ރާއްޖޭގެ ފަރުތަކަކީ ގުދުރަތީ ބޮޑު ހިމާޔަތެއް: ނަމަވެސް ފަރުތައް ހަލާކުވާ ގޮތަށް ގިނަ ރަށްރަށް ގެންދަނީ ހިއްކަމުން

އަދިވެސް އަޑިޔަކަށް ނުދެއެއްނު؟ ދެން ކޮން މޫސުމީ ބަދަލެއް؟

2027 އަންނަން ވާއިރަށް ދުނިޔޭގެ ފިނިހޫނުމިން 1.5 ޑިގްރީ ސެލްސިއަސްއަށް އުފުލިދާނެ. މިއީ ރާއްޖެއަށް އޮތް ބޮޑު ނުރައްކަލެއް

މީހުން ބުނާތީ އަހަމެވެ. މިވެނި އަހަރެއް ތެރޭގައި މުޅި ރާއްޖެ އޮންނާނީ ފެނު އަޑީގައޭ ސައިންސްވެރިން ބުނެ އެވެ. މިވެނި އަހަރެއް އަންނަން ވާއިރަށް ކަނޑުން ކަޅުބިލަމަސް ހުސްވާނޭ ވެސް ތިޔަ ސައިންސްވެރިން ބުނެ އެވެ. އެކަމަކު އަދިވެސް ރާއްޖެ މި އޮތީ ފެން މަތީގަ އެވެ. ކޮންމެ ދުވަހަކު ކަޅުބިލަމަހާއި ކަންނެއްޏާއި ލައްޓި ރާގޮނޑިއަށް ދަންދެން ބާނަ އެވެ. ދުނިޔެ ހޫނުވިޔަސް ނުވިޔަސް މި ގައުމަށް އަބަދުވެސް ހޫނެވެ. ދެން ކޮން މޫސުމީ ބަދަލެއް ހެއްޔެވެ؟

ތިމާވެށީގެ ދާއިރާގެ ބައެއް މާހިރުން ގަބޫލުކުރައްވާ ގޮތުގައި މޫސުމީ ބަދަލުތަކާ ދެކޮޅަށް ކުރަން ޖެހިފައިވާ މަސައްކަތުގައި ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ އާންމުން އެކަމާ މެދު ދެކޭ ގޮތެވެ. މޫސުމީ ބަދަލަކީ ވާ ކަމެއްކަން  ގަބޫލުނުކުރެވެންޏާ އެކަން ހުއްޓުވަން ނުވަތަ އެކަމަށް ހޭނުމަށް އިސްކަންދޭނީ ކިހިނެއް ހެއްޔެވެ؟

1.5 ޑިގްރީ ސެލްސިއަސް؛ ކިހާ މުހިއްމު މިންވަރެއް؟

ދުނިޔެއަށް 1700ގެ އަހަރުތަކުގައި އައި އުމްރާނީ ތަރައްގީގެ އިންގިލާބުގެ ކުރިން ދުނިޔޭގެ ފިނިހޫޫނުމިން ހުރިވަރާ އަޅާބަލާއިރު 1.5 ޑިގްރީ ސެލްސިއަސްއަށް ވުރެ މައްޗަށް ހިނގައްޖެ ނަމަ، އިންސާނުންނަށް ދުނިޔޭގައި އުޅުމުގައި ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެ، މޫސުމީ ބަދަލުތަކުގެ އަސަރު އިއާދަނުކުރެވޭ ވަރަށް ބޮޑުވެދާނެކަމުގެ އިންޒާރު ސައިންސްވެރިން ދިޔައީ ދެމުންނެވެ.

ފެކްޓަރީތަކުން ގިނަ މިންވަރަކަށް ގްރީންހައުސް ގޭސް ޖައްވަށް ބޭރުކުރޭ

މީގެ ކުރިން ބެލެވިފައި އޮތީ ދުނިޔޭގެ ފިނިހޫނުމިން 1.5 ޑިގްރީ ސެލްސިއަސްއަށް މައްޗަށް ދާނީ ގާތްގަނޑަކަށް 2050 ހިސާބުގައި ކަމަށެވެ. އެވަރަށް ދުނިޔެ ހޫނުވިޔަ ނުދިނުމަށް، ޖައްވަށް ދޫކުރާ ވިހަ ގޭހުގެ ނިސްބަތް މަދުކޮށް، ތިމާވެށި ހިމާޔަތްކޮށް، ދުނިޔެއަށް ލިބޭ ގެއްލުން ވީހާވެސް ކުޑަކުރަން މުޅި ދުނިޔެ ގުޅިގެން މަސައްކަތްކުރަން ސައިންސްވެރިން ގޮވާލި އެވެ. ނަމަވެސް އެކަމަށް އެދެވޭ އިޖާބައެއް ނުލިބި އޮއްވާ އައިސް މި ލައިގަންނަނީ ބިރުވެރި އިންޒާރެކެވެ.

އެންމެ ފަހުގެ ހޯދުންތަކުން ދައްކާ ގޮތުގައި 1.5 ޑިގްރީ ސެލްސިއަސްއަށް ދުނިޔޭގެ ހޫނުމިން 2027 ހިސާބުގައި އެރުމުގެ ފުރުސަތު ވަރަށް ބޮޑެވެ. އެ މިންވަރަށް ހޫނުމިން މައްޗަށް އެދަނީ ވަގުތީ ގޮތުންނެވެ. ނަމަވެސް އޭގެ ގެއްލުން އިންތިހާއަށް ކަންބޮޑުވާނެ ކަމަށް ބެލެވެ އެވެ. 

ރާއްޖެއަށް ވާނީ ކިހިނެއް؟

ތިމާވެށީގެ ދާއިރާގައި މަސައްކަތްކުރާ މީހުންގެ ކަންބޮޑުވުން ގިނަ ދިވެހިންގެ ކިބައަކުން ނުފެނެ އެވެ.

"މަސްވެރިއަކު ކައިރި އެހިޔަސް ގަބޫލެއް ނުކުރާނެ [މޫސުމީ ބަދަލަކީ އަސްލު ވެސް ވާ ކަމެއް ކަން]،" އިންސާނީ އަމަލުތަކުގެ ސަބަބުން ދުނިޔެއަށް އަންނަ ބަދަލުތަކާ ގުޅޭ ދިރާސާތައް ހަދަން އދ. އިން އެކުލަވާލާފައިވާ އިންޓާގަވަމެންޓަލް ޕެނަލް އޮން ކްލައިމެޓް ޗޭންޖް (އައިޕީސީސީ)ގެ ރިވިއު ކޮމިޓީގައި އިންނަވާ ޑރ. މަހްމޫދު ރިޔާޒް ވިދާޅުވި އެވެ. 

އައިޕީސީސީގެ ހަވަނަ އެސެސްމެންޓް ރިޕޯޓުގެ 15 ވަނަ ބާބުގައިވާ ގޮތުން މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކަށް ލިބޭނެ ގެއްލުންތަކުގެ ތެރޭގައި:

  • އުދަ އާއި ރާޅު އެރުން އިތުރުވެ، ރަށްރަށުގައި ފެންބޮޑުވުން

  • ރަށް ގިރުން ފަދަ ކަންކަމުގެ ސަބަބުން މީހުން ދިރިއުޅެން އޮތް ސަރަހައްދު ކުޑަވެގެން ދިޔުން

  • ފަރުތަކަށް ގެއްލުންވެ ރަށްރަށަށް ޖަހާ ބޮޑެތި ރާޅުތައް މަތަކުރުމުގެ ގާބިލުކަން ގެއްލިގެން ދިޔުން

  • ގަދަވަޔާ އެކު ވިއްސާރަ ކުރުން އިތުރުވުން، ކޮޅިގަނޑުގެ ބާރު ގަދަވުން

  • ވާރޭ ވެހޭ ޕެޓާނަށް ބޮޑެތި ބަދަލުތަކެއް އައުން

  • ކަނޑުގެ ފިނިހޫނުމިން އިތުރުވެ ފަރުތަކާއި މުރަކަތައް މަރުވުމުގެ ފުރުސަތު ބޮޑުވުން

  • އޯޝަން އެސިޑިޓީ އިތުރުވެ، ކަނޑުގެ ދިރުންތައް މަރުވުމުގެ ފުރުސަތު ބޮޑުވުން

  • ވަކި ސަރަހައްދަކަށް ހާއްސަ ދިރުންތައް ނެތިދިޔުމުގެ ބިރު ވެސް އެންމެ ބޮޑީ ރާއްޖެ ފަދަ ކުދި ޖަޒީރާ ރަށްރަށަށް (ރާއްޖެއަށް ހާއްސަ ދިރުންތަކުގެ ތެރޭގައި ދުނިޔޭގެ އެހެން ހިސާބުތަކުން ނުފެންނަ ބައެއް މަސްމަހާމެއްސާއި، ދޫނިސޫފާސޫފި އަދި ކަށިކޭލުގެ ބާވަތްތައް ހިމެނޭ)

މިދިޔަ އަހަރުގެ ވިއްސާރަ މޫސުމުގައި ގދ. ފިޔޯރީއަށް އުދަ އަރައި ބޮޑެތި ގެއްލުންތަކެއް ލިބިފައި (ފޮޓޯ/ ހިލްޓަން އާޒިފް، ފޭސްބުކް)

އެންވަޔަރަމެންޓް މިނިސްޓަރު އައިމިނަތު ޝައުނާ މިދިޔަ މަހު އެމެރިކާގެ ވޮޝިންޓަންގައި އޮތް ވޯލްޑް ބޭންކާއި އައިއެމްއެފްގެ ސްޕްރިންގް މީޓިންގެ ހަވާސާގައި،  'ދަ ޒޯން'ގެ އެޕިސޯޑަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި ގޮތުގައި ރާއްޖެއިން މިހާރުވެސް ފާހަގަކުރެވޭ ކަންތައްތަކުގެ ތެރޭގައި:

  • ފަރުތަކަށް ބޮޑެތި އަސަރުކުރުން؛ ފަރުތަކަކީ ދިވެހިންގެ ކާނާ، އާމްދަނީ އަދި ރައްކާތެރިކަމާ ގުޅިފައިވާ އެއްޗެއް

  • ލޮނުގެ އަސަރު ކުރުމުގެ ސަބަބުން ރާއްޖޭގެ ހުރިހާ ރަށަކުން ގުދުރަތީ ސާފު ބޯފެން ހުސްވެއްޖެ

  • މަސްވެރިކަމަށާއި ފަތުރުވެރިކަމަށް ވެސް އެކި އަސަރުތައް ދަނީ ކުރަމުން

މިއީ ފިނިހޫނުމިން 1.1 ޑިގްރީ ސެލްސިއަސްއަށް މައްޗަށް ދިއުމާ އެކު ރާއްޖެއަށް ކުރަމުންދާ އަސަރުތަކެވެ. މި މިންވަރު 1.5އަށް އުފުލޭ އިރު ރާއްޖޭގެ ހާލަތު އޮންނާނެ ގޮތް ވަޒަންކޮށްލާށެވެ. އެހިސާބަށް ވާސިލުވާން ދެން އޮތީ އެންމެ ހަތަރު އަހަރު ކަމަށް ވެސް ވެދާނެ އެވެ.

ކޮރަލް ބްލީޗްވުމުގެ ސަބަބުން މަރުވެފައިވާ މުރަކައިގެ ފަރެއް (ފޮޓޯ/އަލީ ރަފީގް)

އެންމެ ބޮޑު އަސަރެއް ކުރާނީ ފަރުތަކަށް

ދުނިޔޭގެ ފިނިހޫނުމިން 1.5ގެ 'ކްރިޓިކަލް ޓެމްޕަރޭޗާ ތުރެޝޯލްޑް' ފަހަނައަޅައިފި ނަމަ ކަނޑުގެ ލޮނުގަނޑުގެ ފިނިހޫނުމިން މަތިވެގެން ދުނިޔޭގެ ފަރުތަކުގެ ތެރެއިން %99 މަރުވެދާނެ ކަމުގެ އިންޒާރު ސައިންސްވެރިން ވަނީ މާ ކުރިއްސުރެ ދީފަ އެވެ.

"ރާއްޖެއަކީ މުރަކަ ފަރުތަކެއްގެ މަތީގައި އެކުލެވިފައިވާ ގައުމެއް. ފަރުތަކާ ނުލާ ރާއްޖެ އޮންނާނެ ގޮތް ހިޔާލަށް ވެސް ގެނެވޭތޯ؟" ތިމާވެށީގެ ދާއިރާގެ ތަޖުރިބާކާރަކު ސުވާލު އުފެއްދެވި އެވެ.

ދިވެހިންގެ ދިރިއުޅުން ވަނީ އަހަރެމެންގެ ވަށައިގެންވާ ފަރުތަކާ ގުޅިލާމެހިފަ އެވެ. ރާއްޖޭގެ އެންމެ ބޮޑު ދެ ސިނާއަތް ކަމަށްވާ މަސްވެރިކަމާއި ފަތުރުވެރިކަން ނަގާ ކޮޅަށް ޖަހާފައިވަނީ އެ ފަރުތަކުގެ މަތީގަ އެވެ. އެއީ ގަދަ ހަޅައިގައި އަންނަ ރާޅުތަކުން އަހަރެމެންގެ ރަށްތައް ހިމާޔަތްކޮށްދޭ ގުދުރަތީ ނިއުމަތެކެވެ. ކެއުމާއި ބުއިމާއި އާންމު ދިރިއުޅުމުގައި ކުރާ މަސައްކަތްތައް ވެސް ކޮންމެވެސް ހިސާބަކުން ގޮސް ގުޅޭ ރީތިކަމެވެ. އަހަރެމެންގެ ވެށީގެ އެންމެ ހާއްސަ އެއް ސިފަ އެވެ. 

އެއީ މުޅި ދުނިޔޭގައި ހަތް ވަނައަށް އެންމެ ބޮޑު ފަރުގެ ނިޒާމެވެ. އަދި ފަސްވަނައަށް އެންމެ ދިރުންތައް މުއްސަނދި ފަރުގެ ނިޒާމު ވެސް މެއެވެ.

ރާއްޖޭގެ ފަރުތައް ނެތިދިޔުމުގެ އަލާމާތްތައް މިހާރުވެސް ދަނީ ފެންނަމުންނެވެ. ގާ ހުދުވުމާއި މުރަކަ މަރުވުން ދުވަހެއް ދުވަހަކަށް އިތުރުވަނީ އަހަރެމެންގެ ލޯމަތީގަ އެވެ. މި އަހަރު ރާއްޖޭގެ ހޫނުމިން އެންމެ ބޮޑަށް މައްޗަށް އެރި ދުވަސްވަރު ބ. ފުޅަދޫގެ މަޝްހޫރު މުރަކަ ބަގީޗާގެ ފެހިކަން ފަނޑުކޮށްލީ ގާހުދުވުމެވެ. މި އަސަރު ރާއްޖޭގެ އެހެން ސަރަހައްދުތަކުން ވެސް ދަނީ ފެންނަމުންނެވެ.

ބ. ފުޅަދޫގެ މަގުބޫލު މުރަކަ ބަގީޗާގައި ގާހުދުވެފައި. ފޮޓޯ/ މެރިން ޖާނަލް މޯލްޑިވްސް
ބ. ފުޅަދޫގެ މުރަކަ ބަގީޗާއަކީ ކުރިން ވަރަށް ހިތްގައިމު ތަނެއް ފޮޓޯ/ މެރިން ޖާނަލް މޯލްޑިވްސް

ގާ ހުދުވެ، މުރަކަތަކަށް ނުރައްކާ ވުމަކީ ކުރިއަށް އަންނަން އޮތް ބިރުވެރިކަމުގެ ފެށުމެވެ. ފަރުތައް މަރުވުމުގެ މާނައަކީ އެ ވެށީގައި ދިރިއުޅޭ މަސްމަހާމެއްސާއި އެހެނިހެން ދިރުންތަކުގެ ވަޒަން ގެއްލުމެވެ. އެސޮރުމެން ބިސް އަޅާ، އާލާވެ، ކައިބޮއެ އުޅޭނެ ތަނެއް ނެތުމެވެ. އެއާ އެކު އެ ދިރުންތައް ވެސް މަރުވުމެވެ. ފުޑް ޗެއިން ފުނޑުފުނޑުވެ، މަސްމަހާމެހީގެ އާބާދީ ކުއްލިއަކަށް ވެއްޓުމެވެ. ކަނޑުތަކުގައިވާ އޮކްސިޖަންގެ ނިސްބަތް ދަށްވެ، އޯޝަން އެސިޑިޓީ އިތުރުވެ، އެ މާހައުލުގައި ދިރިނޫޅެވިގެން ހާސްހާހުން ދިރުންތައް ނެތިދިޔުމެވެ.

ފެންނަ މަންޒަރުތަކަށް ވިސްނާލުން މުހިއްމު

މިއީ ކުއްލި ކުއްލިއަށް ވާ ކަންކަމެއް ނޫނެވެ. އެއް ދުވަހު ފެނު މަތީގައި އޮވެފައި، އަނެއް ދުވަހު ދިހަ މީޓަރު އަޑިއަކަށް ނުދާނެ އެވެ. އެއް ދުވަހު މަސްކަނޑުތައް ތިޔާގިވެފައި، އަނެއް ދުވަހު މުޅިން ހުސްނުވެދާނެ އެވެ. އެއް ދުވަހު ފަރުތައް ކުލަގަދަވެފައި އަނެެއްދުވަހު ހުދުވެ، މަރުނުވެ އޮވެދާނެ އެވެ. މިއީ ލަސްލަހުން އަންނަ ބަދަލެކެވެ. 

ރާއްޖޭގެ ބައެއް މީހުންނަށް މޫސުމީ ބަދަލު އަންނަކަން ގަބޫލުނުކުރެވެނީ މިފަދަ ކަންކަން ކުއްލި ކުއްލިއަށް ނުވާތީ، ފަހަރުގައި އެ ބަދަލުތައް އެހާ ބޮޑަށް ފާހަގަނުކުރެވޭތީ ކަމަށް ޑރ. މަހްމޫދު ވިދާޅުވި އެވެ.

"މި ހުރިހާ ކަމަކީ ވެސް ކްލައިމެޓް ޕްރެޑިކްޝަންސްތަކެއް. މިހެން ވެދާނެ ކަމަށް ބެލެވެނީ، އެކަމަކު ޔަގީންކަމާ އެކު އެހެން ބުނާކަށް ނޭނގޭނެ. ބައެއް ގޮތްތައް ނުވެ ވެސް ދާނެ. ނޫނީ އެކަމެއް ވާން ހީކުރާ ވަރަށް ވުރެ ދިގު މުއްދަތެއް ނަގާފާނެ،" އޭނާ ވިދާޅުވި އެވެ.

ނަމަވެސް ކުދި ޖަޒީރާ ރަށްތަަކަށް ދިމާވާނެ ކަމަށް ސައިންސްވެރިން ލަފާކޮށްފައިވާ ގިނަ ކަންތައްތަކުގެ ފްރީކުއެންސީ އިތުރުވަމުން އަންނަކަން ވިސްނާލައިފި ކޮންމެ މީހަކަށް ވެސް އެނގޭނެ ކަން މަހްމޫދު ގަބޫލުކުރައްވަ އެވެ. އެގޮތުން ރަށް ގިރުން އާންމުވެ، ވާރޭވެހޭ ގޮތަށް ބަދަލު އައިސް، ގާހުދުވުން ފަދަ ކަންކަން ހިނގާ މިންވަރު މިހާރުވެސް ގިނަކަން އޭނާ ފާހަގަކުރެއްވި އެވެ. މިދިޔަ އޭޕްރިލް-މެއި މަހު ރާއްޖޭގެ 'ފީލްސް-ލައިކް-ޓެމްޕެރޭޗާ' 40 ޑިގްރީ ސެލްސިއަސްއަށް އަރައިގެން ދިޔުމަކީ ވެސް ދުނިޔެ ހޫނުވުމުގެ އަލާމާތެކެވެ.

އއ. ހިމަންދޫގެ ހުޅަނގު ދެކުނު ފަރާތުން ގިރަމުންދާ ސަރަހައްދު: ރާއްޖޭގެ ގިނަ ރަށްތައް ދަނީ ގިރަމުން

އެފަދަ ކަންކަމާ މެދު ވިސްނާ، އިތުރު މައުލޫމާތު ހޯދައި، އަންނާނެ ކަމަށް ލަފާކުރެވޭ ބަދަލުތަކާ ކުރިމަތިލާން ހޭނުން މުހިއްމެވެ.

އިތުރަށް ކިޔާލަން:

މިޓިގޭޓް ކުރުމުގެ ޒަމާން ފާއިތުވެއްޖެ، އެޑެޕްޓްވާން އުޅޭ

ޖިއޯޓެކްނިކަލް އަދި ޖިއޯއެންވަޔަރަމެންޓަލް އިންޖިނިއަރިންގެ ދާއިރާއިން ޕީއެޗްޑީ ހާސިލްކުރައްވާފައިވާ ޑރ. މަހްމޫދު ގަބޫލުކުރައްވާ ގޮތުގައި ރާއްޖެއިން އަދިވެސް އެކަށީގެންވާ ވަރާ ގާތަށް ވެސް އެޑެޕްޓޭޝަންގެ މަސައްކަތް ކުރާ ތަނެއް ނުފެނެ އެވެ. މޫސުމީ ބަދަލުތަކަށް ހޭނުމުގެ ބަދަލުގައި އަދިވެސް ފެންނަނީ އެ ބަދަލުތަކުގެ އަސަރު ކުޑަކުރަން މަސައްކަތްކުރާ ތަނެވެ.

ރާއްޖެއަކީ ކުޑަކުޑަ ގައުމެކެވެ. ދުނިޔޭގެ ނިސްބަތުން ބަލާއިރު ރާއްޖެއިން ޖައްވަށް ދޫކުރާ ވިހަ ގޭހަކީ ދޫ ނުކުރާ އެއްޗެއް ކަމަށް ވެސް ބެލެވިދާހާ މަދެވެ. ރާއްޖެއިން ނެޓް ޒީރޯ އަމާޒަށް ވާސިލުވި ނަމަވެސް، އެކަމުން ނުކުންނާނެ މާ ބޮޑު ފައިދާއެއް ނޯންނާނެ އެވެ. އެކަމަކު އެއީ ދެއްކިދާނެ ރީތި މިސާލެކެވެ.

ސްޓެލްކޯއިން ސޯލާޕެނެލް ހަރުކުރަނީ: މިއީ ރާއްޖެއިން ދައްކާ ނަމޫނާއެއް (ފޮޓޯ/ ސްޓެލްކޯ)

އެފަދަ ކަންކަމަށް ވަގުތާއި ލާރި ހަރަދުކުރުމަށް ވުރެ، އެންމެ ރަނގަޅު ގޮތަކީ މޫސުމީ ބަދަލުގެ އަސަރުތައް ކުޑަކުރެވޭނެ ވަގުތު މިހާރު ފާއިތުވެފައިވާކަން ގަބޫލުކޮށް، އެ އަސަރުތަކާ އެކު ވެސް ދިރިއުޅެވޭނެ ގޮތްތައް ހޯދުން ކަމަށް މަހްމޫދު ގަބޫލުކުރައްވަ އެވެ.

"މިސާލަކަށް ރަށްރަށުގެ ފާލަން އުސް ކުރުން އެއީ ކުރެވިދާނެ ކަމެއް،" ކަނޑުގެ ލޮނުގަނޑު އުފުލި، ރާޅުތައް ބޮޑުވާނެ ކަމަށް ބެލެވޭ އިރު، މިފަދަ ކުޑަ ކަމެއް ކޮށްގެން ކުރިމަގުގައި ލިބޭ ފައިދާ މާ ބޮޑުވާނެ ކަމަށް އިޝާރަތްކުރައްވާ އޭނާ ވިދާޅުވި އެވެ.

ނަމަވެސް މަހްމޫދު ފާހަގަކުރެއްވި ގޮތުގައި "ކްލައިމެޓް ޗޭންޖަކީ ވެސް ބިޒްނަސް" އެކެވެ. ދުނިޔޭގައި ކަންކަން މިހާރު ހިނގާ އުސޫލަށް ބަލާއިރު، ގިނަ ފަހަރަށް މާލީ އެހީ ލިބެނީ މިޓިގޭޝަންގެ ކަންކަން ކުރުމަށެވެ. ކޮންމެވެސް ރަށެއްގައި ސޯލާ ޕެނަލްކޮޅެއް ހަރުކޮށްލުމެވެ.

އެއާ ހިލާފަށް އެޑެޕްޓޭޝަންގެ އަގު ބޮޑު ކަމާއި، އެކަމަށް ފައިސާ ހޯދަން ވެސް އުނދަގޫ ކަން މަހްމޫދު ވެސް ގަބޫލުކުރައްވަ އެވެ. ކަން އެހެން އޮތް ނަމަވެސް، އޭނާ ވިދާޅުވީ ރާއްޖޭގައި މިހާރު ވެސް 'ޕްރޯ-އެކްޓިވް' މަސައްކަތް ކުރަން މާ ލަސް ވެސް ވެއްޖެ ކަމަށެވެ. ސަރުކާރުން އެކަމަށް ބޮޑު އިސްކަމަކާއި އަހައްމިއްޔަތުކަން ދޭން ޖެހެ އެވެ.

މިޓިގޭޓް ކުރަން ކުރެވޭ މަސައްކަތްތަކުގެ ބަދަލުގައި އަދިވެސް ރާއްޖެއިން ފެންނަނީ ތިމާވެއްޓަށް އިތުރަށް ގެއްލުން ލިބޭ ކަންކަން ފުޅާ ދާއިރާއެއްގައި ކުރަމުންދާ މަންޒަރެވެ. އައިޕީސީސީގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި:

  • އާބާދީ އިތުރުވުމުގެ ސަބަބުން ބޯހިޔާވަހިކަން ފޯރުކޮށްދޭން ރާއްޖެއިން ދަނީ ބިން ހިއްކަމުން

  • މިފަދަ ކަންކަމުގެ ސަބަބުން ކަނޑުފަރާއި ކުޅިތަކާއި ޗަސްބިމުގެ ގުދުރަތީ ނިޒާމަށް ބުރޫއަރާ، އެތަންތަނުގެ ސަބަބުން ރަށްރަށަށް ލިބޭ ރައްކާތެރިކަމާއި ހިމާޔަތް ގެއްލިގެންދޭ

  • މިއީ ރަށްރަށުގެ ދެމެހެއްޓެނިވި ތަރައްގީއަށް އެޅޭ ބޮޑު ހުރަހެއް

  • ބިން ހިއްކުން ފަދަ މަޝްރޫއުތަކުގެ ސަބަބުން ރަށްގިރުން އިތުރުވެ، ފެންބޮޑުވުމާއި އުދައެރުމުގެ ފުރުސަތު ބޮޑުވޭ

  • މިކަމުގެ ސަބަބުން ބެދެނީ ނިމުމެއް ނެތް، ހައްލެއް ނެތް ބޮޅެއްގައި؛ މިފަދަ މަޝްރޫއުތައް ހިންގުމުގެ ސަބަބުން ލިބޭ ގެއްލުންތައް ފޫބައްދަން ދެން ހިންގަން ޖެހޭ މަޝްރޫއުތަކުގެ ސަބަބުން އަނެއްކާވެސް ތިމާވެއްޓަށް ގެއްލުން ލިބޭ، އަދި އެ ރަށްރަށުގެ ނާޒުކުކަން އިތުރުވޭ

އައްޑޫގައި ހަންކެޑެ ބްރިޖް އަޅަން ހިއްކުމުގެ ސަބަބުން މޫދު ތަގައްޔަރުވެ މަސްތައް މަރުވެގެން ލައްގާފައި
މަތިކޮމަންޑޫ ހިއްކާ ސަރަހައްދުގެ މޫދު އަޑި: އެ ސަރަހައްދުގައި ދިރޭ މުރަކައެއް ނެތް. ގިނައީ މަރުވެފައިވާ މުރަކަ އާއި ގާ 

މިހާރު ވެސް މިކަމުގެ ސާފު މިސާލުތައް ރާއްޖޭގެ އެކި ހިސާބުތަކުން ފެންނަމުނެ އެބަދެ އެވެ. ތަރައްގީއަށް، ބިން ހިއްކާ، ފަޅު ކޮނެ، ބަނދަރު ހެދުމުގެ ސަބަބުން ބައެއް ރަށްރަށް ގިރައިގެން ގޮސް، އާންމު ރައްޔިތުންގެ ގެދޮރާއި މުދަލަށް ގެއްލުން ދަނީ ގެއްލުން ލިބެމުންނެވެ.

ދިވެހިން ވިސްނަން ވެއްޖެ އެވެ. ދުރާލާ މަސައްކަތްތަކެއް ކުރަން ވެއްޖެ އެވެ. ތިމާވެއްޓަށް ގެއްލުންވާ ގޮތަށް ގެންނަ 'ތަރައްގީ'އާ ދެކޮޅަށް ތެެދުވަން ވެއްޖެ އެވެ. މޫސުމީ ބަދަލަކީ ސިޔާސީ ގޮތުން ދައްކާ ވާހަކައަކަށް ވުރެ، ދިވެހިންގެ ދިރިއުޅުމާ ގުޅުން ހުރި ކަމެއްގެ ގޮތުގައި ދެކިގެން، އަވަސް ފިޔަވަޅުތަކެއް އަޅަން ވެއްޖެ އެވެ.

'އަދިވެސް ރާއްޖެ އަޑިއަކަށް ނުދޭ ނޫން ހެއްޔެވެ؟' ބުނުމުގެ ބަދަލުގައި އެ ނުރައްކާ ދަނީ ބޮޑުވަމުން ކަމަށް ގަބޫލުކުރަންވީ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް