ރަހުމު ކުޑަ ގޮތަކަށް މަރާލި މުހައްމަދު އަނަސް (ކ) އާއި އޭނާގެ ބައްޕަ އަބްދުއްރާފިއު؛ އަނަސްގެ މަރަށް ހަ އަހަރު ވީއިރު ވެސް އިންސާފެއް ނުލިބޭ.
ބައްޕަގެ ލޮލުން ކަރުނައެއް ނުހިކުނު؛ ދަރިފުޅަށް އިންސާފު ނުލިބި 6 އަހަރު
ވެރިކަން ހޯދުމަށް 2017 ވަނަ އެމްޑީޕީން އެންމެ ފޯރީގައި ކެމްޕޭން ކުރަމުން ދިޔަ ދުވަސްވަރެވެ.
ޕާޓީގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު ރޭގަނޑުގެ ވަގުތެއްގައި ރ. މީދޫއަށް ވަޑައިގެންނެވި އިރު، އަބްދުއްރާފިއު އިބްރާހިމް އޮތީ ނިދާފަ އެވެ. އެކަމަކު ނިދިން ހޭލައްވައިގެން އޭނާ ގެންގޮސް ރައީސް ދެއްވީ މި ޔަގީންކަމެވެ؛ ހަށިގަނޑުގެ 24 ތަނަކަށް ވަޅި ހަރައި މާލޭގައި މަރާލި އޭނާގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅު މުހައްމަދު އަނަސްގެ މަރަށް، ވެރިކަމުގެ 100 ދުވަހުގެ ތެރޭގައި އިންސާފު ހޯއްދަވައިދެއްވާނެ ކަމެވެ.
އެކަމަކު ފުލުހުންގެ ބަހުން ނަމަ "އެހެން މީހެއް ކަމަށް އޮޅިގެން މަރާލެވުނު" ޒުވާނާގެ މަރަށް ހަ އަހަރުވި އިރު ވެސް އެ އިންސާފެއް ނުލިބުނެވެ. އޭގެ ބަަދަލުގައި ރައީސްގެ ފަސް ދައުރު ފުރިހަމަ ކުރައްވައި، ވެރިކަމުން ފައިބައިވަޑައިގަންނަވަން ނިންމެވީ، އެ މައްސަލައިގައި ކުށް ސާބިތުވެ، ޖަލަށްލި ހަމައެކަނި މީހާއަށް ލުއި ދެއްވުމަށް ފަހު އެވެ.
އަނަސްގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެވޭ ބަޔަކު ހައްޔަރުކޮށް، މިދިޔަ ދުވަސްތަކުގައި ޝަރީއަތް ހިންގި އެވެ. އެކަމަކު ކުށް ސާބިތު ކުރެވޭ ވަރުވީ އެންމެ މީހެއްގެ މައްޗަށެވެ. އުމުރުން 18 އަހަރު ނުފުރޭ އެ ކުއްޖާ، 18 އަހަރަށް ޖަލަށް ލީ މިދިޔަ އަހަރުގެ އޮކްޓޫބަރުގެ މަހުގެ ތެރޭގަ އެވެ. ނަމަވެސް، ހަމަ އެންމެ އަހަރެއް ފަހުން އެ ޒުވާނާއަށް ލުއިދީ، ބަންދުގެ މުއްދަތު ވަނީ 10 އަހަރަށް ކުޑަކޮށްފަ އެވެ.
އާއިލާއިން ސިފަކުރީ، ކުށްވެރިޔާއަށް ދިން މި ދިން ލުޔަކީ، އާއިލާގެ ހުރިހާ ޒިންމާތަކެއް ހަވާލުވެގެން ހުރި ދޮށީ ފިރިހެން ދަރިފުޅުގެ މަރަށް ޖެހި ޖޯކެއްގެ ގޮތުގަ އެވެ.
"އެއީ ވެސް ހަމަ އިންސާފުތޯ. އުއްމީދުގެ އެންމެ ފަހު ހުޅުކޮޅު ވެސް އެ ދިޔައީ،" ވެރިކަމުން ފައިބައި ވަޑައިގަތުމަށް މަދު ދުވަސްކޮޅަކަށް ވެފައި އޮއްވައި ރައީސް މި ދެއްވި ލުޔާ މެދު ހިތާމަކުރަމުން އަނަސްގެ ބައްޕަ ބުންޏެވެ.
"އެންމެ ދުވަހެއް ވެސް ނުދާނެ އަޅުގަނޑުގެ ލޯބިވާ ދަރިފުޅަށް އިންސާފު ލިބުމަށް އެދި ދުއާ ނުކުރާތާ. އަޅުގަނޑުގެ ލޮލަކުން ކަރުނައެއް ނުހިކޭ."
މައްސަލައިގެ ހުލާސާ
-
އަނަސްއަށް ހަމަލާދިނީ މާލޭ ލިޓަސް ސާވިސް ސެންޓަރުގެ ތެރޭގައި، 31 ޖުލައި 2017 ވަނަ ދުވަހުގެ ރޭ ހުއްޓާ
-
ހަމަލާދިނީ، ސައިކަލުތަކެއްގައި ދިޔަ ގުރޫޕަކުން އެ ތަނުގެ ތެރެއަށް ވަދެ. ހަމަލާދޭ މަންޒަރު ސީސީޓީވީ ފުޓޭޖްތަކުން ރީތިކޮށް ފެންނަން ހުރި އިރު، ހަށިގަނޑުގެ އެކި ތަންތަނުގައި 24 ވަރަކަށް ޒަހަމް ހުރި
-
އެ މައްސަލައިގެ ތަހުގީގަށް ފަހު ފުލުހުން ބުނެފައިވަނީ، އެއީ އަނަސް މަރާލުމަށް ދުރާލާ ރާވައިގެން ދިން ހަމަލާއެއް ނޫން ކަމަށް؛ އެކަމަކު އެ ފަދަ ގޮތަކަށް އެހެން ބަޔަކު މަރާލުމަށް ދިން ހަމަލާއެއްގެ ޝިކާރާއަކަށް އަނަސްވީ ކަމަށް
-
ހަ އަހަރު ވީ އިރު ވެސް މިހާތަނަށް މައްސަލައިގެ ޝަރީއަތް ދަނީ ކުރިއަށް؛ ކްރިމިނަލް ކޯޓުގައި މިހާރު ޝަރީއަތް ހިންގަމުން އަންނަނީ ހަތް މީހެއްގެ މައްޗަށް
-
މައްސަލަ ކުރިއަށް ނުދާ އެންމެ ބޮޑު ކަމެއްގެ ގޮތުގައި ކޯޓުން ފާހަގަކޮށްފައިވަނީ ދައުލަތުން ހުށަހަޅާފައިވާ ސިއްރު ހެކިވެރިންނަށް ބިރުދެއްކުން
އަނަސްގެ މަރާ ގުޅޭ ގޮތުން ކަމާ ގުޅޭ އިދާރާތަކުން ދައްކާ ވާހަކަތަކެއް، އޭނާގެ އާއިލާއަކަށް މިހާރު ގަބޫލެއް ނުކުރެވެ އެވެ. އެންމެ ބޮޑު ސަބަބެއްގެ ގޮތުގައި ރާފިއު ގަބޫލު ކުރަނީ، ވެރިކަން ލިބިވަޑައިގަތުމުގެ ކުރިންނާއި ވެރިކަމުގެ ފުރަތަމަ ދުވަސްކޮޅާއި ފަހުން އައިސް ރައީސް އެކަމާ ގުޅޭ ގޮތުން ދައްކަވަމުން އައި ވާހަކަތައް ބަދަލުވުމެވެ.
މި ފަހުން ރައީސް ވިދާޅުވަމުން ގެންދެވީ، ރާފިއު ބުނި ގޮތުގައި މައްސަލައަށް ކުރިމަތިވަމުންދާ ނުފޫޒުތަކުގެ ވަރުގަދަ ކަމެވެ. ޝަރުއީ ދާއިރާ އަދިވެސް މިނިވަން ނުވާ ކަމެކެވެ. އެކަމަކު ކޯޓުތައް މިނިވަންކޮށްގެން ނަމަވެސް، އިންސާފު ހޯދައިދޭނެ ކަމަށް، ކިތަންމެ ފަހަރަކު ރައީސް ވިދާޅުވި އެވެ.
ނަމަވެސް، ކުށް ސާބިތުވެގެން ޖަލަށްލި ކުއްޖާ، ފުރަތަމަ މަރުހަލާގައި ވެސް ދޫކޮށްލުމާ އެކު ރާފިއުގެ އުއްމީދުތައް ދިޔައީ ފަނޑުވަމުންނެވެ.
"އަޅުގަނޑުގެ ކުރިމަތީގައި ރައީސް ކީރިތި ކުރެއްވި. ވިދާޅުވި ކުރެވެން އޮތްހާ ކަމެއް ކޮށްގެން، މި ވެރިކަމުގައި ދަރިފުޅުގެ މަރަށް އިންސާފު ހޯދައިދޭނަމޭ ކިތަންމެ ފަހަރަކު ވިދާޅުވި. މަރު ކޮމިޝަނުން ވެސް އެ މައްސަލަ ބެލި. އެކަމަކު ލިބުނުތޯ އިންސާފެއް،" އޭނާ އެހި އެވެ.
"އެއީ އެއްވެސް ބުރަދަނެއް ހުރި ވާހަކަތަކެއް ނޫން. ހުސް އަޅުގަނޑުމެންގެ އިހުސާސްތަކާ ކުޅުމަށް ދެއްކި ވާހަކަތަކެއް."
މި މައްސަލައިގައި ރާފިއުގެ ތުހުމަތުތައް ގިނަ އެވެ. އުމުރުން 50 އަހަރުތައް ގުނަމުންދާ ބައްޕަގެ ތުހުމަތުގެ އިނގިލި ސަރުކާރު ހިންގާ އެމްޑީޕީއަށް ވެސް އަމާޒުވެފައިވެ އެވެ.
އެކަމަކު ދަރިފުޅުގެ މަރަށް އިންސާފު ހޯދައިދިނުމުގައި އަދިވެސް އޭނާ ފަހަކަށް ނުޖެހެ އެވެ. ކިތަންމެ ގިނަ ދުވަހެއް ވިޔަސް، ހަށިގަނޑުން ފުރާނަ ދަންދެން، ގާނޫނުގެ ތެރެއިން އެ ކަމަށް އޭނާ މަސައްކަތް ކުރާނެ ކަމަށް ބުންޏެވެ.
"ހަށިގަނޑުގައި ފުރާނަ ހުރީތީ އަޅުގަނޑު މިހާރު ދިރި މި ހުރީ. އެކަމަށް ދަރިފުޅުގެ އިންސާފަށް ހިތްވަރު ކުރާނަން،" ރާފިއު ބުންޏެވެ.
ކޮމެންޓް (1)
ޔަޔޫ