އއ. ހިމަންދޫގެ ހުޅަނގު ދެކުނު ފަރާތުގައި ހުރި އިގްބާލްގެ ގޯއްޗަށް ލޮނުވަދެ، ގިރާލާފައި

ރަށް ގިރުން

އަމިއްލަ ގެއެއްގައި އުޅުމުގެ ރީތި ހުވަފެން ހަގީގަތަކަށް، އެކަމަކު ކުރިމަތީގައި ބޮޑު ބިރެއް

އިގުބާލްގެ މުޅި އުމުރުގައި އެއްކުރި ފައިސާ އިން ހެދީ ގެއެއް. ޝާކިރު 8 މިލިއަން ރުފިޔާ ހޭދަކޮށްގެން ހެދީ ގެސްޓް ހައުސްއެއް. ދެ ތަނަށް ވެސް މިހާރު އޮތީ ނުރައްކާ

އިގްބާލް ބިލާލު، އުމުރު ދުވަހު ދުށް އެންމެ ބޮޑު ހުވަފެނަކީ، އަމިއްލަ ގެއެއް އަޅައިގެން އެ ގޭގައި ދިރިއުޅުމެވެ. އއ. ހިމަންދޫ ހުޅަނގު ދެކުނު ކަންމަތިން، މޫދާ ކައިރިން އޭނާއަށް ލިބުނު އެ ގޯއްޗަކީ، އެ ޒުވާނާ ގަބޫލުކުރި ގޮތުގައި، އޭނާގެ ހުވަފެންތަކުގެ ފެށުމެވެ. ޑައިވަރެއްގެ ވަޒީފާގައި އެންމެ ކުރިއްސުރެ އިގްބާލް ކުރަމުން ދިޔަ މަސައްކަތުން އޭނާ އައީ، އެ ގޯތީގައި ގެއެއް އަޅައި، އެ ގެ ފައްކާކުރަމުންނެވެ.

އިގްބާލްގެ ހުރިހާ ހުވަފެނެއް ވެސް ގުޅިފައި ހުރީ ނޫ ކުލައިން ކުލަ ލައި، ރީތިކޮށްފައިވާ އޭނާގެ ގެ، 'ބްލޫހާޓް'އާ އެވެ. އޭނާ ބޭނުންވީ ރަށުގެ އެންމެ ހުޅަނގު ފަރާތުން ދޫކޮށްފައިވާ އެ ގޯތީގެ އެއް ކަނެއްގައި ކުޑަކުޑަ ގެއެއް އަޅައި، ބާކީ އޮތް ބައިގައި ތަރުކާރީ އާއި މޭވާ ހައްދާށެވެ. ހެނދުނު ހެނދުނާ ގޯތިތެރެއަށް ނުކުމެ، އޭނާ އެންމެ ލޯބިވާ މޫދު ފެންނަ ފަށުގައި ހުރެ ކޮފީ ތައްޓެއް ބޯލާށެވެ. ގެ ފެންނަ ހިސާބުގައި މޫދުުގައި ޑައިވްކޮށްލާށެވެ.

އެކަމަކު އިގްބާލު މިހާރު ހުރީ ބިރުންނެވެ. އޭނާ އެންމެ ކުރިއްސުރެ ދެކެމުން އައި މި ހުވަފެނުން ހޭލަން ކައިރިވެއްޖެހެން ހީވަނީ އެވެ. މީގެ އަހަރެއްހާ ދުވަސް ކުރިން، ހިމަންދުއަށް ކުރިމަތިވި ރަށް ގިރުމުގެ މައްސަލަ ބޮއްސުންލައި، ރާޅާ އެކު އިގްބާލުގެ ގޯތިން ބޮޑު ބައެއް މިހާރު ވަނީ ގިރާލައިފަ އެވެ. ގޯތީގެ ބޭރުގެ މަގު ފާރު މިހާރު ވެއްޓިއްޖެ އެވެ. ގޭގެ ބުޑަށް ރާޅު ބިންދާހާ ވަރަށް ފަސްގަނޑު މޫދަށް ދަމައިގެންފި އެވެ.

އިގްބާލްގެ ގެ އާއި ޝާކިރުގެ ގެސްޓްހައުސް: ދިރިއުޅުމުގެ ހުރިހާ މަސައްކަތެއް ފެނަށް ވުމުގެ ބިރު އެބަ އޮތް

"މިހެން ރަށް ގިރާ ނަމަ އެންމެ މަހެއް، ދެ މަހެއްގެ ތެރޭގައި އަޅުގަނޑުގެ ގެ ވެސް ވެއްޓިދާނެ،" ވަރަށް މާޔޫސްވެ ހުރެ، އިގްބާލް ބުންޏެވެ.

މީގެ 10 އަހަރެއްހާ ދުވަސް ކުރިން، ރަށުގެ ހުޅަނގު ފަރާތުން އިގްބާލަށް ގޯތި ލިބުނު އިރު އެއީ، ހިމަންދޫގެ އެންމެ ހިތްގައިމު އެއް ސަރަހައްދެވެ. މިހާރު ގިރާ ހުސްވެފައި އޮތަސް، އޭރު އެތަނުގައި އޮތީ ރީތި ފަސްގަނޑެކެވެ. ދިގު ރުއްތަކުން ހިފެހެއްޓިފައި އޮތް، މީހުން މޮޔަވާހާ ރީތި ބީޗެކެވެ. ވޮޑޭ މޫސުމެއްގައި އިތުރަށް އެ ފަސްގަނޑު ބޮޑުވާ މަންޒަރު ފެނެ އެވެ.

އިގްބާލުގެ ރީތި ހުވަފެންތައް ގުޅިފައި އޮތީ، ރަށުގެ މި ރީތި މަންޒަރާ އެވެ. އެކަމަކު މީގެ އަހަރެއް ކުރިން، ހިމަންދޫގެ ބަނދަރު ހެދުމާ އެކު އެ ރީތި މަންޒަރަށް ނިމުން އަންނަން ފެށި އެވެ. ކުރިން ރަށުގެ ވަށައިގެން ވޮޑެމުން ދިޔަ ފަސްގަނޑު، ބަނދަރާ ހަމައިން ބްލޮކްވެ، ބޭރަށް ދަމައިގަތެވެ. ނަތީޖާއެއްގެ ގޮތުން، ހައިރާންވާހާ ބާރުމިނުގައި ހުޅަނގު ފަރާތް ގިރަން ފެށި އެވެ.

ރުއްތަކާއި ގަސްތައް ވެއްޓި، ފަސްގަނޑު ދޫވެ، އިގްބާލުގެ ގޯތީގެ ބަޔަކާ އެކު ގިރައިގެން ދިޔައީ އަހަރަކަށް ވުރެ ކުޑަ ދުވަސްކޮޅެއްގެ ތެރޭގަ އެވެ.

ގިރަމުން ދާ ސަރަހައްދުގައި ނޫ ކުލައިން އެ ފެންނަނީ އިގުބާލްގެ ގެ

ރަށް ގިރަން ފެށިއިރު، 45 އަހަރުގެ އިގްބާލު ވަނީ އޭނާގެ ގޯތީގައި ދެ ކޮޓަރީގެ ގެއެއް އަޅައިފަ އެވެ. އެއީ، އިގްބާލު ބުނިގޮތުގައި، ޑައިވިންކޮށްގެން ލިބޭ އާމްދަނީ ރައްކާކޮށްގެން، އޭނާއަށް ވީ ވަރެވެ. އެކަމަކު އޭނާ ދެކެމުން ދިޔަ ރީތި ހުވަފެން އޮޔާދާ މަންޒަރު ފެންނަން ފެށުމުން، އަދާކުރަމުން ދިޔަ ވަޒީފާއިން ވަކިވެ އިގްބާލު މިހާރު ހުރީ ގެ ސަލާމަތް ކުރުމަށް، އެނބުރި ރަށަށް ގޮހެވެ.

"މިދިޔަ އަހަރުގެ ހުޅަނގުގައި އެންމެ ބޮޑަށް ގެއްލުންވީ. އޭރު އަޅުގަނޑު ރަށަށް އައިސް، ރަށުގެ އެކި ތަންތަނުން ގާ ހޯދައިގެން އައިސް، އެ އެއްޗެހި ޖަމްބޯ ބޭގަށް އަޅައި، ގިރާ ސަރަހައްދުގައި ބެހެއްޓިން،" އިގްބާލް ބުންޏެވެ.

" އެކަމަކު ގަދަ ރާޅުތަކާ އެކު މާ ގިނަ ދުވަހެއް ނުވެ އެ ބޭގުތައް ވެސް އޮޔާލައިފި." 

ހުޅަނގު މޫސުމުގައި ހިމަންދޫގެ ހުޅަނގު ފަރާތުގެ ހާލު ވަރަށް ގޯސްވެ އެވެ. ރަށުގެ ބޭރު ތޮއްޓާ ހަމައިން ނަގާ ބޮޑެތި ރާޅު އައިސް މުގުރާލަނީ، އެ ސަރަހައްދުގައި އޮންނަ އާނުގަނޑު މައްޗަށެވެ. އެކަމަކު ބާރު ޕްރެޝަރުގައި އަންނަ އެ ރާޅުތައް، އާނުގަނޑު މައްޗަށް ޖެހޭއިރު، އަނެއްކާވެސް އެހާމެ ބޮޑު ރާޅުތަކެއް އެތަނުން ނަގަ އެވެ. ދެން ދަމައިގަންނަނީ އެ ސަރަހައްދުގެ ވެލިގަނޑެވެ.

"އަޅުގަނޑު މިހާރު ވަޒީފާއިން ކެނޑިގެން އައިސް، މި ގޭގައި މި ނިދަނީ ވެސް. ހެނދުނު ހޭލައިގެން އެބަ ބަލަން ދެން ކޮން ކަމެއްތޯ ކުރެވޭނީ،" އިގްބާލް ބުންޏެވެ.

ހިމަންދޫގެ ހުޅަނގު ދެކުނު ފަރާތް ގިރާލާފައި

އޭނާގެ އަސްލު ހުވަފެން އޮޔާ ދާތަން އެންމެ ކައިރިން ފެންނަ އެކަކީ، ހަމަ އެ ސަރަހައްދުގައި ބުރިބުރިއަށް ހިއްލަމުން އަންނަ ގެސްޓްހައުސްގެ ވެރިޔާ އާދަމް ޝާކިރެވެ. ހުޅަނގުގެ ބޮޑެތި ރާޅުތަކާ އެކު، އިގްބާލެކޭ އެއްގޮތަށް، ޝާކިރުގެ ހުވަފެންތައް ވެސް ގިރަމުން، އޭނާއާ ދުރަށް ދަނީ އެވެ.

ހިމަންދޫގެ ރީތި ބީޗަށް މޫނު ޖެހޭ ގޮތަށް އޮތް ބިން، ވިޔަފާރިވެރިޔާ ޝާކިރު ކުއްޔަށް ނެގީ، އެތަނުގައި ވިޔަފާރިއެއް ފަށައި، ރަނގަޅު އާމްދަނީއެއް ލިބޭނެ ކަމުގެ އުއްމީދުގައި 50 އަހަރަށެވެ. ރީތި ބީޗުގެ ޖާދޫގައި ޖެހި، އެތަނަށް ބަރޯސާވެ ތިން ބުރިއަށް ގެސްޓްހައުސް ހިއްލައިލީ، ހިމަންދޫގެ ބަނދަރު ހެދުމުގެ މަޝްރޫއާ އެކުއެކީގައިހެންނެވެ.

ޝާކިރު ކިޔައިދިން ގޮތުގައި، 15 ކޮޓަރި އާއި ރެސްޓޯރަންޓް ހިމެނޭ ގޮތަށް އަޅަމުން އަންނަ ގެސްޓްހައުސް އަކީ އޭނާގެ އުމުރު ދުވަހުގެ މަސައްކަތެވެ. ބޭންކް ލޯނެއް ނުނަގައި އަދި މީހެއްގެ އަތުން ދަރަންޏެއް ވެސް ނުނަގައި، އަމިއްލަ މަސައްކަތުން އެއްކުރި 8 މިލިޔަން ރުފިޔާއިން ކުރާ ބޮޑު އިންވެސްޓްމެންޓެކެވެ.

ހިމަންދޫގައި ޝާކިރު އަޅަމުން އަންނަ ތިން ބުރީގެ ގެސްޓްހައުސް

އެކަމަކު އަންނަ ޑިސެމްބަރު މަހު އެ ގެސްޓްހައުސް ހުޅުވަން ތައްޔާރުވި އިރު، އެ ސަރަހައްދުގައި އޮތް، ޝާކިރު އެންމެ ލޯބިވި ބީޗު ގިރާލައިފި އެވެ. އޭނާގެ ގެސްޓްހައުސް އާއި މޫދާ ދެމެދު މިހާރު ހުރީ ގާތްގަނޑަކަށް ވިއްސަކަށް ފޫޓެވެ. ހުޅަނގުގެ މި ގަދާގައި، އެ ސަރަހައްދު ހިމާޔަތް ނުކުރެވިއްޖެ ނަމަ ރާޅުތައް އޭނާގެ ގެސްޓްހައުސްއާ ހަމައަށް ފޯރާނެ ކަމުގެ ބިރުބޮޑެވެ.

"އަޅުގަނޑުމެން ވަރަށް މަސައްކަތް ކުރިން އިގްބާލުގެ ގޯތި ވެސް ސަލާމަތްކުރެވޭތޯ. އެކަމަކު ގިރަން ފެށި ފަހުން، ކަޅުވެލި ފަށުން %60 މިހާރު ވަނީ ގިރައިގެން ގޮސްފައި،" ޝާކިރު ބުންޏެވެ.

މި ސަރަހައްދާ މާ ދުރު ނޫން ހިސާބެއްގައި ޝާކިރުގެ ބޯޓުޔާޑެއް ވެސް ހުރެ އެވެ. އެކަމަކު އެތަން ވެސް ގިރަމުން ގޮސް މިހާރު ހުރީ ގާތްގަނޑަކަށް ރާޅުޖަހާ ފަށުގަ އެވެ.

ޝާކިރުގެ ހުރިހާ ބޮލުގެ ރިހުމެއް މިހާރު ގުޅިފައިވަނީ، ހައްލު ނުކުރެވިފައިވާ މި މައްސަލައާ އެވެ.

ހިމަންދޫ ހުޅަނގު ދެކުނު ފަރާތް ގިރާލައި، އެ ހިސާބަށް މޫދު ފެތުރިފައި

"ސިކުނޑީގެ %90 ގައި އިންނަނީ މިކަން. މަސައްކަތްކުރާތަން ބަލާލަން ގޮސް ވެސް ހުރެވެނީ ގޮނޑުދޮށުގައި. ގިރާ ސަރަހައްދު ބަލައިލަން،" ފިކުރުބޮޑުވެ ހުރެ ޝާކިރު ބުންޏެވެ.

"މިހެން އަދި ކިޔައިދިނަސް ނޭނގިދާނެ ބޭބެއަށް މިކުރާ އަސަރު. އެކަމަކު މިއީ ހަމަ ލޯމަތިން ފެންނަމުންދާ މަންޒަރު." 

ހިމާޔަތްކުރަން ކުރި މަސައްކަތް ފަނުފުލުން

ކޮންޓްރޯލެއް ނެތި، ހިމަންދޫ ހުޅަނގު ފަރާތު ގޮނޑުދޮށް ގިރާ މައްސަލައިގައި އެ ރަށުގެ ވެރިންގެ ވެސް ކަންބޮޑުވުން ބޮޑެވެ. އެހެންވެ، އެތައް ފަހަރަކު މި މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ވަނީ ގެނެސްފަ އެވެ.

ހިމަންދޫ ކައުންސިލްގެ ރައީސް ހުޝާމް އިސްމާއިލް ވިދާޅުވި ގޮތުގައި ސަރުކާރުން މި މައްސަލަ ބަލަން ފެށީ، ރަށްގިރުމުގެ މައްސަލަ އެންމެ ބޮޑަށް ދިމާވެފައިވާ ރަށްރަށުގެ ލިސްޓުގެ އެންމެ ކުރިއަށް ލައިގެންނެވެ. އެހެންވެ މިއީ ވީހާވެސް އަވަހަކަށް ހައްލު ބޭނުންވާ މައްސަލައަކަށް ވާތީ، ބަޖެޓް ކަނޑައަޅައި އެ މައްސަލަ ހައްލުކުރަން ހަވާލުކުރީ ކައުންސިލާ ކަމަށް ވިދާޅުވި އެވެ.

އާއްމުކޮށް ހުޅުވާލި ބިޑަކާ އެކު، ރަށް ގިރާ ސަރަހައްދު ހިމާޔަތް ކުރުމަށް ކައުންސިލުން ހަވާލުކުރީ، އެކަމަށް ކުރިމަތިލި، އެންމެ ގާބިލުކަމަށް ބެލެވުނު ކުންފުންޏާ އެވެ.

އެކަމަކު އެކި މައްސަލަތައް ފެންމަތިވެ، ދިގުލައިގެން ގޮސް އެ ކުންފުންޏަކަށް އެ މަސައްކަތް ކުރިއަކަށް ނުގެންދެވުނެވެ. އެހެންވެ، ކައުންސިލުގެ ވިސްނުން މިހާރު ހުރީ އެގްރީމެންޓް ބާތިލްކޮށްފައި އަލުން އެ މަޝްރޫއު ސަރުކާރާ ހަވާލުކުރާށެވެ.

"އަޅުގަނޑުމެންނަށް ގަބޫލުކުރެވެނީ މަސައްކަތް ކުރިއަށް ގެންދިޔަ ކުންފުނި އެހާ ގާބިލް ނުވުމުން މިކަން ފެއިލްވީ ކަމަށް،" ހުޝާމް ވިދާޅުވި އެވެ.

ހިމަންދޫ ހުޅަނގު ދެކުނު ފަރާތުގައި ޝާކިރު ހިންގަމުން އަންނަ ބޯޓު ޔާޑު ހުންނަ ސަރަހައްދު ވެސް ގިރާލާފައި

ހިމަންދުއަކީ މިހާރު ވެސް ސަރުކާރުން ބޮޑެތި ޕްރޮޖެކްޓުތައް ހިންގަމުން އަންނަ ރަށެކެވެ. އެހެންވެ، މިފަދަ ރަށެއްގައި އަނެއްކާވެސް އާ ޕްރޮޖެކްޓެއް ސަރުކާރުން ފަށާނެތޯ ކައުންސިލުން ސުވާލު އުފައްދަ އެވެ.

ރަށްގިރާ ސަރަހައްދު ހިމާޔަތް ކުރުމަށް މިހާތަނަށް ކުރި މަސައްކަތް ދިޔައީ ފަނުފުލުންނެވެ. ކޮންމެ ފަހަރަކު ބޮޑު ރާޅަކާ އެކު ތަންގަނޑެއް ގިރާލުމުން، ރަށުތެރެއިން ބަޔަކު ނުކުމެ، ވެލި ބަސްތާ އާއި ގާ ޖަހައި، އެ ސަރަހައްދަށް ވަގުތީ ގޮތުން ނަމަވެސް ހައްލެއް ލިބޭތޯ އުޅެ އެވެ. އެކަމަކު ދެން ނަގާ ރާޅާ އެކު އެއަށް ވުރެ ބޮޑަށް އެ ސަރަހައްދު ގިރާލަނީ އެވެ.

ހުޅަނގު ފަރާތުގައި، އިގުބާލު އޭނާގެ ގޭގައި އަދި ޝާކިރު އޭނާގެ ގެސްޓްހައުސް ކައިރީގައި މިހާރު ހުއްޓި ތިބެނީ، ދެން ވާނެ ގޮތަކާ މެދު ސުވާލުކުރަމުންނެވެ. މައްސަލައަށް ހައްލެއް ހޯދަން އެ މީހުން ނުދުވާ ތަނެއް ނެތެވެ. ރަށާއި އަތޮޅުގެ ވެރިންގެ އިތުރުން މަޖިލިސް މެމްބަރުންނާއި މިނިސްޓަރުންނާއި ރައީސުލްޖުމްހޫރިއްޔާއާ ވެސް ބައްދަލުކޮށްފި އެވެ.

އެކަމަކު އަދި އޮތީ ހަމައެކަނި އުއްމީދެކެވެ.

އަހަރުތަކަކަށް ފަހު އަމިއްލަ ގެއެއްގައި އުޅުމުގެ ފުރުސަތު ލިބުމުން، އިގުބާލު އޭނާގެ ގެ ދޫކޮށްލާކަށް ބޭނުމެއް ނުވެ އެވެ. އަދި ޝާކިރު އޭނާގެ އުމުރު ދުވަހު ކުރި މަސައްކަތް އިންވެސްޓްކޮށްގެން ހުރި ގެސްޓްހައުސްގެ މަސައްކަތް ހުއްޓާލާކަށް ވެސް ބޭނުމެއް ނުވެ އެވެ. އަމުދުން އިތުރު ކަމެއް ފަށާކަށް، އެ މީހުން އަތަކު ފައިސާއެއް އަދި ގައިގައި ހަކަތައެއް ވެސް ނެތެވެ.

ކޮމެންޓް (2)

ޓިނުބެ

10 މޭ 2023
ސަރުކާރުން ތިކަން ހައްލު ކުރަން ބޭނުމިއްޔާ މިހާރުވެސް ތިކަން ކުރެވޭނެ. ކޮމަންޑޫ ބައިލެކްޝަނާ ގުރައިދޫ ބައިލެކްޝަނުން އެކަން ވަރަށް ސާފުކޮން ފެނިގެން ހިނގައްޖެ.
3 1

ޖުލައި

9 މޭ 2023
މިކަމަށް އަވަސް ޙައްލެއް ގެނެސްދިނުމަށް ސަރުކާރަށް ގޮވައިލަން. ބަޔަކު މީހުންގެ މުޅި ދިރިއުޅުން އޮޔާދާ މަންޒަރު ބަލަން ސަރުކާރުން އޮވެގެން ނުވާނެ.
33 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް