ފޯޅަވަހީގެ އަސްލު ވަޒަންވެރިން ކަމަށް ދައުވާ ކުރާ މީހުންގެ ތެރެއިން މީހެއް

ތާރީހު

ފޯޅަވައްސާއި ދިވެހިންނާ އޮތީ ކޮން ގުޅުމެއް؟

މޮރިޝަސް އާއި އިނގިރޭސީން، ފޯޅަވަހީގެ މިލްކުވެރިކަމަށް ދައުވާކުރުމުގެ އެތައް ސަތޭކަ އަހަރެއް ކުރިން، އެއީ ރާއްޖޭގެ ތަނެއް ކަމަށް ދިވެހިން ބެލި

މުހިންމު ނުކުތާތައް

އައްޑޫ ދުވަސް ވީ މީހުން މިހާރު ވެސް ކުރީގެ ވާހަކަތައް ކިޔައިދޭ

ފޯޅަވައްސަކީ ރާއްޖޭގެ ތަނެއްކަމަށް ހެކި ދޭ 16 ވަނަ ގަރުނުގެ ލިއުންތައް ވެސް އެބަ ހުރި

ފޯޅަވައްސަށް ގޮސް ދިވެހިން އެތަނުގެ ކާށި ރާއްޖެއިން ބޭރުކުރި ކަމަށް ބެލެވޭ

ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2009 ވަނަ އަހަރު އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅުގައި، އެ ގައުމުގެ ސަރުކާރަށް ތިން ކަމެއް ހުށަހެޅުއްވި ކަމަށް އެ މަނިކުފާނު ވިދާޅުވެ އެވެ؛ އޭގެ ތެރެއިން އެއް ކަމަކަށް އޮތީ، އެ މަނިކުފާނު ވިދާޅުވާ ގޮތުން، ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސް ނުވަތަ ފޯޅަވައްސަކީ ދިވެހިންގެ ތަނެއްގެ ގޮތުގައި ބެއްލެވުމެވެ. އެކަމަށް ނަޝީދު ބާރުދެއްވީ، ސަގާފީ އަދި ތާރީހީ ހެކި ހުރި ކަމަށް ވިދާޅުވަމުންނެވެ.

ނަމަވެސް، އެކަމުގެ ހެއްކެއް ނަޝީދު ނުދައްކަވަ އެވެ. އަދި ނަޝީދު އެފަދަ މަޝްވަރާއެއް ކުރެއްވި ކަމެއް އެނގެން ނެތް ކަމަށް މި ސަރުކާރުން ވަނީ ބުނެފަ އެވެ.

ވެރިކަމުގައި ކުރެއްވި ކަމަށް އެ މަނިކުފާނު ވިދާޅުވާ އެ މަޝްވަރާގެ ވާހަކަފުޅުތައް، އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ނަޝީދު ތަކުރާރުކުރެއްވި އެވެ. އޭރު ވެސް އަދި މިހާރު ވެސް އެމަނިކުފާނުގެ ވިސްނުންފުޅަކީ، ނަޝީދު ވިދާޅުވި ގޮތުގައި، ފޯޅަވައްސަކީ ދިވެހިންގެ ތަނެއް ކަމާއި އެތަން ދޫކުރެވެން ނެތް ކަމެވެ. (ފޯޅަވައްސަކީ ޗާގޯސްގައި ހިމެނޭ އެންމެ ބޮޑު ރަށް ޑިއެގޯ ގާސިއާ ކަމަށް އާންމުކޮށް ވާހަކަ ދައްކައެވެ. ނަމަވެސް ދިވެހި ރަދީފު ފޮތުގައި ފޯޅަވަހި ބޭނުންކޮށްފައި އޮންނަނީ އެއް ރަށެއްގެ ބަދަލުގައި ގިނަ ރަށްތަކެއްގެ މާނައިގަ އެވެ.)

ޗާގޮސް ރަށްތަކުގެ ސިޔާދަތީ ބާރާ މެދު މޮރިޝަސް އާއި އިނގިރޭސިވިލާތާ ދެމެދު އޮތް އަރައިރުމުގެ ތެރެއިން، ފޯޅަވައްސަކީ ދިވެހިންގެ ތަނެއް ކަމަށް ވިދާޅުވުމާ އެކު، އެކަމަށް ގިނަ ބައެއްގެ ޝައުގުވެރިކަން ހުއްޓުނެވެ. ދިވެހިންނާއި ފޯޅަވައްސާ އޮތް ގުޅުމާ ގުޅޭ ގޮތުން ސުވާލު އުފައްދައި، އެނގެން ބޭނުންވި އެވެ.

އެކަމަކު ހަގީގަތަކީ، ރަށްތަކުގެ މިލްކުވެރިކަމާ ގުޅޭ ގޮތުން އެތައް އަހަރަކަށް ދެމިގެންދާ، މި ބަހުސް ފެށުމުގެ މާ ކުރިން ވެސް، ދިވެހިން ފޯޅަވައްސާ ގާތްކަމެވެ. ރާއްޖެ އާއި ވަށައިގެންވާ އެހެން ޖަޒީރާ ގައުމުތަކުގައި މީހުން ވަޒަންވެރިވި ތާރީހަށް ބަލާ ނަމަ، ދިވެހިންނަށް ވުރެ ފޯޅަވައްސާ ގާތް ބަޔަކު ނެތެވެ. އެ ވާހަކަ އެ ޖޯޝުގައި، އެންމެ ގިނައިން ދައްކާ ބަޔަކީ، އެންމެ ކައިރީގައި އޮންނަ އައްޑޫ މީހުންނެވެ.

ފޯޅަވަހީގެ އެންމެ ބޮޑު ރަށް، ޑިއެގޯ ގާސިއާ

ހަތް އަތޮޅެއްގެ މައްޗަށް އޮންނަ، 70 ރަށް ހިމެނޭ ޗާގޯސް އަކިޕެލަގޯ ނުވަތަ އައްޑޫ ބައެއް މީހުން ބުނާ ގަޮތުން ނަމަ ފޯޅަވަހީގެ ވާހަކަ، އައްޑުއަށް އުފަން މެދު އުމުރުގެ މީހުން ފަށަނީ، އެ މީހުންގެ މާމަ ނުވަތަ ކާފަމެން ކިޔައިދޭތީ އަހާ ކަމަށް ބުނަމުންނެވެ. މާމަ އާއި ކާފަގެ ވާހަކަ ފަށަނީ އެ މީހުންގެ މައިންބަފައިން ކުޑައިރު އަޑުއަހާކަމަށް ބުނަމުންނެވެ. އެއީ އެންމެ ކުރިން ދިވެހިން ވަޒަންވެރިވެ އުޅުނު ތަނެއް ކަމާއި ބޭރު މީހުން އެ ރަށްތަކުގައި ވަޒަންވެރިވީ ދިވެހިން މަރާލާފައި ކަމަށް ބުނެ އުޅެ އެވެ. މިއީ ތުންތުން މަތިން ދެމިގެން އައިސްފައިވާ ވާހަކަތަކެކެވެ.

ނަމަވެސް ތާރީހީ ލިޔުންތަކާއިި އައްޑޫ މާލިމީންގެ ނިޔަމި ފޮތްތަކުން، ދިވެހިންނާ ފޯޅަވައްސާ ގުޅުން އޮތްކަން ޔަގީންކޮށްދެ އެވެ.

"އަޅުގަނޑުމެން އެންމެ ކުޑައިރުއްސުރެ ފޯޅަވަހީގެ ވާހަކަތައް އަޑުއަހަން. އެކަމަކު އޭރު ހީކުރީ އެއީ އައްޑުއާ ޖެހިގެން ވަރަށް ކައިރީގައި އޮންނަ ރަށެއް ކަމަށް،" އުމުރުން ވަރަށް ދުވަސްވީ، މަރަދޫފޭދޫ ފިރިހެނަކު ކިޔައިދިނެވެ.

"އެހާވެސް ސާދާކޮށް، ސާފުކޮށް އެ ވާހަކަތައް ކިޔައިދޭނީ."

އައްޑޫ މީހުން ބުނާ ގޮތުން، ގަމާ 300-400 މޭލުގެ ދުރުމިން ހުންނަ ފޯޅަވަހީގެ ރަށްތަކަށް އެމީހުން ދަތުރުކޮށް އުޅުނެވެ. އޭރު ސީޝެލްސް އާއި ފޯޅަވައްސަކީ ވެސް މީހުން އާބާދުނުވެ އޮތް ފަޅުރަށްތަކެކެވެ. ޖަޒީރާ އެ ރަށްތަކުގައި މީހުން އާބާދުވެފައިވަނީ، ރާއްޖޭގައި މީހުން ދިރިއުޅެން ފެށިތާ އެތައް ގަރުނެއް ފަހުންނެވެ. 

އައްޑޫގެ ބައެއް މީހުންގެ ވާހަކަތަކަށް ބަލާއިރު، އެ މީހުންގެ ކާބަފައިންނަށް އެ ރަށްތަކަށް ދެވުނީ ބެހިގެންނެވެ. އަނެއް ބަޔަކު ބުނަނީ އެ ރަށްތަކުގެ ރުއްގަހުން މަންފާ ހޯދުމަށް ގޮސް އުޅުނީ ކަމަށެވެ. ރައްތަކުން ކާށި އަޅައި، އެހެން ގައުމުތަކަށް ވިއްކާ، ނަފާ ހޯދަމުން ދިޔަ ކަމަށް އައްޑޫގެ މީހުން ކިޔައިދެ އެވެ.

އެކަމަކު ފޯޅަވައްސަކީ ދިވެހިންގެ ތަނެއްގެ ގޮތުގައި މާ ކުރީ ޒަމާނުއްސުރެ ބަލާކަމުގެ ހެއްކަކީ، ރާއްޖޭގެ ރަސްކަމުގައި ހުންނެވި އިރު، ނުވަ ވަނަ ހަސަން ރަސްގެފާނު 1561 ވަނަ އަހަރު ޕޯޗުގީޒުގެ ވެރިންނަށް ފޮނުއްވި ސިޓީފުޅެވެ. އޭގައި ލިޔުއްވާފައިވާ ގޮތުން، އޭނާއަކީ 'ރާއްޖޭގެ ރަށްތަކާއި ސުއާދޫގެ ތިން ޕަޓާނާ އާއި ޕުއްލޮބޭގެ ހަތް ރަށުގެ ވެރިޔާ' އެވެ.

މީގެ 461 އަހަރު ކުރިން ފޮނުއްވި އެ ސިޓީފުޅުގައި، ރަސްގެފާނު ދެކުނުގެ ތިން އަތޮޅު ނިސްބަތް ކޮށްފައިވަނީ 'ޕަޓާނާ'ގެ ނަމުންނެވެ. ޕުއްލޮބޭއަކީ ފޯޅަވަހި ކަމުން، މިއީ، އޭރު ވެސް އެ ރަށްތަކަކީ ދިވެހިންގެ ތަނެއް ކަމަށް ބަލާކަމުގެ ހެއްކެކެވެ.

ފްރާންސްގެ ލީޑަރު ނަޕޯލިއަންގެ ދުވަސްވަރު، 1778 އިން ފެށިގެން މޮރިޝަސް އާއި ފޯޅަވަހި އޮތީ، އެ ގައުމުގެ ބާރުގެ ދަށުގަ އެވެ. އޭގެ ފަހުން 1814 ގައި އިނގިރޭސީންގެ ބާރުދަށަށް ދިޔަ ނަމަވެސް އޭގެ 200އެތައް އަހަރެއް ކުރިން، އެ ރަށްތަކަކީ ދިވެހިންގެ ތަނެއްގެ ގޮތުގައި މިވަނީ ބަލައިފަ އެވެ.

ރާއްޖެ، މޮރިޝަސް އަދި ޗާގޯސް އައިލެންޑްސް (ބްރިޓިޝް އިންޑިއަން އޯޝަން ޓެރިޓަރީ) ފެންނަ ޗާޓެއް.

އައްޑޫ ހުޅުދޫ އަރާއިރަގޭ މާލިމީ މޫސާ ތައްކާނުގެ ނިޔަމި ފޮތުގައި ވެސް ރާއްޖެ އޮތް ތަން ކިޔައިދީފައިވަނީ ފޯޅަވަހި ހިމަނައިގެންނެވެ. އޭގައި ބުނެފައިވާ ސީދާ ބަހަކީ މިއެވެ؛

"ފަސްލު: ދިވެހިރާއްޖޭގެ އަރުލު ބުނާނަމެވެ: ފޯޅަވަހީ ދަރަޖަ 40، އައްޑޫ ގަމު ދަގީގް 48، މަރަދޫ ދަގީގް، 46، ހިތަދޫ ދަގީގް، 41، ކޯއްޓޭ ދަގީގް 44." 

ތާރީހު ދިރާސާކުރާ ބޭފުޅުން، އެކަން މާނަކުރައްވަނީ، އޭރުގެ މާލިމީން ފޯޅަވަހި ދުށީ ރާއްޖޭގެ ރަށެއްގެ ގޮތުގައި ކަމަށެވެ.

ފޯޅަވައްސާ ގުޅޭ ގޮތުން ދިރާސާ ލިޔުންތަކެއް ލިޔުއްވާފައިވާ ސ. މީދުއަށް އުފަން އަބްދުﷲ ޒުހުރީ ވިދާޅުވި ގޮތުގައި ފޯޅަވަހީގެ ރުއްގަހުން ލިބޭ އެއްޗަކަށް އެންމެ ފުރަތަމަ ހުކުމް ކުރަމުން ދިޔައީ ދިވެހިންނެވެ. އެކަމަށް ބާރު ދެއްވައި، އޭނާ ވިދާޅުވީ ސީޝެލްސް ހިމަނައިގެން، ހަމައެކަނި އެ ރަށްތަކުގައި ހެދޭ ތާވައް ކާއްޓަށް ކިޔާ ސައިންޓިފިކް ނަމަކީ 'ލޮޑޮއިސިއާ މޯލްޑިވިކާ' ކަމަށެވެ. އަހަރެމެންނަށް މިފެންނަ ކާއްޓާ މުޅިން ތަފާތުކޮށް ހުންނަ މި ކާއްޓަކީ، އެއްވެސް ޒަމާނެއްގައި ރާއްޖޭގައި ހެދުނު އެއްޗެއް ނޫނެވެ.

ޒުހުރީ ވިދާޅުވި ގޮތުގައި ރާއްޖެއަށް ނިސްބަތްކޮށް، ތާވައް ކާއްޓަށް ނަން ދީފައިވަނީ، ދިވެހިންގެ ފަރާތުން ބޭރު ގައުމުތަކަށް އެ ކާށި ތައާރަފްވެފައިވުމެވެ. އެހެންވެ، ފޯޅަވަހީގެ ރަށްތަކުން ކާށި ހޮވައިގެން ގޮސް، ބޭރު ގައުމުތަކަށް ވިއްކައިގެން، އެ ނަން ރާއްޖޭގެ ނަމާ އެކުވެ ހަރުލީ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

ފޯޅަވައްސަކީ ދިވެހިންގެ ތަނެއް ކަމަށް، އަޑަށް ބާރުލައްވާފައި އެންމެ ބޮޑަށް ވިދާޅުވާ އެއް ބޭފުޅަކީ ނަޝީދެވެ. ރާއްޖޭގެ ތާރީހާ ގުޅޭ ގޮތުން ހޯއްދަވައި، ބައްލަވާ ނަޝީދުގެ އަތްޕުޅުގައި، އެކަމަށް ބާރުދޭ އެހެން ހެކިތައް ހުރި ކަމަށް ޒުހުރީ ވެސް ވިދާޅުވި އެވެ. އެފަދަ އެކައްޗެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވީ، މީދޫގެ ނަމުގައި ފޯޅަވަހިން ވަގުފުކޮށްފައިވާ ބިމުގެ ފަތްކޮޅެކެވެ. އެކަމަކު، މިކަމާ ގުޅޭ ގޮތުން ނަޝީދު ފާޅުގައި ވާހަކަފުޅެއް ނުދައްކަވަ އެވެ. ހަމައެކަނި ވިދާޅުވަނީ، ފޯޅަވައްސަކީ ރާއްޖޭގެ ތަނެއް ކަމަށް ބެލެވޭ ސަގާފީ އަދި ތާރީހީ ހެކި ހުރި ކަމަށެވެ.

ފޯޅަވަހީގެ އަސްލު ވަޒަންވެރިންގެ ގޮތުގައި މިހާރު ދައުވާ ކުރަމުން އަންނަ، ޗާގޯސިއަން ނުވަތަ އިލޮއިސް މީހުން އެ ރަށްތަކުގައި ދިރިއުޅެފައިވަނީ 1790 އިން ފެށިގެން، 1970 ވަނަ އަހަރާ ހަމައަށެވެ. އެއީ، އެކި އަހަރުތައް މަތިން، މަދު އަދަދުތަކުން އާބާދުކުރި މީހުންނެވެ. އޭޝިއާ އާއި އެފްރިކާގެ ކަޅު ނަސްލުގެ މީހުންނާއި ލެޕްރަސީ ފަދަ ބަލިތަކުގައި އެކަހެރިކުރި މީހުންނެވެ.

އެކަމަކު އޭގެ މާ ކުރިން އެއީ ރާއްޖޭގެ ތަނެއް ކަމަށް ބަލައި، ދިވެހިން ވަނީ އެއީ ދިވެހިންނާ ކިހާ ގާތް ތަނެއްކަން ބުނެދީފަ އެވެ.

ކޮމެންޓް (11)

ފޯޅަވަހި

25 އޮކްޓޯބަރު 2022
މި އާޓިކަލް ބިނާކޮށްފައިވަނީ ތާރީޚީ ގޮތުން އެއްވެސް ހަރުދަނާ ހެއްކެއްނެތި، ބުނިބުންޏެއްގެ މައްޗަށް ބިނާކޮށްފަ ކަމަށް ފެނޭ. ތާރީޚީ ގޮތުން މިހާބޮޑަށް ޚިލާފު އުފެދިފައިވާ މައުލޫއަކަށް ލިޔާ އާޓިކަލަކީ ތާރީޚުގެ ތެރެއަށް ވަދެގެންދާނެ، އަދި ފަހުގެ ޒަމާނެއްގައި މީހުން ބޭނުންކުރާނެ އެއްޗެއްކަމުން، މިފަދަ އާޓިކަލްތައް ލިޔަންވާނީ އިތުބާރުހިފޭ ތާރީޚު އިލްމުވެރިންގެ ބަސްހިމަނައިގެން ނުވަތަ އެވަރުގެ ބުރަދަންހުރި ހެކި ހިމަނައިގެން ކަމަށް ދެކެން. އޮންލައިން ނޫސްވެރިކަމުގެ ވާދަވެރި މާހައުލުގައި އެންމެގިނަ ކްލިކްސް ހޯދުމުގެ ބޭނުމުގައި އަވަސް އަރުވާލައިގެން ލިޔުމަކީ ތާރީޚަށް ވެވޭބޭއިންސާފަކަށް ވެދާނެ. “ލޮޑޮއިސިއާ މޯލްޑިވީކާ” އަކީ އެއްވެސް އިރެއްގައި ރާއްޖޭގައި ހެދުނުކަމަށް ހެކިހުރި ރުކެއްނޫން. އަދި ކިއެއްތަ، އޭބީ ދަމާނިއާ ލިއުއްވާފައިވަނީ މިކާށި(އަސްލު ދިވެހި ރުކުގެ ކާއްޓާ ވަރަށް ތަފާތު) ރާއްޖެއަށް އަންނަނީ ހުޅަނގު މޫސުމުގެ އޮއިވަރާއެކުގައެވެ. މިކާއްޓަކީ ވަރަށްބަރު އެއްޗަކަށްވާތީ، ކަނޑުމަތީގައި އޮޔާދަނީ އޭގެ ބޮނބިގަނޑު ފާވެ، ހަލާކުވެ، ނާއްޓަށް އެކަނިވުމުން ކަމަށެވެ. މިކާށި ފޯޅަވަހީގައި ހެދޭކަމަކަށް އެއްވެސް ލިޔެކިޔުމަކުން ފެންނާކަށް ނެތެވެ. އަދި ކިއެއްތަ، މިކާށި ރުކަކަކީ ސެސެލުގެ ދެ ރަށެއްކަމުގައިވާ ޕްރެސްލިން އާއި ކިއުރިއޫސް ގައި އަސްލު އުފެދިގެން އައިސްފައިވާ ރުކެކެވެ. މޯލްޑިވީކާ މިނަން ދެވިފައިވަނީ ރާއްޖެއަށް އޮޔާއެކު ލައްގާ ކާށިތައް ވިލާތުގެ ވެރިންނަށް ރާއްޖޭގެ ރަސްރަސްކަލުން ހަދިޔާގެ ގޮތުގައި އަރުވާތީ ކަމަށް ބައެއް ރިވާތަކުގައި އައިސްފައިވެއެވެ.
3 9

ފޯޅަވަހީ 02

25 އޮކްޓޯބަރު 2022
@ފޯޅަވަހި ފޯޅަވައްސާ ގުޅޭގޮތުން 100 ޕަސެންޓް ސައްހަ މައުލޫމާތެއް ހުރި މީހަކު ނުވޭ. މީގައި ހުރި މައުލޫމާތުތަކަކީ މަށަށް އެނގިފައިވާ ގޮތުން ތާރީހީ ފޮތްތަކުގައި ވެސް ހުރި މައުލޫމާތު. ނިޔަމިފޮތް އަދި ހަސަން ރަސްގެފާނުގެ މައުލޫމާތު އެބަހުރި މިހާރު ވެސް ލިބެން. މަށަށް މި އާޓިކަލަކުން މާބޮޑު މައްސަލައެއް ނުފެނޭ. ދެން އާޓިކަލްގައި ވެސް އެބައޮތް އެ ރުއް ރާއްޖޭގައި ނުހެދޭ ކަމަށް.
8 0

ތޯރިގު

25 އޮކްޓޯބަރު 2022
@ފޯޅަވަހި ކަލެއަކީ ތޮއްޔިބުތަ؟. އިރުއެރީސުރެ ތޮއްޔިބު ހަމަ މި ވާހަކަ ދައްކާތީ. މީގައި ހުރީ ތާރީހު އިލްމުވެރިން ވެސް ދައްކާފައި ހުރި ވާހަކައޭ.
8 1

ސިކުނޑި

25 އޮކްޓޯބަރު 2022
ފޯޅަވައްސަކީ ރާއްޖޭގެ ތަނެއް! އެތަން ހޯދަން މަސައްކަތް ކުރަންޖެހޭނެ! 100 ވަރަކަށް އަހަރުފަހުން ސުވާދީބުވެސް މި ބީދައިން އެހެން ބަޔަކަށް ދެވިދާނެ!
14 2

ޢަހަރެން

27 އޮކްޓޯބަރު 2022
@ސިކުނޑި މާލޭ ސަރުކާރުގެ ދަށުގަ މިހާ ދުވަހަށް ތިބުމުން އައްޑޫ މީހުންނަށް ވީ ކޮން ކަމެއް.ސުވާދީބު އެހެން ގައުމެއްގެ ދަށުގަ އޮތުން ވެސް މިއަށްވުރެ ރަނގަޅު ވާނެ.
0 0

ނަޝީދު 2

25 އޮކްޓޯބަރު 2022
އެތަނުގަ އުޅުނު މީހުން 1970 ގަ ކޮންތާކަށޯ ދިޔައީ؟؟
8 0

މުޚުތާރު

26 އޮކްޓޯބަރު 2022
@ނަޝީދު 2 800 ހާމީހުން އިގިރޭސިން މޮރިސަސްއަލީ
8 0

ބެލްސީ

25 އޮކްޓޯބަރު 2022
ދިވެހިން އެއް އިރެއްގައި އެތަނަށް ކާށި ހޮވަން ދިޔަސް (ވަރަށް ގަބޫލު ނުކުރެވޭ 400 މޭލު ދުރަށް ރިޔަލު ދޯންޏެއްގަ ދާނެކަމަށްވެސް) އެތާގަ 200 އަހަރު ދިރިއުޅުނު ބަޔަކަށް އެތަން ހައްގު. އެމީހުނަށް އެތަން ދީ.
9 27

ހިތަދޫ ހުސެން

25 އޮކްޓޯބަރު 2022
@ބެލްސީ މިތާ ބިދޭސީން އުޅޭތާވެސް އެތައް އަހަރެއް އެމީހުންނަށް ވެސް މާލެ ދޭން ފެނޭ! ބޯ ހަމަ ނުޖެހޭ ވާހަކަ. ހަމަ ރަނގަޅަށް ވިއްކާލައިފަ ތިތިބީ، ނަސީދުވެސް ހެކި ނުދައްކަނީ ރަނގަޅު ޑީލެއް އަދި ނުލިބިގެން!
20 2

ވަލިދީދީ

25 އޮކްޓޯބަރު 2022
@ބެލްސީ ފޯޅަވަހިން ރާއްޖެއަށް 270 މޭލު. މިއީ ލަންކާއިން ރާއްޖެއަށް އޮންނަ ދުރުމިނަށްވުރެ ކައިރި. އައްޑޫ، ފުވައްމުލައް އަދި ހުވަދު އަތޮޅުން ރިޔަލު އޮޑިއާއި ބައްތެލީގައި އަހަރަކު ދެފަހު ވިޔަފާރި ދަތުރުކޮށް އުޅުނު. އަހަރެން ހަނދާންހުރޭ.
14 2

ދަގީގު

25 އޮކްޓޯބަރު 2022
ފޯޅަވައްސަކީވެސް މަލިކަކީވެސް 100% ރާއްޖޭގެ ތަނެއް.
24 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް