31 ޖުލައި 2017 ގައި، ލިޓަސް ސާވިސް ސެންޓަރުގައި ގްރޫޕަކުން ހަމަލާދީ މަރާލި މުހައްމަދު އަނަސް

އަނަސްގެ މަރު

އަނަސް މަރާލިކަން ސާބިތުވެ 18 އަހަރުގެ ޖަލު ހުކުމެއް އިއްވި ކުއްޖާގެ އަދަބު ލުއިކޮށްދީފި

އަނަސްގެ މަރުގެ މައްސަލާގައި މިހާތަނަށް ކުށް ސާބިތުވެ ހުކުމް އިއްވާފައި ވަނީ ވެސް މި ކުއްޖާއަށް

މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ މަރާލި މުހައްމަދު އަނަސްގެ މަރުގެ މައްސަލައިގައި ކުށް ސާބިތުވެ 18 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުޑަކުއްޖާގެ އަދަބު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ލުއިކޮށްދެއްވައިފި އެވެ.

ވީ ކިހިނެއް؟ - އަނަސްގެ މަރުގެ މައްސަލާގައި ކުޑަކުއްޖަކު ހިމެނޭހެން އަށް މީހެއްގެ މައްޗަށް ދައުވާ އުފުލި އެވެ. އެ ކުއްޖާގެ މައްޗަށް ކުށް ސާބިތުވެ، 18 އަހަރަށް ޖަލަށް ލާން ހުކުމް ކުރީ މިދިޔަ އަހަރުގެ އޮކްޓޫބަރުގަ އެވެ.

ދެން ތިބި މީހުންގެ މައްޗަށް ކްރިމިނަލް ކޯޓުގައި ހިނގަމުންދާ ޝަރީއަތް މިހާރު އޮތީ ހުކުމް ކުރުމުގެ މަރުހަލާގަ އެވެ.

މިދިޔަ އެޕްރީލު މަހުގެ ތެރޭ އެ އަޑުއެހުންތައް ނިންމާލިއިރު، މަހެއް ތެރޭގައި ހުކުމް އިއްވާނެ ކަމަށް އެ މައްސަލަ ކްރިމިނަލް ކޯޓުގައި ބައްލަވަމުން ގެންދަވާ ގާޒީ އަލީ ނަދީމް ވިދާޅުވި އެވެ. އެކަމަކު އޭގެ ފަހުން މިހާތަނަށް ޝަރީއަތުގެ މަޖިލީހެއް ބާއްވާފައެއް ނުވެ އެވެ.

ތަފްސީލް - 'ދައުރު'އަށް އެނގިފައިވާ ގޮތުގައި، އަނަސްގެ މަރުގައި ހުކުމް އިއްވާފައިވާ ކުޑަކުއްޖާގެ ހުކުމުގެ މުއްދަތު 18 އަހަރުން 10 އަހަރަށް ކުޑަކުރުމަށް ރައީސް ނިންމެވީ މިދިޔަ މަހުގެ 26ގަ އެވެ. އެހެންވެ، ތަހުގީގު މަރުހަލާއާ އެއްކޮށް އޭނާ ޖަލުގައި ހޭދަކުރި މުއްދަތު ހިމެނުމުން އޭނާގެ ހުކުމުގައި ބާކީ 10 އަހަރު އެބައޮތެވެ.

ރައީސް ސޯލިހް އޭނާގެ އަދަބު މި ލުއިކޮށްދިނީ އެ މަރަށް އިންސާފު ހޯދައިދިނުމަކީ އެމަނިކުފާނުގެ ވައުދެއްގެ ގޮތުގައި ވެސް ހައްދަވާފައި އޮއްވަ އެވެ.

ރައީސް ސޯލިހުގެ ވެރިކަން ނިމެން ދެން އޮތީ އެންމެ ތިން ދުވަހެވެ. ރައީސަށް ގާނޫނީ ގޮތުން ލިބޭ މައާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ފުރުސަތުގެ ބޭނުން އެ މަނިކުފާނު ހިއްޕަވަމުން އެ ގެންދަވަނީ ވަރަށް ތަފާތުކޮށެވެ. އެގޮތުން، އެމްއެޕީއާރްސީގެ ހިޔާނާތުގައި ހިމެނޭ، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތަށް ވެސް ރައީސް ވަނީ މައާފް ދެއްވައިފަ އެވެ.

އެނގުން މުހިންމު - އަނަސް، ފެންފިޔާޒުގޭ/ރ. މީދޫ، އަނިޔާވެރި ގޮތަކަށް މަރާލީ 31 ޖުލައި 2017ގަ އެވެ.

މި މައްސަލައިގައި ކްރިމިނަލް ކޯޓުގައި މިހާރު ޝަރީއަތް ހިންގަމުން އަންނަނީ ހަތް މީހެއްގެ މައްޗަށެވެ. އެއީ:

  • މުހައްމަދު ޝާޒް، ގުލްފާމުގެ/ތ. ކިނބިދޫ 

  • އަފްރާހު އަބްދުއްރައްޒާގު، މ. ލޮނުމިދިލިގެ/ މާލެ 

  • ޖުނައިހު އަބްދުﷲ، ނަންނާރިގެ/ ލ. ގަން ތުނޑީ 

  • ހަސަން މަހްފޫޒް، ވެސްޓަންވިލާ/ ސ. ފޭދޫ 

  • ސިމާހު މޫސާ، ދަފްތަރު ނަމްބަރު 1746/ މާލެ

  • އަހުމަދު ޒަޔާން، އަސުރުމާގެ/ ޅ. ކުރެންދޫ 

  • އުސްމާން ޝަރީފް، މ. ދިމިޝްގު/ މާލެ

އެ މަރަށް ފަސް އަހަރު ވެފައި ވާއިރު، މި މައްސަލައިގެ އަޑުއެހުންތައް މިދިޔަ އެޕްރީލުގައި ނިންމާލިއިރު، ދައުލަތުން ބުނެފައިވަނީ، ދައުލަތުން ހުށަހެޅި ގިނަ ހެކިވެރިންގެ ހެކިބަސް ކޯޓަށް ނެގިފައި ނުވާ ކަމަށެވެ. ހެކިބަސް ދިން މަދު މީހުންނަށް ވެސް އެ މަރުގައި އަނަސްއަށް ހަމަލާދިން މީހުން ފާހަގަކޮށްދެވިފައެއް ނުވެ އެވެ.

އަނަސްގެ މަރުގެ މައްސަލައިގައި ދައުލަތުން ހުށަހަޅާފައިވާ ސިއްރު ހެކިވެރިންނަށް ބިރުދައްކާފައިވާކަން، ކްރިމިނަލް ކޯޓުގައި ދައުލަތުން ފާހަގަކުރި އެވެ. ހެކިބަސް ނަގަން ބޭއްވި އަޑުއެހުންތަކަށް ބައެއް ހެކިވެރިން ކޯޓަށް ހާޒިރުނުވަނީ އެ ފަރާތްތަކަށް ނުފޫޒު ފޯރުވައި ބިރުދައްކާތީ ކަމަށް ވެސް ދައުލަތުން ބުނެ އެވެ. އެކަމަކު ދައުލަތުން ބުނަނީ ކިތާބީ ހެކިތަކަށް ރިއާޔަތްކޮށްގެން ވެސް މައްސަލަ ސާބިތުކުރެވޭނެ ކަމަށެވެ.

ދިފާއުން ބުނާ ގޮތުން، އަނަސްއަށް ހަމަލާދިން މީހުން ފާހަގަކޮށްދެވިފައި ނުވާތީ، ކުށް ސާބިތެއް ނުކުރެވޭނެ އެވެ.

މައްސަލައިގެ ހުލާސާ

އަނަސްގެ މަރުގެ ތަހުގީގަށް ފަހު ފުލުހުން އޭރު ބުނެފައި ވަނީ، އޭނާ މަރާލީ ސީދާ އޭނާއަށް ހަމަލާ ދޭން ރާވައިގެން ނޫން ކަމަށާއި އެކަން ހިނގީ އެހެން މީހަކަށް ހަމަލާ ދޭން އުޅެނިކޮށް "އޮޅިގެން" ކަމަށް

އަނަސްގެ ހަށިގަނޑުގެ އެކި ތަންތަނުގައި 24 ވަރަކަށް ޒަހަމް ހުއްޓެވެ. އޭގެ ތެރޭގައި ފުން، ބޮޑެތި ޒަހަމްތަކެއް ވެސް ހުއްޓެވެ.

އަނަސްއަށް ފަރުވާދެއްވި ޑޮކްޓަރު ޝަރީއަތުގެ މަޖިލީހުގައި ކުރިން ވިދާޅުވެފައިވާ ގޮތުގައި:

  • ކަރުގެ އެއް ފަރާތަކުން ބޮޑު ޒަހަމެއް ފެންނަން ހުރި

  • ފުއްޕާމެއާ ދިމާލުން މެއަށް ދީފައިވާ ބޮޑު ޒަހަމެއް ހުރި

  •  ފުއްޕާމޭގެ އެތެރެއިން ވެސް ޒަހަމެއް ހުރި 

  • އެއީ މީހަކު މަރުވެދާނެ ފަދަ އަނިޔާތަކެއް

  • އަނަސް މަރުވީ އެ އަނިޔާތަކުގެ ސަބަބުން ލޭ މަދުވެ، އޮކްސިޖަން ނުލިބިގެން ކަމަށް ބެލެވޭ 

ނޯޓް: މި ހަބަރު ފުރަތަމަ ޝާއިއުކުރި އިރު، އެ ކުއްޖާއަށް މައާފް ދެއްވީ ކަމަށް ލިޔެވިފައި ވަނީ މައުލޫމާތުގެ ކުށަކުންނެވެ. ރަނގަޅު ގޮތަކީ އެ ކުއްޖާގެ އަދަބު ލުއިކޮށްދެއްވީ އެވެ. އެ ގޮތަށް މި ހަބަރު މިހާރު ވަނީ އިސްލާހުކުރެވިފަ އެވެ.

ކޮމެންޓް (1)

ސުޖާބެ

14 ނޮވެމްބަރު 2023
ރައްޔިތުންގެ ވޯޓުން ރައްޔިތުން ބުނީ ކުއްވެރީން މިނިވަންކުރާށޭ ބޭނުމީ ރައީސް ނިންމެވީ ރައްޔިތުން އެދޭގޮތަށް
0 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް