ފުލުހުން މަގުމަތީގައި ހަރަކާތްތެރިވަނީ: ރާއްޖޭގައި އެތައް ގޭންގެއް އޮޕަރޭޓްކުރޭ (ދައުރު ފޮޓޯ/ހުސައިން ސުނޭން)

ގާނޫނު

ގޭންގު ކުށްތައް ހުއްޓުވުމުގެ ބިލާ މެދު އޮތީ ކަންބޮޑުވުން

މިހާރު ވެސް ގޭންގް ކުށްތައް ހުއްޓުވައި ފިޔަވަޅު އެޅުމުގެ ބާރު ލިބިދޭ އެތައް ގާނޫނެއް ރާއްޖޭގައި އަންނަނީ ހިންގަމުން

މުހިންމު ނުކުތާތައް

ގޭންގުތަކުގެ ލީޑަރުން ސަރުކާރުގެ ކޮމިޓީއަކުން ކަނޑައެޅުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށް ވަކީލުން ބުރަވޭ

ބައެއް މީހުން ބުނަނީ ކޯޓު އަމުރަކާ ނުލައި ބަަލައި ފާސްކޮށް، މީހުން ހައްޔަރުކުރުމުގެ ބާރު ފުލުހުންނަށް ދިނުން ނުރައްކާތެރި ކަމަށް

ގާނޫނީ ވަކީލުން ވިދާޅުވަނީ ގޭންގުތައް ނުހުއްޓުވިގެން އުޅެނީ ތަންފީޒީ އިދާރާތަކުގެ ރަނގަޅު ނިޔަތެއް ނެތުމުން ކަމަށް

ރާއްޖެއިން ގޭންގުތަކުގެ ބާރު ކަނޑުވާލުމަށް ހޯމްލޭންޑް މިނިސްްޓްރީން ބިލެއް އެކުލަވާލައި މިހާރު ވަނީ ބަންޑާރަ ނައިބުގެ އޮފީހަށް ފޮނުވައިފަ އެވެ. 'ގޭންގު ކުށްތައް ހުއްޓުވުމުގެ ގާނޫނު'ގެ ނަމުގައި ޑްރާފްޓްކޮށްފައިވާ އެ ބިލުގައި ގޭންގެއް ކަމަށް ކަނޑައަޅާނެ މިންގަނޑުތަކާއި އެފަދަ ގުރޫޕުތަކުން ހިންގާ ކުށްތަކުން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނަގާނެ ގޮތާއި ގޭންގު ކުށްތަކުގެ އަދަބު ފަދަ ކަންކަން ހިމަނެ އެވެ.

މި ބިލާ މެދު އެކި މީހުންގެ ހިޔާލު ތަފާތެވެ. މިއީ ކޮންމެހެން މުހިންމު ބިލެއް ކަމަށް އެއްބަޔަކު ދެކޭއިރު އަނެއްބަޔަކު ދެކޭގޮތުގައި މިއީ އެއްބައެއްގެ އަތަށް ބޮޑެތި ބާރުތަކެއް ލިބޭނެހެން ތައްޔާރުކުރަން އުޅޭ 'ނުރައްކާތެރި' ގާނޫނެކެވެ.

'އެއްވެސް ބަޔަކަށް ދީގެން ނުވާނެ ނުރައްކާތެރި ބާރުތަކެއް'

ގާނޫނީ ވަކީލު އަދި ކެންދޫ ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު އަލީ ހުސެއިން ގަބޫލުކުރައްވާ ގޮތުގައި މިއީ ގާނޫނަކަށް ވެއްޖެ ނަމަ ގައުމު ވަރަށް ބޮޑު ހަމަނުޖެހުމަކަށް ހިނގައިދާނެ ފަދަ ބިލެކެވެ. އެގޮތަށް އޭނާ ދެކެވަޑައިގަންނަވާ އެއް ސަބަބަކީ ކޯޓު އަމުރަކާ ނުލައި ތަންތަން ބަަލައި ފާސްކޮށް، މީހުން ހައްޔަރުކުރުމުގެ ބާރު ފުލުހުންނަށް ދޭން ބިލުގައި ހިމަނާފައިވާތީ އެވެ.

"އެއީ އެއްވެސް ބަޔަކަށް ދީގެންވާނެ ބާރެއް ނޫން. އެ ބާރު ދީފި ނަމަ އެމީހުންނަށް އެ ލިބުނީ ޒާތީ ހަސަދައިގައި މީހުންނާ މެދު ދޮގު ތުހުމަތުތައްކޮށް އެމީހެއްގެ އަބުރު ކަތިލުމުގެ ބާރު،" އަލީ ހުސެއިން ވިދާޅުވި އެވެ.

ކޯޓު އަމުރަކާ ނުލައި ތަންތަން ބަލައި ފާސްކުރެވޭ ގޮތަށް ފުުލުހުންނަށް ފުޅާ ބާރުތަކެއް ދިނުމަށް ބިލުގައި ވަނީ ލިޔެފަ އެވެ. އެ ބާރުތަކުގެ ތެރޭގައި:

  • ދެ މީހުންނަށް ވުރެ ގިނަ މީހުން އެއްވެ ތިބި ސަރަހައްދެއްގައި ހުރި މީހަކަށް އޭނާގެ މައުލޫމާތު ދިނުމަށް އެންގުމާ އެކު އެމީހެއްގެ ފޮޓޯ ނަގަން އަދި ވަކި ތަނަކުން ދިއުމަށް އެންގުމުގެ ބާރު

  • ގޭންގު ކުށްތައް ކުރާ ކަމަށް ބެލެވޭ މީހުން ދިރިއުޅޭ ގެއަކަށް ކޮމިޝަނާ އޮފް ޕޮލިސްގެ ހުއްދައާ އެކު ކޯޓު އަމުރެއް ނެތި ވަދެ ބަލައި ފާސްކުރުމުގެ ބާރު

  • އެފަދަ ކުށެއްގައި ބޭނުންކުރާ އުޅަނދެއް ކޯޓު އަމުރަކާ ނުލައި ބަލައިފާސްކުރުމާއި ވަކި މުއްދަތަކަށް ހިފެހެއްޓުމުގެ ބާރު

  • ވަގުތުން ފިޔަވަޅު ނާޅައިފި ނަމަ ކުށެއް ކޮށްފާނެ ކަމަށް ބެލެވޭ ހާލަތުގައި ނުވަތަ ހެކި ހުރި ނަމަ ކޯޓު އަމުރަކާ ނުލައި އެމީހަކު ހައްޔަރުކުރުމުގެ ބާރު

މި ބިލުގައި އޮތް ކަންބޮޑުވާ ދެވަނަ ކަމެއްގެ ގޮތުގައި އަލީ ހުސެއިން ފާހަގަކުރެއްވީ ގޭންގުތަކުގެ މެމްބަރުންނާއި ލީޑަރުންނަކީ ކޮބައިކަން ކަނޑައަޅާނެ ގޮތް ކަމަށް ހިމަނާފައިވާ މާއްދާ އެވެ. ބިލުގައި ވާގޮތުން ވަކި މީހަކީ ގޭންގެއްގެ ލީޑަރެއްކަން ނުވަތަ މެންބަރެއްކަން ކަނޑައަޅާނީ ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއަކުންނެވެ. މި ކޮމިޓީން ގޭންގު މެމްބަރެއް ކަމަށް ކަނޑައަޅާ މީހުންގެ ކިބައިން ދައުލަތުގެ ވަޒީފާ އަތުލުމާއި އިންތިހާބީ މަގާމުތަކުން ވަކިކުރުމާއި މަގާމުތަަކަށް ކުރިމަތިލުން ފަދަ ބޮޑެތި ހައްގުތަކެއް ނިގުޅައިގަތުމުގެ ބާރު ލިބެ އެވެ.

އެ ކޮމިޓީގައި ތިބޭނީ:

  • ހޯމް މިނިސްޓަރު

  • ކޮމިޝަނަ އޮފް ޕޮލިސް

  • ޗީފް އޮފް ޑިފެންސް ފޯސް

  • ފުލުހުންގެ އިންޓެލިޖެންސްގެ ކަންކަން ދުވަހީ ގޮތުގައި ބަލަހައްޓާ އިސް ވެރިޔާ

  • ސިފައިންގެ އިންޓެލިޖެންސްގެ ކަންކަން ދުވަހީ ގޮތެއްގައި ބަލަހައްޓާ އިސް ވެރިޔާ

އެ ކޮމިޓީން ގޭންގު މެމްބަރުން ކަނޑައަޅާ ހިސާބުން އެމީހެއްގެ ފޮޓޯ ހިމެނޭ ވަނަވަރު އާންމުކުރަންވާނެ ކަމަށް ވެސް ބިލުގައި ބުނެ އެވެ.

ފުލުހުން ސައިކަލެއް ހުއްޓުވައި، ބަލަނީ --ފޮޓޯ/ޕޮލިސް

އަލީ ހުސެއިން ވިދާޅުވި ގޮތުން ވަކި ބައެއްގެ ގައިގައި ލޭބަލް ޖެހުމުގެ ބާރު ކޮމިޓީއަކަށް ދިނުމަކީ ހަމަޖެހޭ އަދި އިންސާފުވެރި ގޮތަކަށް ވެސް ނުވާނެ އެވެ. އޭނާ ވިދާޅުވި ގޮތުން އެފަދަ ބާރުތަކެއް ދޭން ނުޖެހޭ މައިގަނޑު އެއް ސަބަބަކީ މުއައްސަސާތަކުގެ ވެރިންނާ މެދު އޮތް އިހުލާސްތެރިކަމުގެ ސުވާލެވެ. ހާއްސަކޮށް ދައުލަތެއްގެ އެއްވެސް އިސް ފަރާތަކަށް އެ ބާރުތައް ދިނުމާ މެދު އޭނާ ދެކޮޅެވެ.

ދައުލަތުގެ އިސް މަގާމުތަކުގައި ތިބޭ މީހުން އިހުލާސްތެެރިވާނެ ކަމަށް ބަލައިގެން އެފަދަ ބޮޑު ބާރެއް ދިނުމަކީ "ބުއްދިވެރި ކަމެއް ނޫން" ކަމަށް އަލީ ހުސެއިން ވިދާޅުވި އެވެ. ޒާތީ ހަސަދައެއްގައި ނުވަތަ ސިޔާސީ ބޭނުމެއްގައި މިހާރު ވެސް މީހުންގެ އަނބުރު ކަތިލާ އުސޫލުން ކޮމިޓީގެ ނިންމުންތައް އަތުވެދާނެތީ އޭނާ ކަންބޮޑުވެ އެވެ. ގޭންގުތަކުގެ ކުށްތައް ހުއްޓުވަން ބޭނުން ނަމަ، އެކަން ކުރުމުގެ ބާރު ލިބިދޭ ގާނޫނުތައް މިހާރު ވެސް ރާއްޖޭގައި އޮތްއިރު މިހާތަނަށް އެ ކުށްތައް ހުއްޓުވަން ކުރެވުނު ކަމަކީ ނުވަތަ އެޅުނު ފިޔަވަޅަކީ ކޮބައިތޯ ސުވާލު އުފެއްދެވި އެވެ.

މައްސަލައަކީ ގާނޫނުތައް ނެތުމެއް ނޫން. އެ ގާނޫނުތައް ތަންފީޒުކުރަން ތިބި މީހުންގެ އިހުލާސްތެރިކަމާއި އެކަން ކުރުމުގެ ނިޔަތް ނެތިގެން މިއުޅެނީ

ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސެއިން

ނަން ނުޖަހާ ގޮތަށް މި ރިޕޯޓަށް ވާހަކަދެއްކެވި ގާނޫނީ ވަކީލެއް ވެސް ވިދާޅުވީ ރާއްޖޭގައި އޮތީ ވާދަވެރި ސިޔާސީ ނިޒާމަކަށް ވާއިރު ދައުލަތުގެ ތަންފީޒީ އިދާރާތަކުގައި ތިބޭނީ އެއިރެއްގެ ސަރުކާރަކަށް ނިސްބަތްވާ ސިޔާސީ މީހުން ކަމަށެވެ. އެފަދަ ބަޔަކު އެކުލެވޭ ކޮމިޓީއެއްގެ އަތްމައްޗަށް އެވަރުގެ ބާރެއް ދޫކޮށްލައިގެން މިނިވަން އިންސާފުވެރި ގޮތެއްގައި އެކަން ކުރާނެކަމާ މެދު ސުވާލު އުފެއްދުމުގެ ފުރުސަތު އަބަދުވެސް އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުން މިފަދަ ބާރުތައް ދުނިޔޭގެ އެހެން ހިސާބުތަކުގައި ދީއުޅެނީ ވަރަށް މިނިވަން އަދި ނުފޫޒެއް ނުފޯރާނެ ގޮތަށް މަސައްކަތްކުރާ ބަޔަކަށެވެ. 

ކޯޓު އަމުރު ހޯދަން ނުޖެހޭ ގޮތަށް ފުލުހުންނަށް ބާރުދޭން ބިލުގައި ހިމަނާފައި އޮތުމާ ބެހޭ ގޮތުން މި ރިޕޯޓަށް ވާހަަކަދެއްކެވި އެހެން ވަކީލަކު ވިދާޅުވީ ފުލުހުންގެ ކަންކަން ރާއްޖޭގައި ހިނގާ ގޮތަށް ބަލާއިރު "އެވަރުގެ ބޮޑު ބާރެއް ދިނުމަކީ ނުރައްކާތެރި ކަމެއް" ކަމަށެވެ. ސަބަބަކަށް އޭނާ ވެސް ފާހަގަކުރެއްވީ ފުލުހުންނަށް އޮތް އިތުބާރު ކުޑަވުމެވެ. ޖިނާއީ މައްސަލަތަކުގައި އާންމުކޮށް ވެސް ކޯޓުގައި ވަކާލާތުކޮށް އުޅުއްވާ ވަކީލު ވިދާޅުވި ގޮތުގައި އެއީ ޑިމޮކްރެޓިކް މުޖުތަމައުތަކުގައި ކަންކޮށް އޮންނަ ގޮތެއް ވެސް ނޫނެވެ. އެގޮތަށް ކަންކޮށްފައި ހުންނަނީ ވަރަށް ހައްސާސް ހާލަތްތަކުގައި ޑިމޮކްރަސީ ވަރަށް ވަރުގަދަ ގައުމުތަކުގައި ކަމަށް ވިދާޅުވި އެވެ.

ރާއްޖެއަކީ، އޭނާ ވިދާޅުވި ގޮތުގައި، އަދި އެފަދަ ގައުމެއް ނޫނެވެ.

"އަޅުގަނޑުމެން މި މައްސަލަތައް ގާތުން ބަލާ ބައެއްގެ ހައިސިޔަތުން އެނގޭ ގޭންގުތަކާ ގުޅިފައި ހުރި ފުލުހުން އެބަ ތިބި. ފުލުހުންނާއި ގޭންގުތަކާއި ދައުވާކުރާ ފަރާތާއި ކޯޓުތަކާ ގުޅިފައި ހުރި ކަމަށް މިވަނީ. މިއަދު ވެސް ތުހުމަތުތައް އެބަ އުޅޭ ގޭންގުތަކުން ފައިނޭންސް ކުރާ ފުލުހުން ތިބި ކަމަށް. ގޭންގުތަކުން ބަލަހައްޓާ ދައުލަތުގެ ވަކީލުން އެބަ ތިބި. ދެން ކިހިނެއްތޯ އެ މީހުންނަށް އެބާރު ދީގެން އިންސާފުވެރިވާނީ،" ވަކީލު ވިދާޅުވި އެވެ.

ގާނޫނު ނެތީއެއް އެއް ނޫން؛ ނެތީ ނިޔަތް

ގޭންގުތައް މައިތިރި ކުރުވުމުގެ ނަމުގައި ހަދާފައިވާ އެކިއެކި ގާނޫނުތައް މިހާރު ވެސް އެބަ ހުއްޓެވެ. އެގޮތުން ސީދާ ގޭންގު ކުށްތައް ހުއްޓުވަން 2010ގައި އެކުލަވާލި 'ގޭންގު ކުށްތައް މަނާކުރުމު ބާހޭ ގާނޫނު' އެބަ އޮތެވެ. މިހާރު ވެސް އަމަލުކުރަމުން އަންނަ މި ގާނޫނުގައި ގޭންގު އުފެއްދުމާއި، ހިންގުމާއި، ގޭންގު ހަދައިގެން އެކިއެކި ކުށްކުރުން މަނާކުރުމާއި، އެ ކުށްތަކަށް ދޭން ޖެހޭ އަދަބު ވެސް ވަނީ ކަނޑައަޅައިފަ އެވެ.

މީގެ އިތުރުން ހަމަ އެ އަަހަރު އެކުލަވާލި 'ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނު' ވެސް އެ އޮތީ އެވެ. މިފަދަ ކުށްތައް މަނާކޮށް އަދަބު ދިނުމާ ބެހޭ މާއްދާތައް ގާނޫނުލްއުގޫބާތުގައި ވެސް އެބަ އޮތެވެ.

މިއިން ކޮންމެ ގާނޫނެއްގެ ވެސް މަގުސަދަކީ މީސްމީހުންގެ ފުރާނަ އާއި ހަށިގަނޑާއި މުދަލަށް ގެއްލުން ލިބޭ ގޮތަށް ހިންގާ ކުށްތައް ހުއްޓުވުމެވެ. މި ގާނޫނުތަކުގައި އޮތީ ވެސް ދާދި އެއް ވާހަކަތަކެކެވެ. އަލަށް އެކުލަވާލި ބިލުގައި ތަފާތަކަށް އޮތީ ފުޅާ ބާރުތަކެއް ފުލުހުންނަށް ލިބޭ ގޮތް ވުން އެކަންޏެވެ. ސުވާލަކީ މިއިން ގާނޫނަކުން ބާރު ލިބިގެން މިހާތަނަށް ގޭންގުތައް ހުއްޓުވިއްޖެ ހެއްޔެވެ؟ 

މަޝްހޫރު ގާނޫނީ ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހްމަދު ގަބޫލުކުރައްވާ ގޮތުގައި މިހާރު ހުރި ގާނޫނުުތަކުން ވެސް ގޭންގުތައް ހުއްޓުވޭނެ ބާރުވެރިކަން ވަނީ ލިބިދީފަ އެވެ. ޖަމީލު ދެކެވަޑައިގަންނަވާ ގޮތުގައި މިހާރު ހުރި ގާނޫނުތަކުން އެކަން ނުކުރެވޭ ކަމަށްވާ ނަމަ ކަންތައްތަކެއް އިތުރުކޮށްގެން އާ ގާނޫނެއް ހެދިޔަސް ހަމަ އެ މައްސަލަތައް ފާހަގަވާނެ އެވެ. އެހެން އެކަން ވަނީ ވަކި ބަޔަކަށް އަމާޒުކޮށް ގާނޫނުތައް ހަދައި، ވަކި ބައެއްގެ މައްޗަށް އެކަނި އެ ގާނޫނުތައް ހިނގާތީ ކަމަށް ވިދާޅުވި އެވެ.

"މިހާރު ހުރި ގާނޫނުތަކުން ވެސް މައްސަލަތައް ހައްލު ނުވެގެން އުޅެނީ، ވަކި މި ސަރުކާރު ވީމައެއް ނޫން. ކޮންމެ ސަރުކާރަކުން ވެސް. މިސާލަކަށް ކުށްކުރާ މީހާއަކީ ވަކި މީހެއްގެ ދަރިއެއް ނުވަތަ ގާތް ރަށްޓެއްސެއްގެ ދަރިއެއް ނުވަތަ ވަރަށް މުހިންމު ސަޕޯޓަރެއް ނުވަތަ އެ ސަޕޯޓަރުގެ އާއިލާ މީހެއް. ދެން އެމީހާއަށް ތުހުމަތުކުރެވޭ ކުށެއް ބެލޭކަށް ނޯވޭ. ބެލިޔަސް މުއްދަތު ހޭދަކުރަނީ ވެސް ގޭގައި ނުވަތަ ލުއިތަކެއް ދީގެން. މި ބުނަނީ ސެލެކްޓިވް ކޮށޭ ގާނޫނު އެޕްލައިކުރަނީ،" ޖަމީލު ވިދާޅުވި އެވެ.

ވަކި މީހަކަށް ގާނޫނު ހިންގާ ނިޒާމު ރާއްޖޭގައި އޮތްހާ ދުވަހަކު އާ މެންޑޭޓްތަކަކާ އެކު ކިތަންމެ ބޮޑު ގާނޫނެއް ސަލަމާތީ ހިދުމަތްތަކާ ބެހޭ ވުޒާރާގެ އަތް މައްޗަށް ލައިދިނަސް ޖެހޭނީ އެއްތާކު ކަމަށް ޖަމީލު ގަބޫލުކުރައްވަ އެވެ. އެހެން އެކަން އޮތްހާ ދުވަހަކު ކުށްކުރާ މީހާއަށް ފިޔަވަޅު އެޅުމާއި ނޭޅުމާ މެދު ގޮތެއް ނިންމާއިރު "އެ ގޭންގުގައި އަތްނުލާން" އަންގައި ސަލާމަތީ ހިދުމަތްތަކަށް މިހާރު ވެސް އަންނަ ފޯން ކޯލުތައް އަންނާނެ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުގެ އަމިއްލަ ޒާތީ ހިޔާލަށް ބަލާކަމަށްވަންޏާ ރާއްޖޭގައި މިއުޅެނީ ކަންކަން ކުރަން ގާނޫނު މަދުވެގެނެއް ނޫން. އަސްލު ހަގީގަތުގައި އެކަން ކުރަން ބޭނުންވަންޏާ ގޭންގު ކުށްތައް ހުއްޓުވުމަށް ފުދޭވަރުގެ ގާނޫނު މިހާރު ވެސް ރާއްޖޭގައި އެބަހުރި. އަސްލު މައްސަލައަކީ ގާނޫނުތަކުގެ ސެލެކްޓިވް އެޕްލިކޭޝަން. ސަރުކާރުތަކުގެ ތެރޭގައި ނެތީއޭ އިންސާފުވެރިކަމާއި މިިނިވަންކަމާ އެކު ގާނޫނުތައް ތަންފީޒުކުރުމުގެ ނިޔަތެއް،" ޖަމީލު ވިދާޅުވި އެވެ.

ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދު މީގެ ކުރިން 'ދައުރަ'ށް ދެއްވި އިންޓަވިއުގައި (ދައުރު ފޮޓޯ/ހުސައިން ސުނޭން)

މި ރިޕޯޓަށް ވާހަކަދެއްކެވި އެހެން ގާނޫނީ ވަކީލެއްގެ ހިޔާލު ހުރީ ވެސް ޖަމީލުގެ ވާހަކަތަކާ ދާދި އެއްގޮތަކަށެވެ. އޭނާ ވެސް ގަބޫލުކުރައްވާ ގޮތުގައި ކުދިކުދި ކުށްތަކުން ފެށިގެން ގޭންގުތައް ފަދަ ނުރައްކާތެރި ކުށްތައް ނުހުއްޓުވިގެން އުޅެނީ ގާނޫނުތައް ވަކި ބައެއްގެ މައްޗަށް ހިނގާ ގޮތަށް ރާއްޖޭގެ އަދުލުގެ ނިޒާމު އޮތުމުންނެވެ.

"މިސާލަކަށް ރާއްޖޭގައި އެ ގާނޫނުތައް ތަންފީޒުނުވެގެން އުޅެނީ ސަރުކާރުން ވަރަށް ބޮޑަށް އެބަ ބޭނުންހިފާ ކުށުގެ ވެށީގައި އުޅޭ އެކިއެކި ކަހަލަ ކުށްކުރާ މީހުން. އޭގެެތެރެއިން ބައެއް މީހުން އެބަ ތިބޭ ސަރުކާރު ތެރޭގައި ވެސް. އެހެންވީމާ ކިތަންމެ ވަރަކަށް ގާނޫނު ހެދިކަމުގައި ވިޔަސް އަޅުގަނޑަކަށް ނުފެނޭ އެ ގާނޫނުން ކުރެވޭނެ ބޭނުމެއް،" ނަން ނުޖަހާ ގޮތަށް ވާހަކަދެއްކެވި ވަކީލު ވިދާޅުވި އެވެ.

އޭނާ ގަބޫލުކުރައްވާ ގޮތުގައި ގޭންގު ކުށްތައް ހުއްޓުވަން ސަރުކާރުން ފުރަތަމަ އަޅަން ޖެހޭ އެންމެ މުހިންމު ފިޔަވަޅަކީ ކޮރަޕްޝަންގެ ނުބައި އާދަ ދޫކޮށްލުމެވެ. އެގޮތަށް އޭނާ ގަބޫލުކުރައްވާ ސަބަބަކީ ގޭންގު ކުށްތަކާއި މުޖުތަަމައުގައި އާލާވާ ކޮންމެ ކުށެއް ވެސް ގޮސް ގުޅެނީ ކޮރަޕްޝަން މައްސަލަތަކަށް ވުމެވެ. ހާއްސަކޮށް ފައިސާކޮޅަކަށް އިންސާފު ވިއްކާލާ މީހުން ކޮންމެ ސަރުކާރެއްގެ ތެރޭގައި ވެސް ތިބުމަކީ އެ މައްސަލަތަކުގެ ފެށުން ކަމަށް އޭނާ ސިފަކުރެއްވި އެވެ.

"އެހެންވީމާ މައްސަލައިގެ މުގުލަށް ދޯ ފުރަތަމަ ބޭސްކުރަންވީ. އޭރުން އިތުރު ގާނޫނުތަކެއް ނެހެދިޔަސް މި މައްސަލަތައް ހައްލުވާނެ. މިހާރު އެބަހުރި މިކަމާ ގުޅޭ ފުދޭވަރެއްގެ ގާނޫނުތައް. އޭގެ ޒާތުގައި މިއީކީ ވެސް ގޯސް ގާނޫނެއް ނޫން. މި ގާނޫނު ވެސް ހަދަންވީ އެކަމަކު ތަންފީޒުކުރާ ގޮތް މުހިންމު ކަމަކީ،" ވަކީލު ވިދާޅުވި އެެވެ.

ހުޅުމާލޭގައި ހިންގި މާރާމާރީއަކަށް ފަހު ފުލުހުން އެ ސަރަހައްދު ބަންދުކޮށްގެން ބަލަހައްޓަނީ (ފައިލް ފޮޓޯ/ދައުރު)

ފުލުހުންނަށް ބާރު ދިނުމުން ގޭންގުތައް ހުއްޓުވިދާނެތަ؟

ފުލުހުންގެ ރިކޯޑުތަކުން ދައްކާ ގޮތުން މިދިޔަ އަހަރާ ހަމަޔަށް މުޅި ރާއްޖޭގައި، ކުށްކުރާ ގުރޫޕްތަކުގެ ތެރޭގައި 1،500 މީހުން ހަރަކާތްތެރިވެ އެވެ. އެކި ކަހަލަ ކުށްތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ ކޮންމެ މީހެއްގެ ފަހެއް ނުވަތަ 29އާ ގާތްކުރާ އަދަދަށް މައްސަލަ އޮވެ އެވެ. ގްރޫޕް މާރާމާރީތަކުގައި 2007 އިން ފެށިގެން މުޅި ރާއްޖެއިން 32 މީހަކު މަރާލާފައިވެ އެވެ. މާރާމާރީ ހިންގަފާނެތީ އަބަދުވެސް ފާރަލާން ޖެހޭ އަށެއްކަ ގޭންގެއް، މާލެ ސަރަހައްދުގައި މިހާރު ވެސް ހަރަކާތްތެރިވަމުން ދާކަމަށް މި އަހަރު ފުލުހުން ބުނެފައިވެ އެވެ.

ގޭންގުތަކަކީ ކޮބައިކަމާއި ގޭންގުތަކުގައި ހަރަކާތެރިވާ މީހުން ދެނެގަންނާނެ ގޮތާއި ކުރާ ކަންތަކަކީ ކޮބައިކަން މިހާރު ވެސް އޮތީ ގާނޫނުތަކުގައި ލިޔެފަ އެވެ. މާލޭގައި އޮތީ ކިތައް ގޭންގުކަމާއި މިވެނި ރަށެއްގައި އޮތީ ކިތައް ގޭންގުކަން، ކުށްކުރަނީ ކޮންކޮން މީހުންނެއްކަން އެނގޭހާ ސާފުކޮށް ފުލުހުންގެ އަތުގައި ތަފާސްހިސާބުތަކާއި މައުލޫމާތު އެބަ ހުއްޓެވެ. ބޮޑެތި މާރާމާރީތަކުގައި ފުލުހުން ކޯޓުގައި ހާމަކުރާ މައުލޫމާތުތަކުން ވެސް ރާއްޖޭގައި ހަރަކާތްތެރިވާ ގޭންގުތަކާއި އެ ގޭންގުތަކުގައި އުޅޭ މީހުންނާއި އެ މީހުން ކުރާ ވިޔަފާރީ އާއި ހިންގާ ހަރަކާތްތައް ފުލުހުންނަށް ވަރަށް ރަނގަޅަށް އެނގޭކަން އެނގެ އެވެ. 

ފުލުހުން ބުނާ ގޮތުން ވަކި މީހަކީ މިވެނި ގޭންގެއްގެ މީހެއްކަން ވަކިކޮށް ބުނެދޭން ފުލުހުންނަށް އުނދަގުލެއް ނޫނެވެ. ތަކުރާރުކޮށް އެކި މައްސަލަތަކުގައި ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އެމީހުންނާ ދިމާވެ އެވެ. އެ ރެކޯޑުތައް ފުލުހުންގެ އިދާރާގައި އެބަ ހުއްޓެވެ. 

ސުވާލަކީ ގޭންގުތަކަކީ ކޮބައިކަން އެނގި ތިބެ، އެއީ ކޮން ބައެއްކަން އެނގި ތިބެ ވެސް އެމީހުންނާ މެދު ފިޔަވަޅެއް ނޭޅި އެމީހުން މުޖުތަމައުއަށް ދޫކޮށްލައިގެން ތިބެން ޖެހެނީ ގާނޫނެއް ނުވަތަ ބާރެއް ނުލިބިގެން ހެއްޔެވެ؟ ނޫނެކެވެ. ނުކުރެވިގެން އުޅޭ ކަމަކީ އެމީހުންގެ ގައިގައި އަތްލުމެވެ. 

ގޭންގުތަކުގެ މައްސަލަ ބޮޑުވެ މާރާމާރީތައް ގިނަވާން ފެށުމުން ގޭންގުތައް ހުއްޓުވުމުގެ ނަމުގައި މިދިޔަ ސަރުކާރުގައި ވެސް ހާއްސަ ޓާސްކު ފޯހެއް ހަދައިގެން ފިޔަވަޅުތަކެއް އެޅި އެވެ. އެ ޓާސްކު ފޯހުގެ ދަށުން ފުލުހުންނާއި ސިފައިން ގުޅިގެން ހިންގި އޮޕަރޭޝަންތަކުގައި ކުރި ހަމައެކަނި ކަމަކީ މާލޭގެ މަގުތަކުގެ ސެކިއުރިޓީ ވަރުގަދަކޮށް ފޯރިމަރަން ފެށުމާއި އެކި ސަރަހައްދުތަކުގެ ފާރުގައި ކުރުހާފައިވާ ގްރެފިޓީތައް ފޮހުމެވެ. އެކަމުން ވެސް ނިކުތް އެދެވޭ ނަތީޖާއެއް ނެތެވެ. ގްރެފިޓީތައް އަލުން ކުރެހުން ނުހުއްޓުވުނެވެ. 

މާލޭ ސިޓީ ކައުންސިލާ ހަވާލުކޮށްފައިވާ އެ މަސައްކަތުގައި މިއަދު ވެސް އެތަނުގެ މުވައްޒަފުން އެތިބީ މަތިމައްޗަށް އެ ގްރެފިޓީތަކުގައި ދަވާދުލާށެވެ. ގޭންގުތަކަށް ނިސްބަތްވާ ސަރަހައްދުތަކުގައި ފުލުހުން ފޯރިމަރަން ތިއްބާ، ފުލުހުންގެ އެހެން ޓީމެއް ޖެހެނީ ކޮންމެ ވެސް މީހެއްގެ ގަޔަށް ވަޅި ހަރާފައިވާ ސީންއަކަށް ގޮސް އެމީހަކު ހޮސްޕިޓަލަށް އުފުލުމުގެ މަސައްކަތުގައި އުޅޭށެވެ. 

މާލޭގެ ބައެއް ފާރުތަކުގައި ގްރެފިޓީ ކުރަހާފައި ހުއްޓާފައި އެ ފޮހެލަނީ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

ބައެއް މީހުން ދެކޭ ގޮތުގައި ގޭންގުތަކުގައި ފުލުހުންނަށް އަތް ނުލެވިގެން އުޅެނީ ގޭންތައް އަބަދުވެސް ހަރަކާތްތެރި ވަނީ ސިޔާސީ ޕާޓީތަކާއި އެއިރެއްގައި އޮންނަ ސަރުކާރެއްގެ ވާގިވެރިވުމާ އެކު ކަމަށް ވީމަ އެވެ. ޝަރުއީ މަރުހަލާ އާއި ތަންފީޒީ އިދާރާތަކަށް ވެސް ގޭންގުތަކުގެ ނުފޫޒު އޮންނާތީ އެވެ.

ނުރައްކާތެރި ގިނަ ގޭންގު މާރާމާރީތަކެއް ހިނގާ އައްޑޫގެ ޕޮލިސް ޑިވިޝަނުގެ ކޮމާންޑަރު، އެސިސްޓެންޓް ކޮމިޝަނަރު އަހްމަދު ޝަމީމް މީގެ ކުރިން 'ދައުރު'އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވިދާޅުވީ ގުރޫޕުތައް ހުއްޓުވަން ފުލުހުންނަށް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ ހެކިތަކާ އެކު ހައްޔަރުކޮށް ދައުވާކުރަން ފޮނުވުމުން ވެސް އެ މީހުން ދޫވާދޫވުން ކަމަށެވެ. 

މީގެ އިތުރުން ކޯޓުތަކުގައި މައްސަލަތައް ޕާކުކޮށްފައި އޮންނަ އޮތުމަކީ ވެސް ދިމާވާ ގޮންޖެހުމެކެވެ. 

އެކަމަކު މި ހުންނަނީ ގަސްދުގައި ކުރާ ކަންކަން އެނގެ އެވެ. ގޭންގްތަކުގެ ބާރެވެ. އޭރަކު އޮންނަ ސަރުކާރެއްގެ ނުފޫޒެވެ. އެހެންކަމުން އާ ގާނޫނެއް ހަދައި، ރާއްޖެ ފަދަ ގައުމެއްގައި ފުލުހުންނަށާއި ސިޔާސީ މީހުންނަށް ދީގެން ނުވާނެ ފަދަ ބާރުތަކެއް ދިނުމަކީ އޮތް ނުރައްކަލެއް ކަމަށް ދެކޭ ތަޖުރިބާކާރުންގެ ކަންބޮޑުވުން އޭގެ ޒާތުގައި ރަނގަޅެވެ. އެއީ ރައްޔިތުން ވެސް ވިސްނަން ޖެހޭނެ ކަމެކެވެ.

ކޮމެންޓް (2)

profile-image-placeholder

އަލީ

30 އޯގަސްޓު 2024
ރާއްޖޭގެ އެންމެ ބޮޑު މައްސަލައަކީ މުއައްސަސާތަކަށް އެކަށޭނެ ބާރު ނުދީ ބޮޑެތި ޒިންމާ ހަވާލުކުރުން . ޕޮލިހުންނަށް ހުރިހާ ބާރެއް ދޭންވީ ހަމަ . ކޯޓް އަމުރެއް ހޯދައިގެން ކުށް ކުރާ މީހުންނާއި ހަމައަށް ދާއިރު ކުށުގެ ވެށިވެސް އޮންނަނީ ރޫޅާލާފައި ނޫނީ ކޯޓް އަމުރުގައި އޮންނަ ފިއްޔެއް ނުބައިވެގެން ހެކި ހޯދިގޮތް ނުބައިވެފައި. ކޯޓްގައި އިންނަ އެންމެ ގާޒީއަކަށްވުރެ ޕޮލިސްގެ އިސް ވެރިންގެ ހުއްދަ ހޯދީމަ އަވަހަށް ކުށްވެރިޔާ އާއި ހިސާބަށް ދެވޭނެ. މެލޭސިޔާކަހަލަ ގައުމުތަކުގައި ޓްރެފިކާއި ހިލާފުވިޔަސް ދެވަނަ ފަހަރު އެކަހަލަެ ކަމެއް ދެން ކުރަން ނުކެރޭވަރު ކޮަށލާނެ

ކޮމެންޓު ބޭބެ

29 އޯގަސްޓު 2024
ރިސްކުތަކެއް އެބަހުރި، އެހެންނަމަވެސް، ލިޔުންތެރިޔާ ފާހަގަނުކޮށްލާކަމަކީ ރާއްޖޭގައި މިހާރު މިހިންގަނީ ދުނިޔޭގެ ފެންވަރުގައި ހިންގާ އޯގަނައިޒްޑު ގޭންގުތަކެއްކަމާއި، އެމީހުންގެ މީހުން ދައުލަތުގެ އެކި ފަންތީގައި ތިބިކަން. ޚާއްޞަކޮށް ޖޫޑިޝަރީތެރޭގައި. ރާއްޖެއަކީ ކުޑަ ގައުމެއްކަމުން އާއިލީ ގުޅުންތައްވެސް ހުންނާނެ. އެހެންކަމުން މިވަގުތަށް ދެވެންއޮތް އެންމެ ޕްރެކްޓިކަލް ހައްލަކީ މިހާރު ހުށަހެޅިފައިވާގޮތަށް ގާނޫނު ފާސްކުރުން. ފުލުހުންނާއި ސިފައިންނަކީ ގައުމުގެ އަމްނުއަމާންކަމަށް އެންމެ ބޮޑަށް ވިސްނާނެ، އެކަމަށް މަސައްކަތްކުރާނެ މީހުން. ގޭންގެއްގެ މީހެއްކަން ކަނޑައަޅާ ހިސާބުން އިއުލާންކުރާގޮތަށް ގާނޫނު އޮތުމުން، އާންމުންނަށް އެނގޭނެ ބާރު އެބޭނުންކުރަނީ ރަނގަޅަށްތޯ ނުވަތަ ނޫންތޯ. ސިޔާސީގޮތުންތޯ ނުވަތަ ނޫންތޯ؟ ދައުލަތުގެ އެހެން އިދާރާތަކަށް (ޚާއްޞަކޮށް ޖޫޑިޝަރީއަށް) މިކަމުގެ ގޮތެއް ކަނޑައަޅަން ދޫކޮށްފިއްޔާ މިއީ ނެތް ގާނޫނެއްފަދަ. ކިތާބީ ނުވަތަ އެހެން ހެއްކެއްނެތޭ ކިޔާފައި ދޫކޮށްލާނީ. ގޭންގުތައް މައިތިރިނުކޮށް ތިބެވޭކަށްނެއް. އެމީހުންގެ ނުރައްކާ މުޖުތަމަޢަށް ވަރަށް ބޮޑު.

އިތުރު އާޓިކަލް

އިތުރު އާޓިކަލް