ސިނަމާލެ ބްރިޖުގެ މަސައްކަތް ހިނގަމުންދިޔައިރު ނަގާފައިވާ ފޮޓޯއެއް. ހޫނުގަދަވާ ދުވަސްވަރު އަވީގައި މަސައްކަތް ކުރާ މީހުންނަށް ސިއްހީ މައްސަލަތައް ދިމާވުމުގެ ފުރުސަތު ބޮޑު. (ފޮޓޯ/ ރޮއިޓާސް)

މޫސުން

ހޫނުކަން އިހުސާސްކުރެވޭ ވަރު 40 ޑިގްރީއަށް އަރާތީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން އިލްތިމާސްކޮށްފި

މި ދުވަސްވަރު އެންމެ ބޮޑަށް ހޫނުވާނީ މެންދުރު 2 ޖަހާ އެހާއިރު ކަމަށް ވާތީ، އެ ވަގުތު ބޭރަށް ނުކުތުމުގައި ސަމާލުވާން މެޓުން ވަނީ އެދިފައި
22 އޭޕްރީލު 2023

މި މަހަކީ ރާއްޖެއަށް އެންމެ ހޫނުގަދަވާ މަސް ކަމަށާއި ބައެއް ވަގުތުތަކުގައި ހޫނުކަން އިހުސާސްކުރެވޭ ވަރު 40 ޑިގްރީ ސެލްސިއަސްއަށް މައްޗަށް ދާނެތީ ބޭރަށް ނުކުތުމުގައި ސަމާލުވުމަށް މޫސުމާ ބެހޭ އިދާރާ، މެޓް އޮފީހުން މިއަދު އިލްތިމާސްކޮށްފި އެވެ.

ވީ ކިހިނެއް؟ - މިއަދު ހެނދުނު 11ގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފިނިހޫނުމިން ހުރި މިންވަރާ އެކު މެޓް އޮފީހުން ކުރި ޓްވީޓުގައިވާ ގޮތުން، އެކި ސަރަހައްދުތަކުގައި ފިނި ހޫނުމިން ހުރީ 31.6 ޑިގްރީ ސެލްސިއަސް އާއި 32 ޑިގްރީ ސެލްސިއަސްއާ ދެމެދުގަ އެވެ.

1992 އާއި 2021އާ ދެމެދުގެ އެވްރެޖް ތަފާސްހިސާބުން ދައްކާ ގޮތުން ރާއްޖޭގެ ފިނިހޫނުމިން އަބަދުވެސް އެންމެ މަތީ އޭޕްރިލް މަހު. (ފޮޓޯ/މެޓް އޮފީސް)

ތަފްސީލް - ނަމަވެސް މި ދުވަސްވަރު ވައި މަޑުވެ، އޭގެ ސަބަބުން ވައިގެ ތެތްކަން މަތިކޮށް ހިފެހެއްޓިފައި ހުރުމުގެ ސަބަބުން ވައިގެ ހޫނުމިނަށް ވުރެ އިހުސާސް ކުރެވޭ ހޫނިމިން އެތައް ގުނައެއް މަތިވާކަން މެޓް އޮފީހުން ފާހަގަކުރި އެވެ. އެގޮތުން، ރާއްޖޭގެ އެކި ހިސާބުތަކުގައި 'ފީލްސް ލައިކް ޓެމްޕެރޭޗާ' ނުވަތަ އިހުސާސް ކުރެވޭ ހޫނުމިން ހުރީ:

  • ހަނިމާދޫ - 40.4 ޑިގްރީ ސެލްސިއަސް

  • ހުޅުލެ - 39.3 ޑިގްރީ ސެލްސިއަސް

  • ކައްދޫ - 40.4 ޑިގްރީ ސެލްސިއަސް

  • ކާޑެއްދޫ - 39.6 ޑިގްރީ ސެލްސިއަސް

  • ގަން - 39.8 ޑިގްރީ ސެލްސިއަސް

މި ފަސް ސްޓޭޝަނުން ރިކޯޑު ކުރެވޭ ފިނިހޫނުމިން މެޓް އޮފީހުގެ ވައިބާ ގްރޫޕުގައި ކޮންމެ ދުވަހަކު ހެނދުނު 11 އާއި މެންދުރުފަހު 2 ޖަހާއިރު އަދި ހަވީރު 5ގައި ހިއްސާ ކުރާނެ އެވެ. 

ކޮންމެ ދުވަހަކު ވެސް އެންމެ ހޫނު ގަދަވާ ކަމަށް ފާހަގަކުރެވެނީ މެންދުރުފަހު 2 ޖަހާއިރު ކަމަށް މެޓުން ބުންޏެވެ.

އިހުސާސްކުރެވޭ ހޫނުމިން މިހާ މަތިވުމުގެ ސަބަބުން ސިއްހީ ބައެއް މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު ބޮޑެވެ. އެކަންކަން ފާހަގަކޮށް، ރައްކާތެރިވުމަށް އެޅިދާނެ ބައެއް ފިޔަވަޅުތައް މެޓް އޮފީހުން ވަނީ ހިއްސާކޮށްފަ އެވެ.

ހޫނު ގަދަ ވުމުގެ ސަބަބުން ދިމާވެދާނެ ބައެއް ސިއްހީ މައްސަލަތައް:

  • ވަރުދެރަވުން އަދި ހޭނެތުން

  • އަކުނިވަޔަށްދެމުން

  • ބޮލުގައި ރިއްސާ ބޯއެނބުރުން

  • ހަށިގަނޑުން ފެން މަދުވުމުގެ ސަބަބުން ކުޑަކަމުދެވޭ މިންވަރު މަދުވުން އަދި ކުޑަކަމުދާއިރު ކުލަ ގަދަކޮށް ހުރުން

  • ލޮލަށް ލިބޭ ގެއްލުން

  • ހަންގަނޑު އެނދުމުގެ ސަބަބުން ހަންގަނޑު ރަތްވެ ފޮޅުނެގުން އަދި ކުދި ރަތް ބިހި ނެގުން

  • ގަދަޔަށް ދާހިއްލުން

  • ހޮޑުލެވުން

ވަރުދެރަވުން، ބޮލުގައި ރިއްސަ ބޯއެނބުރުން ނުވަތަ އަކުނިވަޔަށް ދެމުން ފަދަ އަލާމާތްތައް ފެންނަ ނަމަ ސިއްހީ ފަރުވާ ހޯދުން މުހިއްމެވެ.

ތުއްތު ކުދިން، އުމުރުން ދުވަސްވީ މީހުން އަދި އަވީގައި މަސައްކަތް ކުރާ މީހުންނަށް މިފަދަ ސިއްހީ މައްސަލަތައް ދިމާވުމުގެ ފުރުސަތު ބޮޑެވެ. އެހެންކަމުން ހޫނު ގަދަ ގަޑިތަކުގައި ތުއްތު ކުދިން ބޭރަށް ނުގެންދިޔުމަށާއި ގެންދަން ޖެހިއްޖެ ހާލަތުގައި ވެސް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް މެޓް އޮފީހުން އިލްތިމާސް ކުރެ އެވެ.

ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަން:

  • ބޭރުގައި އުޅޭއިރު ކުޑަ އެޅުން

  • ކުލަ މަޑު، ހަށިގަނޑު ނިވާވާ ފަދަ ހެދުން ލުން

  • ބޮޑަށް ހިޔާވާ ކަހަލަ ފުޅާ ތޮތްޕެއް ބޭނުންކުރުން

  • ގިނަ ވަގުތު އަވީގައި ހޭދަކުރާ ނަމަ އެސްޕީއެފް 15 އަށް ވުރެ މަތީގެ ސަންސްކްރީން ލޯޝަން ބޭނުންކުރުން

  • ހަށިގަނޑުން ފެންމަދުވިޔަ ނުދިނުމަށް ކަރު ނުހިއްކި ނަމަވެސް ގިނައިން ފެން ބުއިން

  • ޔޫވީ ރޭޑިއޭޝަން ފިލްޓާކޮށްދޭ ފަދަ އަވިއައިނެއް ބޭނުންކުރުން

  • ގިނައިން ހަކުރު ހުރި ބުއިންތައް ބޭނުންނުކުރުން

  • އެންމެ ހޫނު ގަދަވާ ވަގުތު ބޭރަށް ނުނިކުތުން

ރަށެއްގެ އަތިރިމަތީގައި ހުރި ޖޯލިތަކެއްގައި އަންހެނުންތަކެއް އިށީނދެގެން (ދައުރު ފޮޓޯ/އައިމިނަތު ޝިފްލީން)

ފަސްމަންޒަރު - ކޮންމެ އަހަރަކު ވެސް ރާއްޖޭގައި އެންމެ ބޮޑަށް ހޫނުގަދަވަނީ އޭޕްރިލް އަދި މެއި މަހު އެވެ. މިދިޔަ އަހަރު ރާއްޖޭގެ ފިނިހޫނުމިން އެންމެ މައްޗަށް އަރާފައިވަނީ އޭޕްރިލް-މެއި ގައި 33.8 ޑިގްރީ ސެލްސިއަސް އަށެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދުނިޔޭގެ ކަނޑުތަކުގެ ފިނިހޫނުމިން އާދަޔާހިލާފަށް އުފުލެން މެދުވެރިވާ 'އެލްނީނޯ'ގެ އަސަރު ވެސް ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖެއަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓުން އިންޒާރުދީފައިވެ އެވެ.

މި ދުވަސްވަރު ހޫނު ގަދަވުމުގެ ސަބަބުން ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވަމުންދާތީ، ކަރަންޓު އިގްތިސޯދު ކުރަން ސްޓެލްކޯއިން ވަނީ ގޮވާލައިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް