ދިގުރަށަށް އުދަ އަރަނީ. (ފޮޓޯ/ކިޔުންތެރިއެއް)

އުދައެރުން

އާންމުކޮށް އުދަ ނާރާ ދިގުރަށަށް ރޭ 'ސުނާމީއެއް'

މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެ ފަދަ ތިރި ޖަޒީރާ ގައުމުތަކަށް އުދައެރުން ގިނަ ވާނެ ކަމަށް ސައިންސްވެރިން ބުނޭ
13 އޮކްޓޯބަރު 2022

އާންމުކޮށް އުދައިގެ އަސަރު ނުކުރާ އދ. ދިގުރަށަށް ރޭ ކުރި ވިއްސާރައާ އެކު ވަރަށް ބޮޑަށް އުދަ އަރައި ގޭގެއަށް ލޮނު ވަދެ، އެތައް ގެއްލުމެއް ލިބިއްޖެ އެވެ.

ވީ ކިހިނެއް؟ - ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)ގެ އޮފިޝަލަކު މިއަދު 'ދައުރު'އަށް ވިދާޅުވީ ރޭ އެ ރަށަށް އުދަ އަރައިގެން ލިބިފައިވާ ގެއްލުންތައް ދެނެގަތުމުގެ މަސައްކަތް ކައުންސިލާ ގުޅިގެން މިހާރު ކުރަމުން އަންނަ ކަމަށެވެ.

ނަމަވެސް، މިހާރު ވެސް މޫސުން ގޯސްވެ، ވިއްސާރަ ކުރަމުންދާތީ ގެއްލުންތައް ދެނެގަތުމަށް ދަތިތަކެއް ހުރި ކަމަށް އޭނާ ވިދާޅުވި އެވެ.

ދިގުރަށަކީ އާންމުކޮށް އުދަ އަރާ ރަށެއް ނޫންކަން ފާހަގަކުރައްވަމުން އެންޑީއެމްއޭގެ އޮފިޝަލް ވިދާޅުވީ ވޭތުވެދިޔަ 10 އަހަރު ވެސް އެ ރަށަށް އުދަ އެރުމުގެ އެއްވެސް ރިޕޯޓެއް ލިބިފައި ނުވާ ކަމަށެވެ.

ދިގުރަށަށް އެރި އުދައިގެ ރާޅުތައް މަގުމައްޗަށް ބިންދާ ތަން ވީޑިއޯ އިން ފެނެ އެވެ. ރާޅަކަށް ފަހު ރާޅެއް ރަށުތެރެއަށް އަރަމުން ދިޔަ އެވެ.

އެ ރަށުގެ މީހުން އެކަން ސިފަކުރީ "ސުނާމީއެއް"ގެ ގޮތަށެވެ.

ގުޅުން ހުރި ކަމެއް - ރާއްޖޭގެ އެކި ހިސާބުތަކަށް ރޭ ކުރި ވިއްސާރައިގައި ބޯކޮށް ވާރޭވެހުމުގެ ސަބަބުން ޅ. ނައިފަރުގައި ވަނީ ވަރަށް ބޮޑަށް ފެން ހެދިފަ އެވެ. އެގޮތުން:

  • ފެންބޮޑުވުމުގެ ސަބަބުން ބައެއް ގޭގެއަށާއި ދުއްވާ އެއްޗެއްސަށާއި ހިނގާބިނގާވެ އުޅޭ މީހުންނަށް ގެއްލުން ވަމުން ދާތީ، މިއަދުގެ މެންދުރު 12 ހާއިރުން ފެށިގެން ސިފައިން އަންނަނީ ޕަންޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުން

އެންޑީއެމްއޭ އިން ބުނި ގޮތުގައި، ރާއްޖެއަށް ކުރަމުން ދާ ބޯވިއްސާރާގެ ސަބަބުން ގެއްލުންތައް ލިބިގެން މިހާތަނަށް ރިޕޯޓު ކޮށްފައިވަނީ ދިގުރަށުންނާއި ނައިފަރުން އެކަންޏެވެ.

އެނގުން މުހިއްމު - މޫސުމީ ބަދަލުތަކުގެ ނޭދެވޭ އަސަރުތައް އެންމެ ފުރަތަމަ ކުރަން ފަށާނެ ގައުމުތަކުގެ ލިސްޓުގައި ރާއްޖެ ހިމެނެ އެވެ. ސައިންސްވެރިންނާއި ކަމުގެ މާހިރުން ބުނާ ގޮތުގައި މޫސުމީ ބަދަލުތަކުގެ ސަބަބުން އުދަ އެރުން އާންމުވެ، އުދައަރާ މިންވަރު ބޮޑުވުމާއި، ބޯކޮށް މެދުނުކެނޑި ވާރޭ ވެހުން ގިނަ ވުމާއި، ފެން ބޮޑުވުމާއި، ރަށްގިރުން ފަދަ ކަންތައްތައް ގިނަވާނެ އެވެ.

މިދިޔަ ޖުލައި މަހު ވެސް ރާއްޖޭގެ ވިއްސަކަށް ވުރެ ގިނަ ރަށަށް އުދަ އަރައި އެކި ވަރުގެ ގެއްލުންތައް ލިބުނެވެ. ބައެއް ގޭގެއަށް ލޮނު ވަދެ ލިބުނު ގެއްލުނުތަކުގެ ސަބަބުން އާއިލާތައް އެހެން ގޭގެއަށް ބަދަލުކުރަން ވެސް ޖެހުނެވެ.

އެންޑީއެމްއޭ އިން ބުނެފައިވާ ގޮތުގައި، އެއީ މިދިޔަ ހަތް އަހަރުގެ ތެރޭގައި ރާއްޖެއަށް އެރި މިފަދަ އެންމެ ބޮޑު އުދަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް