ކަނޑުފަޅުގެ ހާލަތު ދެނެގަތުމަށް 'ނޫރާއްޖެ' އިން ކުރިއަށް ގެންދިޔަ ހަރަކާތެއްގައި، މުރަކަތަކުގެ ހާލަތު ބަލަނީ. (ފޮޓޯ/ނޫރާއްޖެ

ގާ ހުދުވުން

ލޮނުގަނޑު ހޫނުވެ، ގާ ހުދުވުމުގެ ނުރައްކާ ބޮޑުވުމުގެ އިންޒާރު ދީފި

މެއި މަހުގެ ތެރޭގައި ރާއްޖޭގައި 'ކޮރަލް ބްލީޗިން އެލާޓު ލެވަލް' ހުންނާނީ އެންމެ ނުރައްކާތެރި ހިސާބުގައި

ކުރިއަށް އޮތް ހަފްތާތަކުގައި ރާއްޖޭގެ ކަނޑުތަކުގެ ފިނިހޫނުމިން ވަރަށް ބޮޑަށް މައްޗަށް ގޮސް، ގާ ހުދުވެ، ފަރުތަކުން މުރަކަތައް މަރުވުމުގެ ފުރުސަތު ބޮޑުވާނެ ކަމަށް މޯލްޑިވްސް މެރިން ރިސާޗު އިންސްޓިޓިއުޓް (އެމްއެމްއާރުއައި) އިން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - އެމެރިކާގެ ސައިންސް އެޖެންސީއެއް ކަމަށްވާ ނޭޝަނަލް އޯޝިއޭނިކް އެންޑް އެޓްމޮސްފެރިކް އެޑްމިނިސްޓްރޭޝަން (ނޮއާ)ގެ ހޯދުންތަކާ ހަވާލާދީ، ކުރިއަށް އޮތް 12 ހަފްތާގެ ތެރޭގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި 'ކޮރަލް ބްލީޗިން އެލާޓު' ލެވެލް ހުރި ހިސާބު ދައްކުވައިދޭ ޗާޓުތަކެއް އެ އިންސްޓިޓިއުޓުން މިއަދު ވަނީ ޓުވިޓާގައި އާންމުކޮށްފަ އެވެ.

ތަފްސީލް - އެ ޗާޓުތަކުން ދައްކާ ގޮތުގައި:

  • މި ވަގުތު ކަނޑުގެ ލޮނުގަނޑުގެ ފިނިހޫނުމިން ހުރި ވަރުން ފަރުތަކަށް އެއްވެސް ނުރައްކަލެއް ނެތް

  • ހަފްތާއަކަށް ފަހު ނުރައްކާވާ މިންވަރު ދާނީ އިތުރުވަމުން

  • އެލާޓު ލެވަލް އެންމެ ނުރައްކާތެރި ހިސާބަށް ދާނީ އަންނަ މެއި މަހު ކަމަށް އަންދާޒާތަކުން ދައްކާ

ކުރިއަށް އޮތް 12 ހަފްތާގައި ރާއްޖޭގެ ކަނޑުތަކުގެ ފިނިހޫނުމިން ހުންނާނެ މިންވަރު.

އެނގުން މުހިއްމު - ކަނޑުގެ ލޮނުގަނޑުގެ ފިނިހޫނުމިން މާ ބޮޑަށް މަތިވުމުން މުރަކައިގެ ޓިޝޫތަކުގައި ދިރިއުޅޭ އަލްގީ މުރަކައިން ބޭރުކޮށްލަ އެވެ. މުރަކައަށް އޭގެ ގަދަ ކުލަތައް ލިބެނީ މި އަލްގީގެ ސަބަބުން ކަމަށް ވުމުން، އަލްގީތައް ބޭރުވުމާ އެކު މުރަކައިގެ ކުލަ ގެއްލި، ހުދުވެ އެވެ. މިއީ 'ކޮރަލް ބްލީޗިން' ނުވަތަ ގާ ހުދުވުމެވެ.

ގާ ހުދުވުމުން މުރަކަ ވަގުތުން މަރެއް ނުވާނެ އެވެ. ފިނިހޫނުމިން ރަނގަޅު މިންވަރަކަށް ތިރިވެއްޖެ ނަމަ، މުރަކައިގެ ޓިޝޫތަކަށް އަލްގީ ވަދެ، މުރަކަތައް ސަލާމަތްވާނެ އެވެ.

މުރަކަތައް މަރުނުވެ ސަލާމަތްވާ ނިސްބަތް އިތުރުކުރުމަށްޓަކައި މުރަކަތަކަށް ގެއްލުން ލިބޭ އެހެނިހެން ކަންކަން ވީހާ ވެސް މަދުކުރުން މުހިއްމެވެ. މުރަކަތައް މަރުވުމުގެ ފުރުސަތު ބޮޑުވާ ބައެއް ކަންކަމަކީ:

  • މޫދަށް ކުނި އެޅުން

  • މޫދު ތަގައްޔަރުވުން

  • ބިން ހިއްކުން

ރާއްޖޭގެ ރަށެއްގައި މުރަކަ މަރުވެފައި (ފޮޓޯ/ޓްވިޓާ/ސެންޑީ ހުސެން ރަޝީދު)

ބުނީ ކީކޭ؟ - ރާއްޖޭގައި ގާ ހުދުވުމުގެ ފުރުސަތު ބޮޑުވާ ދުވަސްވަރު އާންމުން އެ ކަމަށް ސަމާލުވެ، ބްލީޗިންގެ އަސަރު ފެނިއްޖެ ނަމަ، އެކަން ވަގުތުން ރިޕޯޓު ކުރަން މެރިން ރިސާޗު އިންސްޓިޓުއުޓުން ވަނީ އެދިފަ އެވެ.

އެކަން ރިޕޯޓު ކުރަން އެ އިދާރާ އިން ހާއްސަ އޮންލައިން ފޯމެއް ތައްޔާރުކޮށްފައިވެ އެވެ.

ފަރާއި މުރަކަތަކާ ބެހޭ މައުލޫމާތު އެއްކުރާ ފަރާތްތަކުން އެ މައުލޫމާތު މެރިން ރިސާޗު އިންސްޓިޓިއުޓާ ހިއްސާކުރަން ވެސް އެ ތަނުން އެދުނެވެ.

ފާހަގަކޮށްލެވޭ ކަމެއް - ކޮންމެ އަހަރަކު ވެސް ފެބްރުއަރީ އާއި މެއި މަހާ ދެމެދު ރާއްޖޭގެ ކަނޑުތަކުގެ ފިނިހޫނުމިން މައްޗަށް ދެ އެވެ. އަދި ކޮންމެ އަހަރެއްގެ މި ދުވަސްވަރު ރާއްޖޭގެ ފަރުތަކުން ގާ ހުދުވާ މައްސަލަ ފަހަކަށް އައިސް ބޮޑުވަމުންދާ ކަމުގެ އިންޒާރު ޑައިވަރުން ދެ އެވެ.

މިދިޔަ އަހަރުގެ މި ދުވަސްވަރު މެރިން ރިސާޗު އިންސްޓިޓިއުޓުން ނެރެފައިވާ ޗާޓުތަކާ އަޅާބަލާއިރު، ރާއްޖެގެ ކަނޑުގެ ސަރަހައްދުގެ ފިނިހޫނުމިން މި އަހަރު އެއަށް ވުރެ މާ ބޮޑަށް މައްޗަށް ދާނެ އެވެ.

މިދިޔަ އަހަރުގެ މި ދުވަސްވަރު ކަނޑުގެ ފިނިހޫނުމިން ހުރި މިންވަރު: އެއާ އަޅާބަލާއިރު މި އަހަރު މުރަކަތަކަށް މާ ނުރައްކާ ބޮޑު.

އެނގުން މުހިއްމު - ކަނޑުގެ ފިނިހޫނުމިން މައްޗަށް ދަނީ މޫސުމީ ބަދަލުތަކުގެ ސަބަބުންނެވެ. ޖައްވަށް ބޭރު ކުރާ ވިހަ ގޭސްތައް ޖައްވުގެ ތެރޭގައި ހިފެހެއްޓި، ދުނިޔެ ހޫނުވެގެންދާ ވަރަކަށް، ކަނޑުގެ ލޮނުގަނޑު ވެސް ހޫނުވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް