ޗާގޯސް އައިލެންޑްސް (ފޮޓޯ/ ގެޓީ)

ރާއްޖެ-މޮރިޝަސްގެ ކަނޑުގެ ސަރަހައްދު ކަނޑައެޅުމުގެ މައްސަލައިގައި ޑރ. މުނައްވަރުގެ ކަންބޮޑުވުން

7 ނޮވެމްބަރު 2021

ކަނޑުތަކާ ބެހޭ ބައިނަލްއަގުވާމީ ޓްރައިބިއުނަލްއަށް މޮރިޝިއަސްއިން ހުށަހަޅާފައިވާ ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދު ބައިކޮށް ވަކިކުރުމާ ބެހޭ މައްސަލައިގައި ދިވެހި ސަރުކާރުން ދޭންޖެހޭ ސަމާލުކަން ނުދޭ ކަމަށާއި އެކަން ނިމޭ ގޮތަކުން ރާއްޖޭގެ ހައްގުތަކެއް ގެއްލިދާނެ ކަމަށް ބުނެ، ކުރީގެ ބަންޑާރަނައިބު ޑރ. މުހައްމަދު މުނައްވަރު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - އައްޑު އަތޮޅުގެ ދެކުނުން ރާއްޖޭގެ އިގްތިސާދީ ސަރަހައްދު މޮރިޝަސްގެ ސިޔާސަތުގެ ދަށުގައިވާ ޗާގޯސް އާކިޕެލާގޯގެ ކަނޑުގެ ސަރަހައްދާ ފުށުއަރާ ކަމަށް ބުނެ މޮރިޝަސްއިން ކަނޑުތަކުގެ ގާނޫނާ ބެހޭ ބައިނަލްއަގުވާމީ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅީ 2019ގަ އެވެ. އެ މައްސަލައިގެ އަޑުއެހުންތައް އޮކްޓޫބަރު 2020ގައި ފެށުމުން ރާއްޖޭގެ ފަރާތުން ވާހަކަދައްކަވަމުން ބަންޑާރަނައިބު އިބްރާހިމް ރިފްއަތު ވިދާޅުވީ އެ މައްސަލަ ހުށަހެޅީ އިމުގެ މައްސަލައިގައި ހިލާފެއް އުފެދިގެން ނޫން ކަމަށާއި، އެހެން މަގުސަދެއް ހާސިލުކުރުމަށް ކަމަށެވެ.

ތަފްސީލް - އެ މައްސަލައާ ގުޅޭގޮތުން މުނައްވަރު މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ދެ ގައުމުގެ ދެމެދުގައި ކަނޑުގެ ސަރަހައްދު ބައިކޮށް ވަކިކުރުމުގެ މައްސަލައަކީ ދިވެހި ސަރުކާރުން ވަރަށް ފުންކޮށް ވިސްނަންޖެހޭ ވަރަށް ސީރިއަސް އަދި އެހާމެ މުހިންމު ގައުމީ މައްސަލައެއް ކަމަށެވެ. އެގޮތުން އެއީ، މި މައްސަލައަކީ ދިވެހި ރައްޔިތުންނާއި މަސްވެރިން ފުންކޮށް ވިސްނައި ކަންބޮޑުވާންޖެހޭ މައްސަލައެއް ކަމަށް ވިދާޅުވި އެވެ.

"މި މައްސަލަ ހުށަހެޅި ހިނގަމުން އަންނަތާ ދެ އަހަރަށް ވުރެ ގިނަ ދުވަސްވެ، ކައިރި ތާރީހެއްގައި ރާއްޖެއިން މައްސަލައިގައި ޖަވާބުދޭންޖެހިފައިވާއިރު، މިފަދަ މުހިންމު މައްސަލައަކަށް ދޭންޖެހޭ އަހުމިއްޔަތާއި ސަމާލުކަން ދިވެހި ސަރުކާރުން މި މައްސަލައިގައި ދޭތަނެއް ނުފެނެ އެވެ." މުނައްވަރު ވިދާޅުވި އެވެ.

މުނައްވަރު ވިދާޅުވި ގޮތުގައި:

  • އެ މައްސަލައަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ބަދަލުތަކެއް އައިސް، ދިވެހި މަސްވެރިކަމަށް ނޭދެވޭ އަސަރުތަކެއް ކުރުމުގެ ބިރު އޮތް މައްސަލައެއް

  • އެ މައްސަލައިގެ މައުލޫމާތު ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންނާ ފުރިހަމައަށް ހިއްސާކުރުމަށް އެޓާނީ ޖެނެރަލާއި ފޮރިން މިނިސްޓްރީ އަދި ޑިފެންސް މިނިސްޓްރީއަށް ގޮވާލި

"މި މައްސަލައިގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް އެއްވެސް ނޭދެވޭ ބަދަލެއް ނުވަތަ އަސަރެއް ކޮށްފާނެ ފަދަ ނުވަތަ ދިވެހި މަސްވެރިންގެ އެއްވެސް ހައްގަކަށް އުނިކަމެއް ލިބިދާފަދަ އެއްވެސް ކަމެއް ނުކުރުމަށް ދިވެހި ސަރުކާރަށް އިލްތިމާސްކުރަމެވެ." މުނައްވަރު ވިދާޅުވި އެވެ.

އެނގުން މުހިންމު - ރާއްޖޭގެ ކޮންޓިނެންޓަލް ޝެލްފްގެ ސަރަހައްދު ކަނޑައަޅައިދިނުމަށް 2010 ގައި ރާއްޖޭން "ކޮމިޝަން އޮން ދަ ލިމިޓްސް އޮފް ދަ ކޮންޓިނެންޓަލް ޝެލްފް"ގައި އެދުމުން މޮރިޝަސް އިން ވަނީ އެކަމަށް އިއުތިރާޒްކޮށްފަ އެވެ. މޮރިޝަސް އިން ބުނީ ރާއްޖޭން ހުށަހެޅި ސަރަހައްދާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދާ ފުށުއަރާ ކަމަށެވެ.

ޗާގޯސް އަކީ މޮރިޝަސްގެ ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅަން އދ. ގެ އާންމު މަޖިލީހުން 2019 ގައި ފާސްކުރި އިރު، ރާއްޖޭން ވޯޓު ދިނީ އެ ރަށްތައް އިނގެރޭސިވިލާތުގެ ތަނެއްގެ ގޮތުގައި ބާއްވާށެވެ. މޮރިޝަސްއާ ދެކޮޅަށް ވޯޓު ދިނީ ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ހިމާޔަތްކުރުމަށް ކަމަށް ފޮރިން މިނިސްޓްރީން އޭރު ބުންޏެވެ.

މައްސަލައިގެ ފުނަށް -

  • މޮރިޝަސްއިން ބުނަނީ ޗާގޯސްއަކީ 18 ވަނަ ގަރުނުން ފެށިގެން އެގައުމުގެ ބައެއް ކަމަށް

  • މޮރިޝަސްއާ ޗާގޯސްއާ ވަކިކޮށްފައިވަނީ އިނގެރޭސި އިސްތިއުމާރުގެ ދަށުގައި އޮތް އިރު 1965 ގައި

  • އިނގިރޭސިވިލާތުން ޗާގޯސް ނެގީ ތިން މިލިއަން ޕައުންޑްގެ އަގަކަށް

  • ޑިއެގޯ ގާސިއާ (ފޯޅަވަހި) އަކީ ވެސް ޗާގޯސްގެ ރަށެއް

  • ޗާގޯސް އައިލެންޑްސް އިން މީހުން ހުސްކުރީ އިނގިރޭސިވިލާތާއި އެމެރިކާ ގުޅިގެން ފޯޅަވަހީގައި މިލިޓަރީ ބޭސް އެއް ގާއިމުކުރަން

  • މިލިޓަރީ ބޭސްގެ ލީސް 2036 ވަނަ އަހަރާ ހަމައަށް ވަނީ އިތުރުކޮށްފައި

  • ޗާގޯސް މޮރިޝަސްއާ ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އިން ވަނީ ނިންމާފައި

އިތުރު އާޓިކަލް

އިތުރު އާޓިކަލް