ރާއްޖެ އާއި ޗާގޯސްއާ ދެމެދު ކަނޑުގެ އިން ވަކިކުރުމާ ދެކޮޅަށް އިދިކޮޅު އިއްތިހާދުން މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާ. (ފޮޓޯ/ޕީޕީއެމް)

'ގެއްލުނު' ކަނޑާއި ޗާގޯސް ވެސް ހޯދާ؛ ނޫނީ ރައީސަށް ދައުވާކުރާނަން: އިއްތިހާދު

ގުޅިގެން މި ސަރުކާރު ބަލިކުރާނެ ކަމުގެ އިންޒާރު ވެސް މިރޭގެ ޖަލްސާގައި ދީފައިވޭ

ރާއްޖެ އާއި ޗާގޯސްއާ ދެމެދު ކަނޑުގެ އިން ވަކިކުރުމުގެ މައްސަލައިގައި ސަރުކާރުން ގެންގުޅުނު ސިޔާސަތާ ހެދި "ގެއްލުނު" ކަނޑުގެ ސަރަހައްދާއި ޗާގޯސް ވެސް ރާއްޖެއަށް ހޯދަން ސަރުކާރަށް ގޮވާލުމާ އެކު، މި މައްސަލައިގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދައުވާ ކުރާނެ ކަމުގެ އިންޒާރު 'ކަނޑު ވިއްކާލުމާ ދެކޮޅު' އިއްތިހާދުން މިރޭ ދީފި އެވެ.

ވީ ކިހިނެއް؟ - ރާއްޖެ އާއި ޗާގޯސްއާ ދެމެދު ކަނޑުގެ އިން ވަކިކުރުމުގެ މައްސަލައިގައި ސަރުކާރާ ދެކޮޅު ފަރާތްތަކުން އުފައްދާފައިވާ އިއްތިހާދުން 'ބާނާ ބާނާ ތިއްބާ ތިޔަ ވިއްކާލީ ކަނޑު'ގެ ނަމުގައި މާލޭ ކާނިވާ ސަރަހައްދުގައި މިރޭ ވަނީ ޖަލްސާއެއް ބާއްވާފަ އެވެ.

ތަފްސީލު - އެ ޖަލްސާގައި ވާހަކަދެއްކެވި ގިނަ ބޭފުޅުން ވަނީ ސަރުކާރަށް ޑިމާންޑްތަކެއް ކޮށްފަ އެވެ. އަދި އެ އެކަންކަން ފުރިހަމަނުކުރެއްވޭ ނަމަ، ރައީސް ސޯލިހް ވެރިކަމުން އިސްތިއުފާ ދެއްވުމަށް ވެސް ގޮވާލި އެވެ.

ޖަލްސާގައި ވާހަކަދައްކަވަމުން ކުރީގެ ބަންޑާރަނައިބު ޑރ. މުހައްމަދު މުނައްވަރު ވިދާޅުވީ ބައިނަލްއަގުވާމީ ކަނޑުތަކާ ބެހޭ ޓްރަބިއުނަލް (އިޓްލޮސް)އަށް ހުށަހެޅި އިމުގެ މައްސަލައިގައި ރާއްޖޭގެ ސަރަހައްދުން ބައެއް ގެއްލޭނެ ކަމަށް 2021 ވަނަ އަހަރުގެ ތެރޭގައި ވެސް ސަރުކާރުގެ ސަމާލުކަމަށް ގެންނެވި ކަމަށެވެ. ނަމަވެސް އޭރު ވެސް ސަރުކާރުން ދިނީ "ބީރު ކަންފަތެއް" ކަމަށް އޭނާ ވިދާޅުވި އެވެ.

"އޭގެ ފަހުން ޓްރައިބިއުނަލްގައި މައްސަލަ ހިނގަމުންދަނިކޮށް އަނެއްކާވެސް މި ބޭފުޅުންގެ ސަމާލުކަމަށް ދެންނެވީމަ، އަޅުގަނޑާ ދިމާލަށް ބުނީ، ކަލޭ ނިދިން ހޭލައިގެން އައިއިރު މާ ލަސްވެއްޖެއޭ، ކަން ނިންމާލައިފީމޭ،" ރާއްޖޭގައި ތިއްބެވި ކަނޑުތަކާ ބެހޭ ގާނޫނުގެ މަދު ތަޖުރިބާކާރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ވަކީލު ވިދާޅުވި އެވެ.

މިރޭގެ ޖަލްސާގައި މުނައްވަރު ވާހަކައްދައްކަވަނީ. (ފޮޓޯ/ޕީޕީއެމް)

އޭނާ ވިދާޅުވީ އަދިވެސް މިކަން ބަދަލުކުރުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ. ރާއްޖެއަށް 'ގެއްލުނު' ބައި އަދިވެސް ހޯދޭނެ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ޑިމާންޑްކުރާ ގޮތަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދު ނުހޯދެންޏާ ދެން ގެއަށް ވަޑައިގަންނަވާ،" ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ވެސް ނިންމާފައިވާ މުނައްވަރު، ރައީސްގެ އިސްތިއުފާއަށް ގޮއްވާލައްވަމުން ވިދާޅުވި އެވެ.

 ޗާގޯސް އިސްތިއުމާރީ ބާރުތަކުގެ ދަށުން މިނިވަންކުރަން ތާއީދުކުރައްވާކަން ފާހަގަކުރައްވައި މުނައްވަރު ވިދާޅުވީ، އާބާދީއެއް ނެތް އެ ތަނަކީ 1600ގެ އަހަރުތަކުގައި ފްރާންސުން ވެރިވެ ގަތް ތަނެއް ކަމަށެވެ. 

"[ޗާގޯސް އަކީ] އަޅުގަނޑުމެންގެ ޖަޒީރާތަކާ ގުޅިފައި އޮތް، އެ ޒަމާނުގައި މެޕްތަކުގައި އަޅުގަނޑުމެންގެ ބައެއްގެ ގޮތުގައި ކަނޑައަޅައި ދައްކާފައި އޮތް ތަނެއް،" ޗާގޯސް އަކީ ރާއްޖޭގެ ތަނެއް ނޫން ކަމަށާއި އެ ތަން ރާއްޖެއަށް ހޯދުން މުހިންމު ނޫން ކަމަށް މީގެ ކުރިން ވިދާޅުވެފައިވާ މުނައްވަރުގެ ވާހަކަ ބަދަލުވެ، މިރޭ ވިދާޅުވި އެވެ.

"އެހެންވީމަ ކަނޑުގެ ސަރަހައްދުން މި ދޫކޮށްލި ބައި އަނބުރާ ހޯދުމާ އެކު، އެ ތަން ވެސް [ޗާގޯސް ވެސް] ހޯދަން މަސައްކަތްޕުޅު ކުރައްވާށޭ."

މުނައްވަރުގެ އިތުރުން، ޖަލްސާގައި ވާހަކަދެއްކެވި، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވެސް ވަނީ ޗާގޯސްއަކީ ރާއްޖޭގެ ތަނެއް ކަމުގެ ހެކި އެބަހުރި ކަމަށް ވިދާޅުވެ، އެ ތަން ހޯދުމަށް ސަރުކާރަށް ގޮވާލައްވައިފަ އެވެ.

މިރޭގެ ޖަލްސާގައި އަބްދުއްރަހީމް ވާހަކައްދައްކަވަނީ. (ފޮޓޯ/ޕީޕީއެމް)

ދައުވާ ކުރާނަން؛ ގުޅިގެން ސަރުކާރު ބަލިކުރާނަން: ނާޒިމް

މުނައްވަރަށް ފަހު ވާހަކަދެއްކެވި މޯލްޑިވްސް ނޭޝަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް، ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވެސް ވަނީ ޗާގޯސް ހޯދަން ރައީސަށް ގޮވާލައްވާފަ އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި ނުކުންނަވަން ކެމްޕޭން ފައްޓަވާފައިވާ ނާޒިމް ރައީސް ސޯލިހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ. އަދި ރައީސްގެ އިސްތިއުފާއަށް ވެސް ގޮވާލެއްވި އެވެ.

ނާޒިމް ވިދާޅުވި ގޮތުގައި:

  • ރައީސް ސޯލިހަށް ރާއްޖޭގެ ވެރިކަން ކުރުމަށް 'މޯރަލް އޮތޯރިޓީއެއް ނެތް'. އެއީ ގާނޫނުން ބޭރުން ކަންކަން ކުރައްވާތީ

  • ގައުމީ މައްސަލަތަކުގައި ރައީސް ބޭނުންފުޅުވުމުން، އެ ބޭނުންފުޅުވާ ތަނަކަށް، ހުއްދައެއް ނެތި ލިޔުމެއް ނުފޮނުއްވޭނެ

  • މޮރިޝަސް އިން އެ ގައުމުގެ ކަނޑުގެ ސަރަހައްދުގައި ދާ އެޅުމަށް އެހެން ގައުމުތަކަށް އެ ސަރަހައްދު ވިއްކާ؛ އެހެންކަމުން، ޗާގޯސް މޮރިޝަސްއަށް ލިބުމަކީ ދިވެހި މަސްވެރިންނަށް ބޮޑު ގެއްލުމެއް

'[ރައީސް މޮރިޝަސްގެ ބޮޑުވަޒީރަށް] މި ފޮނުވި ސިއްރު ސީޓީއަކުން، މި ގެއްލުނު 47،000 އަކަ ކިލޯމިޓަރަކީ ދަންނަވަންތޯ، ދުނިޔޭގެ ގައުމެއްގެ ބޮޑު މިން، ގާތްގަނޑަކަށް ސްވިޒަލޭންޑްގެ ސައިޒެއްގެ [ބޮޑުމިނުގެ] ތަނެއް އަޅުގަނޑުމެންގެ އަތުން މި ގެއްލުނީ،" ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޑިފެންސް މިނިސްޓަރުކަން ކުރެއްވި ނާޒިމް ވިދާޅުވި އެވެ.

"ގާނޫނުއަސާސީގައި އެބަ ބުނޭ ދައުވާ ކުރެވޭނެ ކަމަށް. އެހެންވީމަ، އިރާދަކުރެއްވިއްޔާ މި ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ދައުވާ ވެސް ކުރާނަން."

މިރޭގެ ޖަލްސާގައި ނާޒިމް ވާހަކައްދައްކަވަނީ. (ފޮޓޯ/ޕީޕީއެމް)

ހުރިހާ ސިޔާސީ ފަރާތްތަކުން އެ މީހުންގެ ފިކުރު ދޫކޮށް، އިއްތިހާދުވެގެން ތިބީ، ނާޒިމް ވިދާޅުވި ގޮތުގައި، "ގެއްލުނު ކަނޑުގެ ސަރައްހަދު ހޯދުމަށެ"ވެ.

"އަޅުގަނޑުމެން އެކަތިގަނޑަކަށް ވާން ޖެހިއްޖެއްޔާ ވާނަން، ގުޅިގެން މި ސަރުކާރު ބަލިކޮށްލާނަން،" ނާޒިމް ވިދާޅުވި އެވެ.

"މި ސަރުކާރު މި އޮތީ ބޮޑު ތަނުން ފެއިލްވެފައި. މި އޮތީ މި ސަރުކާރު ބަދަލުކުރަން ޖެހިފައި."

'ވެރިއަކު ނެތް ތަނަކަށް ބައެއް ހަވާލުކުރާތީ އަދިވެސް ސުވާލު އުފެއްދޭނެ'

ޖަލްސާގައި ވާހަކަ ދެއްކެވި ކުރީގެ ބަންޑާރަނައިބު އާޒިމާ ޝަކޫރު ވިދާޅުވީ މިއަދާ ހަމައަށް އެއްވެސް ކޯޓަކުން ޗާގޯސް އަކީ މޮރިޝަސްގެ ތަނެއް ކަމަށް ނިންމާފައި ނުވާ ކަމަށެވެ. އަދި މިއަދާ ހަމައަށް ޗާގޯސް، މޮރިޝަސްއާ ހަވާލުކޮށްފައި ވެސް ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެނގުން މުހިންމު - އާޒިމާ އެހެން ވިދާޅުވިޔަސް، އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)ގެ އިސްތިޝާރީ ލަފާގައި ވަނީ ޗާގޯސް އަކީ މޮރިޝަސްގެ ތަނެއް ކަމަށް ކަނޑައަޅާފަ އެވެ. ޗާގޯސް އަކީ މޮރިޝަސްގެ ތަނެއް ނޫން ކަމަށް ބުނެ ރާއްޖޭން ޝަރީއަތުގެ ކުރިން ހުށަހެޅި ނުކުތާ ބޭރުކޮށްލައި ޗާގޯސްގެ ސިޔާދަތީ ބާރު އޮތީ މޮރިޝަސްއަށް ކަމަށް ބަލައި، އިޓްލޮސްގައި މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ވެސް ނިންމި އެވެ.

މިރޭގެ ޖަލްސާގެ ތެރެއިން. (ފޮޓޯ/ޕީޕީއެމް)

އާޒިމާ ވިދާޅުވި ގޮތުގައި، މި މައްސަލައިގައި ދިވެހި ސަރުކާރަށް 'ގެއްލުނު ބައި ހޯދުމަށް' އަދިވެސް މަސައްކަތްތަކެއް ކުރެވޭނެ އެވެ.

"މިއަދު އަޅުގަނޑުމެންނަށް އިހްތިޖާޖް ކުރެވޭނެ އަޅުގަނޑުމެންގެ ކަނޑުގެ 44،700 އަކަ ކިލޯމީޓަރު ވެރިއަކު ނެތް ތަނަކަށް ކާކާހޭ ހަވާލު ކުރަންވީ. ކީއްވެތޯ އެ ސުވާލު ނުކުރެންވީ؟" ގައުމުގެ ހައްގުގައި ބަންޑާރަނައިބު އިބްރާހިމް ރިއްފަތު ދެން އުފައްދަންވީ ސުވާލަކީ އެއީކަން ފާހަގަކުރައްވައި އާޒިމާ ވިދާޅުވި އެވެ.

"އަދި ހަމަ ކުރެވޭނެ ކަމެއް އިޓްލޮސްއަށް މި ހުކުމް ގަބޫލުނުކުރާކަން އަޅުގަނޑުމެންނަށް އެންގޭނެ. އެކަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ބާރެއް ނެތް. އެކަން ކުރައްވަން ޖެހޭނީ ބަންޑާރަނައިބު."

މިރޭގެ ޖަލްސާގެ ތެރެއިން. (ފޮޓޯ/ޕީޕީއެމް)

ފާހަގަކޮށްލެވޭ ކަމެއް - މި ޖަލްސާގައި ޖުމްހޫރީ ޕާޓީއަށް ނިސްބަތްވެވަޑައިގެންނަވާ ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު އަލީ ހުސައިން އާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އުފައްދަވާ 'ދަ ޑިމޮކްރެޓްސް'އަށް ނިސްބަވެވަޑައިގަންނަވާ އުނގޫފާރު ދާއިރާގެ މެންބަރު އިބްރާހިމް ވަހީދު ވެސް ވާހަކަ ދެއްކެވި އެވެ. ދެ ބޭފުޅުންގެ ވާހަކައިގައި ވެސް މި މައްސަލައިގައި ސަރުކާރުގެ ނިންމުންތަކަށް ފާޑުވިދާޅުވި އެވެ.

އޭގެ އިތުރުން، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވެސް ވާހަކަދެއްކެވި އެވެ.

މެމްބަރު ވަހީދުގެ އިތުރުން، ނަޝީދުގެ އަރިސް ބައެއް މަޖިލިސް މެންބަރުންނާއި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ވެސް މި ޖަލްސާގެ ކުރީ ސަފުގައި އިދިކޮޅު ފަރާތްތަކާ އެކު ތިއްބެވި އެވެ.

ފަސް މަންޒަރު - އިޓްލޮސްއިން 28 އެޕްރީލްގައި ހުކުމްކޮށްފައި ވަނީ، ރާއްޖޭން ވަކާލާތުކުރި ގޮތަށް ހުކުމްކޮށްފަ އެވެ. އެއާ އެކު، ފުށުއަރާ ސަރަހައްދުން ބޮޑު ބައެއް ރާއްޖެއަށް ލިބުނެވެ.

ސަރުކާރުން ބުނާ ގޮތުގައި، އެ ހުކުމަކީ ލިބުނު ކާމިޔާބެކެވެ. އެއީ ރާއްޖެއިން ދެކުނު ކަނޑުގެ ސަރަހައްދު މީގެ ކުރިން ކަނޑައަޅާފައި ނުވާތީ ކަމަށް ވެސް ސަރުކާރުން ބުނެ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް