31 ޖުލައި 2017 ގައި، ލިޓަސް ސާވިސް ސެންޓަރުގައި ގްރޫޕަކުން ހަމަލާދީ މަރާލި މުހައްމަދު އަނަސް: އެ މަރުގެ އަނިޔާވެރިކަން އެތައް ބަޔަކަށް ފެނުނު

އަނަސްގެ މަރު

އަނަސްގެ މަރު: ހަ އަހަރު ފަހުން ކުށުގެ ތުހުމަތުވާ އެންމެންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ހުކުމް ކޮށްފި

ކުށް ސާބިތުނުވާ ކަމަށް ނިންމާފައިވަނީ ސީސީޓީވީ ފުޓޭޖުންނާއި، ހުށަހަޅާފައިވާ ހެކި ގަރީނާތަކުން ވެސް އެކަށީގެންވާ މިންވަރަށް ހެކި ލިބިފައި ނުވާތީ

މާލޭގައި މީގެ ހަ އަހަރު ކުރިން ތޫނު އެއްޗަކުން ހަމަލާދީ މަރާލި މުހައްމަދު އަނަސްގެ މަރުގެ މައްސަލާގައި ދައުވާ އުފުލާފައިވާ ހަތް މީހުންގެ މައްޗަށް ވެސް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.

ވީ ކިހިނެއް؟ - އަނަސް، ފެންފިޔާޒުގޭ/ރ. މީދޫ، އަނިޔާވެރި ގޮތަކަށް މަރާލީ 31 ޖުލައި 2017ގަ އެވެ. މި މައްސަލާގައި ކްރިމިނަލް ކޯޓުގައި ހަތް މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވެ އެވެ. އެއީ:

ގަސްތުގައި މީހަކު މަރާލުމުގެ ދައުވާ:

  • 1-

    އަފްރާހު އަބްދުއްރައްޒާގު، މ. ލޮނުމިދިލިގެ/ މާލެ

  • 2-

    އަހުމަދު ޒަޔާން، އަސުރުމާގެ/ ޅ. ކުރެންދޫ

  • 3-

    އުސްމާން ޝަރީފް، މ. ދިމިޝްގު/ މާލެ

ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ދައުވާ:

  • 1-

    ޖުނައިހު އަބްދުﷲ، ނަންނާރިގެ/ ލ. ގަން ތުނޑީ

  • 2-

    ހަސަން މަހްފޫޒް، ވެސްޓަންވިލާ/ ސ. ފޭދޫ

  • 3-

    ސިމާހު މޫސާ، ދަފްތަރު ނަމްބަރު 1746/ މާލެ

  • 4-

    މުހައްމަދު ޝާޒް، ގުލްފާމުގެ/ތ. ކިނބިދޫ 

އަނަސްގެ މަރަށް ހަ އަހަރު ފަހުން، މިއަދު ކްރިމިނަލް ކޯޓުން މި މައްސަލާގައި އިއްވި ހުކުމުގައި ވަނީ، އެ އެންމެންގެ މައްޗަށް ވެސް ކުށް ސާބިތުނުވާ ކަމަށެވެ.

ބުނީ ކީކޭ؟ - އަނަސް މަރާލުމުގައި ހަތަރު މީހުން ބައިވެރިނުވާ ކަމަށް ނިންމާފައިވާ ސަބަބެއްގެ ގޮތުގައި މި މައްސަލަ ކްރިމިނަލް ކޯޓުގައި ބެއްލެވި ގާޒީ އަލީ ނަދީމް ވިދާޅުވީ، އެ ދައުވާތައް ސާބިތުކުރަން ފުލުހުން ހުށަހަޅާފައިވާ، ހެކި ގަރީނާތަކުން، އެ ކުށުގައި އެ މީހުން ބައިވެރިވެފައިވާކަން އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުކޮށް ނުދެވޭ ކަމަށެވެ. އެގޮތުން، ސީސީޓީވީ ފުޓޭޖުންނާއި ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓުން ވެސް އެ މީހުންނާ ދެކޮޅަށް ކުށް ސާބިތުކުރެވޭ ވަރުގެ ހެއްކެއް ނެތް ކަމަށް ގާޒީ ވިދާޅުވި އެވެ.

އެގޮތުން ހުކުމްގައި ވަނީ:

  • އަނަސް އަށް ހަމަލާދިނުމަށް ލިޓަސް ގަރާޖުތެރެއަށް ވަން މީހުންނަށް އެހީވެދިން ކަން ސާބިތުކުރަން ހުށަހަޅާފައިވާ ސީސީޓީވީ ފުޓޭޖުތަކުން، އެއީ ސީދާ ދައުވާ ރައްދުވާ މީހުންކަން ސާފެއް ނޫން

  • ހުށަހަޅާފައިވާ އެހެނިހެން ގަރީނާތަކުން ވެސް އެ ކުށް ކުރުމުގައި އެއްވެސް މީހަކު ބައިވެރިވެފައިވާކަން ސާބިތު ކޮށެއް ނުދެވޭ

  • ފުޓޭޖުތަަކުގެ ޗެއިން އޮފް ކަސްޓަޑީ ފުރިހަމަ ނުވޭ

  • ދައުވާ ސާބިތުކުރަން ހުށަހަޅާފައިވާ ކޯލު ރެކޯޑުތަކަކީ ފުލުހުން ތައްޔާރުކޮށްފައިވާ އެއްޗަކަށްވާތީ އެޔަށް ބުރަދަނެއް ނުދެވޭނެ

  • އިންޓެލިޖެންސް ރިޕޯޓާއި ތަހުގީގީ ރިޕޯޓަކީ ވެސް ބުރަދަނެއް ދެވޭނެ އެއްޗެއް ނޫން

ރަހުމުކުޑަގޮތަކަށް މަރާލި އަނަސްގެ މަހާނަ ކައިރީ އޭނާގެ ބައްޕަ މަޑުކޮށްލައިގެން: އެ މައްސަލައިގައި މީގެ ކުރިން ކުށް ސާބިތުވި ކުއްޖާއަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ލުއި ދެއްވާފައި

މައްސަލައިގެ ހުލާސާ

އަނަސްގެ މަރުގެ ތަހުގީގަށް ފަހު ފުލުހުން ބުނެފައި ވަނީ، އޭނާ މަރާލީ ސީދާ އޭނާއަށް ހަމަލާ ދޭން ރާވައިގެން ނޫން ކަމަށާއި އެކަން ހިނގީ އެހެން މީހަކަށް ހަމަލާ ދޭން އުޅެނިކޮށް "އޮޅިގެން" ކަމަށެވެ.

އަނަސްގެ ހަށިގަނޑުގެ އެކި ތަންތަނުގައި 37 ވަރަކަށް ޒަހަމް ހުއްޓެވެ. އޭގެ ތެރޭގައި ފުން، ބޮޑެތި ޒަހަމްތަކެއް ވެސް ހުއްޓެވެ.

އަނަސްއަށް ފަރުވާދެއްވި ޑޮކްޓަރު ޝަރީއަތުގެ މަޖިލީހުގައި ވިދާޅުވެފައިވާ ގޮތުގައި:

  • ކަރުގެ އެއް ފަރާތަކުން ބޮޑު ޒަހަމެއް ފެންނަން ހުރި

  • ފުއްޕާމެއާ ދިމާލުން މެއަށް ދީފައިވާ ބޮޑު ޒަހަމެއް ހުރި

  •  ފުއްޕާމޭގެ އެތެރެއިން ވެސް ޒަހަމެއް ހުރި 

  • އެއީ މީހަކު މަރުވެދާނެ ފަދަ އަނިޔާތަކެއް

  • އަނަސް މަރުވީ އެ އަނިޔާތަކުގެ ސަބަބުން ލޭ މަދުވެ، އޮކްސިޖަން ނުލިބިގެން ކަމަށް ބެލެވޭ 

ކޮމެންޓް (5)

ޙައްލު

26 ފެބްރުއަރީ 2024
މިކަން ހައްލުވާނީ އުމަރު ނަސީރު އައިސްގެން
1 0

އަލްމް

26 ފެބްރުއަރީ 2024
ފުލުހުންނަށް މުސާރަ ބޮޑު ކުރީ ކީއްވެގެންނޯ؟ ފުލުހުންނަށް ހާއްސަ ޕްރޮމޯޝަން ބެހީ ކިއްވެގެންނޯ؟ މީ މިހާރު މި ގައުމަށް ބޮޑު ބުރައެއް ނޫންތަ؟ ފައިދާއެއް ވޭތަ؟
0 0

ތެފައާސާ.

26 ފެބްރުއަރީ 2024
މި 7 ބޭކަލުން ޑެޕިއުޓީ މިނިސްޓަރުންނަށް އައްޔަންކުރެއްވުމަށް ރައީސަށް ގޮވާލަން
1 0

ސެމްބެގެ ޑުރައިވަރު

25 ފެބްރުއަރީ 2024
ސަރުކާރުން ވަޒީފާވެސް ދޭނެ އަދި.
1 0

ބަދުރު

25 ފެބްރުއަރީ 2024
ތިޔައީ ހަމަ ތިޔަ ފަދަކަންކަން ރާއްޖޭގައި ހިނގާ ގޮތް. 7 އަހަރު ދިޔަ އިރު ކޮން ހެއްކެއް ހުންނާނީ. ޒުވާނެއްގެ މަރު ވިއްޔާ އެ ދިޔައީ ފަނުފުލުން. ކުރާނެ ކަމެއް ނެތް މިއީ އަހަރެމެންނަށް ހުރި ގޮތް. ވަރަށް ސަލާމް.
4 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް