ބ. ފުޅަދޫގެ މަގުބޫލު މުރަކަ ބަގީޗާގައި ގާހުދުވެފައި. (ފޮޓޯ/ މެރިން ޖާނަލް މޯލްޑިވްސް

ގާ ހުދުވުން

އެލް ނީނޯއާ އެކު ފުޅަދޫގެ ރީތި މުރަކަ ބަގީޗާއަށް ގާ ހުދުވުމުގެ މައްސަލަ ކުރިމަތިވެއްޖެ

މިދިޔަ ތިން އަހަރު ކަނޑުގެ ލޮނުގަނޑު ހޫނު ނުވާ ވަރަށް މި އަހަރު ފިނިހޫނުމިން މައްޗަށް ދާނެ ކަމަށް ދުނިޔޭގެ މޫސުމާ ބެހޭ ޖަމިއްޔާއިން ވަނީ ލަފާކޮށްފައި
9 އޭޕްރީލު 2023

މި އަހަރުގެ އެލް ނީނޯގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ލޮނުގަނޑުގެ ފިނިހޫނުމިން މައްޗަށް ގޮސް، ރާއްޖޭގެ މަޝްހޫރު އެކި ފަރުތަކުން ގާ ހުދުވާން ފަށައިފި އެވެ.

ވީ ކިހިނެއް؟ - ކަނޑުފަޅުތަކުގެ ދިރުންތަކާ ބެހޭ މައުލޫމާތު ފޯރުކޮށްދޭ 'މެރިން ޖާނަލް މޯލްޑިވްސް' އިން އިއްޔެ ބުނީ ރާއްޖޭގެ އެކި ސަރަހައްދުތަކުން ގާ ހުދުވުމުގެ ރިޕޯޓުތައް ލިބެމުންދާ ކަމަށެވެ. އެގޮތުން:

  • ބ. ފުޅަދޫގެ 'މޮންޓިޕޯރާ' މުރަކަ ބަގީޗާ އިން ވެސް ގާހުދުވުމުގެ އަސަރު ވަނީ ފާހަގަކުރެވިފައި 

  • ފަތުރުވެރިންނާއި ދިވެހިންގެ ތެރޭގައި ވެސް ސްނޯކަލް ކުރަން މަގުބޫލު މި މަންޒިލަކީ ގެސްޓްހައުސް ވިޔަފާރީގައި މުހިއްމު ދައުރެއް އަދާކުރާ ތަނެއް

ބ. ފުޅަދޫގެ މަގުބޫލު މުރަކަ ބަގީޗާގައި ގާހުދުވެފައި. ފޮޓޯ/ މެރިން ޖާނަލް މޯލްޑިވްސް
ބ. ފުޅަދޫގެ މަގުބޫލު މުރަކަ ބަގީޗާގައި ގާހުދުވެފައި. ފޮޓޯ/ މެރިން ޖާނަލް މޯލްޑިވްސް

ފުޅަދޫގެ މުރަކަ ބަގީޗާގެ އިތުރުން ވެސް، ރާއްޖޭގެ ފަރުތަކުން ވެސް ގާ ހުދުވުމުގެ އަލާމާތްތައް ފެންނަން ފަށާފައިވާ ކަމަށް އެކި ހިސާބުތަކަށް ޑައިވްކޮށް، ސްނޯކަލް ކުރާ ފަރާތްތަކުން ބުނެ އެވެ.

ތަފްސީލް - މުރަކަ ހުދުވާން އާއްމުކޮށް ދިމާވަނީ ލޮނުގަނޑު ވަކި މިންވަރަކަށް ވުރެ ހޫނުވެ މުރަކައަށް ކާނާ ހޯދައިދޭ އަލްގީ ކަމަށްވާ ޒޫޒަންތަލީ މުރަކައިން ބޭރުކޮށްލާ ހިސާބުންނެވެ. މިގޮތަށް ޒޫޒަންތަލީ މުރަކައިން ބޭރުވެ، މާ ގިނަ އިރު ވެއްޖެ ނަމަ، މުރަކަތައް މަރުވުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

ގާ ހުދުވުމުގެ އަލާމާތް ފެންނަ ކަމުގައިވާ ނަމަ، އެޅިދާނެ ބައެއް ފިޔަވަޅުތައް މެރިން ޖާނަލް މޯލްޑިވްސް އިން ވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން:

  • މި ދުވަސްވަރު ބިން ހިއްކުން ފަދަ މަޝްރޫއުތައް މަދުކުރުން ނުވަތަ މަޑުޖައްސާލުން؛ މުރަކަތަކުގެ މައްޗަށް ވެއްޔާއި ކިސަޑު އެޅުމަކީ ފަރުގެ މާހައުލީ ނިޒާމު އިތުރަށް ބަލިކަށިކޮށްލާ ކަމެއް

  • ނަގިލި އެޅުމުން ފަރަށް ލިބޭ ގެއްލުން ކުޑަކުރުމާއި ނަނު އަދި ދާ މޫދަށް ދޫކޮށްނުލުން

  • ޓޭންކަށް ލުމަށް ދިރޭ މުރަކަ ނުނެގުމާއި ހިމާޔަތްކޮށްފައިވާ މަސްމަހާމެހި ނުހިފުން

  • ފީނުމާއި އެހެނިހެން މޫދު ކުޅިވަރުތަކުގައި ވެސް އެއްވެސް ހާލަތެއްގައި މުރަކަތަކުގައި އަތްނުލުން

  • ފިންސާއި އެހެނިހެން އާލާތްތަކާއި އަތް ފަރުގައި ނުޖެހޭނެހެން އުޅުމަށް ސަމާލުވެ، ވެލިގަނޑު ބުރައިގެން ދާ ގޮތަށް އަމަލުނުކުރުން

  • ގޮނޑުދޮށާއި ފަރު ސާފުކޮށް ބޭއްވުން

  • ހާލަތު ބަލައި ދެނެގަތުމާއި ދިރާސާތަކުގައި ބައިވެރިވުން؛ ގާ ހުދުވުން ފާހަގަކުރެވިއްޖެ ނަމަ، އެކަން ރިޕޯޓުކުރާނެ އޮންލައިން ފޯމެއް މެރިން ރިސާޗު އިންސްޓިއުޓް އިން ތައްޔާރުކޮށްފައިވޭ

ގާ ހުދުވުމުގެ ފުރުސަތު ބޮޑު ދުވަސްވަރެއްގައި ފަރުގެ މާހައުލަށް ބުރަ ކުޑުކުރުމަކީ މުރަކަތައް މަރުނުވެ އިއާދަވުމަށް އެޅޭ މުހިއްމު ފިޔަވަޅެކެވެ.

މުރަކަތަކުގެ ދިރުމަށް އެކަށީގެންވާ މިންވަރަށް މާހައުލުގެ ފިނިހޫނުމިން ދަށްވެއްޖެ ނަމަ، ހުދުވެފައިވާ މުރަކައިން ނުކުންނަ ޒޫޒަންތަލީ މުރަކައިގެ ތެރެއަށް އަލުން ވަދެ، މުރަކަ މަރުނުވެ ސަލާމަތްވާނެ އެވެ.

2016ގެ އެލް ނީނޯގައި ބ. އަތޮޅުގެ ފަރަކުން ގާ ހުދުވެ، މުރަކަތައް މަރުވެފައި. (ފޮޓޯ/ މެރިން ޖާނަލް މޯލްޑިވްސް)

އެނގުން މުހިއްމު - އެލް ނީނޯ އަކީ މޫސުމީ ބަދަލުތަކުގެ ސަބަބުން ދުނިޔޭގެ ދެބައިހަމަ ކައިރީގައިވާ ކަނޑުތަކުގެ ފިނިހޫނުމިން އާދަޔާ ހިލާފަށް އުފުލުމެވެ. އެލް ނީނޯގެ ސަބަބުން:

  • ކަނޑުގެ ލޮނުގަނޑު، ހާއްސަކޮށް ކަނޑުގެ މަތީ ފަށަލަ ހޫނުވޭ

  • ކަނޑުގެ އޮއެވަރަށް ބަދަލު އާދޭ

  • މަސްވެރިކަމާއި މޫސުމަށް އަސަރުކުރުމުގެ ފުރުސަތު އޮވޭ

  • ބާރުގަދަ އެލް ނީނޯ ހާލަތުގައި ރާއްޖެއަށް އާންމު ހާލަތަށް ވުރެ ގިނައިން ވިއްސާރަ ކުރޭ

މޫސުމީ ޕެޓާންތަކުގެ ސަބަބުން ކޮންމެ ތިން އަހަރާއި ފަސް އަހަރާ ދެމެދު އެލް ނީނޯއަކާއި ލާ ނީނާއެއް ކުރިމަތިވެ އެވެ. އެލް ނީނޯގައި ލޮނުގަނޑު ހޫނުވާ ގޮތަށް، މޫސުމީ ޕެޓާންތަކާއި ވައި ދައުރުވާ ގޮތުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު ފިނިވުމަށް ކިޔަނީ ލާ ނީނާ އެވެ.

ތިން އަހަރަށް ދެމިގެން ދިޔަ ލާ ނީނާ ނިމުމަކަށް އައިސް، އެލް ނީނޯގެ ހާލަތު ކުރިއަށް އޮތް މެއި މަހުގެ ތެރޭގައި ފެށޭނެ ކަމަށް ދުނިޔޭގެ މޫސުމާ ބެހޭ ޖަމިއްޔާ އިން ހާމަކޮށްފައިވެ އެވެ.

އެކަމުގެ ސަބަބުން ރާއްޖޭގެ ކަނޑުތަކުގެ ފިނިހޫނުމިން ކުރިއަށް އޮތް މަސްތަކުގައި ވަރަށް ބޮޑަށް މައްޗަށް ގޮސް، ގާހުދުވުމުގެ ފުރުސަތު ބޮޑު ކަމަށް މޯލްޑިވްސް މެރިން ރިސާޗު އިންސްޓިޓިއުޓުން ވަނީ މިދިޔަ މަހުގެ މެދުތެރޭގައި އިންޒާރު ދިނެވެ.

ފާހަގަކޮށްލެވޭ ކަމެއް - 1998 އަދި 2016ގައި ކުރިމަތިވި އެލް ނީނޯ ހާލަތާ ގުޅިގެން ރާއްޖޭގެ ބޮޑު ސަރަހައްދެއްގައި ގާ ހުދުވެ، ފަރުތައް މަރުވި އެވެ.

2016ގެ އެލް ނީނޯގައި ބ. އަތޮޅުގެ ފަރަކުން ގާ ހުދުވެ، މުރަކަތައް މަރުވެފައި. (ފޮޓޯ/ މެރިން ޖާނަލް މޯލްޑިވްސް)

މި އަހަރުގެ އަންދާޒާތަކަށް ބަލާއިރު، މިހާރު ރާއްޖެ ސަރަހައްދުގައި ގާ ހުދުވުމުގެ އެލާޓު އޮތީ 'ވޮޗު' ލެވަލްގަ އެވެ. އޭޕްރިލް މެދުތެރެއިން ފެށިގެން އެލާޓް ލެވެލް އިތުރަށް މަތިވެ، ގާ ހުދުވުމުގެ ފުރުސަތު އިތުރަށް ބޮޑުވާނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް