ރާއްޖެ އާއި މޮރިޝަސްގެ މައްސަލަ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސްގައި އެޓާނީ ޖެނެރަލް އިބްރާހިމް ރިއްފަތު ވާހަކަ ދައްކަވަނީ (ފޮޓޯ/އިޓޮލްސް)
ޗާގޯސް މައްސަލާގައި ސަރުކާރުގެ ސިޔާސަތު ބަދަލެއް ނުވޭ، ޓްރިބިއުނަލްގައި ދުލެއް ނުދެން: ސަރުކާރު
ޗާގޯސް މައްސަލާގައި ދިވެހި ސަރުކާރުން ގެންގުޅެމުން އައި ސިޔާސަތު އެއްވެސް އިރެއްގައި ބަދަލުކޮށްފައި ނުވާނެ ކަމަށާއިި އިޓްލޮސްގައި ކުރިއަށްދާ މައްސަލައިގައި ފާއިތުވި ދެ އަހަރު ވެސް ރާއްޖެއިން ގެންގުޅެމުން އައި ސިޔާސަތު ދެމެހެއްޓުމުގައި ފަސްނުޖެހި ދެމިއޮންނާނެ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ އައްޑޫގެ ދެކުނުން އޮންނަ، މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާ ކަމަށް ބައިނަލްއަގުވާމީ ގޮތުން ބަލައިގެންފައިވާ ޗާގޯސް އާކިޕެލާގޯ އާއި ރާއްޖެއާ ދެމެދު ކަނޑުގެ ސަރަހައްދު ފުށުއަރާ ކަމަށް ބުނެ މޮރިޝަސް އިން ބައިނަލްއަގުވާމީ ޓްރައިބިއުނަލް، އިޓްލޮސްއަށް ހުށަހެޅީ ސެޕްޓެމްބަރު 2019ގަ އެވެ. މި މައްސަލާގައި ހުކުމް ކުރުން މާދަމާއަށް ތާވަލުކޮށްފައިވަނިކޮށް، ސަރުކާރުގެ ސްޓޭންޑް ބަދަލުވެފައިވާ ކަމަށް ބުނެ، އިދިކޮޅު ޕީޕީއެމުން އަންނަނީ ތަފާތު ތުހުމަތުކުރަމުންނެވެ. އަދި ސަރުކާރުގެ ސްޓޭންޑް ސާފުކޮށްދިނުމަށް ތިން މުވައްސަސާއަކަށް ސިޓީ ފޮނުވުމުގެ އިތުރުން އިޓްލޮސްއަށް ވެސް ވަނީ ސިޓީއެއް ފޮނުވައިފަ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީއަކީ ރަސްމީ މުއާމަލާތެއް ކަން ސާފު ނުވަނީސް، ޗާގޯސް މައްސަލައިގައި ގޮތެއް ނުނިންމަން އިޓްލޮސްއަށް ފޮނުވި ސިޓީގައި ޕީޕީއެމުން އެދުނެވެ.
ތަފްސީލް - ޕީޕީއެމް/ޕީއެންސީއަށް ރައްދުދީ ސަރުކާރުން ނެރުނު ބަޔާނެއް ބުނީ މޮރިޝަސްއަށް ފޮނުވި ސިޓީގައި މޮރިޝަސްއިން އދ.ގެ އާންމު މަޖިލިހަށް ގަރާރެއް ހުށައަޅައިފި ނަމަ ރާއްޖެއިން ވޯޓު ދޭނެ ކަމަށް ބުނެފައި އޮތުމާއި މިހާރު އިޓޮލަސްގައި ހިނގަމުންދާ އިން ވަކިކުރުމުގެ މައްސަލައާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ.
ޗާގޯސްއަކީ މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާ ތަނެއް ކަމަށް ބައިނަލްއަގުވާމީ ކޯޓުން ވަނީ ނިންމައިފަ އެވެ. އަދި އެ ކޯޓުގެ ނިންމުމަށް ތާއީދު ހޯދަން މޮރިޝަސް އިން އދ. ގެ އާންމު މަޖިލިހަށް ހުށައެޅި ގަރާރަށް މި ސަރުކާރުން 2019 ގައި ވޯޓު ދީފައެއް ނުވެ އެވެ. އެކަމަކު ރައީސްގެ ސިޓީފުޅުގައި ވިދާޅުވެފައި ވަނީ ދެން އެފަދަ ގަރާރެއް އދ. އަށް ހުށައަޅައިފި ނަމަ މޮރިޝަސްއަށް ތާއީދުކުރާނެ ކަމަށެވެ.
ރައީސްގެ ސިޓީގައި އެގޮތަށް ވިދާޅުވީ :
-
އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގެ އިސްތިޝާރީ ލަފާގައި ޗާގޯސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު އޮތްކަމަށް ނިންމި ނިންމުން ބަލައިގަންނަ ކަމަށް އިޓްލޮސްއިން އެންގުމުން
-
އ.ދ.ގެ އާއްމު މަޖިލީހުގެ ގަރާރަކީ ރާއްޖެ އާއި ޗާގޯސްގެ ކަނޑުގެ އިން ވަކިކުރުމުގެ މައްސަލައާ އެއްވެސް ގޮތަކުން ގުޅުން ހުރި ޤަރާރެއް ނޫން
-
މި ނިންމުމުގެ ސަބަބުން އިޓްލޮސްގައި ކުރިއަށްދާ ރާއްޖެ އާއި ޗާގޯސްގެ ކަނޑުގެ އިން ވަކިކުރުމާ ގުޅޭ މައްސަލައިގައި ރާއްޖެއިން ނަގާފައިވާ ގާނޫނީ ސްޓޭންޑަށް އެއްވެސް ބަދަލެއް ނާންނާނެކަން މޮރިޝަސްގެ ސަރުކާރަށް ވެސް ވާނީ އަންގާފައި
މި މައްސަލާގައި ރައީސް ސޯލިހް އަމަލުކުރައްވާފައި ވަނީ އެމަނިކުފާނަށް ޤާނޫނު އަސާސީން ދީފައިވާ ބާރުތަކުގެ ބޭރުންކަމަށް އިދިކޮޅުން ކޮށްފައިވާ ތުހުމަތުތައް ވެސް ސަރުކާރުން ދޮގުކުރި އެވެ.
ބަޔާނުގައި ސަރުކާރުން ބުނީ ރާއްޖޭގެ ގާނޫނުތަކާއި ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދުގެ އިން ކަނޑައެޅުމަކީ ސަރުކާރަށް ޤާނޫނުއަސާސީން ލިބޭ ބާރެއް ކަމަށެވެ. އެ މަސްއޫލިއްޔަތު ސަރުކާރުން ފުރިހަމައަށް ކަށަވަރުކުރާނެ ކަމަށް ވެސް ބުންޏެވެ.
ސަރުކާރުން ދެކޭ ގޮތުގައި ޕީޕީއެމްގެ ބަޔާނަކީ ދިވެހި ރައްޔިތުންނަށް އޮޅުވާލުމުގެ އަމަލެކެވެ. އަދި ރައްޔިތުންނަށް ވެސް ހައްސާސްކަން ބޮޑު މައްސަލައެއްގައި ސިޔާސީ މަންފާ ހޯދަން ހިންގާ ދަށުދަރަޖައިގެ އަމަލެއް ކަމަށް ވެސް، ސަރުކާރުން ސިފަކުރި އެވެ.
"ދިވެހިރާއްޖެ އާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކިކުރުމުގެ މައްސަލައިގައި ރާއްޖެއިން ހުށަހަޅާފައިވާ ކަންކަމަށް ރިއާއަތްކޮށް، އަދުލުވެރިކަމާއި އިންސާފުވެރިކަމާ އެކު އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ އިން މި މައްސަލަ ނިންމަވާނެކަމާ މެދު ދިވެހި ސަރުކާރުގެ ފުރިހަމަ އިތުބާރު އޮތްކަން ފާހަގަކުރަމެވެ،" ބަޔާނުގައި ބުންޏެވެ.
މައްސަލައިގެ ފެށުން - އިނގިރޭސިވިލާތުން 1965ގައި މޮރިޝަސް އިން ޗާގޮސް ވަކިކުރި މައްސަލައިގައި ޗާގޯސްއަކީ މޮރިޝަސްގެ ސިޔާދަތީ ބާރު އޮތް ތަނެއް ކަމަށް އެ ގައުމުން ދައުވާކުރެ އެވެ.
އެ މައްސަލައިގައި:
-
އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)ގެ އިސްތިޝާރީ ލަފަޔަކަށް އެދުމުން 2019ގައި އިސްތިޝާރީ ލަފާ ދިނީ ޗާގޮސް ރަށްތަކަކީ މޮރިޝަސްގެ ސިޔާދަތީ ބާރުގެ ދަށުގައިވާ ތަނެއް ކަމަށް
-
ހަމަ އެ އަހަރު، ހަ މަސްދުވަހުގެ ތެރޭގައި މޮރިޝަސްއާ ޗާގޮސް ހަވާލުކުރުމަށް އިނގިރޭސިވިލާތަށް ގޮވާލައި ގަރާރެއް އދ.ގެ އާންމު މަޖިލީހުން ފާސްކުރި
-
ރާއްޖެއާ އިން ވަކިކުރުމަށް މޮރިޝަސް އިން އިޓްލޮސްއަށް ދިޔައީ ވެސް އައިސީޖޭގެ އިސްތިޝާރީ ލަފަޔަށް ބިނާކޮށް
ކޮމެންޓް (2)
އަހުމަދު
ސިކުނޑި