Majlis 2024

ރާއްޖެ އާއި މޮރިޝަސްއާ ދެމެދު އީއީޒެޑް ފުށުއަރާ ސަރަހައްދު ވިލު ކުލައިން އަދި އިން ވަކިކުރުމުގައި ހިޔާލުތަފާތުވާ ސަރަހައްދު ދަނބު ކުލައިން ފާހަގަކޮށްފައި.

ތަފުސީލުކޮށްދިނުން: ރާއްޖެ-މޮރިޝަސް މައްސަލައިގެ ފަސްމަންޒަރު

މޮރިޝަސްއާ އެކު އިން ވަކިކުރުމަށް 2010ގައި ދެ ގައުމުން ވާހަކަދެއްކި

ރާއްޖޭގެ ދެކުނުން ޗާގޯސްއާ ދިމާލުން އިން ވަކިކުރުމާ ބެހޭ ގޮތުން ރާއްޖެ އާއި އިނގިރޭސިވިލާތުން އަދި ރާއްޖެ އާއި މޮރިޝަސް އިން ކުރިންސުރެ އައީ ކޮންމެވެސް ސިފައެއްގައި ވާހަކަދައްކަމުންނެވެ. އެކަމާ ބެހޭ ގޮތުން މަޝްވަރާކުރުމަށް ބައެއް ބައްދަލުވުންތައް ބާއްވައި ލިޔެކިޔުންތައް ބަދަލުކޮށްފައިވެ އެވެ.

ތިރީގައި މިވަނީ އިމުގެ މައްސަލައާ ބެހޭ ގޮތުން ލިޔެކިޔުންތަކުން ފެންނަން ހުރި މުހިއްމު ބައެއް މައުލޫމާތާއި ފަސްމަންޒަރެވެ.

  • ރާއްޖެ އާއި ޗާގޯސްއާ ދެމެދު، އެއްވެސް ފަރާތަކަށް 200 ނޯޓިކަލް މޭލު ހަމަނުވެ ހާއްސަ އިގްތިސާދީ ސަރަހައްދު (އީއީޒެޑް) ފުށުއަރާ 95،000 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް އޮވެ އެވެ. އެ ތަނުގެ އިން އޮންނަނީ، އެއްވެސް އިރަކު، ކަނޑަނާޅަ އެވެ. 

  • ރާއްޖޭގެ އުތުރުން ސްރީ ލަންކާއާ ފުށުއަރާ ސަރަހައްދުގެ އިން ވަކިކޮށް ރާއްޖެއިން 31 ޖުލައި 1976 ގައި އެއްބަސްވުމެއްގައި ސޮއިކޮށްފައިވެ އެވެ. އަދި އިންޑިއާއާ ފުށުއަރާ ސަރަހައްދުގެ އިން، 24 ޖުލައި 1978 ގައި ސޮއިކުރި އެއްބަސްވުމަކުން، ވަނީ ވަކިކޮށްފަ އެވެ.

  • 1992 - ޗާގޯސް އާއި ރާއްޖެއާ ދެމެދު ފުށުއަރާ ސަރަހައްދު ބައިކުރުމަށް، އީކުއިޑިސްޓެންސް މިންގަނޑުން ބަހާލުމަށް، ރާއްޖެ އާއި އިނގިރޭސިވިލާތުން ބޭއްވި މަޝްވަރާތަކެއްގައި އުސޫލެއްގެ ގޮތުން އެއްބަސްވެފައިވެ އެވެ. އަދި އެއަށް ފަހު އިނގިރޭސިވިލާތުން ޑްރާފްޓް އެގްރީމެންޓެއް ތައްޔާރުކޮށް ރާއްޖެއަށް ހުށަހެޅި އެވެ. ނަަމަވެސް އެ އެގްރީމެންޓުގައި ދެ ގައުމުން ސޮއިކޮށްފައެއް ނުވެ އެވެ.

  • 27 ޖޫން 1996 - ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާ ބެހޭ ގާނޫނަށް އަމަލުކުރަން ފެށި އެވެ. އެ ގާނޫނުގެ ދަށުން ރާއްޖޭގެ އާކިޕެލަޖިކް ބޭސްލައިންތަކުގެ އިންތައް ފާހަގަކޮށް އެ ބޭސްލައިންތަކުން ފެށިގެން ބޭރުގައިވާ 200 މޭލު ސަރަހައްދަކީ ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދު (އީއީޒެޑް) ކަމަށް ބަޔާންކޮށްފައިވެ އެވެ. އަދި އެހެން ގައުމެއްގެ އީއީޒެޑްއާ ފުށުއަރާ ނަމަ، ފުށުއަރާ ދިމާލަކާ ބެހޭ ގޮތުން އެ ގައުމަކާއި ދިވެހި ސަރުކާރާ ދެމެދު ސޮއިކުރާ އެގްރިމެންޓެއްގެ ދަށުން، ފުށުއަރާ ސަރަހައްދު ކަނޑައެޅުމަށް ހުރަހެއް ނެތްކަން ބަޔާންކޮށްފައިވެ އެވެ.

  • 7 ސެޕްޓެމްބަރު 2000 - ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީ (އަންކްލޮސް) ނުވަތަ ދުނިޔޭގެ ކަނޑުތަކުގެ ގާނޫނަށް ރާއްޖެއިން އަމަލުކުރަން ފެށި އެވެ. އެ މުއާހަދާގައި ރާއްޖެއިން ސޮއިކޮށްފައިވަނީ 1982ގަ އެވެ. 

  • އެ މުއާހަދާގެ ދަށުން ކޮންމެ ގައުމަކަށް ވެސް އައްސޭރިފަށުން ފެށިގެން 200 މޭލު އެ ގައުމެއްގެ އީއީޒެޑްގެ ގޮތުގައި ކަނޑައެޅެ އެވެ. އަދި ޖެހިގެން އޮންނަ ގައުމެއްގެ އީއީޒެޑްއާ ފުށުއަރާ ނަމަ، އަމަލުކުރަން އޮންނަ ގޮތަކީ، ކޮންމެ ފަރާތަކުން ވެސް އެ ސަރަހައްދާ އެންމެ ގާތުން އޮންނަ އައްސޭރިފަށުން ފެށިގެން، ދެ ގައުމަށް ބަހާލުމެވެ. މިފަދަ ސަރަހައްދުތައް ބަހާނެ ގޮތަކާ މެދު ދެ ގައުމަަށް އެއްބަސްނުވެވޭ ނަމަ އެ މައްސަލައެއް ހިފައިގެން ދާން އޮންނަނީ ޖަރުމަންގެ ހަމްބާގުގައި ހުންނަ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށެވެ. 

  • 19 ޖޫން 2001 - އިޓްލޮސް އިން ބަލަމުންދާ ރާއްޖެ-މޮރިޝަސް މައްސަލައިގެ އިބްތިދާއީ މަރުހަލާގައި ރާއްޖެއިން ހުށަހަޅާފައިވާ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި، ޗާގޯސް ރަށްތަކުގެ ވަށައިގެންވާ ކޮންޓިނެންޓަލް ޝެލްފް (ކަނޑުއަޑީގެ ބިން)ގެ އިން ވަކިކުރުމުގެ މަސައްކަތް ފަށައިގަންނަކަން ޗާގޯސް އިން މި ތާރީހުގައި ސިޓީއަކުން ރާއްޖެއަށް އެންގި އެވެ. ރާއްޖެ އާއި މޮރިޝަސްއާ ދެމެދު ކޮންޓިނެންޓަލް ޝެލްފް ފުށުއަރާ ބައެއް އޮތުން އެކަށީގެންވާ ކަމަށާއި އީއީޒެޑްގެ އިން ވަކިކުުރުމުގެ މައްސަލައަށް ވެސް ދެ ގައުމުން ބަލަން ޖެހިދާނެ ކަމަށް އޭގައި ބުނެފައިވެ އެވެ.

  • 7 އޮގަސްޓް 2008 - އާ ގާނޫނު އަސާސީގައި ރާއްޖޭގެ ސަރަހައްދު ކަނޑައެޅި އެވެ. ތިންވަނަ މާއްދާގައި ރާއްޖޭގެ ސަރަހައްދު ކަމަށް ބުނެފައިވަނީ ގާނޫނުގައިވާ ގޮތުގެ މަތިން ދަމާލެވޭ ރާއްޖޭގެ އާކިޕެލަޖިކް ބޭސްލައިންތަކުގެ ތެރޭގައިވާ ބިމާއި ޖައްވާއި ކަނޑާއި ކަނޑުއަޑީގައިވާ ބިމާއި އެ ބޭސްލައިންތަކުން ފެށިގެން ބޭރުގައިވާ ސަރަހައްދީ ކަނޑާއި އެ ކަނޑުގެ އަޑީގައިވާ ބިމާއި އެ ކަނޑާ ގުޅިފައިވާ ޖައްވެވެ. އަދި ރާއްޖޭގެ ސަރަހައްދަށް އެއްވެސް ބަދަލެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ މަދުވެގެން ތިންބައިކުޅަ ދެބައިގެ އަގުލަބިއްޔަތުން ފާސްވާ ގާނޫނަކުން ކަމަށް ވެސް ގާނޫނު އަސާސީގައިވެ އެވެ. 

  •  ރާއްޖޭގެ ކަނޑުތަކުގެ ގާނޫނުގައި ރާއްޖޭގެ ސަރަހައްދު ކަމަށް ބަޔާންކޮށްފައިވަނީ އާކިޕެލަޖިކް ބޭސްލައިންތަކުން ފެށިގެން ބޭރުގައިވާ 12 ނޯޓިކަލް މޭލެވެ. މި ސަރަހައްދުގައި ރާއްޖޭގެ ސިޔާދަތީ ބާރު ހިނގާނެ ކަމަށް ބަޔާންކޮށްފައިވެ އެވެ. އަދި ރާއްޖޭގެ އީއީޒެޑްގައި ރާއްޖެއަށް ސިޔާދަތީ ހައްގުތައް ލިބިގެންވާ ކަމަށް އެ ގާނޫނުގައި އޮވެ އެވެ.

  • 26 ޖުލައި 2010 - ރާއްޖޭގެ ކޮންޓިނެންޓަލް ޝެލްފް 200 ނޯޓިކަލް މޭލަށް ވުރެ އިތުރުކުރުމަށް ކޮމިޝަން އޮން ދަ ލިމިޓްސް އޮފް ދަ ކޮންޓިނެންޓަލް ޝެލްފް (ސީއެލްސީއެސް) އަށް ރާއްޖެއިން ހުށަހެޅި އެވެ.

  • 9 އޮގަސްޓް 2010 - ރާއްޖެއިން ސީއެލްސީއެސް އަށް ހުށަހެޅި ލިޔެކިޔުންތަކުގައި ރާއްޖޭގެ އީއީޒެޑް ކުރަހާފައިވަނީ، ރާއްޖޭގެ ޓެކްނިކަލް ލެވެލްއެއްގައި އެއްބަސްވެފައިވާ ގޮތާ ހިލާފަށް، ޗާގޯސްގެ އީއީޒެޑްގެ ބައެއް ހިމަނައިގެން ކަމަށް ބުނެ އިނގިރޭސިވިލާތުން ސީއެލްސީއެސް އަށް ޝަކުވާ ހުށަހެޅި އެވެ.

  • 21 އޮކްޓޯބަރު 2010 - އިޓްލޮސް އިން ބަލަމުންދާ ރާއްޖެ-މޮރިޝަސް މައްސަލައިގެ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި، ކޮންޓިނެންޓަލް ޝެލްފްގެ އިން ވަކިކުރުމާ ބެހޭ ގޮތުން މި ތާރީހުގައި ރާއްޖެ އާއި މޮރިޝަސްގެ ފުރަތަމަ ބައްދަލުވުން މާލޭގައި ބޭއްވި އެވެ. އެއީ ދެ ގައުމުގެ ދެމެދުގައި ކޮންޓިނެންޓަލް ޝެލްފް ފުށުއަރާފާނެތީ އެކަމާ ބެހޭ ގޮތުން އަދި އީއީޒެޑް ފުށުއަރާ ސަރަހައްދުގެ އިން ވަކިކުރުމާ ބެހޭ ގޮތުން މަޝްވަރާކުރަން ބޭއްވި ބައްދަލުވުމެކެވެ.

  • ދެ ގައުމުގެ މަންދޫބުން ސޮއިކޮށްފައިވާ އެ ބައްދަލުވުމުގެ ޔައުމިއްޔާގައިވާ ގޮތުން، ދެ ގައުމުގެ އީއީޒެޑްގެ އިން ވަކިކުރުމަށް ބޭނުންކުރާނެ ބޭސް ޕޮއިންޓްތަކުގެ މައުލޫމާތު ވީ އެންމެ އަވަހަކަށް ދެ ގައުމުން ބަދަލުކުރާނެ އެވެ. އެކަން ކުރަނީ އެ އިން ކަނޑައެޅުމާ ބެހޭ ގޮތުން ކުރާނެ މަޝްވަރާތަކަށް މަގުފަހިކުރުމަށް ކަމަށް ޔައުމިއްޔާގައި ބުނެފައިވާކަން އިޓްލޮސްގެ ޑޮކިއުމެންޓްގައި ފާހަގަކޮށްފައިވެ އެވެ.

  • 29 އޮކްޓޯބަރު 2010 - ރާއްޖެއިން ސީއެލްސީއެސް އަށް ހުށަހެޅި ކޮންޓިނެންޓަލް ޝެލްފްގެ މައްސަލަ ދިރާސާކުރަމުންދާކަން މޮރިޝަސްއިން ސީއެލްސީއެސް އަށް އެންގި އެވެ.

  • 13-11 މާޗު 2011 - މޮރިޝަސްގެ މިނިވަން ދުވަހުގެ މުނާސަބަތަށް އޭރުގެ ރައީސް މުހައްމަދު ނަޝީދު އެ ގައުމަށް ދަތުރުފުޅެއް ކުރެއްވި އެވެ. އެ ދަތުރުފުޅުގައި، ޗާގޯސް ރަށްތަކާ ދިމާލުން ކޮންޓިނެންޓަލް ޝެލްފް ރާއްޖެއާ ފުށުއަރާ ސަރަހައްދާ ބެހޭ ގޮތުން ދެ ގައުމުގެ ދެމެދުގައި ގޮތްތަކެއް ނިންމަން ރާއްޖެ-މޮރިޝަސްގެ ޖޮއިންޓް ކޮމިޝަނެއް އުފެއްދުމަށް އެއްބަސްވި ކަމަށް، އެ މަޝްވަރާތަކާ ބެހޭ ގޮތުން ދެ ގައުމުން ނެރުނު ޖޮއިންޓް ކޮމިއުނިކޭގައި ބުނެފައިވެ އެވެ.

  • 24 މާޗް 2011 -  2010 ވަނަ އަހަރު ރާއްޖެއާ މަޝްވަރާކުރި ނަމަވެސް ރާއްޖެއިން ސީއެލްސީއެސް އަށް ހުށަހެޅި ހުށަހެޅުމަށް އިސްލާހް ގެނެސްފައިނުވާތީ، އެ ހުށަހެޅުމަށް މޮރިޝަސް އިން އިއުތިރާޒުކޮށް 'ފޯމަލް ޕްރޮޓެސްޓް' ހުށަހެޅި އެވެ.

  • 22 ޖޫން 2017 - ޗާގޯސްގެ މައްސަލައިގައި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)ގެ އިސްތިޝާރީ ލަފަޔަކަށް އެދެން އދ.ގެ އާއްމު މަޖިލީހުން ގަރާރެއް ފާސްކުރި އެވެ. ރާއްޖެއިން ވޯޓު ދިނީ އެ ގަރާރާ ދެކޮޅަށެވެ. އޭރު އެ މައްސަލައާ ގުޅޭ ގޮތުން ރާއްޖެއިން އާއްމު މަޖިލީހުގައި ވާހަކަދައްކާފައެއް ނުވެ އެވެ. 

  • 25 ފެބްރުއަރީ 2019 - އިނގިރޭސިވިލާތުން ޗާގޯސް ދޫކޮށްލަން ޖެހޭނެ ކަމަށް ފެންނަ ކަމަށް އައިސީޖޭ އިން އިސްތިޝާރީ ލަފާ ދިނެވެ. މި ލަފާ ދިނުމުގެ ކުރިން، ގައުމުތަކުން ދެކޭ ގޮތް ހުށަހެޅުމަށް އައިސީޖޭއިން ދިން ފުރުސަތުގައި ރާއްޖެއިން ހުށަހެޅުމެއް ހުށަހަޅާފައެއް ނުވެ އެވެ. އަދި އަޑުއެހުންތަކުގައި ވެސް ބައިވެރިވެފައެއް ނުވެ އެވެ. އައިސީޖޭއިން ދިން ލަފާގައި ބުނިގޮތުގައި ޗާގޯސް މޮރިޝަސްއާ ވަކިކުރުމުން މޮރިޝަސް އިސްތިއުމާރީ އަޅުވެތިކަމުން ފުރިހަމައަށް މިނިވަންވެފައިނުވާތީ އެކަން ފުރިހަމަކުރުމަށް ހުރިހާ މެމްބަރު ގައުމުތަކަކުން ވެސް އދ. އަށް އެއްބާރުލުންދޭން ޖެހޭނެ ކަމަށް އެ ކޯޓަށް ފެނެ އެވެ.

  • 7 މާޗު 2019 - އިޓްލޮސްއަށް ހުށަހަޅާފައިވާ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި، އައިސީޖޭގެ އިސްތިޝާރީ ލަފަޔާ ގުޅިގެން، މޮރިޝަސް އިން ރާއްޖޭގެ އދ. މިޝަންއަށް މި ތާރީހުގައި ޑިޕްލޮމެޓިކް ނޯޓެއް ފޮނުވި އެވެ. އޭގައި އޮތީ ރާއްޖެ އާއި މޮރިޝަސްގެ އިން ވަކިކުރުމާ ބެހޭ ގޮތުން އޮކްޓޯބަރު 2010ގައި މާލޭގައި ބޭއްވި ބައްދަލުވުމުގެ ދެވަނަ ބުރެއް އޭޕްރީލް 2019ގައި މޮރިޝަސްގައި ބޭއްވުމަށް ދައުވަތު ދީފަ އެވެ. ނަމަވެސް ރާއްޖެއިން އެ ނޯޓަށް ޖަވާބެއް ނުދެ އެވެ.

  • 22 މޭ 2019 - ހަ މަސް ދުވަހުގެ ތެރޭގައި ޗާގޯސް މޮރިޝަސްއާ ހަވާލުކުރުމަށް ގޮވާލާ ގަރާރެއް އދ.ގެ އާއްމު މަޖިލީހުން ފާސްކުރި އެވެ. އދ.ގެ 116 ގައުމަކުން ތާއީދުކުރި އެ ގަރާރަށް ވަކި ކޮޅަކަށް ވޯޓު ނުދޭ 56 ގައުމެއް ތިބި އިރު ގަރާރާ ދެކޮޅަށް ވޯޓު ދިން ހަ ގައުމުގެ ތެރޭގައި އިނގިރޭސިވިލާތާ އެކު ރާއްޖެ ހިމެނުނެވެ. ސަރުކާރުން އާއްމު މަޖިލީހުގައި ބުނެފައިވަނީ އެ ގޮތަށް ވޯޓު ދިނީ، ރާއްޖެއިން ސީއެލްސީއެސްއަށް ހުށަހެޅި ހުށަހެޅުމަށް އެ ގަރާރުގެ ސަބަބުން އަސަރުކުރާނެތީ ކަމަށެވެ. އަދި އެ ގަރާރުގެ ބޭނުމަކީ ހަމައެކަނި، ޗާގޯސްގެ އިސްތިއުމާރީ އަޅުވެތިކަން ނިމުމަކަށް ގެނައުން ނޫން ކަމަށް ދެކޭ ކަމަށާއި ރާއްޖެއިން އިސްތިއުމާރީ އަޅުވެތިކަމާ އަބަދުވެސް ދެކޮޅުވާނެ ކަމަށް ރާއްޖެއިން އދ.ގައި ވަނީ ބުނެފަ އެވެ.

  • އދ.ގެ ގަރާރުގައި ބުނެފައިވާ މުއްދަތުގައި ޗާގޯސް ހަވާލުކުރުމަށް އިނގިރޭސިވިލާތުން އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ.

  • 18 ޖޫން 2019 - ރާއްޖެއާ ދެމެދު އީއީޒެޑްގެ އިން ކަނޑައެޅުމަށް މޮރިޝަސް އިން އިޓްލޮސްއަށް މައްސަލަ ހުށަހެޅި އެވެ.

  • 18 ޑިސެމްބަރު 2019 - މޮރިޝަސް އިން ހުށަހެޅި މައްސަލައާ ގުޅޭ ގޮތުން ފަސް ކަމެއް ފާހަގަކޮށް ރާއްޖެއިން އިއުތިރާޒް ހުށަހެޅި އެވެ. ރާއްޖެ އިން ބުނެފައިވަނީ އެއީ އިޓްލޮސްގެ އިހްތިސާސް ތެރޭގައި ހިމެނޭ މައްސަލައަކަށް ނުވާތީ އެ ޓްރައިބިއުނަލްއަށް އެ މައްސަލަ ނުބެލޭނެ ކަމަށެވެ. އިޓްލޮސްއަކީ ގައުމުތަކުގެ މިލްކުވެރިކަން ސާބިތުކުރުމުގެ މައްސަލަތައް ބެލޭނެ ކޯޓެއް ނޫން ކަމަށާއި މޮރިޝަސްއިން އިޓްލޮސްގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފަނީ ކަމަށް ރާއްޖެއިން ބުނެފައިވެ އެވެ. 

  • މީގެ އިތުރުން މި މައްސަލައިގައި އިނގިރޭސިވިލާތުގެ މަސްލަހަތު ހިމެނޭތީ އިނގިރޭސިވިލާތުގެ ބަހެއް ނެތި އިޓްލޮސްއަށް ގޮތެއް ނުނިންމޭނެ ކަމަށާއި އައިސީޖޭގެ އިސްތިޝާރީ ލަފަޔަކީ ޗާގޯސްގެ ހަގީގީ ހައްގުވެރި ގައުމު ކަނޑައެޅުނު ނިންމުމެއް ނޫން ކަމަށް ވެސް ރާއްޖެއިން އިޓްލޮސްގައި ވަކާލާތުކުރި އެވެ. އޭގެ އިތުރުން، ރާއްޖެއިން މޮރިޝަސްއާ އެކު އިން ވަކިކުރުމުގެ މަޝްވަރާ އެކަށީގެންވާ މިންވަރަށް ކުރިއަށް ގެންގޮސްފައި ނުވާ ކަމަށް ވެސް ރާއްޖެ އިން ވަނީ ބުނެފަ އެވެ.

  • 28 ޖެނުއަރީ 2021 - ރާއްޖެެއިން އެ ނުކުތާތަކަށް ބިނާކޮށް މައްސަލައަށް އިއުތިރާޒުކުރި ނަމަވެސް، އީއީޒެޑްގެ އިން ވަކިކުރަން މޮރިޝަސް އިން ހުށަހަޅާފައިވާ މައްސަލަ ބެލޭނެ ކަމަށް އިޓްލޮސް އިން ކަނޑައެޅި އެވެ. އިޓްލޮސް އިން ނިންމީ، މޮރިޝަސްގެ އަޅުވެތިކަން މުޅިން ނިމުމަކަށް ނައި ނަމަވެސް، ޗާގޯސް ކައިރިން އީއީޒެޑްގެ އިން ކަނޑައެޅުމުގެ މައްސަލައެއްގައި ބަލަން ޖެހޭ ގައުމަކީ މޮރިޝަސް ކަމަށް ބެލޭނެ ކަމަށާއި އެހެންކަމުން ރާއްޖެއާ ޖެހިގެން އެ އޮތް އައްސޭރިފަށަކީ މޮރިޝަސް ކަމަށެވެ.

  • 22 އޮގަސްޓް 2022 - މޮރިޝަސްއާ ޗާގޯސް ހަވާލުކުރުމަށް ގޮވާލައި 2019 ވަނަ އަހަރު އދ. ގެ އާއްމު މަޖިލީހުން ގަރާރު ފާސްކުރި އިރު ރާއްޖެއިން މޮރިޝަސްއާ ދެކޮޅަށް ވޯޓު ދިން ނިންމުން ބަދަލުކޮށް، އެ ގައުމާ އެއްކޮޅަށް އެ ގަރާރަށް ވޯޓު ދޭން ނިންމާފައިވާކަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ސިޓީއަކުން މޮރިޝަސްގެ ބޮޑުވަޒީރަށް އެންގެވި އެވެ. ނަމަވެސް ސަރުކާރުން އެކަން ހާމަކޮށްފައެއް ނުވެ އެވެ.

  • 17 އޮކްޓޯބަރު 2022 - ރާއްޖޭގެ ސްޓޭންޑް ބަދަލުކުރިކަން ރައީސް ސޯލިހު މޮރިޝަސްއަށް އެންގެވިކަން މޮރިޝަސްގެ ފަރާތުން، އިޓްލޮސްގެ ފުރަތަމަ އަޑުއެހުމުގައި ހާމަކުރި އެވެ.

  • 20 އޮކްޓޯބަރު 2022 - ރާއްޖޭގެ ސްޓޭންޑް ބަދަލުކުރުމާ ބެހޭ ގޮތުން އިޓްލޮސްގެ އަޑުއެހުމެއްގައި ބަންޑާރަ ނާއިބު ރިފްއަތު ވާހަކަދެއްކެވުމުން ދިވެހިންނަށް ފުރަތަމަ ފަހަރަށް އެކަން އެނގި މައްސަލަ ހޫނުވި އެވެ. 

  • ރިއްފަތު ވިދާޅުވެފައިވަނީ ރާއްޖެއިން އެ ގަރާރާ ދެކޮޅު ހަދަން ޖެހުނީ ސަބަބުތަކެއް ހުރެގެން ކަމަށާއި އެކަމަކު އިޓްލޮސް އިން ރާއްޖެ-މޮރިޝަސް މައްސަލައިގައި ގޮތެއް ކަނޑައަޅާނެތީ އާއި ރާއްޖެއިން ސީއެލްއެސްސީއަށް ހުށަހަޅާފައިވާ މައްސަލައަށް، އައިސީޖޭގެ އިސްތިޝާރީ ލަފާ އައުމުގެ އެތައް އަހަރެއް ކުރިން މޮރިޝަސްއިން ހުށަހަޅާފައި އޮތް އިއުތިރާޒުގެ ސަބަބުން ފެންމަތިވި ދަތިތަކަށް ރިއާޔަތްކޮށް ސަރުކާރުގެ ސްޓޭންޑް ބަދަލުކުރީ ކަމަށެވެ.

  • މިހާރު ރާއްޖޭގެ ނިންމުން ބަދަލުކުރުމުން، ސީއެލްއެސްސީއަށް ހުށަހަޅާފައިވާ އިއުތިރާޒު މޮރިޝަސް އިން އަނބުރާ ގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް ރިއްފަތު ވިދާޅުވި އެވެ.

  • ބަންޑާރަ ނާއިބު އިތުރަށް ވިދާޅުވި ގޮތުގައި، މޮރިޝަސްއާ މެދު ސްޓޭންޑް ބަދަލުކުރުމަކީ އިސްތިއުމާރީ އަޅުވެތިކަމާ ދެކޮޅަށް ރާއްޖެއިން އަބަދުވެސް ގެންގުޅޭ ސިޔާސަތު އަންގައިދޭ ނިންމުމެކެވެ. 

  • އޭނާ ވިދާޅުވި ގޮތުގައި ރައީސް ސޯލިހުގެ ސިޓީފުޅަށް މޮރިޝަސްގެ ބޮޑުވަޒީރު 23 ސެޕްޓެމްބަރު 2022 ގައި ފޮނުއްވި ޖަވާބުގައި ވަނީ، އިޓްލޮސްގައި އޮތް މައްސަލައަށް މޮރިޝަސްއިން ކުރި ފަރުގެ ސާވޭގެ ހަރަދު ރާއްޖެ އަތުން ހޯދުމުގެ ދައުވާ އަނބުރާ ގެންދަން ނިންމިކަން އަންގަވައިފަ އެވެ. އަދި ޗާގޯސް އާއި ރާއްޖޭގެ ކަނޑުގެ މާހައުލު ހިމާޔަތްކުރުމަށާއި އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމަށް ދެ ގައުމު ގުޅިން މަސައްކަތްކުރުމަށް މޮރިޝަސްގެ ޝައުގުވެރިކަން ބޮޑުވަޒީރު ފާޅުކުރެއްވި ކަމަށް ވެސް ރިއްފަތު ވިދާޅުވި އެވެ.

  • 24 އޮކްޓޯބަރު 2022 - ރާއްޖެ-މޮރިޝަސް މައްސަލައިގެ އަޑުއެހުންތައް އިޓްލޮސް އިން ނިންމާލި އެވެ. ޓްރައިބިއުނަލްގެ ނިންމުން އިއްވާނެ ތާރީހެއް ދެ ފަރާތަށް އަންގާނެ ކަމަށް ވަނީ ބުނެފަ އެވެ.

  • 24 އޮކްޓޯބަރު 2022 - އިޓްލޮސްގައި އޮތް މައްސަލައިގައި ރާއްޖެ އާއި މޮރިޝަސްއާ ދެމެދު ދެބަސްވުން އުފެދިފައިވަނީ ފުށުއަރާ ސަރަހައްދުގެ %5 އާ މެދު ކަމަށް ރާއްޖޭގެ އިސް ވަކީލު ޕްރޮފެސަރު ޕާޔަން އަކާވަން ނޫސްވެރިންނަށް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެއީ ގާތްގަނޑަކަށް 3،000 - 4،000 އަކަ ކިލޯމީޓަރުގެ ސަރަހައްދެކެވެ. 

  • ދެ ގައުމަށް ވެސް ގާތްގަނޑަކަށް ލިބޭނީ އެއްވަރަކަށް ކަމާއި (ކޮންމެ ގައުމަކަށް ވެސް ގާތްގަނޑަކަށް 43،000 އަކަ ކިލޯމީޓަރު) އެކަމަކު ކޮންމެވެސް އެއް ބަޔަކަށް 3،000 ނުވަތަ 4،000 ކިލޯމީޓަރުގެ ސަރަހައްދެއް އިތުރަށް ލިބިދާނެކަން ޕާޔަން ފާހަގަކުރެއްވި އެވެ.

ރާއްޖެއިން އިއުތިރާޒުކުރި ނަމަވެސް، މޮރިޝަސް އިން ހުށަހެޅި މައްސަލަ ބެލޭނެ ކަމަށް އިޓްލޮސްއިން ނިންމި ނިންމުމުގެ ބައެއް ނުކުތާތައް

އިތުރު އާޓިކަލް

އިތުރު އާޓިކަލް