ޗާގޯސްގެ މައްސަލައިގައި ރައީސް އޮފިހުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝާހިދު (ވ) އަދި ރިއްފަތު

ޗާގޯސްއަކީ ރާއްޖޭގެ ތަނެއް ކަމަށް ދައުވާ ކުރުމުގެ ފަހު ފުރުސަތު ދޫކޮށްލީ ޔާމީން: ޝާހިދު

ޝާހިދު ވިދާޅުވީ މި މައްސަލައިގައި މި ސަަރުކާރުން ސްޓޭންޑް ބަދަލުކޮށްފައި ނުވާ ކަމަށާއި އދ. ގެ ގަރާރާ ދެކޮޅަށް ވޯޓު ދިނީ އެހެން ސަބަބަކާ ހުރެކަން އާއްމު މަޖިލީހުގައި އޭރު ވެސް ސާފުކޮށްދީފައިވާނެ ކަމަށް

މުހިންމު ނުކުތާތައް

2017ގެ އދ. ވޯޓުގައި އަދި އައިސީޖޭ އިން ދިން ފުރުސަތުގައި ރާއްޖެއިން ދައުވާއެއް ނުކުރޭ

'ރާއްޖޭގެ ހައްގެއް ދޫނުކުރާނެ ކަމަށް ރައީސް ސޯލިހުގެ ސިޓީގައި ވިދާޅުވި'

'ކުރީގެ ސަރުކާރުތަކުން ވެސް ގަބޫލުކުރީ ފުށުއަރާ ކަމަށް؛ މި ސަރުކާރުން އެއްވެސް ކަމެއް ބަދަލުކޮށްފައެއް ނެތް'

ޗާގޯސްއަކީ ރާއްޖޭގެ ތަނެއް ކަމަށް އެއްވެސް ސަރުކާރަކުން ގަބޫލުކޮށްފައި ނުވާ ކަމަށާއި އެއީ ރާއްޖޭގެ ތަނެއް ކަމަށް ހަދަން ބޭނުން ނަމަ އެކަން ކުރަން ލިބުނު ފަހު ފުރުސަތު ދޫކޮށްލީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކަމަށް ވިދާޅުވެ، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިރޭ ރައްދުދެއްވައިފި އެވެ.

ވީ ކިހިނެއް؟ - ޗާގޯސް މައްސަލަ އާއި ރާއްޖެ އާއި މޮރިޝަސްގެ އިން ވަކިކުރުމާ މެދު ރާއްޖެއިން އަމަލުކުރަމުންދާ ގޮތާ ބެހޭގޮތުން ވާހަކަދެއްކެވުމަށް ޝާހިދާއި ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު، މިރޭ ރައީސް އޮފީހުގައި ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަވައިފަ އެވެ. މިއީ ހޫނުވިތާ ގިނަ ދުވަސްތަކެއް ވެފައިވާ މި މައްސަލައިގައި ޝާހިދާއި ރިއްފަތު މީޑިއާ ކުރިމައްޗަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

ތަފްސީލު - ދޮޅުގަޑިއިރުގެ ނޫސްވެރިންގެ ބައްދަލުވުމުގައި، ކުރީގެ ސަރުކާރުތަކުން މިކަމުގައި ކޮށްފައިވާ މުއާމަލާތުތަކާއި އެއްބަސްވެފައިވާ ގޮތްތަކުގެ މައުލޫމާތު ޝާހިދު ދެއްވި އެވެ. 

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ކަން ހިނގައިދިޔަ ގޮތުގެ މައްޗަށް އަލިއަޅުވާލައްވަމުން ޝާހިދު ވިދާޅުވީ، ކުރީގެ ސަރުކާރުތަކުން ކޮށްފައިވާ މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުން އދ. އަށް 2017ގައި މޮރިޝަސްގެ ސަރުކާރުން ގަރާރެއް ހުށަހެޅި އިރު އަދި އެ ގަރާރު ފާސްކުރުމުގެ ނަތީޖާއެއްގެ ގޮތުން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ދިން އިސްތިޝާރީ ލަފާގެ ކުރިން ވެސް ޔާމީންގެ ސަރުކާރަށް ޗާގޯސްގެ މައްޗަށް ދައުވާކުރުމުގެ ފުރުސަތު އޮތް ކަމަށެވެ. އައިސީޖޭގެ އެ ލަފާ ދިނީ އިނގިރޭސިވިލާތުގެ ބާރުގެ ދަށުގައި އޮތް ޗާގޯސްއަކީ މޮރިޝަސްގެ ތަނެއް ކަމަށެވެ.

"2017 ވަނަ އަހަރު އެ ލިބުނު އެންމެ ފަހު ފުރުސަތު. އަޅުގަނޑުމެން ދިވެހި ދައުލަތުން ޗާގޯސްގެ މައްޗަށް ސިޔާދަތީ ބާރު ހިންގަން ބޭނުންވާ ކަމަށްވާ ނަމަ، އަޅުގަނޑުމެންގެ ތަނެއް ކަމަށް ނިންމަން ބޭނުންވާ ކަމަށްވާ ނަމަ، ލިބުނު އެންމެ ފަހު ފުރުސަތު. އެއީ އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސްއަށް މައްސަލަ ދިޔައިމަ، އެ ގަރާރާ ދެކޮޅަށް އިދިކޮޅު ލާފައި، އޭރު ދިވެހި ސަރުކާރުން ތިބީ ހަނު،" ގަރާރާ ދެކޮޅަށް 2017ގައި ވޯޓު ދިން އިރު އދ.ގެ އާއްމު މަޖިލީހުގައި ރާއްޖެއިން އެއްވެސް ވާހަކައެއް ދައްކާފައި ނުވާތީ އެކަމަށް އިޝާރާތްކުރައްވައި ޝާހިދު ވިދާޅުވި އެވެ.

"އެ ސަރުކާރުގެ ވެރިކަމުގައި ހުންނެވި ބޭފުޅާ، ރައީސް ޔާމީން އެ ދައްކަވާ ވާހަކަފުޅު އެއީ، ހިތުގެ އަޑިން ދައްކަވާ ވާހަކައެއް ނަމަ، އެ ފުރުސަތު ނަގެއް ނުލައްވާނެ. އެ ދުވަހު ވަޑައިގަންނަވާނީ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއަށް. އެ ތަނުގައި ހިނގަމުންދާ މައްސަލައަށް ތަދައްހުލްވުމުގެ ފުރުސަތު ރާއްޖެއަށް އޮތް. އެއިން އެއްވެސް ކަމެއް ނުކުރައްވާ. އެއީ، އޭރު ވެސް، [އަދި] އޭގެ ކުރީގެ ސަރުކާރުތަކުން ވެސް ގަބޫލެއް ނުކުރޭ މިއީ ތިމަންމެންގެ ތަނެއް ކަމަކަށް."

ނޫސްވެރިންގެ ބައްދަލުވުމުގައި ޝާހިދު ވާހަކަ ދައްކަވަނީ

ޝާހިދުގެ ވާހަކައިގައި ދެން ގެންނެވީ މި ސަރުކާރުން މިކަމުގައި އަމަލުކުރި ގޮތެވެ. އެގޮތުން އޭނާ ވިދާޅުވީ، މި މައްސަލައިގައި 2019ގައި ވެސް އދ.ގެ ގަރާރާ ދެކޮޅަށް ވޯޓު ދިން ނަމަވެސް، ރާއްޖެއިން ދެކޮޅު ހެދީ ޗާގޯސްގެ ސިޔާދަތީ ބާރުގެ މައްސަލައިގައި ނޫން ކަމަށާއި އެކަން މި ސަރުކާރުން އާއްމު މަޖިލީހުގައި ސާފުކޮށްދީފައި ވެސް ވާނެ ކަމަށެވެ. މި މައްސަލައިގައި މި ސަރުކާރުން ސިޔާސަތު ބަދަލު ކުރި ކަމަށް ބުނެ ވާހަކަ ދެއްކިޔަސް ރާއްޖެއިން ސްޓޭންޑް ބަދަލުކުރީ ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"ގަރާރާ ދެކޮޅަށް ވޯޓުލީ ކީއްވެގެންކަން ސާބިތުކޮށްދީ، އެކަން ކިޔައިދީފައިވޭ. އޭގައި ބުނެފައި އޮންނަނީ ޗާގޯސްގެ މިނިވަންކަމާ ބެހޭ ގޮތުން އެދިފައިވާ ސުވާލަކަށް ނޫން. އެއަށް ދިވެހި ސަރުކާރުން ދެކޮޅެއް ނަހަދަން. އެއީ އަައިސީޖޭގެ އެޑްވައިޒަރީ އޮޕީނިއަންއެއް އޮތީމަ،" ނިމިދިޔަ ދައުރުގައި އދ.ގެ އާންމު މަޖިލީހުގެ ރައީސްކަން ވެސް ކުރެއްވި ޝާހިދު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ވޯޓު ބިނާވެފައި ވަނީ، ރާއްޖެއިން ހުށަހަޅާފައިވާ ކޮންޓިނެންޓަލް ޝެލްފްގެ މައްސަލައިގައި. ސީއެލްސީއަށް ހުށަހަޅާފައިވާ މައްސަލައިގައި، މޮރިޝަސްއިން އެއާ ދެކޮޅު ހަދާފައި އޮތުމުން."

މި މައްސަލައިގައި ކުރީގެ ރައީސުންނާއި އެ ބޭފުޅުންގެ ސަރުކާރުގެ އިސް ބޭފުޅުން ދައްކަވާ ވާހަކަތަކަށް ރައްދު ދެއްވަމުން ޝާހިދު ވިދާޅުވީ، އާއްމުންނަށް އޮޅުން އަރަނީ މިކަމުގެ މައުލޫމާތު އެނގި ތިބެ، ހަގީގަތް އޮޅުވާލަަން އެ ބޭފުޅުން ދައްކަވާ ވާހަކަތަކުގެ ސަބަބުން ކަމަށެވެ.

'ރާއްޖޭގެ ހައްގެއް ދޫނުކުރާނެ ކަމަށް ރައީސްގެ ސިޓީގައި ވިދާޅުވި'

މޮރިޝަސްއާ އެއްކޮޅަށް އދ.ގައި ވޯޓު ދޭން ނިންމިކަން އަންގަވައި އެ ގައުމުގެ ބޮޑުވަޒީރަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިދިޔަ އޮގަސްޓު މަހު ފޮނުއްވި ސިޓީގައި އޮތް ސީދާ އިބާރާތްތައް ހާމަކުރަން އެދި ނޫސްވެރިން ތަކުރާރުކޮށް ސުވާލު ކުރި ނަމަަވެސް، ޝާހިދު އެއަށް ސީދާ ޖަވާބެއް ނުދެއްވަ އެވެ. ނަމަވެސް އޭނާ ވިދާޅުވީ އެ ސިޓީ ފޮނުވާފައިވަނީ ސަރަހައްދީ އިމާ ގުޅޭ ގޮތުން އެއްވެސް ކަމަކަށް އެއްބަސްވެފައި ނޫން ކަމަށެވެ. އެ ސިޓީ އާއްމުކުރާނެތޯ ސުވާލުކުރުމުން ޝާހިދު ދެއްވި ޖަވާބަކީ ހަމަޖެހިފައި އޮންނަ ގާނޫނީ އުސޫލުގެ ތެރެއިން ސިޓީ ދޫކުރާނެ ކަމެވެ.

"ރައީސުލްޖުމްހޫރިއްޔާ [މޮރިޝަސްގެ ބޮޑުވަޒީރަށް] ފޮނުއްވި ސިޓީފުޅުގައި ވިދާޅުވެފައި ވަނީ، އަލުން މިފަދަ ގަރާރެއް އދ.ގެ މަޖިލީހަށް އަތުވެއްޖެ ނަމަ، ދިވެހި ސަރުކާރަކުން އެ ގަރާރަކާ ދެކޮޅު ނުހައްދަވާނެ ކަމަށް... އެއީ އިސްތިއުމާރީ ބާރުތަކުން ރަށްތައް މިނިވަންކުރުމަށް ރާއްޖެއިން އަބަދުވެސް ތާއީދު ކުރާތީ،" އެ ސިޓީގައި އޮތް އެއްޗެއް ޖުމްލަކޮށް ވިދާޅުވަމުން ޝާހިދު ވިދާޅުވި އެވެ.

ޗާގޯސް އައިލެންޑްސް (ފޮޓޯ/ ގެޓީ)

ޝާހިދު ވިދާޅުވީ، އދ.ގައި ދެން ޗާގޯސްގެ މައްސަލައިގެ ވޯޓަކަށް ހިނގައްޖެ ނަމަ، މޮރިޝަސްއާ އެއްކޮޅަށް ވޯޓުލާނެ ކަމަށް ވިދާޅުވެ ރައީސް ސިޓީ ފޮނުއްވީ، "އަޅުގަނޑުމެންގެ ސަރަހައްދުތައް ހޯދުމުގައި ރާއްޖެ ދެމިއޮންނާނެ ކަމަށް" އަދި  "ބައިނަލްއަގުވާމީ ގާނޫނުގެ ދަށުން ރާއްޖެއަށް ލިބޭ އެންމެ ބޮޑު ސަރަހައްދެއް ހޯދުމަށް ރާއްޖެއިން ވަކާލާތު ކުރުމުގެ ހައްގަށް އެއްވެސް އުނިކަމެއް ނާންނާނެ" ކަމަށް ފާހަގަކުރައްވާފައި ކަމަށެވެ.

'މި ސަރުކާރުން ކަމެއް ބަދަލެއް ނުކުރޭ'

ނޫސްވެރިންގެ ބައްދަލުވުމުގައި ޝާހިދު އިތުރަށް ވިދާޅުވިގޮތުގައި:

  • ޗާގޯސް ރަށްތަކަކީ މީހުން ދިރިނޫޅޭ ތަނަކަށް ވާތީ ރާއްޖެއަށް ލިބެން ޖެހޭ އިގްތިސާދީ ސަރަހައްދު ބޮޑުވާނެ ކަމަށް، 24 ނޮވެމްބަރު 1998ގައި ރައީސް އޮފީހުގައި ބޭއްވި ކޮމިޓީއެއްގެ ބައްދަލުވުމެއްގައި މަޝްވަރާކޮށްފައިވޭ

  • އދ.ގެ ލޯ އޮފް ދަ ސީ ކޮންވެންޝަން އޮންނަ ގޮތުން އެގޮތަށް ރާއްޖެއަށް ލިބޭ ސަރަހައްދު ބޮޑުވާނެތީ އެކަމާ ގުޅޭ ގޮތުން ސްޓްރެޓެޖީއެއް އެކުލަވާލުމަށް އޭރުގެ ބަންޑާރަ ނައިބުގެ އޮފީހާ އެ ދުވަހު ހަވާލު ކުރި

  • އޭގެ ފަހުން މި މައްސަލަ 14 ޖުލައި 2004ގައި ވަޒީރުންގެ މަޖިލީހަށް ދިޔަ؛ ނަމަވެސް އޭރު ވެސް އެ ސްޓްރެޓެޖީ ތައްޔާރުކޮށް ބަންޑާރަ ނައިބުގެ އޮފީހުން ރައީސް އޮފީހަށް ފޮނުވާފައެއް ނުވޭ

  • އަދި އެ ކަރުދާސް ވޭތުވެދިޔަ އެއްވެސް ސަރުކާރަކުން ތައްޔާރުކޮށްފައި އޮތް ކަމެއް ލިޔެކިޔުމުން ފެންނާކަށް ނެތް

"އެހެންވީމަ، އިން ވަކިކުރުމުގެ މައްސަލައިގައި ވެސް، ވޯޓު ދިނުމުގެ މައްސަލައިގައި ވެސް އަދި ރާއްޖޭގެ ސިޔާދަތީ ބާރު ޗާގޯސްގެ މައްޗަށް ހިންގުމުގެ މައްސަލައިގައި ވެސް މިއަދުގެ ސަރުކާރުން އެއްވެސް ކަމެއް ބަދަލުކޮށްފައެއް ނެތް. ގާނޫނުއަސާސީ ލާޒިމް ކުރާ ގޮތަށް ރާއްޖޭގެ ސަރަހައްދު ދިފާއުކުރުމުގައި މި ސަރުކާރުން އަބަދުމެ އަމަލު ކުރާނެ. ރާއްޖެއަށް އެންމެ ފައިދާ ހުރި ގޮތުގައި ބައިނަލްއަގުވާމީ އިމުގެ ތެރެއިން ލިބެން އޮތް އެންމެ ބޮޑު ސަރަހައްދެއް ހޯދުމުގައި މިއަދުގެ ސަރުކާރުން ވަކާލާތުކުރަމުން ގެންދަވާނެ،" ޝާހިދު ވިދާޅުވި އެވެ.

ނިއުސް ކޮންފަރެންސްގައި ޝާހިދު އިތުރަށް ވިދާޅުވިގޮތުގައި:

  • ދުނިޔޭގެ ކަނޑުތަކުގެ ގާނޫނުގެ ދަށުން އީއީޒެޑް ފުށުއަރާ ހުރިހާ ތަނެއްގެ އިން މިހާތަނަށް ކަނޑައަޅާފައި ހުރީ އީކުއިޑިސްޓެންސްގެ އުސޫލުން

  • ޗާގޯސް އާއި ރާއްޖެއާ ދެމެދު 200 ނޯޓިކަލް މޭލު ފުށުއަރާކަން އެނގުނީ އަލަކަށް ނޫން. އެއީ އީއީޒެޑް ފުށުއަރާ ސަރަހަދެއް ކަމަށް ރާއްޖެ އިން ވަނީ އިނގިރޭސިވިލާތާ އެކު އަދި މޮރިޝަސްއާ އެކު ކުރިން ވެސް އެއްބަސްވެފައި. 

  • އެކަމާ ގުޅޭގޮތުން 1992 ވަނަ އަހަރު އިނގިރޭސިވިލާތާ އެކު މަޝްވަރާކޮށް އެއްބަސްވި ގޮތުގެ ލިޔުމުގައި 19 ނޮވެމްބަރު 1992ގައި ދެ ގައުމުން ސޮއިކޮށްފައިވޭ

  •  އިނގިރޭސިވިލާތާ އެކު ވެސް އެއްބަސްވެފައިވަނީ ފުށުއަރާ ފުށުއެރުން ހައްލު ކުރުމަށް އީކުއިޑިސްޓެންސްގެ މިންގަނޑުން ދެ ބަޔަށް ބަހާލަން

  • ފަހުން 2010 ވަނަ އަހަރު ނަޝީދުގެ ސަރުކާރުގައި އެ އަހަރުގެ އޮކްޓޯބަރު މަހު މޮރިޝަސްގެ ކެބިނެޓް ސެކްރެޓަރީ ސީއެސް. ސީބަލުކް ރާއްޖެއަށް ޒިޔާރަތްކުރައްވައި އޭރުގެ ފޮރިން މިނިސްޓަރު ޑރ. އަހްމަދު ޝަހީދާ އެކު މި މައްސަލައާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި؛ އެ މަޝްވަރާތަކުގެ ޔައުމިއްޔާގައި މޮރިޝަސްގެ ކެބިނެޓް ސެކްރެޓަރީ އާއި ޝަހީދު ސޮއިކުރައްވާފައިވޭ

  • އެ ލިޔުމުގައި ޗާގޯސްއަކީ މޮރިޝަސްގެ ތަނެއް ކަމަށް ޝަހީދު ގަބޫލުކުރައްވައި އެ އަހަރު ރާއްޖެއިން ކޮމިޝަން އޮން ދަ ލިމިޓްސް އޮފް ދަ ކޮންޓިނެންޓަލް ޝެލްފް (ސީއެލްސީއެސް) އަށް ހުށަހެޅި މައްސަލައިގައި، ޗާގޯސްގެ ސަރަހައްދުގައި އޮތް މޮރިޝަސްގެ އީއީޒެޑްއަށް ބަލައިނުލެވި އޮތް ކަމަށާއި އެކަން އިސްލާހުކުރުމަށް ފަހު އެޑެންޑަމްއެއްގެ ގޮތުގައި ހުށަހަޅަން ޝަހީދު އެއްބަސްވެވަޑައިގެންފައިވޭ 

ޝާހިދު ނޫސްވެރިންގެ ބައްދަލުވުން ފެއްޓެވީ ޗާގޯސްއަކީ ރާއްޖޭގެ ތަނެއް ކަމަށް ވިދާޅުވެ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެހެން ވެސް ބައެއް ފަރާތްތަކުން ދައްކަވާ ވާހަކައަށް ރައްދުދެއްވަމުންނެވެ. އޭނާ ވިދާޅުވިގޮތުގައި:

  • ނުވަ ވަނަ ހަސަން ރަސްގެފާނު ޕޯޗުގީޒުގެ ވެރިންނަށް ފޮނުއްވި ސިޓީއެއްގައި އޭނާގެ ރަސްކަމުގެ ސަރަހައްދުގެ ތެރޭގައި ރާއްޖެއާ އެކު ޗާގޯސް ހިމަނުއްވާފައި އޮތް ނަމަވެސް އެއީ އޭނާ ޕޯޗުގީޒުން ލައްވައި ރާއްޖެ އަޅުވެތިކޮށް ދިވެހިން ގަބޫލުކޮށްގެން ތިބި އިސްލާމްދީން ބަދަލުކުރުވުމަށް ލިޔުއްވި ސިޓީއެއް

  • އޭގެ ފަހުން ރާއްޖޭގެ އެއްވެސް ރަސްކަލަކު ވެސް ޗާގޯސްއަކީ ރާއްޖޭގެ ތަނެއް ކަމަކަށް ބަލާފައެއް ނެތް

  • ރާއްޖޭގެ އެންމެ ކުރީގެ ގާނޫނުއަސާސީތަކުގައި ރާއްޖޭގެ ސަރަހައްދު ކަނޑައަޅާފައި ނުވާއިރު، 1932ގައި ވުޖޫދަށް އައި ފުރަތަމަ ގާނޫނުއަސާސީން ފެށިގެން މިހާރު އަމަލުކުރަމުންދާ ގާނޫނުއަސާސީއާ ހަމައަށް ވެސް ޗާގޯސްއަކީ ރާއްޖޭގެ ސަރައްހަދެއް ކަމަކަށް ބަލާފައެއް ނުވޭ

މި މައްސަލައިގައި ސަރުކާރުގެ ހާމަކަން ކުޑަކަން ފާހަގަކޮށް ނޫސްވެރިން އެކި ފަހަރު މަތިން ސުވާލުކުރި ނަމަވެސް ޝާހިދާއި ރިއްފަތު އެކަމާ އެއްބަސްވެވަޑައެއް ނުގެންނެވި އެވެ. ޖަވާބެއްގެ ގޮތުން ޝާހިދު ސުވާލުކުރެއްވީ ދޮގު ވާހަކަ ދައްކާ ފަރާތްތަކުން ދައްކަނީ ދޮގު ވާހަކަކަން، އެ ވާހަކައެއް ދެއްކުމުގެ ކުރިން ސާފުކޮށްދެވޭނީ ކިހިނެއްތޯ އެވެ.

ރިއްފަތު ވިދާޅުވީ ކޯޓުގައި ހިނގަމުންދާ މައްސަލައެއްގެ ހުރިހާ ތަފްސީލްތަކެއް ދުރާލާ ހާމަނުކުރެވޭނެ ކަމަށާއި އެކަމަކު 2019 އިން ފެށިގެން މި މައްސަލައިގެ މައުލޫމާތު އެކި ގޮތްގޮތަށް ސަރުކާރުން ދީފައިވާނެ ކަމަށެވެ. އަދި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް މި މައްސަލައިގެ ލިޔެކިޔުންތައް ހުށަހަޅާފައިވާނެ ކަމަށާއި އަޑުއެހުންތައް ބޭއްވުމާ ހަމައަށް ސިއްރު ހިފަހައްޓަން ޖެހޭ ކަންކަން ހުރުމުން އެފަދަ ކަންކަން ހާމަނުކުރަން އެދިފައިވާނެ ކަމަށް ވެސް ރިއްފަތު ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް