އަރުޝަދު ހާލިދު. (ފޮޓޯ/ ޕޮލިސް)

ހައްޔަރު ކުރިތާ އެއް ދުވަސް ވެސް ނުވެ އަރުޝަދު ދޫކޮށްލައިފި

ބަންދުން ދޫކޮށްލީ، އެކަށީގެންވާ ވަރަށް ހެއްކާއި ގަރީނާ ނެތުމުން ކަމަށް ފުލުހުން ބުނޭ
26 އޮކްޓޯބަރު 2022
3

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށް ފުލުހުން ތުހުމަތު ކުރާ އަރުޝަދު ހާލިދު ހައްޔަރުކުރިތާ 24 ގަޑިއިރު ނުވަނީސް، އަނެއްކާ ވެސް އޭނާ ދޫކޮށްލައިފި އެވެ.

ވީ ކިހިނެއް؟- މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެތި ތުހުމަތުތައް ކުރެވޭ އަރުޝަދު، ދުބާއީގައި ފިލައިގެން އުޅުމަށް ފަހު މި މަހުގެ 10 ވަނަ ދުވަހުގެ ރޭ ރާއްޖެ އައުމުން ވެސް ހައްޔަރު ކުރި އެވެ. އެކަމަކު، ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ނުގެން ގޮސް ފުލުހުން އޭނާ ދޫކޮށްލީ އެވެ.

ބަލަމުންދާ މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ފުލުހުން އިއްޔެ އޭނާ ހައްޔަރު ކުރި ނަމަވެސް، މިއަދު އަނެއްކާ ވެސް ވަނީ ދޫކޮށްލާފަ އެވެ. ފުލުހުން ބުނިގޮތުގައި ކޯޓު އަމުރެއްގެ ދަށުން އަރުޝަދު ހައްޔަރު ކުރި ނަމަވެސް، އޭނާ ދޫކޮށްލީ، ބަންދު ދެމެހެއްޓޭ ވަރަށް ހެއްކާއި ގަރީނާ ލިބިފައި ނުވާތީ އެވެ.

ފުލުހުން 2020 ވަނަ އަހަރު މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރި ޑްރަގް ނެޓްވޯކެއްގެ އެންމެ އިސްވެރިޔާ އަކީ އަރުޝަދު، ގދ. ހޯނޑެއްދޫ/އަލޯރާ ކަމަށް ފުލުހުން ބުނެ އެވެ. އަދި:

  • 9 ކިލޯގެ ޑްރަގާއި ގިނަ އަދަދެއްގެ ފައިސާ ހޯދި އެ އޮޕަރޭޝަނާ ގުޅިގެން އަށް މީހަކަށް ދައުވާ ކުރި ނަމަވެސް، އަރުޝަދު ހިމެނޭ ގޮތަށް ބައެއް އިސް މީހުންގެ މައްޗަށް ކުށް ސާބިތެއް ނުވޭ

  •  މިދިޔަ އަހަރުގެ ސެޕްޓެމްބަރު 28 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ކުރި އެ ހުކުމް ދައުލަތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފްކޮށްފައި

  • މި ނެޓްވޯކްގެ މީހުން ކޯޓުން ދޫވުމާ އެކު، އަނެއްކާ ވެސް ޑްރަގު ވިޔަފާރި ކުރަން ފެެށި ކަމަށް ފުލުހުން ބުނޭ؛ އެގޮތުން މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ފުލުހުން ހިންގި ޑްރަގު އޮޕަރޭޝަންތަކުގައި އަތުލައިގަތް 119 ކިލޯގެ މަސްތުވާތަކެއްޗަކީ މި ނެޓްވޯކާ ގުޅުން އޮތް މަސްތުވާތަކެތި ކަމަށް ތުހުމަތު ކުރެވޭ

  • މި ޑްރަގުތައް ރާއްޖެއަށް އެތެރެކުރުމަށް ފަހު އަރުޝަދު ދުބާއީއަށް ގޮސް ފިލައިފައިވާ ކަމަށް ފުލުހުން މީގެ ކުރިން ބުނެފައިވޭ؛ އޭގެ ފަހުން އޭނާ ދިރިއުޅެމުން ދިޔައީ ދުބާއީގައި

ފިލައިގެން އުޅުމަށް ފަހު އޭނާ ރާއްޖެ އައުމުން، ކޯޓަށް ގެން ދިޔުމުން ހައި ކޯޓުން ނިންމީ ބަންދާ މެދު ގޮތެއް ނުނިންމޭނެ ކަމަށެވެ. ނަމަވެސް ނުވަ ކިލޯގެ ޑްރަގު މައްސަލައިގައި އޭނާގެ ޕާސްޕޯޓު ހިފަހައްޓަން ނިންމި އެވެ. ދައުލަތުން އެ އަމުރު އިސްތިއުނާފަށް ހުށަހެޅުމުން ސުޕްރީމް ކޯޓުން ވަނީ އެ މައްސަލަ ބަލައިގެންފަ އެވެ.

ކޮމެންޓް (3)

ހުސެން

26 އޮކްޓޯބަރު 2022
ކީއްކުރަންތަ މި ހައްޔަރު ކުރަނީ؟ ހެކި ނެތްކަން އެނގެނީ ހައްޔަރު ކުރާ ފަހުން ތަ؟
1 0

ކަމަނާ

26 އޮކްޓޯބަރު 2022
24 ގަޑިއިރު ތެރޭ ރަނގަޅު ޑީލަކަށް އާދެވުނީމަ ދެން އިތުރަށް ނުޖެހޭނެއްނު ބަހައްޓާކަށް.
2 0

ކަލީމް

26 އޮކްޓޯބަރު 2022
ރުޅިގަދަ ކުރަން ތިކަހަލަ ހަބަރު ނުގެނެސްބަލަ ހެޔޮނުވާނެ. ލޭކެކުން ނޫން ކަމެއް ނުވޭ. ރަނގަޅަށް ވިއްޔާ ނޭނގެ ހައްޔަރު ކުރިކަމެއް ވެސް. ދޫކޮށްލީ އޭ ބުނީމަ ގަބޫލުކުރަން ވީ އޭގެ ކުރިން ހައްޔަރުކޮށްފަ ހުރި ކަމަށް؟
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް