މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުނައްވަރު ވާހަކަދައްކަވަނީ. (ދައުރު ފޮޓޯ/ހުސައިން ސުނައިން)

ޗާގޯސް އަކީ އެއްވެސް އިރަކު ރާއްޖޭގެ ތަނެއް ނޫން؛ އެކަން މުހިންމެއް ވެސް ނޫން: މުނައްވަރު

މުނައްވަރު ވިދާޅުވީ، ޗާގޯސްއަކީ ރާއްޖޭގެ ތަނެއް ކަމަށް އެއްވެސް އިރަކު ދައުވާ ކުރަން ޖެހޭ ނަމަ، އެކަން އޮންނާނީ އެކި ސަރުކާރުތަކުން ކޮށްފައި ކަމަށް

ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސް އަކީ އެއްވެސް އިރަކު ރާއްޖޭގެ ތަނެއް ނޫން ކަމަށާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ މައްސަލާގައި ޗާގޯސް ރާއްޖޭގެ ތަނަކަށް ވުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ނޫން ކަމަށް، ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މޮރިޝަސްގެ ބައެއް ކަމަށް ބައިނަލްއަގުވާމީ ގޮތުން ބަލައިގެންފައިވާ ޗާގޯސް އާއި ރާއްޖެއާ ދެމުދު އޮންނަ ކަނޑުގެ ފުށުއަރާ ސަރަހައްދު ބަހަން، އެކަމާ ބެހޭ ބައިނަލްއަގުވާމީ ޓްރައިބިއުނަލުން މިދިޔަ ހުކުރު ދުވަހު ވަނީ ނިންމާފަ އެވެ. އެ ހުކުމުގެ ދަށުން ރާއްޖެއަށް ބޮޑު ބައި ލިބެ އެވެ.

އެ ހުކުމާ ގުޅިގެން ދެކުނުގެ އިގްތިސާދީ ސަރަހައްދުން ބައެއް ގެެއްލުނު ކަމަށް އިދިކޮޅު ފަރާތްތަކުން ބުނާ ބުނުމަށް ތާއީދުކޮށް، ބައެއް ސިޔާސީ ޕާޓީތަކުގެ އިތުރަށް ކުރީގެ ބައެއް ވަޒީރުންނާއި ބަންޑާރަނައިބުން މިއަދު ހަވީރު ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފަ އެވެ.

މުނައްވަރު އިސްކޮށް ހުންނަވައި މ. ދިމްޔާތުގައި ބޭއްވި މި ބައްދަލުވުމުގައި، އޭނާގެ އިތުރުން ބައިވެރިވެވަޑައިގަތީ:

  • ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝަކޫރު

  • ކުރީގެ ހާރިޖީ ވަޒީރު ދުންޔާ މައުމޫން

  • އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ދެ ފެކްޝަންގެ ތެރެއިން، އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ 'ފިކުރެއްގެ ދިރުން' ފެކްޝަންގެ ފަރާތުން އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު

  • މި ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ، ނަމަވެސް ޗާގޯސް މައްސަލާގައި ސަރުކާރާ ދެކޮޅު ހަދަން ނިންމާފައިވާ އެމްއާރްއެމްގެ ފަރާތުން އައިމިނަތު ނާދިރާ

  • މި ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ، ނަމަވެސް އަންނަ ރިޔާސީ އިންތިހާބުގައި ވަކިން ވާދަކުރަން ނިންމާފައިވާ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ފަރާތުން ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން

  • އިދިކޮޅު ޕީޕީއެމްގެ ފަރާތުން އެ ޕާޓީގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް

  • އެމްއެންޕީގެ ފަރާތުން އެ ޕާޓީގެ ނައިބު ރައީސް އަދި ވިލިމާލޭ ދާއިރާގެ މެމްބަރު އަހްމަދު އުޝާމް

  • އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރައްވަން ނިންމަވާފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ފަރާތުން ބޭފުުޅެއް

  • އެމްއެންޑީއެފްގެ ކުރީގެ ބައެއް ބޭފުޅުން

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން. (ދައުރު ފޮޓޯ/ހުސައިން ސުނައިން)
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން. (ދައުރު ފޮޓޯ/ހުސައިން ސުނައިން)

ތަފްސީލް - ޗާގޯސްއަކީ ރާއްޖޭގެ ތަނެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދު ފަދަ ބޭފުޅުން ވަކާލާތުކުރައްވަމުން ގެންދަވާއިރު، އެއީ ރާއްޖޭގެ ތަނެއް ނަމަ ނުވަތަ އެ ކަމަށް ދައުވާކުރުމުގެ ފުރުސަތު އޮތް ނަމަ، މުނައްވަރު އިސްވެ ހުންނަވައި އެކުލަވާލެއްވި ކަނޑުގެ ގާނޫނުގައި، ޗާގޯސްގެ އީއީޒެޑް ވެސް ރާއްޖޭގެ އީއީޒެޑްގެ ގޮތުގައި ނުހިމެނުއްވީ ކީއްވެތޯ ނޫސްވެރިއަކު ސުވާލުކުރި އެވެ.

އެ ސުވާލުގެ ޖަވާބުގައި މުނައްވަރު ވިދާޅުވީ، ޗާގޯސްއަކީ ރާއްޖޭގެ ތަނެއް ކަމަށް އެއްވެސް އިރަކު ދައުވާ ކުރަން ޖެހޭ ނަމަ، އެކަން އޮންނާނީ އެކި ސަރުކާރުތަކުން ކޮށްފައި ކަމަށެވެ. ޗާގޯސް މައްސަލާގައި ދެބަސްވުން ފެށުނީ އެ ސަރަހައްދަށް ދާން ފެށި ހިސާބުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއީ އަޅުގަނޑުމެންގެ ތަނެއް ނޫން. އެހެން އެއްވެސް އިރަކު ނެތް. އަޅުގަނޑުމެންގެ ތަނަކީ ރާއްޖެ. ރާއްޖޭގެ ލިމިޓް އަޅުގަނޑުމެން ކަނޑައަޅާފައި އެ ބޭސްލައިނުން ފެށިގެން 200 މޭލު ކްލެއިމް ކުރީ. އޭރުގައި ކްލެއިމް އަކީ އެއީ،" މުނައްވަރު ވިދާޅުވި އެވެ.

މުނައްވަރު ވިދާޅުވީ:

  • ރާއްޖޭގެ ވަށައިގެން އާކިޕެލަޖިކް ބޭސްލައިން ކުރަހައި އޭގެއިން ފެށިގެން 12 މޭލުގެ ސަރަހައްދެއް ގާނޫނުގައި ކަނޑައެޅި؛ ކޮންޑީޖަސް ޒޯނެއް ނުވަތަ ގުޅިފައިވާ ބައެއް ހިމެނޭ ގޮތަށް ޖުމްލަ 24 މޭލު ލިބޭ ގޮތަށް އަދި 200 މޭލުގެ އިގްތިސާދީ ސަރަހައްދެއް ނުވަތަ އީއީޒެޑެއް އޮންނަ ގޮތަށް

  • ފުށުއަރަނީ ހަމައެކަނި އުތުރުން އިންޑިއާ އާއި ސްރީ ލަންކާއާ އެކު ހިއްސާކުރާ އީއީޒެޑްގެ ބައިން؛ އެކަން ހައްލުކުރަން ގާނޫނީ ހައްލެއް ގެނެސްފައިވާނެ

  • އެއްވެސް ގައުމަކާ ރާއްޖޭގެ އެއްވެސް ސަރަހައްދެއް ފުށުއަރާ ނަމަ، އެ ގައުމަކާ އެކު ވާހަކަދައްކައިގެން އެއްބަސްވުމަކަށް އައުމަށް ގާނޫނު ހުރަހެއް ނާޅާ 

"އެއީ ދެކުނުގެ ވާހަކައެއް ނޫން. ލިޔުނު މީހާ މަގުސަދު މި ދަންނަވަނީ، މިއީ އިންޓަޕްރިޓޭޝަނެެއް ނޫން. އެ މައްދާ ހިމެނީ މިދެންނެވި އިންޑިއާ އާއި ލަންކާާއާ އެކު ހަދާފައިވާ އެއްބަސްވުމަށް ބާރުދިނުމަށްޓަކައި. އެހެން އެއްވެސް ސަބަބެއް އޮވެގެނެއް ނޫން،" މުނައްވަރު ވިދާޅުވި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން. (ދައުރު ފޮޓޯ/ހުސައިން ސުނައިން)

ނޫސްވެރިޔާ ކުރި އެ ސުވާލަކީ "މީހަކު ފޮނުވައިގެން" ކުރި ސުވާލެއް ކަމަށް ތުހުމަތުކުރައްވައި އެ ސުވާލަށް އެއްޗެއް ވިދާޅުނުވެ އިންނަވަން އުނދަގޫ ކަމަށް ވިދާޅުވެ، އާޒިމާ ވެސް ވާހަކަދެއްކެވި އެވެ.

އާޒިމާ ވިދާޅުވީ، ރާއްޖެއަށް ލިބެން ޖެހޭ ކަނޑުގެ ސަރަަހައްދު ހޯދުމުގައި ޗާގޯސް އަކީ ރާއްޖޭގެ ތަނެއްތޯ އާއި ކުރިން އެ ތަން ރާއްޖޭގެ ތަނެއްގެ ގޮތުގައި ކަނޑަނޭޅީ ކީއްވެތޯ ބެލުން މުހިންމެއް ނޫން ކަމަށެވެ.

"ރާއްޖޭގެ ތަނެއްތޯ ޗާގޯސް އަކީ އިރެލެވެންޓް އަޅުގަނޑުމެންގެ ކަނޑުގެ ސަރަހައްދު އަޅުގަނޑުމެން ކްލެއިމް ކުރަން. އެ ވަރު އަންޑަސްޓޭޑް ވާން ޖެހޭނެ ތި ބޭފުޅުން ވެސް،" ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިންގި އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ދައުވާ އުފުލާފައިވާ އާޒިމާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ދައްކަނީ އަޅުގަނޑުމެންގެ ކަނޑުގެ ސަރަަހައްދު ދޫކޮށްލި ވާހަކަ. އެކަމަކާ ޗާގޯސް އޮތީ އަޅުގަނޑުމެން އަތުގައިތޯ އިޓްސް ޓޯޓަލީ ޑިފަރެންޓް. ހަމަ އަޅުގަނޑަށް އުނދަގޫވެގެން މި ސުވާލަށް ޖަވާބު މި ދިނީ."

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާޒިމާ ވާހަކަދައްކަވަނީ. (ދައުރު ފޮޓޯ/ހުސައިން ސުނައިން)

އެމްއެންޕީގެ އުޝާމް ވެސް އެ ސުވާލަށް ޖަވާބުދެއްވި އެވެ. ޗާގޯސް އަކީ ރާއްޖޭގެ ތަނެއް ކަމަށް ދުވަހަކު ވެސް ރާއްޖޭން ދައުވާކޮށްފައި ނެތީ ކީއްވެތޯ ކުރާ ސުވާލަކީ ސަރުކާރުން މައްސަލަ އޮޅުވާލަން ގެންގުޅޭ އުކުޅެއް ކަމަށް އުޝާމް ތުހުމަތުކުރެއްވި އެވެ.

"އަޅުގަނޑުގެ މައްސަލައަކީ ރާއްޖެއަށް ލިބިފައި އޮތް 200 މޭލު ދޫކޮށްލި މައްސަލަ. އެ ސުވާލަށް ޖަވާބު ހޯދުމުގައި ޗާގޯސް އަކީ ދިވެހީންގެ ތަނެއްތޯ، ޔޫކޭގެ ތަނެއްތޯ، މޮރިޝަސްގެ ތަނެއްތޯ، އިޓް ޑަޒް ނޮޓް މެޓާ ކޮންމެ ބައެއްގެ ތަނެއް ވިޔަސް،" އޭނާ ވިދާޅުވި އެވެ.

އެނގުން މުހިންމު - އާންމު އުސޫލުން ރާއްޖެއަށް ލިބޭ 200 މޭލު ހޯދަން މަސައްކަތް ނުކުރި ކަމަށް އިދިކޮޅުން ބުންޏަސް، ރާއްޖޭގެ ހުޅަނގުކޮޅުން ނޫން ތަނަކުން 200 މޭލެއް ނުލިބެ އެވެ.

އިޓްލޮސް އިން ހުކުރު ދުވަހު ކުރި ހުކުމާ އެކު، ފުރަތަމަ ފަހަރަށް ދެކުނުން ރާއްޖޭގެ ކަނޑުގެ އިން ކަނޑައެޅުނީ އެވެ.

ކޮމެންޓް (1)

އައްލާ

4 މޭ 2023
ކުރިން ހީކުރަނީ މި މުނައްވަރަކީ ދެން ވަރަށް ގަދަ، މޮޅު ލޯޔަރެއް ކަމައް، މިފަހަކަށް އައިސް އުޅޭ ވައްތަރުން މި އެގެނީ މިވެސް ހަމަ އެއްވެސް އޮއްޓަރެއް ނެތް ހޮޅި ވާހަކަތަކެއް ދައްކާ ބޭފުޅެއް ކަން
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް