މިދިޔަ މެއި މަހުގެ ދެވަނަ ދުވަހުން ފެށިގެން މާލޭގައި ހިންގި ސިލްސިލާ މާރާމާރީތަކާ ގުޅިގެން ދައުވާ އުފުލާފައިވާ އަށް މީހުން މިއަދުގެ އަޑުއެހުމުގައި؛ މި މީހުންގެ ތެރެއިން ހަތަރު މީހަކު ޝަރުތުތަކާއެކު މިއަދު ވަނީ ދޫކޮށްލާފައި

ގޭންގު ކުށްތައް

އީދު ބަންދުގައި ހިންގި ސިލްސިލާ މާރާމާރީތައް؛ ދައުވާ ކޮށްފައިވާ 8 މީހުންގެ ތެރެއިން 4 މީހަކު ދޫކޮށްލައިފި

މައްސަލާގައި ތުހުމަތުކޮށް ދައުވާ އުފުލާފައިވާ ހަތަރު މީހުން ދޫކޮށްލީ ޝަރުތުތަަކާއެކު
14 ސެޕްޓެމްބަރު 2023

މިދިޔަ އަހަރު 2 މެއިގައި ފާހަގަކުރި ކުޑަ އީދު ދުވަހުގެ ރެއިން ފެށިގެން މާލޭގެ ދެ ގޭންގެއްގެ ދެމެދުގައި ހިންގި ސިލްސިލާ މާރާމާރީތަކާ ގުޅިގެން ހައްޔަރުކޮށް ދައުވާ އުފުލާފައިވާ އަށް މީހުންގެ ތެރެއިން ހަތަރު މީހަކު ޝަރުތުތަކާ އެކު ބަންދުން ދޫކޮށްލަން މިއަދު ކްރިމިނަލް ކޯޓުން އަމުރު ކޮށްފި އެވެ.

މައްސަލައިގެ ފެށުން - ޖަނަވަރީމަގާއި މަޖީދީމަގު ގުޅޭ ހިސާބުގައި، ޖެހިޖެހިގެން ސިލްސިލާކޮށް ހިންގި މާރާމާތީތަކުގައި ވަޅި ހަރައި ފަސް މީހުންނަށް ވުރެ ގިނަ މީހުން ޒަހަމްކޮށްލާފައިވެ އެވެ. އެ މާރާމާރީތައް ހުއްޓުވަން ފުލުހުން ހިންގި އޮޕަރޭޝަންގައި:

  • ތޫނު ހަތިޔާރާ އެކު ބައެއް މީހުން ހައްޔަރު ކުރި 

  • މާރާމާރީތަކުގައި ތުހުމަތުކުރެވޭ މީހުންގެ ވަނަވަރު ހާމަކޮށް، އެ މީހުން ހޯދުމުގެ މަސައްކަތް ފެށި 

  • އެ އެންމެން ހައްޔަރުކޮށް، އަށް މީހެއްގެ މައްޗަށް ދައުވާ އުފުލި؛ ބައެއް މީހުން ތިބީ ޝަރީއަތް ނިމެންދެން ބަންދުގައި 

ވީ ކިިހިނެއް؟ މުޖުތަމައުއަށް ނުރައްކާވެދާނެ ކަމަށް ނިންމައި މީގެ ކުރިން ހައްޔަރުގައި ތިބި އަށް މީހުންގެ ތެރެއިން ހަތަރު މީހަކު މިއަދު ކްރިމިނަލް ކޯޓުގައި އެ މައްސަލަ ބައްލަވާ ގާޒީ ސައްފަތު ހަބީބު ވަނީ ދޫކޮށްލައިފަ އެވެ. އަނެއް ހަތަރު މީހުން ބަންދުން ދޫ ނުކުރެވޭނެ ކަމަށް ނިންމެވި އެވެ.

ތަފްސީލް - މިއަދު އޮތް އަޑުއެހުމުގައި ޝަރުތުތަކާ އެކު ބަންދުން ދޫކޮށްލި އެންމެންނަކީ، މީހަކަށް ނުރައްކާތެރި ހާނިކައެއް ވާގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ދައުވާ އުފުލާފައިވާ މީހުން ނެވެ. އެމައްސަލާގައި މިއަދު ބޭއްވި ބަންދު މުރާޖާ އަޑުއެހުމުގައި ބަންދުން ދޫކޮށްލަން ނިންމީ: 

  • ހަސަން ޒިޔާން އިބްރާހިމް - އުނިމާގެ/ގދ. ވާދޫ

  • އަހްމަދު ޝިމްހާޒު - ސީނުގެ/ތ. ތިމަރަފުށި

  • އަހުމަދު ނާޒިހު - ކެނެރީގެ/ގއ. ގެމަނަފުށި

  • އަހްމަދު ރަބީއު، ގްލޭނޫރަންމާގެ/ގއ. މާމެންދޫ 

މާރާމާރީގެ މައްސަލައިގައި ދައުވާ އުފުލާފައިވާ އަށް މީހުންގެ ތެރެއިން ފުލުހުން ހޯދަން އިއުލާންކުރި ހަތް މީހުން

ބަންދުން ދޫކޮށްލުމުގައި ކުރި ޝަރުތުތަކަކީ:

  • ރޭގަނޑު 12 އާއި ހެނދުނު 6އާ  ދޭތެރޭ ދިރިއުޅޭ ތަނުން ބޭރަށް ނުނިކުތުން

  •  ހެއްކަށް ނުފޫޒުފޯރުވާ ނުވަތަ ހެއްކަކަށް ފޯނުން ގުޅާގެން ބައްދަލުކުރަން މަސައްކަތް ނުކުރުން

  •  މާލެ ސިޓީން ބޭރަށްދާ ނަމަ ކޯޓުގެ ހުއްދަ ހޯދައިގެން ދިއުން 

  • ގުޅޭނެ ނަންބަރު ބަދަލުވެއްޖެ ނަމަ ކޯޓަށް އެކަން އެންގުން

  •  އިތުރު ކުށެއް ނުކުރުން 

މި ޝަރުތުތަކާ ހިލާފުވެއްޖެ ނަމަ އެމީހަކު ޝަރީއަތް ނިމެންދެން ބަންދުކުރާނެ ކަމަށް ގާޒީ ވިދާޅުވި އެވެ. ބަންދުން ދޫކޮށްލަމުން ގާޒީ ސޮފްއަތު ވިދާޅުވީ، މީހަކު ބަންދުގައި ހުންނަންޖެހޭނެ ކަަމަށް ގަބޫލުކުރަނީ މައްސަލަ ސާބިތުވާ ހާލަތުގައި ކަމަށާއި އެ ނޫން ހާލަތެއްގައި ބަންދުގައި މީހަކު ހުންނަންޖެހޭނީ އެ މައްސަލައެއްގެ ބާވަތާއި މުޖުތަމައު އަށް އޮތް ނުރައްކަލަށް ރިއާޔަތްކޮށްފަ ކަމަށެވެ. މިއަދު ބަންދުން ދޫކޮށްލި މީހުންގެ މައްޗަށް ކުރެވެނީ މާރާމާރީއެއް ހިންގުމުގައި ބައިވެރިވުން ކަމަށްވުމުން މައްސަލަ މިހާރު ގޮސްފަ އޮތް ހިސާބަށާއި ހެކި ގަރީނާ އަށް ބަލައި މިވަގުތަށް ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް ނެތް ކަމަށް ގާޒީ ވިދާޅުވި އެވެ.

ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރި ހިންގި ކަމުގެ ދައުވާ އުފުލާފައިވާ ހަތަރު މީހުން ވެސް ބަންދު މުރާޖާ ކޮށްދިނުމަށް މިއަދުގެ އަޑުއެހުމުގައި އެދިފައިވެ އެވެ. ނަމަވެސް ގާޒީ ނިންމެވީ އެމީހުން ދޫކޮށްލެވޭނެ ތަނެއް މިވަގުތަށް ނެތް ކަމަށެވެ.  

މިހާރު ބަންދުގައި ތިބީ:

  • ލޫތު އަހުމަދު އާސިފް، މ. ލޮނުމިދިލިގެ

  • މުނާދު ޖައުފަރު، ނާދީ/ސ. ހުޅުދޫ

  • މައުސޫމް މުހައްމަދު ދީދީ، މާލެ/ދަފްތަރު ނަންބަރު ރސ 2260

  • އަހުމަދު ސާތިއު، ކޮރަލް/ސ. މަރަދޫ

މި އެންމެންގެ މައްޗަށް ދައުވާ ކޮށްފައިވަނީ، މީހަކަށް ނުރައްކާތެރި ހާނިކައެއް ވާގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާ އެވެ.

އެނގުން މުހިންމު - މިއަދުގެ އަޑުއެހުމަކީ ބަންދު މުރާޖާ ކުރުމަށް ބޭއްވި އަޑުއެހުމެއް ނޫނެވެ. މިއަދުގެ އަޑުއެހުން ބާއްވާފައިވަނީ މައްސަލައިގެ ދައުވާ ލިބޭ މީހުންނާއި ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކާ މެދު ޝަރީއަތުން ގޮތެއް ކަނޑައެޅުމަށެވެ. ނަމަވެސް މި ހުށަހެޅުންތަކާ މެދު ގޮތެއް ކަނޑައަޅާ ނިމުން މައްސަލާގައި ދައުވާ ލިބޭ އެންމެންގެ ފަރާތުން ވެސް ވަނީ ބަންދު މުރާޖާއަށް ހުށަހަޅާފައިވާކަން ފާހަގަކުރައްވާ އެކަމާމެދު ގޮތެއް ނިންމަވައިދިނުމަށްވެސް އެދިފަ އެވެ.

އެކަމާ ގުޅިގެން ގާޒީ ފުރަތަމަ ވިދާޅުވީ، ބަންދު މުރާޖާއަށް ހުށަހަޅަންޖެހޭނީ ދުރާލާކަމަަށެވެ. ނަމަވެސް، އެމައްސަލާގައި ބަންދު މުރާޖާ ނުކުރެވޭތާ ގިނަ ދުވަސްތަކެއް ވެފައި ވާތީ، ގާޒީ ނިންމެވީ މިއަދުގެ އަޑުއެހުމުގައި ބަންދާމެދު ގޮތެއް ނިންމުމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް