ދެކުނަށް މަސްވެރިކަން ރަނގަޅުވެ ގއ. ކޫއްޑޫއާ ދިމާލުން މަސް ދޯނިތައް ކިއު ހަދާފައި (ދައުރު ފޮޓޯ/މުޒައްޔިން ނާޒިމް)

ދެކުނުގެ މަސްވެރިން: އެންމެ ކައިވަތެއް ވެސް އުނިވާކަށް ނޭދެން

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް އުނިވެއްޖެ ނަމަ އެކަމުގެ ސަބަބުން މަސްވެރިކަމަށް ވަރަށް ބޮޑު ނޭދެވޭ އަސަރެއް ކުރާނެ ކަމަށް މަސްވެރިން ބުނޭ
23 އޮކްޓޯބަރު 2022
1

ކަނޑުތަކާ ބެހޭ ބައިނަލްއަގުވާމީ ޓްރައިބިއުނަލްއަށް މޮރިޝިއަސްއިން ހުށަހަޅާފައިވާ، ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުގެ ފުށުއަރާ ބައި ބެހުމާ ބެހޭ މައްސަލަ މޮރިޝަސް ކޮޅަށް ނިމިއްޖެ ނަމަ، ރާއްޖޭގެ ދެކުނުން ބައެއް ގެއްލިދާނެ ކަމުގެ ބިރު އެބަ އޮތެވެ.

އެހެން ވެއްޖެ ނަމަ، ރާއްޖޭގެ މަސްވެރިކަމަށް އޭގެ ނޭދެވޭ އަސަރުކޮށްފާނެ ކަމުގެ ކަންބޮޑުވުން ދެކުނުގެ ބައެއް މަސްވެރިން ފާޅުކުރެ އެވެ.

"ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން ދިވެހިރާއްޖެއަށް ކަނޑައެޅިފައި އެ އޮންނަ މިންގަނޑަށް ވުރެ އެންމެ ފޫޓެއް ވެސް، އެންމެ ކައިވަތެއް ވެސް، ގެއްލުވާލާކަށް ރާއްޖޭގެ މަސްވެރިން ނޭދޭނެ، އެއީ އަޅުގަނޑުމެންނަށް ލިބިގެންދާ ބޮޑު ގެއްލުމެއް،" މަސްވެރިކަމުގައި 30 އަހަރުގެ ތަޖުރިބާ ހުރި ދެކުނުގެ މަސްވެރިޔަކު ބުންޏެވެ.

ރާއްޖެ އާއި މޮރިޝަސްގެ މައްސަލަ

ދުނިޔޭގެ ކަނޑުތަކުގެ ގާނޫނު ބުނާ ގޮތުން ކޮންމެ ގައުމަކަށް ވެސް، އައްސޭރިފަށުން ފެށިގެން 200 މޭލު އެ ގައުމެއްގެ ހާއްސަ އިގްތިސާދީ ސަރަހައްދު (އީއީޒެޑް)ގެ ގޮތުގައި ކަނޑައެޅެ އެވެ. އަދި ޖެހިގެން އޮންނަ ގައުމެއްގެ އީއީޒެޑްއާ ފުށުއަރާ ނަމަ، އަމަލުކުރަން އޮންނަ ގޮތަކީ، ފުށުއަރާ ސަރަހައްދާ އެންމެ ގާތުން އޮންނަ އައްސޭރިފަށުން ފެށިގެން، ދެ ގައުމަށް އެއްވަރަށް ބަހާލުމެވެ.

ރާއްޖެ އާއި ޗާގޯސްއާ ދެމެދު އީއީޒެޑް ފުށުއަރާ 95،000 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް އެބަ އޮތެވެ. މިފަދަ ސަރަހައްދުތައް ބަހާނެ ގޮތަކާ މެދު ދެ ގައުމަަށް އެއްބަސްނުވެވޭ ނަމަ އެ މައްސަލައެއް ހުށަހަޅަން އޮންނަ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ސީ އަށް މޮރިޝަސް އިން ވަނީ މައްސަލަ ހުށަހަޅައިފަ އެވެ.

އެ ޓްރައިބިއުނަލްގައި ރާއްޖެ އާއި މޮރިޝަސްއާ ދެމެދު ހިޔާލު ތަފާތުވެގެން އުޅެނީ ފުށުއަރާ 95،000 އަކަ ކިލޯމީޓަރުގެ ސަރަހައްދު ދެ ގައުމުގެ މެދުގައި ބަހަން ރޮނގު ދަމަން ފަށާނެ ތަންތަނާ މެދު އެވެ. ރާއްޖެއިން ވަކާލާތުކުރަނީ ޗާގޯސް ރަށްތަކުގެ އެންމެ އުތުރަށް އޮންނަ އައްސޭރިފަށް ކަމަށްވާ ޕެރޮސް ބަންހޮސް އަތޮޅުން ފެށުމަށެވެ. ނަމަވެސް މޮރިޝަސް އިން ބޭނުންވަނީ އެ އަތޮޅަށް ވުރެ ރާއްޖެއާ ކައިރިއަށް އޮންނަ ބްލެންހައިމް ފަރު ވެސް، އިން ކަނޑައަޅަން ބަލާ ޕޮއިންޓެއްގެ ގޮތުގައި، ހިމަނާށެވެ. ހަމައެކަނި ހިކި ދިޔައިގައި ފެނުން މައްޗަށް ފެންނަ ކަމަށް މޮރިޝަސްގެ ސާވޭއަކުން ދައްކާ މި ފަރު ހިމަނައިގެން ރޮނގު ދަމައިފި ނަމަ، ރާއްޖޭގެ އީއީޒެޑް ކަމަށް މިހާރު ބަލާ ސަރަހައްދުން ބައެއް ގެއްލޭނެ އެވެ. މީގެ އިތުރުން، ރާއްޖޭގެ އިން ކަނޑައަޅަންވާނީ އައްޑޫ އާއި ފުވައްމުލަކުން ފެށިގެން ކަމަށް ވެސް މޮރިޝަސްއިން ބުނެ އެވެ.

ގެއްލޭނީ މަސްވެރިކަމަށް މުހިއްމު ސަރަހައްދެއް

ދެކުނުގައި މަސްވެރިކަން ކުރާ އައްޑު އާއި ހުވަދޫ ދޯނިތަކުގެ ކެޔޮޅުން ބުނާ ގޮތުގައި ފޯޅަވަހި (ޑިއޭގޯ ގާސިއާ) އޮންނަ ދިމާލަކީ އެ ހިސާބުގެ މަސްވެރިން އާންމުކޮށް ގޮސް މަސްވެރިކަން ކުރާ ހިސާބެކެވެ. އެގޮތުން، އަތޮޅުން 100 މޭލަށް ވުރެ ބޭރަށް ނުކުމެ ވެސް ދޯނިތަކުން މަސްވެރިކަން ކުރާ ކަމަށް ބުންޏެވެ. 

"ރާއްޖޭގެ އެންމެ ގިނަ މަސް ބާނަނީ ދެކުނުން. ތި ބުނާ ހިސާބުގަނޑަކީ ރާއްޖެއިން އެންމެ ރަނގަޅަށް މަސްވެރިކަން ކުރެވޭ އެއް ސަރަހައްދު،" ފޭދޫ ދޯންޏެއްގެ ކެޔޮޅު، އިބްރާހިމް ޝަފީގު ބުންޏެވެ.

"މިއަދު ވެސް އެންމެ ގިނަ މަސް ބޭނީ އެ ހިސާބުން."

ޝަފީގު ބުނިގޮތުގައި ބައެއް ދޯނިތަކުން އިއްޔެ އެކަނި ވެސް އެ ސަރަހައްދުން 25-30 ޓަނުގެ މަސް ބޭނި އެވެ.

'ދިވެހި މަސްކަނޑު ވާދަވެރިއަކަށް' 

މޮރިޝަސްއަކީ ރާއްޖެއާ ހިލާފަށް ދާ ޖަހައިގެން މަސްވެރިކަން ކުރާ ގައުމެކެވެ. ފުޅާ ދާއިރާއެއްގައި މަސްވެރިކަން ކޮށް ޔޫރަޕްގެ ބޮޑެތި ގައުމުތަކަށް މަސް އެކްސްޕޯޓް ކުރާ ގައުމެކެވެ. 

މަރަދޫ މިޝަން ދޯނީގެ އަހުމަދު ޝިޔާމް ބުނި ގޮތުގައި މޮރިޝަސްގެ މަސްވެރިންނަށް ރާއްޖޭގެ ސަރަހައްދުން ބައެއް ލިބިއްޖެ ނަމަ ރާއްޖެ ކައިރީގައި ދާ އަޅައިގެން މަސްވެރިކަން ކުރާނެ އެވެ. އަދި ދިވެހިންނަށް ނޭނގި ރާއްޖޭގެ އިގްތިސޯދީ ސަރަހައްދަށް އެ ގައުމުގެ އުޅަނދުފަހަރު ވަނުމުގެ ކަންބޮޑުވުން އޭނާ ފާޅުކުރި އެވެ.

"މިއީ އަގު ނުކުރެވޭނެ ބޮޑު ގެއްލުމެއް. އެމީހުން [މޮރިޝަސް މަސްވެރިން] ދިވެހި މަސް ކަނޑުތައް ދޮވެލާނެ. އެއީ އަހަރެމެންގެ ބޮޑު ވާދަވެރިން،" ދެ އޮޑީގެ އޮޑިވެރިކަން ކުރާ ޝިޔާމް، 40، ބުންޏެވެ.

'ދައުރު'އާ ވާހަކަ ދެއްކި ހުރިހާ އޮޑިވެރިންނާއި ކެޔޮޅުން ވެސް ފާހަގަކުރީ ހަމަ އެ ކަންބޮޑުވުމެވެ.

ފޭދޫގެ ކެޔޮޅު ޝަފީގު ބުނި ގޮތުގައި:

  • ކަނޑުގެ އޮއިވަރު ދެމޭ ގޮތުން ރާއްޖެއަށް މަސް އައިނުތައް އެތެރެވަނީ، ފޯޅަވައްސާއި އައްޑު އާއި ދެމެދުން، ދެކުނުން އިރު އުތުރަށް 

  • ރާއްޖެއާ ދިމާލަށް އަންނަ މަސްތައް ބަޔަކު ދާ ޖަހައިގެން ނަގާ ކަމަށްވާ ނަމަ ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް އެތެރެވާ މަހުގެ ނިސްބަތް ވަރަށް ބޮޑު ތަނުން ދަށްވާނެ

  • މިއީ ކަނޑުތަކުގެ ތިޔާގިކަން ގެއްލި، ކުރިމަގުގައި ރާއްޖޭގެ މަސްވެރިކަމަށް ފޫނުބެދޭ ވަރަށް އަސަރު ކޮށްފާނެ ކަމެއް

އައްޑޫގެ މަސް ދޯނި 'ޓީއެސްލައިން' މަސްވެރިކަމުގައި. 

"އަޅުގަނޑުމެންނަކީ މަހާއި ޓޫރިޒަމުން އުޅޭ ބައެއް. ރާއްޖެއާ ވީ ފަރާތަަށް ވަންނަ އެމާއި މަހާ ނުވަދެ، އޭގެ ފައިދާތައް ލިބޭނީ އެ މީހުނަށް،" ގއ. ވިލިނގިލީ ކަރަވައްތާ ދޯނީގެ ކެޔޮޅު މުހައްމަދު ރަމީޒް ބުންޏެވެ.

"މިސާލަކަށް އެއްވެސް މީހަކު ރުހޭނެތޯއޭ އެމީހާގެ ގޯތިން އެންމެ ތަންކޮޅެއް ވެސް އެހެން މީހަކަށް ދޭން، ރައްޓެއްސަކަސް، އެހެން މީހަކަސް؟ ނުރުހޭނެއްނު؟" ކުރިން ވާހަކަ ދެއްކި ޝިޔާމް ބުންޏެވެ. 

މި ހިސާބަށް މޮރިޝަސް މައްސަލައިގެ އަޑުއެހުންތައް ދިޔައިރު ސަރުކާރުގެ ފަރާތުން އެއްވެސް ވަރަކަށް މަސްވެރިންނަށް މިކަމާ ބެހޭ ގޮތުން މައުލޫމާތެއް ދީފައި ނުވާކަން ފާހަގަކޮށް، އޭނާ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވެސް ކި އެވެ.

"އަހަރެމެންނަށް ނުވެސް އެނގޭ ތިކަމެއް ވެގެން އުޅޭ ކަމެއް. ހަބަރުތަކުން ފެންނަން ފެށީމަ އެނގުނީ. މިއީ ހަމަ ސަރުކާރުގެ ނުކުޅެދުންތެރިކަމުން ވީ ކަމެއް،" ޝިޔާމް ބުންޏެވެ.

'މަސްވެރިންގެ ހައްގު އުނިވެދާނެ ފަދަ ކަމެއް ކޮށްގެން ނުވާނެ'

އިނގިރޭސިންގެ އަތްދަށުގައި އޮތް ޗާގޯސް ރަށްތަކަކީ މޮރިޝަސްގެ ތަނެއް ކަމަށް ބަލައިގަތުމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އިން ދިން ލަފަޔާއި އދ.ގެ އާއްމު މަޖިލީހުން ނިންމި ނިންމުމާ ދެކޮޅަށް ކުރިން ވޯޓު ދިނުމަށް ފަހު ރާއްޖެ އިން މިހާރު ވަނީ އެ ސިޔާސަތު ބަދަލުކޮށްފަ އެވެ.

ޗާގޯސްއަކީ މޮރިޝަސްގެ ތަނެއްގެ ގޮތުގައި ބަލައިގަންނަން، މިދިޔަ އޮގަސްޓް މަހާ ހަމައަށް، ރާއްޖެއިން ދެކޮޅުހެދީ އެއީ ރާއްޖޭގެ މަސްލަހަތު އޮތް ގޮތް ކަމަށް ބުނެ އެވެ. އެހެންކަމުން، އދ.ގައި މޮރިޝަސް ކޮޅަށް ވޯޓު ދޭ ގޮތަށް ރާއްޖޭގެ ސިޔާސަތު ބަދަލުކުރުމާއި ސަރުކާރުން ދުރާލާ އެކަން ހާމަކޮށްފައި ނުވާތީ ބައެއް ފަރާތްތަކުން ސުވާލު އުފައްދަ އެވެ.

ދެ ގައުމުގެ ދެމެދުގައި ކަނޑުގެ ސަރަހައްދު ބައިކޮށް ވަކިކުރުމުގެ މައްސަލައަކީ ދިވެހި ސަރުކާރުން ވަރަށް ފުންކޮށް ވިސްނަން ޖެހޭ، ވަރަށް ސީރިއަސް އަދި އެހާމެ މުހިންމު ގައުމީ މައްސަލައެއް ކަމަށް ވިދާޅުވެ ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

ކަނޑުތަކާ ބެހޭ ގާނޫނުގެ ތަޖުރިބާކާރު މުނައްވަރު ވިދާޅުވި ގޮތުގައި މި މައްސަލަ ނިމޭ ގޮތަކުން ރާއްޖޭގެ ހައްގުތަކެއް ގެއްލިދާނެ އެވެ. އެހެންކަމުން، މިއީ ދިވެހި ރައްޔިތުންނާއި މަސްވެރިން ފުންކޮށް ވިސްނައި ކަންބޮޑުވާން ޖެހޭ މައްސަލައެއް ކަން ފާހަގަކުރައްވައި، މިފަދަ މުހިއްމު މައްސަލައަކަށް ދޭން ޖެހޭ އަހައްމިއްޔަތާއި ސަމާލުކަން ދިވެހި ސަރުކާރުން މި މައްސަލައިގައި ދޭތަން ނުފެންނަ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

މުނައްވަރު ވިދާޅުވި ގޮތުގައި؛

  • މައްސަލައަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ބަދަލުތަކެއް އައިސް، ދިވެހި މަސްވެރިކަމަށް ނޭދެވޭ އަސަރުތަކެއް ކުރުމުގެ ބިރު އޮތުން

  • އެ މައްސަލައިގެ މައުލޫމާތު ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންނާ ފުރިހަމައަށް ހިއްސާކުރަން އެޓާނީ ޖެނެރަލާއި ފޮރިން މިނިސްޓްރީ އަދި ޑިފެންސް މިނިސްޓްރީއަށް ގޮވާލެއްވި

"މި މައްސަލައިގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް އެއްވެސް ނޭދެވޭ ބަދަލެއް ނުވަތަ އަސަރެއް ކޮށްފާނެ ފަދަ ނުވަތަ ދިވެހި މަސްވެރިންގެ އެއްވެސް ހައްގަކަށް އުނިކަމެއް ލިބިދާ ފަދަ އެއްވެސް ކަމެއް ނުކުރުމަށް ދިވެހި ސަރުކާރަށް އިލްތިމާސްކުރަމެވެ،" މުނައްވަރު ވިދާޅުވެފައިވެ އެވެ.

ކޮމެންޓް (1)

އަލީ ސަލީމް

23 އޮކްޓޯބަރު 2022
ޒައިކަށް ހާދަ ކަމެއް ނޭނގެއޭ...ބަލަ ތިބުނާ ހިއުމަން ރައިޓްސް ގޮނޑި 2016 ގައި ހޯދި ސެކުރެޓީ ގޮނޑި ނުލިބުނީ އިންޑިޔާ އާއި ހެދި
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް