ޗާގޯސް އައިލެންޑްސްގެ ތެރޭގައި ހިމެނޭ އެންމެ ބޮޑު ރަށް ޑިއެގޯ ގާސިއާ ނުވަތަ ފޯޅަވަހި.
ޗާގޯސް މައްސަލަައިގައި ޓްރައިބިއުނަލުން މި މަހު 28ގައި ހުކުމް ކުރަނީ
ރާއްޖެ އާއި ޗާގޯސްއާ ދެމެދުން ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރުމާ ގުޅޭ ގޮތުން ބައިނަލްއަގްވާމީ ކަނޑުތަކާ ބެހޭ ޓްރައިބިއުނަލްގައި ކުރިއަށްދާ މައްސަލައިގައި ހުކުމް އިއްވުން މި މަހުގެ 28އަށް ތާވަލުކޮށްފި އެވެ.
ވީ ކިހިނެއް؟ - އައްޑޫގެ ދެކުނުން އޮންނަ، މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާ ކަމަށް ބައިނަލްއަގުވާމީ ގޮތުން ބަލައިގެންފައިވާ ޗާގޯސް އާކިޕެލާގޯ އާއި ރާއްޖެއާ ދެމެދުގައިވާ ކަނޑުގެ ސަރަހައްދުގެ އިހުތިސޯސް ފުށޫއަރާ ކަމަށް ބުނެ މޮރިޝަސް އިން ބައިނަލްއަގުވާމީ ޓްރައިބިއުނަލަށް ހުށަހެޅީ ސެޕްޓެމްބަރު 2019ގަ އެވެ.
ތަފްސީލް - އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން މި މައްސަލައިގައި ހުކުމް ކުރުމުގެ މަޖިލިސް ތާވަލުކޮށްފައިިވަނީ، އެ ޓްރައިބިއުނަލުން މިއަދު ނެރެފައިވާ ބަޔާނެއްގައިވާ ގޮތުން، މި މަހުގެ 28 ވާ ހުކުރު ދުވަހު، ރާއްޖެ ގަޑިން މެންދުރު ފަހު 2 އަށެވެ.
މައްސަލައިގެ ފެށުން - އިނގިރޭސިވިލާތުން 1965ގައި މޮރިޝަސް އިން ޗާގޮސް ވަކިކުރި މައްސަލައިގައި ޗާގޯސް އަކީ މޮރިޝަސްގެ ސިޔާދަތީ ބާރު އޮތް ތަނެއް ކަމަށް އެ ގައުމުން ދައުވާ ކުރެ އެވެ.
އެ މައްސަލައިގައި:
-
އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)ގެ އިސްތިޝާރީ ލަފަޔަކަށް އެދުމުން 2019ގައި އިސްތިޝާރީ ލަފާ ދިނީ ޗާގޮސް ރަށްތަކަކީ މޮރިޝަސްގެ ސިޔާދަތީ ބާރުގެ ދަށުގައިވާ ތަނެއް ކަމަށް
-
ހަމަ އެ އަހަރު، ހަ މަސްދުވަހުގެ ތެރޭގައި މޮރިޝަސްއާ ޗާގޮސް ހަވާލުކުރުމަށް އިނގިރޭސިވިލާތަށް ގޮވާލައި ގަރާރެއް އދ.ގެ އާންމު މަޖިލީހުން ފާސްކުރި
-
ރާއްޖެއާ އިން ވަކިކުރުމަށް މޮރިޝަސް އިން އިޓްލޮސްއަށް ދިޔައީ ވެސް އައިސީޖޭގެ އިސްތިޝާރީ ލަފަޔަށް ބިނާކޮށް
އދ.ގެ ގަރާރާ ދެކޮޅަށް ރާއްޖެއިން އޭރު ވޯޓު ދިން ނަމަވެސް، މިދިޔަ އޮގަސްޓް މަހު ރާއްޖޭގެ ސްޓޭންޑު މޮރިޝަސްއާ އެއްކޮޅަށް ވަނީ ބަދަލުކޮށްފަ އެވެ. އެކަން ހާމަކުރެއްވީ، މިމައްސަލައިގެ އަޑުއެހުންތަކުގެ ތެރެއިން މިދިޔަ އޮކްޓޯބަރު މަހު އެޓާނީ ޖެނެރަލް އިބްރާހިމް ރިއްފަތު އެވެ.
މިކަން ރިއްފަތު ހާމަކުރެއްވުމާ އެކު، ޗާގޯސް މައްސަލައިގައި ރާއްޖޭން ދޫދީފައިވާ ކަމަށް ބުނެ ސަރުކާރަށް ފާޑުކިޔުންތަކެއް އަމާޒުވި އެވެ.
ނަމަވެސް، ސަރުކާރުން އޭރު ބުނެފައިވަނީ ޗާގޯސްގެ މައްސަލައިގައި ދިވެހި ސަރުކާރު މަސައްކަތް ކުރަމުން އަންނަނީ ފުށޫ އަރާ ސަރަހައްދުން ރާއްޖެއަށް ލިބެން އޮތް އެންމެ ބޮޑު ސަރަހައްދެއް ހޯދުމަށް ކަމަށެވެ. އަދި އިޓްލޮސްގައި ކުރިއަށްދާ މައްސަލަ ރާއްޖެ ކޮޅަށް ނިމޭނެ ކަމުގެ އުންމީދު ވަރަށް ބޮޑު ކަމަށް ވެސް ރާއްޖޭން ބުނެފައިވެ އެވެ.
އެނގުން މުހިންމު - ކަނޑުތަކާ ބެހޭ އދ.ގެ މުއާހަދާގައިވާ ގޮތުން، ވަށައިގެން ކަނޑު އޮންނަ ގައުމުތަކުގެ ހިކިފަސް ބިން ނުވަތަ އައްސޭރިފަށުން ފެށިގެން 200 މޭލު އެ ގައުމެއްގެ އެކްސްކްލޫޒިވް އިކޮނޮމިކް ޒޯން (އީއީޒެޑް)ގެ ގޮތުގައި ކަނޑައެޅޭނެ އެވެ.
މޮރިޝަސް އިން ބޭނުންވަނީ މި އުސޫލުގެ މަތިން ޗާގޯސް ވަށައިގެން އޮތް ސަރަހައްދު އެ ގައުމުގެ އީއީޒެޑްގައި ހިމަނާށެވެ. ރާއްޖޭން މި ކަމަށް އިއުތިރާޒުކުރަނީ، ޗާގޯސްއަކީ މޮރިޝަސްގެ ބައެއް ކަމުގައި ބެލި ނަމަވެސް އައްސޭރިފަށުން ފެށިގެން ބައުންޑަރީ ލައިންތައް ކުރަހަން އެދޭ ގޮތަށެވެ.
އިތުރަށް ކިޔާލަން -