މާލޭގައި މިނީ ބަހެއް ދުއްވާފައި ދަނީ. (ދައުރު ފައިލް ފޮޓޯ/އަބްދުﷲ ޔަޝާއު)

ދަތުރުފަތުރު

އާރުޓީއެލް ބަހާއި ފެރީއަށް ތަރުހީބު ބޮޑު: ދުވާލަކު 5،000އެއްހާ މީހުން ބޭނުންކުރޭ

އަގު ނަގަން ފެށުމުން ބަސް ބޭނުންކުރާ މީހުން އެވްރެޖްކޮށް ދުވާލަކު 4،100ގައި ވަނީ ހިފެހެއްޓިފައި؛ އާރުޓީއެލް ލޯންޗު ފެރީ އެވްރެޖުކޮށް ދުވާލަކު 797 މީހަކު ބޭނުންކުރޭ
1 ޑިސެމްބަރު 2022
4

ސަރުކާރުން ތަރައްގީކުރަމުން އަންނަ ރާއްޖޭގެ ގައުމީ ދަތުރުފަތުރުގެ ނެޓްވޯކް، ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް)ގެ ދަށުން އަތޮޅުތަކުގައި ފަށާފައިވާ ހައި ސްޕީޑް ފެރީ އާއި މާލޭގެ މިނީ ބަހުގެ ހިދުމަތަށް ރަނގަޅު ތަރުހީބެއް ލިބެމުން އަންނަކަން ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ވީ ކިހިނެއް؟ - 'ދައުރު'ން އެދިގެން، އެ ހިދުމަތް ދެމުން އަންނަ އެމްޓީސީސީން ފޯރުކޮށްދިން ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ހައި ސްޕީޑް ފެރީ އާއި މާލޭގެ ބަހުގެ ހިދުމަތް މިހާރު އެވްރެޖްކޮށް ދުވާލަކު 5،000 އެއްހާ މީހުން ބޭނުންކުރެ އެވެ. 

ތަފްސީލް - ތަފާސްހިސާބުތަކުން ދައްކާ ގޮތުން:

  • މިނީ ބަހުގެ ހިލޭ ދަތުރުތައް ކުރި ދުވަސްވަރު އެވްރެޖްކޮށް ދުވާލަކު 10،000 މީހުން ބަސް ބޭނުންކުރި

  • އަގު ނަގަން ފެށުމުން ބަސް ބޭނުންކުރާ މީހުން އެވްރެޖްކޮށް ދުވާލަކު 4،100ގައި ވަނީ ހިފެހެއްޓިފައި

  • މިދިޔަ މަހު ވެސް 100،000އަށް ވުރެ ގިނަ މީހުން ބަހުގެ ހިދުމަތް ބޭނުން ކުރާނެ ކަމަށް ލަފާކުރެވޭ

  • އާރުޓީއެލް ބަސް މާލޭގައި ފެށި ސެޕްޓެމްބަރުގައި 236،954 މީހުން، އޮކްޓޯބަރުގައި 153،682 މީހުން އަދި ނޮވެމްބަރުގައި 128،550 މީހުން ބޭނުންކުރި

  • މާލޭގެ ބަހުގެ ހިދުމަތަށް ތިން މަސްވީއިރު، 519،186 މީހުން އެ ހިދުމަތް ބޭނުންކޮށްފައިވޭ

ބަޔަކު މިނީ ބަހަކަށް އަރަނީ. (ދައުރު ފައިލް ފޮޓޯ/އަބްދުﷲ ޔަޝާއު)

އާރުޓީއެލް ލޯންޗު ފެރީ ދުވާލަކު 797 މީހަކު ބޭނުންކުރޭ

އޮކްޓޯބަރު މަހާ ހަމައަށް އާރުޓީއެލް ފެރީގެ ހިދުމަތް ފަށާފައި ވަނީ ތިން އަތޮޅެއްގަ އެވެ. އެއީ:

  • ހއ. އަތޮޅު

  • ހދ. އަތޮޅު

  • ށ. އަތޮޅު

ހއ.އަށް ދަތުރު ފެށުމަށް ތައްޔާރުވެފައި އޮތް އާރުޓީއެލްގެ ފެރީއެއް. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

އެމްޓީސީސީން ފޯރުކޮށްދިން ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އޮކްޓޯބަރު މަހުގެ ނިޔަލަށް 84،857 މީހަކު ފެރީން ދަތުރުކޮށްފައިވެ އެވެ. އެންމެ ގިނަ މީހުން ބޭނުން ކުރަނީ ހދ. އަތޮޅުގެ އާރުޓީއެލް ފެރީ އެވެ. އެގޮތުން: 

  • މަހެއްގެ މައްޗަށް 10،000 މީހުން ހދ. އާރުޓީއެލް ފެރީ ބޭނުންކުރޭ

  • އޮކްޓޯބަރުގެ ނިޔަލަށް ހދ. އާރުޓީއެލް ފެރީ ވަނީ 45،754 މީހަކު ބޭނުންކޮށްފައި

އާރުޓީއެލް ފެރީގެ ހިދުމަތް ދެން ދޭ ހއ. އަދި ށ.ގައި ވެސް މަހަކު 7،000 މީހަކު އަންނަނީ އެ ހިދުމަތް ބޭނުން ކުރަމުންނެވެ. އެގޮތުން:

  • ހއ.ގައި މަހަކު އެވްރެޖްކޮށް 6،000 މީހުން ފެރީ ބޭނުންކުރޭ

  • ށ.ގައި އެވްރެޖްކޮށް މަހަކު 5،000 މީހަކު ފެރީ ބޭނުންކުރޭ

  • އޮކްޓޯބަރުގެ ނިޔަލަށް ހއ. ފެރީ 28،499 މީހަކު ވަނީ ބޭނުންކޮށްފައި؛ ށ. ފެރީ 19،604 މީހަކު ވަނީ ބޭނުންކޮށްފައި

އާރުޓީއެލް ފެރީ ހދ. ކުޅުދުއްފުށީ ފެރީ ޓާމިނަލާ ކައިރިކޮށްފައި. (ފޮޓޯ/އެމްޓީސީސީ)

ބުނީ ކީކޭ؟ - އެމްޓީސީސީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، މާލޭގެ ބަހުގެ ހިދުމަތާއި އަތޮޅުތަކުގައި ދޭ ފެރީއަށް އޮންނަ ތަރުހީބާ މެދު އެ ކުންފުނިން ހިތްހަމަޖެހެ އެވެ. އަދި އެ ހިދުމަތްތައް އާންމުން ބަލައިގަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

"މިހާތަނަށް ހިސާބުތަކަށް ބަލާއިރު އަޅުގަނޑުމެން ހީކުރި ވަރަށް ވުރެ ވެސް ޑިމާންޑް އެ ހުރީ ރަނގަޅުކޮށް. އަލަށް ފެށި ހިދުމަތްތަކަކާ ބަލާއިރު މިއީ ރަނގަޅު އަދަދެއް،" އޮފިޝަލް ވިދާޅުވި އެވެ.

އެމްޓީސީސީން ލަފާކުރަނީ ކުރިއަށް އޮތް ތަނުގައި ޕަބްލިކް ޓްރާންސްޕޯޓް ބޭނުންކުރާ މީހުންގެ އަދަދު އިތުރުވާނެ ކަމަށެވެ.

ކޮމެންޓް (4)

އަހްމަދު

1 ޑިސެމްބަރު 2022
ހަމަ ކަނޑައެޅިގެން ދޮގު. ބަހުގައި ދުވާލަކު5000 މީހުންދަތުރެއް ނުކުރޭ. ވަރަށް ގިނައިން އެންމެ މީހަކު ލައިގެންވެސް އެބަދޭ. މީހަކު ނެތިވެސް އެބަދޭ. ތިޔަ ބަސްދަތުރު ތަކުންއަދިވާނީ ގެއްލުން. ދަތުރަކަށް 5ރުފިޔާ ހަދައިފިއްޔާ ދަތުރުކުރާމީހުން ގިނަވާނެ.
0 0

އެކުމާފާނު

1 ޑިސެމްބަރު 2022
އަދިވެސް ގަޑިތަށް ގިނަ ކޮށްލަން ފެނޭ. ބައެއް ފަހަރު ވަކި ގަޑިއަކަށް ދާން ޖެހޭ ރަށް ރަށް ހުންނާތީ ބޭސް ފަރުވާއަށް ބުރޫ އަރާ
0 0

ގިރުވާން

1 ޑިސެމްބަރު 2022
އާން. މަށަށް ވެސް ހާދަ ފަސޭހަ ކަމާއެކު މިހާރު ދަތުރު ކޮށްލެވެއޭ. ކޮންމެ ރަށަކަށް ވެސް ކުޑަ އަގަކުން ދެވޭ. އަނެއްކާ އެހާ އަވަސް. ވަރަށް ބޮޑަށް ޝުކުރިއްޔާ ރައީސަށް
0 0

ހަމޫދު

1 ޑިސެމްބަރު 2022
ސުއްބީނާ. ދުވާލަކަށް ފަސް ހާހޭ؟ ހާދަ ބައިވަރެކޭ.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް