ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް 25 ޑިސެމްބަރު 2022ގައި ހުކުމްކުރުމުގެ ހިތާމައިގައި އިދިކޮޅުން ކުރި މުޒާހަރާގައި ޕީއެންސީގެ ލީޑަރު އަބްދުއްރަހީމް އަބްދުﷲ (ދައުރު ފޮޓޯ/މުޒައްޔިން ނާޒިމް)

އެތައް ޖަޒުބާތެއް ބަންޑުންވި 2022ގެ ހޫނާއި ފިނި

އަހަރުގެ ބޮޑެތި ސުރުހީތަކާއި އިޖުތިމާއީ އަދި ސިޔާސީ ހަގީގަތްތަކުން ކުރިމަތިވި ހިތާމަ އާއި ރުޅިވެރިކަމާއި މާޔޫސްކަމުގެ އަނެއްކޮޅުން ހިތްހަމަޖެހުމާއި އުއްމީދު ވެސް ލިބުނު

ކޮވިޑް ބަލިމަޑުކަމުގެ ބޮޑު ހުއްޓުމަށް ފަހު ހުޅުވިގެން އައީ 2021ގަ އެވެ. އާދައިގެ ދިރިއުޅުމަކަށް މުޅިން އެނބުރިދިޔުމުގެ ތަޖުރިބާ ގިނަ މީހުންނަށް ކުރެވުނީ 2022ގެ ތެރޭގަ އެވެ. ދަތުރުފަތުރުގެ ބާކީ ހުރި ހުރަސްތައް ފިލައި، އިގްތިސޯދު ބޮޑަށް ހިނގައިގަނެ، ވަޅުޖެހުނު އާމްދަނީތަކަށް ހަގީގީ ދިިރުމެއް ލިބެން ފެށި އެވެ.

ކޮވިޑަށް ފަހު ބައެއް ކަންކަން ދިމާ އިހު ހުރި ގޮތަށް އިއާދަވި އިރު، އަނެއްބައި ކަންކަން އުވިހިނގައްޖެ އެވެ. ބައެއް ކަންކަން ރަނގަޅުން ގޯހަށް، އަނެއްބައި ކަންކަން ގޯހުން ރަނގަޅަށް ބަދަލުވެއްޖެ އެވެ. ނުވަތަ ބަދަލަކަށް މިސްރާބު ޖަހައިފި އެވެ. ދެން ހުރީ ދުނިޔެ ހުއްޓުނަސް ދެގޮތެއް ނެތްކަން ހާމަވި ކަންކަމެވެ.

ދިވެހިން ވެސް 2022 ތަޖުރިބާކުރީ އެފަދަ ގޮތަކަށެވެ. ސީދާވި ހުވަފެންތަކުގެ އަނެއްކޮޅުގައި މަރުތަޅުއެޅިފައި ހުރި އުއްމީދުތަކެއް ހުއްޓެވެ. އަހަރުގެ ބޮޑެތި ސުރުހީތަކާއި އިޖުތިމާއީ އަދި ސިޔާސީ ހަގީގަތްތަކުގެ ފަހަތުން އައީ އެ އިހުސާސްތަކެވެ. ފާޅުވީ އެ ޖަޒުބާތުތަކެވެ.

ޒުވާން އަންހެނެއްގެ އަނިޔާވެރި މަރު

ރޭގަނޑެއްގައި އެންމެން ސިއްސުވާލި އެ މަރަކީ ފަހުގެ ތާރީހެއްގައި ރާއްޖެ ދުށް އެންމެ ބޮޑު އެއް އަނިޔާވެރިކަމެވެ. މާލޭގެ ގެއެއްގެ ތެރޭގައި ޝިއާއު މުހައްމަދު ސައީދު، 22، މަރާލައި އެއަށް ފަހު އޭނާގެ ފުރާނަ ނެތް ހަށިގަނޑަށް ވެސް ލާއިންސާނީ ބޮޑެތި އަނިޔާތައް ދިން ގޮތް ގަބޫލުކުރަން ދަތިވި އެވެ.

ހ. ޝީރީންވިލާގެ ނުވަވަނަ ފަންގިފިލާގައި 6 އޮގަސްޓް 2022 ވަނަ ދުވަހުގެ ރޭ ޝިއާއު މުހައްމަދު ސައީދު މަރާލުމާ ގުޅިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަނީ. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ތުހުމަތު އޮތީ ޝިއާއުގެ ރަހުމަތްތެރިޔާ އަލީ ސާހިލް، 23، އަށެވެ. މައްސަލައިގެ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ސާހިލްގެ މައްސަލަ 28 ޑިސެމްބަރުގައި ކްރިމިނަލް ކޯޓަށް ވަނީ ފޮނުވައިފަ އެވެ. ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އާއި އިތުރު ހަތަރު ދައުވާއެއް ކުރުމަށެވެ. ނަމަވެސް 6 އޮގަސްޓުގެ މަރަށް ހަތަރު މަސް ފުރި އަހަރު ނިމިގެން ދިޔައީ އެ އަމަލުގެ ފަހަތުގައި އޮތީ ކޮން ކަމެއްކަން އާއްމުންނާ ހިސާބަށް ތިލަނުވެ އެވެ.

ޝާހިލްގެ ކުރީގެ ފޮޓޯއެއް (ވ) އަދި 6 އޮގަސްޓް 2022ގައި ޝިއާއު މަރާލާފައި އޮއްވާ ފެނުނު އެޕާޓްމެންޓުން އޭނާ ހައްޔަރުކޮށްގެން ގެންގޮސް ފުލުހުންގެ ކާރަކަށް އަރުވަނީ

ހ. ޝީރީންވިލާ ގޭގެ ނުވަ ވަނަ ބުރީގައި ސާހިލް ދިރިއުޅޭ އެޕާޓްމަންޓުގައި ޝިއާއު މަރާލި މައްސަލައިގެ މާ ގިނަ ތަފްސީލްތަކެއް ފުލުހުން ދީފައެއް ނުވެ އެވެ. ތަހުގީގާ ބެހޭ ގޮތުން އެންމެ ފަހުން އެނގިފައިވަނީ މަރާލި ސަބަބުގެ ހެކި ހޯދުމަށް، ސާހިލްގެ ފޯނުގައި ހުރި މައުލޫމާތުތައް ދިރާސާކުރަމުން އައި ކަމެވެ. ފުލުހުން އޭގެ ކުރިން ބުނެފައިވާ ގޮތުގައި ޝިއާއު މަރާލުމުގެ ފަހަތުގައި އޮތް ކަމަށް ގަބޫލުކުރެވޭ ސަބަބު އޮތީ ހޯދިފަ އެވެ؛ ނަމަވެސް މައްސަލަ ޝަރީއަތަށް ފޮނުވުމަށް އެކަމުގެ އިތުރު ހެކި އޭރު ގެންދިޔައީ ހޯދަމުންނެވެ.

ޝިއާއުގެ މަރު ހިމެނޭ ގޮތަށް، މާލޭގައި ހިނގި ބައެއް މަރުތަކާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ފުލުހުން 15 އޮކްޓޯބަރު 2022 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުހައްމަދު ބަޝީރު (މ) ވާހަކަދައްކަވަނީ. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

މީހަކު މަރާލުމުގެ ތުހުމަތުގައި ސާހިލް ހައްޔަރުކުރުމަކީ، އޭނާ ދަންނަ ޒުވާން ބައެއް އަންހެނުން ހައިރާންވި ކަމެއް ނޫނެވެ. ސްކޭޓްކުރުމުގެ ހުނަރުން މަގްބޫލުކަން ހޯދި ޒުވާނާ މަރުގެ މައްސަލައެއްގައި ޖަލުގެ ތޭރިތަކުގެ ބިތްދޮށަށް ދިޔައީ ގެވެށި އަނިޔާގެ އިތުރު ތުހުމަތުތައް ވެސް ބޮލުގައި އެޅިގެންނެވެ.

ޓޫރިޒަމްގެ ރަން 50

ރާއްޖޭގެ މުޅި އިގްތިސޯދު އެ ދާއިރާއަކަށް ބަރޯސާވާ ޓޫރިޒަމްގެ ބިންގާ 1972ގައި އަމިއްލަ ވިޔަފާރިވެރިންތަކެއް އެޅީ ވަރަށް އާދައިގެ ގޮތަކަށެވެ. މިހާރުގެ ޒުވާން ޖީލަށް ފެނިފައި ނެތް މާޒީއެއް ނަމަވެސް، އެއީ ރާއްޖެ ފަގީރުކަމުން ތިޔާގިކަމަށް އައުމުގެ ފެށުމެވެ.

ރާއްޖެއަށް ފުރަތަމަ ޓޫރިސްޓުން 1971 ގައި ގެނައި ޖޯޖް ކޯބިން، ރާއްޖޭގެ ފުރަތަމަ ރިސޯޓު ކުރުނބާ ވިލެޖްގެ ފާލަން މަތީގައި 1972 ގައި ހުރި އިރު، ދިވެއްސަކު އޭނާގެ ތުއްތު އަންހެން ދަރިފުޅު އުރާލައިގެން

އެ ދަތުރަށް 50 އަހަރު ފުރުނު އިރު ރާއްޖެ އޮތީ ދުނިޔޭގެ އެންމެ މަތީ ފެންވަރުގެ މަންޒިލެއްގެ ގޮތުގައި ހަމަޖެހިލައިގެންނެވެ. ކޮވިޑްގެ ބިޔަ ރާޅުގައި ޖެހި އެއްކޮށް ހުއްޓިފައި އޮތުމަށް ފަހު އަނެއްކާވެސް ދިރުން ލިބެން ފަށައިފަ އެވެ.

ސެޕްޓެމްބަރު 10، 2022: ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑޮމެސްޓިކް ޓާމިނަލްގައި ފަތުރުވެރިންތަކެއް ހިނގާފައިދަނީ (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ޓޫރިޒަމްގެ ރަން ޔޫބީލް ކުލަގަދަކޮށް ފާހަގަކުރުމުގެ ގިނަ ހަރަކާތްތަކެއް އަހަރު ތެރޭ ފެނުނެވެ. މީގެ ކުރިން އާއްމުންނަށް މާ ބޮޑަށް އޮޅުންފިލާފައި ނެތް ރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީހު ނިއުޅުވިގެން އަ އެވެ. 'ދިވެހިރާއްޖެ' ބްރޭންޑުގެ ސިއްރުތަކާއި އޭގެ ފަހަތުގައި ތިބި އެހާރާއި މިހާރުގެ މީހުންނާއި ހިދުމަތްތައް ފާހަގަކޮށް އަގުވަޒަންކުރި އެވެ. އުފާވެރި މަންޒަރުގެ އަނެއް ފަރާތުގައި ހުރި މައްސަލަތަކާއި ގެންނަން ޖެހޭ ބަދަލުތަކުގެ ވާހަކަދައްކައި އަޑުއުފުލި އެވެ.

ފަތުރުވެރިކަމުގެ ރަން އަހަރު ފާހަގަކުރުމުގެ ގޮތުން، ޓޫރިޒަމް ސިނާއަތަށް ހިދުމަތް ކުރައްވާފައިވާ ބޭފުޅުންގެ އަގުވަޒަންކުރުމަށް 29 ސެޕްޓެމްބަރު 2022 ވަނަ ދުވަހުގެ ރޭ ކްރޮސްރޯޑްސްގައި ބޭއްވި ހަފްލާއެއްގައި ޓޫރިޒަމްގެ ބާނީންގެ ތެރެއިން ތިން ބޭފުޅަކު ބައިވެރިވެވަޑައިގަންނަވަނީ (ފޮޓޯ/ރައީސް އޮފީސް)

ބުރިޖުގެ ބިޔަ މަޝްރޫއު ފެށުން

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން މާލެ އާއި ހުޅުލެ އާއި ހުޅުމާލެ ގުޅާލި ސިނާމާލެ ބުރިޖަށް ފަހު މި ސަރުކާރުގައި އޮތީ 'ގްރޭޓާ މާލެ ކަނެކްޓިވިޓީ' މަޝްރޫއު އެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ތަސައްވުރަކީ މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅިފަޅު ގުޅިފައި އޮންނަ ބޮޑު ހަބެކެވެ.

ތިލަމާލެ ބްރިޖުގެ މަސައްކަތް 21 ސެޕްޓެމްބަރު 2022 ވަނަ ދުވަހު ކުރިއަށް ދަނީ. (ދައުރު ފޮޓޯ/ އިބްރާހިމް އިފާޒް)

އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާއާ 2021ގައި ހަވާލުކޮށްފައިވާ 500 މިލިއަން ޑޮލަރު (6.2 ބިލިއަން ރުފިޔާ)ގެ ބިޔަ މަޝްރޫއުގެ އަމަލީ މަސައްކަތް އޮގަސްޓުގައި ފަށައި ފުރަތަމަ ފިޔަވަހީގައި މާލެ-ވިލިމާލެ ބުރިޖުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ނަމަވެސް މި މަޝްރޫއުއަށް ވަނީ އެއް ކަމަކަށް ވުރެ ގިނަ ކަންކަމުން ހިޔަނިއެޅިފަ އެވެ.

ފުރަތަމަ، ޕްލެޓްފޯމެއް އުރި ވިލިމާލޭ ފަރަށް ލިބުނު ގެއްލުންތަކެވެ. ޖޫރިމަނާކުރުމުން އެފްކޮންސް އިން އެންވަޔަރްމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)ގެ ނިންމުން ގަބޫލުނުކޮށް، މައްސަލަ މިނިސްޓަރަށް އިސްތިއުނާފުކުރި އެވެ.

އޮގަސްޓް 17، 2022: ތިލަމާލެ ބުރިޖުގެ ޕްލްޓްފޯމެއް ވިލިމާލެ ފަރަށް އެރުމުން، އެފްކޮންސް އިން ފުންކުރުމުގެ މަސައްކަތްކުރަނީ (ދައުރު ފޮޓޯ/މުޒައްޔިން ނާޒިމް)

ކެރޭނެއް ބިނދިގެން ކަނޑަށް ވެއްޓުމަކީ މި މަޝްރޫއުއަށް ފާޑުކިޔުން އަމާޒުވި ދެވަނަ ހާދިސާ އެވެ.

ބްރިޖު އެޅުމަށް ބޭނުންކުރަމުން އަންނަ ޑްރެޖަރެއްގެ ކެރޭނު ވެއްޓިފައި. (ފޮޓޯ/އެމްވީކްރައިސިސް)

ދެން އައީ ބްރިޖުގެ މަސައްކަތްކުރާ މުވައްޒަފުން ގުޅިފަޅުގައި ތިބޭ އެކޮމޮޑޭޝަން ބްލޮކުގައި އަލިފާން ރޯވުމެވެ. އެކަކު ގެއްލިފައިވާ އިރު، ރޯވި ތަނުން ހަށިގަނޑެއްގެ ބަޔަކާއި ކަށިތަކެއް ވަނީ ފެނިފަ އެވެ. އެފްކޮންސްގެ 78 މުވައްޒަފަކު ޒަހަމްވެގެން ހޮސްޕިޓަލަށް ގެންގޮސް، ހަތަރު މީހަކު އޮޕަރޭޝަން ކުރަން ޖެހުނެވެ.

ގުޅިފަޅުގައި ހުންނަ އެފްކޮންސްގެ އެކޮމޮޑޭޝަން ބްލޮކްގައި ރޯވެ އަނދަނީ: އެ ހާދިސާގައި 80އެއްހާ މީހުން ޒަހަމްވި

މައްސަލަތަކާ އެކު ވެސް، ކަނޑައަޅާފައި އޮތް ގޮތަށް، ލަސްވެގެން އޮގަސްޓް 2023 އަށް ބުރިޖު ނިންމާލާނެ ކަމުގެ ޔަގީންކަން ސަރުކާރުން ވަނީ ދީފަ އެވެ.

އެންމެ ހިތާމަވެރި އަލިފާނުގެ ހާދިސާ

ރާއްޖޭގައި ފަހުގެ ތާރީހެއްގައި ހިނގި އެންމެ ގެއްލުން ބޮޑު އަލިފާނުގެ ހާދިސާގައި 10 މީހަކު މަރުވި އެވެ.

މ. ނިރުފެހި ގޭގައި 9 ނޮވެމްބަރު 2022 ވަނަ ދުވަހުގެ ރޭ ދަންވަރު ހިނގި އަލިފާނުގެ ހާދިސާގައި މަރުވި މީހެއްގެ ހަށިގަނޑު އެމްބިއުލެންސަށް އަރުވަނީ. (ދައުރު ފޮޓޯ/މުޒައްޔިން ނާޒިމް)

މ. ނިރުފެހި ގޭގައި 9 ނޮވެމްބަރުގެ ރޭ ދަންވަރު ރޯވީ މާލޭގެ ބޮޑެތި މައްސަލަތައް އަނެއްކާވެސް ހަނދާނަށް ގެނެސްދެމުންނެވެ. މީހުން ދިރިއުޅޭ ތަންތަނުގައި ގަރާޖު، ވޯކްޝޮޕް އަދި ވަޑާންގެ ފަދަ ތަންތަން ހިންގުމެވެ. ތޮއްޖެހުމެވެ. އަލިފާނުން ރައްކާތެރިވުމުގެ ފިޔަވަޅުތަކެއް ނެތުމެވެ. ބިދޭސީ މަސައްކަތްތެރިންގެ ހައްގުތަކާ މެދު އިހުމާލުވުމެވެ.

މ. ނިރުފެހި ގޭގައި 9 ނޮވެމްބަރު 2022 ވަނަ ދުވަހުގެ ރޭ ދަންވަރު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ސިފައިން އެ ގޭގައި ހަރަކާތްތެރިވަނީ. (ދައުރު ފޮޓޯ/އަބްދުﷲ ރިޒާ)

މަރުވި އިންޑިއާގެ އަށް މީހުންނާއި ބަންގްލަދޭޝްގެ ދެ މީހުންގެ ހަށިގަނޑު އެ މީހުންގެ ގައުމަށް ވަނީ ފޮނުވާލައިފަ އެވެ. ގޭގެ ތިރީގައި ގަވާއިދާ ހިލާފަށް ހިންގަމުންދިޔަ ގަރާޖު ހުއްޓުވާފައި ނެތް ސަބަބެއް އަދި އެ ތަނުގައި ރޯވީ ކީއްވެގެން ކަމެއް އޮތީ ނޭނގި އެވެ. 

މޮރިޝަސްގެ މައްސަލަގަނޑު

މިއީ އަހަރު ތެރޭ ސަަރުކާރަށް ސިޔާސީ ގޮތުން އަމާޒުވި އެންމެ ހޫނު ތީރެވެ. "ކަނޑު ވިއްކާލަން" އުޅުމުގެ ތުހުމަތު އެޅި ސަރުކާރަށް ދިފާއުވާން މަޖުބޫރުވީ ރާއްޖޭގެ ދެކުނުން އިން ވަކިކުރުމަށް ހިނގަމުންދިޔަ ގާނޫނީ މައްސަލަ، ޗާގޮސްގެ މިލްކުވެރިކަމާ މެދު މޮރިޝަސް އާއި އިނގިރޭސިވިލާތާ ދެމެދު އޮތް ޒަމާންވީ މައްސަލައާ ގުޅިގެންނެވެ.

ރާއްޖެ އާއި މޮރިޝަސްގެ މައްސަލަ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީގައި ކުރިއަށްދާ އިރު ބަންޑާރަ ނާއިބު އިބްރާހީމް ރިފްއަތު ރާއްޖޭގެ ފަރާތުން ވަކާލާތުކުރައްވަނީ. (ފޮޓޯ/އިޓޮލްސް)

ޗާގޮސްގެ ހައްގުވެރިޔަކީ މޮރިޝަސް ކަމަށް ބަލައިގަންނަން އދ.ގައި ރާއްޖެ އިން އިންކާރުކުރަމުން އައި ސިޔާސަތު ބަދަލުކުރުމުން، އިން ވަކިކުރާ އިރު ރާއްޖޭގެ ބައެއް ގެއްލޭނެ ކަމަށް ބުނެ އެކި ފަރާތްތަކުން ވާހަކަދައްކާފައިވެ އެވެ. އަދި އޭގެ އަޑީގައި އިންޑިއާގެ ނުފޫޒު އޮތް ކަމަށް ތުހުމަތުކޮށްފައިވެ އެވެ. އެ ވާހަކަތައް ދޮގުކޮށް ސަރުކާރުން ބުނެފައިވަނީ މޮރިޝަސްގެ ހައްގު ބަލައިގަތުމަކީ ރާއްޖެއަށް ގެއްލުމެއް ނެތް، އިން ވަކިކުރުމާ މުޅިން ތަފާތު ކަމެއް ކަމަށެވެ.

9 ނޮވެމްބަރު 2022: ރާއްޖެ-މޮރިޝަސް މައްސަލައިގައި ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބަންޑާރަ ނާއިބު އިބްރާހިމް ރިފްއަތާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު (ފޮޓޯ/ ރައީސް އޮފީސް)

ރިޔާސީ އިންތިހާބުގެ ފޯރި ގަދަވެގެން އަންނަ އިރު މި މައްސަލަގަނޑު އަލުން ހިލި ސަރުކާރަށް އަނެއްކާވެސް ދިފާއަށް ކުޅެން ޖެހުން އެކަށީގެންވެ އެވެ.

ޔާމީން އަނެއްކާވެސް ޖަލަށް

ފުރަތަމަ ހުކުމް ސުޕްރީމް ކޯޓުން 2021ގައި ބާތިލްކޮށް އެމަނިކުފާނު މިނިވަނަކަށް ވެވަޑައިގަތެވެ. ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓްގެ ހައިސިއްޔަތު ހޯއްދެވި އެވެ. އެކަމަކު އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި އަނެއްކާވެސް ޖަލަށް ވަޑައިގަންނަވަން ޖެހި، އަލުން ވެރިކަން ކުރެއްވުމުގެ ހުވަފެން ސީދާނުކުރެއްވިދާނެ ކަމުގެ ބިރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކުރިފުޅުމަތީގައި އޮތެވެ.

އެންމެ ފަހުން، ވ. އާރަށް ކުއްޔަށް ދޫކުރުމުގައި 1 މިލިއަން ޑޮލަރުގެ ރިޝްވަތު ނަންގަވައި އެ ފައިސާ ލޯންޑާކުރެއްވުމުގެ ކުށް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުގައި ސާބިތުވީ އެވެ.

އާރަށް މައްސަލައިގައި ހުކުމް ތަންފީޒުކުރަން 25 ޑިސެމްބަރު 2022ގައި ކުރީގެ ރައީސް ޔާމީން މާފުއްޓަށް ގެންދަން ކަރެކްޝަންސްގެ ލޯންޗަށް އަރުވަނީ (ދައުރު ފޮޓޯ/އަބްދުﷲ ރިޒާ)

އެގާރަ އަހަރުގެ ހުކުމެއް އިއްވައި 25 ޑިސެމްބަރުގައި އެމަނިކުފާނު މާފުށީ ޖަލުގައި ބަންދުކުރުމުން ސަޕޯޓަރުން މުޒާހަރާއަށް ނުކުތެވެ. މަތީ ކޯޓަށް މައްސަލަ ހުށަހެޅުމަށް ވަކީލުން އަވަސްވެގަތެވެ.

25 ޑިސެމްބަރު 2022 - ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލައި އިދިކޮޅުން ކުރި މުޒާހަރާގެ ތެރެއިން (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ދަށު ކޯޓުގެ ހުކުމުގެ ސަބަބުން ޔާމީނަށް ރިޔާސީ ކެންޑިޑޭޓެއްގެ ޝަރުތެއް އުނިވި ނަމަވެސް، އިސްތިއުނާފުގެ ހައްގު އޮތުމުން، އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތެއް އަދި ނުގެއްލެ އެވެ. ނަމަވެސް އެ ގޮތް މެދުވެރިވެއްޖެ ހިނދެއްގައި އިދިކޮޅުން ދެން ނުކުންނާނީ ކޮން ކެންޑިޑޭޓެއްތޯ، އެއީ އަހަރުގެ ފަހު ހަފްތާގައި ރާއްޖޭގެ ސިޔާސީ ޖައްވު ތެރޭ އޮތް އެންމެ ބޮޑު ސުވާލެވެ.  

25 ޑިސެމްބަރު 2022 - ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލައި އިދިކޮޅުން ކުރި މުޒާހަރާގެ ތެރެއިން (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ފެރީ އާއި ބަސް ދަތުރުގެ ހިތްހަމަޖެހުން

މި ވެރިކަމުގެ އެންމެ ބޮޑު އެއް ކާމިޔާބީގެ ގޮތުގައި ސަރުކާރުން ގުނާ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް)އާ އެކު އާއްމުންނަށް ލިބުނު ހިތްހަމަޖެހުން ވެސް ބޮޑެވެ. މާލޭގައި ނަމަ ބަހުގެ ހިދުމަތެވެ. އަތޮޅުތެރޭގައި އަރާމު، ހައި-ސްޕީޑް ފެރީ އެވެ.

މާލޭގައި މިނީ ބަހުގެ ހިދުމަތް ފެށުމުގެ ގޮތުން އެމްޓީސީސީން 18 އޮގަސްޓް 2022 ވަނަ ދުވަހު ކުރިއަށް ގެންދިޔަ ޓެސްޓު ބުރެއްގައި ބަޔަކު ބަހަށް އަރަނީ. (ފޮޓޯ/އެމްޓީސީސީ)

އަބަދުވެސް ދަތިކޮށް އޮންނަ ދަތުރުފަތުރަށް އާރުޓީއެލް އިން ލިބެން ފެށި ލުޔާ އެކު ތަރުހީބު ބޮޑެވެ. މާލޭގައި ދުވާލަކު އެވްރެޖުކޮށް 4،000 އަށް ވުރެ ގިނަ މީހުން މިނީ ބަސް ބޭނުންކުރެ އެވެ. އާރުޓީއެލް ފެރީގެ ހިދުމަތް ފެށި ފުރަތަމަ ތިން އަތޮޅުގައި ދުވާލަކު އެވްރެޖުކޮށް 800 އެއްހާ މީހުން އެ އިން ދަތުރުކުރެ އެވެ.

ފުރަތަމަ ފިޔަވަހީގައި ހއ.، ހދ. އަދި ށ. އަތޮޅުގެ ރަށްތައް ފެރީން ގުޅާލުމަށް ފަހު ނޮވެމްބަރުގައި އާރުޓީއެލް ހިދުމަތް ޅ. އަތޮޅަށް ވަނީ ތައާރަފްކޮށްފަ އެވެ.

ހއ. އަށް ދަތުރު ފެށުމަށް ތައްޔާރުވެފައި އޮތް އާރުޓީއެލްގެ ފެރީއެއް (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެފައިވާ ގޮތުގައި އާރުޓީއެލްއަކީ މުޅި ރާއްޖެއަށް އެއް ހަމައަކުން ތަންފީޒުކުރާނެ ހާއްސަ ތަސައްވުރެކެވެ.

އެމްޓީސީސީން 537 މިލިއަން ރުފިޔާއަށް އެ މަޝްރޫއުއާ ހަވާލުވީ ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

ބަރަހަނާ ވީޑީއޯތަކެއްގެ ލަދު

ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރްއާ އެކު މާލޭގެ ކޮޓަރިއެއްގެ ތެރޭގައި ފިރިހެނުން އެއް ޖިންސުން ގުޅުން ހިންގުމުގެ ބޮޑު ކަންތައްގަނޑެއް އާއްމުންގެ ލޯމައްޗަށް ފާޅުކުރީ ސޯޝަލް މީޑިއާއަށް ލީކުކުރަން ފެށި ބަރަހަނާ މަންޒަރުތަކަކުންނެވެ.

ބަރަހަނާ މަންޒަރުތައް ނެގުމަށް ބޭނުންކުރި ކޮޓަރި: އެއް ޖިންސުން ގުޅުން ހިންގުމުގެ މައްސަލައިގައި ގިނަ ބަޔަކު ހިމެނޭ

ސިޔާސީ އަދި އެ ނޫން ވެސް ގޮތްގޮތުން އާއްމުންނަށް އެނގޭ މީހުން އޭގެ ތެރޭގައި ހިމެނި، ހައްޔަރުކުރި އެވެ. އަލަމްގީރުގެ އިތުރުން ބައެއް މީހުންގެ މައްޗަށް، އެއް ޖިންސުން ޖިންސީ ގުޅުން ހިންގުމުގެ ދައުވާ ކުރި އެވެ. 

ބަރަހަނާ ވީޑިއޯތައް ބޭނުންކޮށްގެން ބްލެކްމެއިލް ކުރުމުގެ ތުހުމަތުގައި ވެސް ބަޔަކު ހައްޔަރުކޮށް ބަންދުކުރި އެވެ.

އެތައް ގޮތަކުން ހޫނުވި ބޮޑު މައްސަލައެކެވެ. ދީނީ، އިޖުތިމާއީ، ޖިނާއީ އަދި ސިޔާސީ ގޮތުން ވެސް މެ އެވެ. އެކަމަކު ހަމަ އެހާމެ ބޮޑަށް ސަމާސާ ވެސް ހިލުނެވެ. ސޯޝަލް މީޑިއާ މީމްތަކުން ފުރާލި އެވެ.

ސިއްހީ ދިރާސާ އިން ބިރެއް ހަގީގަތަކަށް

ފުރާނައަށް ނުރައްކާ ބޮޑެތި ބަލިތަކާއި ކުއްލި މަރު އާއްމުވުމާ މެދު ސިއްހީ މާހިރުންގެ ލަފާކުރުން އޮތީ ވެސް އެގޮތަށެވެ: ދިވެހިންގެ ދިރިއުޅުމުގެ ހުރިހާ ކަމެއް ބައްޓަންވެފައި ހުރީ ދުޅަހެޔޮކަމަށް ހުރަސްއެޅޭ ގޮތަށެވެ. އެންމެ ފަހުން ދިރާސާއިން އޭގެ ހެކި ލިބުނެވެ.

ގައިންގަޔަށް ނާރާ ބަލިތައް ދިވެހިންގެ މެދުގައި ހުރި މިންވަރު ދެނެގަތުމަށް ހެދި 'ސްޓެޕްސް' ދިރާސާގެ ނަތީޖާ ޑރ. ޝީނާ މޫސާ ހުށަހަޅުއްވައިދެއްވަނީ (ފޮޓޯ/ރައީސް އޮފީސް)

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އާއި ރާއްޖޭގެ ހެލްތު ޕްރޮޓެކްޝަން އެޖެންސީ އާއި ގައުމީ ޔުނިވަސިޓީ ގުޅިގެން ހެދި 'ސްޓެޕްސް' ދިރާސާގެ ނަތީޖާ އިން ނޮވެމްބަރު މަހު އެނގުނު ގޮތުގައި ރާއްޖޭގެ ގިނަ ބަޔަކު އުޅެނީ ސިއްހަތަށް ގެއްލުންހުރި ދިރިއުޅުމެކެވެ. ދުންފަތާއި މަސްތުވާތަކެއްޗާއި ރަލުގެ އިސްތިއުމާލެވެ. ފައިދާހުރި ކާނާ ކެއުން މަދުވެފައި ގެއްލުންދެނިވި ކާބޯތަކެތި އިސްކުރުމެވެ. ހެލިފެލިވެއުޅުން ކުޑަވުމެވެ.

27 ޖެނުއަރީ 2022: ހުޅުމާލޭގެ ރަށުތެރެ މާރުކޭޓުގެ ތަނަކުން މީހަކު ވިޔަފާރިކުރަނީ. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

އެ ދިރިއުޅުމުގެ ތެރެއިން އެތައް ބަޔަކު ތިބީ ނުރައްކަލުގެ ތެރޭގަ އެވެ. ލޭގެ ކޮލެސްޓްރޯލާއި ޕްރެޝަރާއި ހަކުރު މައްޗެވެ. ހައްތަހާ ވެސް، ހިތުގެ ބަލިތަކާއި ސްޓްރޯކާއި ކެންސަރު ފަދަ ބަލިތަކަށް ހުށަހެޅިދާނެ ސަބަބުތަކެވެ.

ފުން ކަނޑު ލޯމައްޗަށް

ރާއްޖޭގެ ކަނޑުގެ އަޑީ ބައި ބެލުމުގެ ފުރަތަމަ ދިރާސާ ތާރީހުގެ ތެރެއަށް ވަދެގެންދިޔައީ ޝައުގުވެރި މަންޒަރުތަކާއި މުހިއްމު މައުލޫމާތުތަކުން ފުރިގެންނެވެ.

ނެކްޓަން މޯލްޑިވްސް މިޝަންގެ ސަބްމާސިބަލް ރާއްޖޭގެ ކަނޑުއަޑީގައި (ފޮޓޯ/ނެކްޓަން)

ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ސައިންސްވެރިން ހާއްސަ އުޅަނދެއްގައި ތިބެގެން ކަނޑުގެ 1،000 މީޓަރު އަޑިއަށް ފީނި 'ނެކްޓަން މޯލްޑިވްސް މިޝަން'ގައި 295 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް މެޕުކޮށް މައުލޫމާތު އެއްކުރި އެވެ. 

ފުން ކަނޑު ދިރާސާކުރަން ހިންގި ނެކްޓަން މޯލްޑިވްސް މިޝަންގައި ބައިވެރިވި ސައިންސްވެރިންގެ ޓީމް (ފޮޓޯ/ނެކްޓަން)

ކުރިން ފެނިފައި ނެތް ތަންތަނާއި ދިރުންތައް ފުރަތަމަ ފަހަރަށް ލޯމައްޗަށް އަ އެވެ. ކުރިން އެނގިފައި ހުރި ބައެއް ކަންކަމުގެ އާ ހަގީގަތްތައް ތިލަވި އެވެ. މުޅިން އާ މާހައުލީ ނިޒާމެއްގެ ހުރިހާ ނިޝާންތަކެއް ހުރި ސަރަހައްދެއް އަލަށް ދެނެގަނެވުނެވެ.

މުޅިން ވެސް، ކަނޑުގެ އަގުހުރި ވަސީލަތްތައް ދެމެހެއްޓުމަށް އެހީވެދޭނެ ކަމަށް އުއްމީދުކުރެވޭ މައުލޫމާތެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް