ކުރީގެ ބަންޑާރަ ނައިބުން ކަމަށްވާ ޑރ. މުނައްވަރު (ކ) އާއި ޑރ. ހަސަން.
ޗާގޯސް މައްސަލައިގައި ސިޔާސަތު ބަދަލުވި ސަބަބު ހާމަނުކުރާތީ ކަންބޮޑުވުން ފާޅުކުރަނީ
ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސްއަކީ މޮރިޝަސްގެ ބައެއްގެ ގޮތުގައި ބަލައިގަންނަން ރާއްޖޭން ނިންމި މައްސަލައިގައި ރާއްޖޭގެ ސްޓޭންޑް ކުއްލިއަކަށް ބަދަލުކުރަން މެދުވެރިވި ސަބަބު ސަރުކާރުން ހާމަނުކުރާތީ އެކަމުގެ ކަންބޮޑުވުން، ކުރީގެ ބަންޑާރަ ނައިބުން ޑރ. މުހައްމަދު މުނައްވަރާއި ޑރ. ހަސަން ސައީދު މިއަދު ފާޅުކުރައްވައިފި އެވެ.
ވީ ކިހިނެއް؟ - ޗާގޯސް މައްސަލައިގައި ރާއްޖޭގެ ސްޓޭންޑް ބަދަލުވެ، މޮރިޝަސްއާ އެއްކޮޅަށް އދ.ގައި ވޯޓު ދޭނެކަން ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު ހާމަކުރެއްވީ ރާއްޖޭގެ އިގުތިސޯދީ ސަރަހައްދުން ބައެއް ހޯދަން ކަމާ ބެހޭ ޓްރައިބިއުނަލްއަށް ހުށަހަޅައިގެން ކުރިއަށްދާ މައްސަލައިގެ ތެރެއިން، މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެގޮތުން:
-
ރާއްޖޭގެ ސިޔާސަތު ބަދަލުވެފައި ވާކަން އަންގަވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ސިޓީ ފޮނުއްވީ މިދިޔަ އޮގަސްޓް 22ގައި
-
މި ސިޓީގައި، އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އިން މޮރިޝަސްއާ އެއްކޮޅަށް ނެރެފައިވާ އެޑްވައިޒަރީ ބަލައިގަންނަން ވޯޓު ދޭނެ ކަމުގެ ޔަގީންކަން އެރުވި
-
ދިވެހި ސަރުކާރުގެ ސިޔާސަތަށް އައި ބަދަލާ ގުޅިގެން މޮރިޝަސް ސަރުކާރުން ވަނީ، އިގުތިސޯދީ ސަރަހައްދުގެ ބައުންޑަރީގެ ބޭނުމަށް ކުރި ބެހިމް ފަރުގެ ދިރާސާގެ ހަރަދުތައް ނަގައިދިނުމުގެ މައްސަލަ އަނބުރާ ގެންގޮސްފައި
-
ސަރުކާރުން ބުނީ ސްޓޭންޑް ބަދަލުކުރީ، ޓްރައިބިއުނަލްގައި ކުރިއަށްދާ މައްސަލަ އާއި ރާއްޖޭގެ ކޮންޓިނެންޓަލް އިން ކަނޑައަޅައިދޭން މޮރިޝަސް އިން އިއުތިރާޒުކުރާ މައްސަލައަށް އަވަސް ހައްލެއް ގެންނަން ކަމަށް
ބުނީ ކީކޭ؟ - އެކަމަކު، ރާއްޖޭގެ ބާރު ހިނގާ އިގުތިސޯދީ ސަރަހައްދާ ގުޅޭ އެއްވެސް މައްސަލައެއް ނިންމޭނީ ރައްޔިތުންގެ މަޖިލީހުގެ ރުހުމާ އެކީ، ސިޔާސަތު ބަދަލުވީ ސަބަބު އާންމު ރައްޔިތުންނަށް ހާމަކޮށްދިނުމަށް ފަހުގައި ކަމަށް މުނައްވަރާއި ހަސަން ސައީދު ވެސް މިއަދު ވިދާޅުވި އެވެ.
ޑީލަކަށް ވެދާނެ؛ ސަބަބު ކިޔައިދޭން ޖެހޭ: މުނައްވަރު
މެރިޓައިމް ލޯގެ ތަޖުރިބާކާރު މުނައްވަރު 'ދައުރު'އަށް ވިދާޅުވި ގޮތުގައި، ދިވެހި ކަނޑުތަކުގެ ސަރަހައްދާ ބެހޭ ގާނޫނާއި ބައިނަލްއަގުވާމީ މުއާހަދާތަކާ އެއްގޮތަށް، ރާއްޖޭގެ އިގުތިސޯދީ ސަރަހައްދު ކަނޑައެޅީ ބޭސްލައިންތަކުން ފެށިގެން 200 ނޯޓިކަލް މޭލެވެ. އެއީ ބައިނަލްއަގުވާމީ ހަމަތަކުން ރާއްޖެއަށް ލިބޭ ހައްގެއްކަން އޭނާ ފާހަގަކުރެއްވި އެވެ.
ކަން މިހެން އޮއްވައި ޗާގޯސް މައްސަލައިގައި މޮރިޝަސް ކޮޅަށް ދީލާލުމުން އެ ސަރަހައްދުން ބައެއް އުނިވުމުގެ ފުރުސަތު އެބަ އޮތްކަން މުނައްވަރު ފާހަގަކުރެއްވި އެވެ. އަދި މިއީ ހުރިހާ ދިވެހިންނާ ގުޅޭ މައްސަލައަކަށް ވާއިރު، މޮރިޝަސް ކޮޅަށް އަރަން ނިންމީ ކީއްވެގެން ސާފުކޮށް ރައްޔިތުންނަށް އެނގެން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"ލުޔެއް ދިނުމުގެ މާނައަކީ، ރެޑީއޭ ބައެއް ދޫކޮށްލަން. ސުލްހަވެރިކަމާ އެކީ ވާހަކަ ދައްކައިގެން ވިޔަސް އޯކޭއޭ ބައެއް ދޫކޮށްލަން. މިހެން ޑީލު ހަދަންޏާ ދިވެހި ރައްޔިތުންނަށް ކިޔައިދޭން އެބަޖެހޭ މިވާ ގޮތެއް،" މުނައްވަރު ވިދާޅުވި އެވެ.
ހަމަ އެހެންމެ، ގާނޫނު އޮތް ގޮތުން މަޖިލީހުގެ ބަހެއް ނެތި މިކަން ނުކުރެވޭނެ ކަމަށް ވެސް މުނައްވަރު ވިދާޅުވި އެވެ. މީގެ ކުރިން ވެސް މުނައްވަރު ވަނީ މި މައްސަލައަށް ދޭން ޖެހޭ ވަރަށް ސަމާލުކަން ނުދޭ ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
-
އިތުރަށް ކިޔާލަން - ރާއްޖެ-މޮރިޝަސް މައްސަލައިގައި ޑރ. މުނައްވަރުގެ ކަންބޮޑުވުން
ސިޔާސަތު ބަދަލުވާއިރު ހާމަކަން ބޮޑުވާން ޖެހޭނެ: ހަސަން
ގާތްގަނޑަކަށް ހަމަ އެއް ވާހަކަތަކެއް ދައްކަވަމުން، ހަސަން ސައީދު ވެސް 'ދައުރު'އަށް ވިދާޅުވީ ސަރުކާރުގެ މިވަރުގެ ބޮޑު ސިޔާސަތެއް ބަދަލުވާއިރު މިއަށް ވުރެ ހާމަކަން ބޮޑު ގޮތަކަށް ރައްޔިތުންނަށް މި ވާހަކަތައް އޮޅުންފިލުުވައިދޭން ޖެހޭ ކަމަށެވެ. އަދި ރާއްޖޭގެ ސަރަހައްދީ ކަންކަމާ ގުޅޭ އެއްވެސް ކަމެއްގައި ރައްޔިތުންގެ މަޖިލީހަށް މެނުވީ ގޮތް ނުނިންމޭނެ ކަމަށް ގާނޫނުގައި ކަނޑައަޅާފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.
"ލޯ އޮފް ދަ ސީ އާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ގާނޫނާ ދެކޮޅަށް، ތަންކޮޅެއް ދޫކުރެވޭ ގޮތަށް ސަރުކާރުގެ ޕޮލިސީ ބަދަލުވަންޏާ އެކަމެއް ނުކުރެވޭނެ. ގާނޫނުގައި އޮތް ގޮތުން ރައްޔިތުންގެ މަޖިލީހުގެ ދައުރެއް އޮވެގެން ނޫނީ ދިވެހި ސަރަހައްދުގެ އެއްވެސް ތަނެއް ދުލެއް ނުކުރެވޭނެ،" ހަސަން ވިދާޅުވި އެވެ.
އޭގެ އިތުރުން، މިއީ ހުރިހާ ރައްޔިތުންގެ މަސްލަހަތު ހިމެނޭ ކަމަކަށް ވާތީ، މި ނިންމުމާ ހަމައަށް ވާސީލުވީ ގޮތެއް ދިވެހި ރައްޔިތުންނަށް ސާފުކޮށްދޭން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެނގުން މުހިންމު - މޮރިޝަސް އިން ޓްރައިބިއުނަލަށް ހުށަހަޅާފައިވާ މައްސަލައިގައި އެދިފައިވަނީ ޗާގޯސްގެ ބެހިމް ފަރުން ފެށިގެން 200 ނޯޓިކަލް މޭލުގެ ސަރަހައްދެއް، އެ ގައުމުގެ އިގުތިސޯދީ ސަރަހައްދުގެ ތެރޭގައި ހިމަނައިދިނުމަށެވެ. ޓްރައިބިއުނަލުން މޮރިޝަސް ކޮޅަށް މައްސަލަ ނިމިއްޖެ ނަމަ، ރާއްޖޭގެ އިގުތިސޯދީ ސަރަހައްދުން ގާތްގަނޑަކަށް 96،000 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ބައިކުރަން ޖެހޭނެ އެވެ.
-
އިތުރަށް ކިޔާލަން - ރާއްޖޭން ޗާގޯސް މައްސަލައިގައި ދޫދީ ވޯޓު މޮރިޝަސް ކޮޅަށް
ކޮމެންޓް (2)
ރާސްޓަސް
ޢަލީ ވަޙީދު