަމެއްގެ ބޭނުމުގަ ގައުމުން ބައެއް ދޫކޮށްލީ ދެއްތޯ؟
12 1

ޢަލި އިބްރާހިމް

23 އޮކްޓޯބަރު 2022
މޮރިޝަސް ގެ މައްސަލައިގަ މިހަަރު ރާއްޖެ ބުނަންޖެހޭނީ އިންޑިއާ ބުނާ ވާހަކައެއް. ޢިންޑިއާގެ މަރުކަޒެއް މޮރިޝަސްގަ ހުންނާނެ. ޢިންޑިއާ ފަސްޓް ގެ ސުޔާސަތު ރާއްޖެއަށް މުހިމުވާނެ ރާއްޖޭގެ މިނިވަންކަމާ ސިޔާދަތަށް ވުރެ.
22 1

ހަންނާނު

23 އޮކްޓޯބަރު 2022
@ޢަލި އިބްރާހިމް ދެން ހަމަ ފިއްތައިލައިގެން ތިބެންޖެހޭނީ
0 9

އިތުރު އާޓިކަލް

އިތުރު އާޓިކަލް