މިދިޔަ އޮގަސްޓް މަހު ހ. ޝީރީން ވިލާގައި މަރާލި ޝިއާއުގެ މަރުގެ މައްސަލައިގައި ހައްޔަރު ކުރި އަލީ ޝާހިލް: ދައުވާ ކުރުމެއް ނެތި އޭނާ ބަންދުގައި ހުންނަތާ މިހާރު ތިން މަސް ވަނީ ވެފައި

ޝިއާއުގެ މަރު

ޝިއާއުގެ މަރަށް 3 މަސް؛ ތަހުގީގު ކޮޅެއްގައި ނުޖެއްސޭ

ފުލުހުން މިއަދު ބުނީ ތަހުގީގުގައި މިހާރު ކުރަނީ ޝިއާއު މަރާލި ސަބަބު ހޯދުމަށް ޝާހިލްގެ ފޯނުގައި ހުރި މައުލޫމާތު އެނަލައިޒް ކުރުން ކަމަށް

މާލޭގެ ގެއެއްގެ ތެރޭގައި ވަރަށް އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ޝިއާއު މުހައްމަދު ސައީދުގެ މަރަށް ތިން މަސް ވީއިރު، އަދިވެސް އެ ތަހުގީގު ކުރިއަށް ދާ ކަމަށާއި ދައުވާ ކުރަން އަދިވެސް ނުފޮނުވޭ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

އެނގުން މުހިންމު - މިދިޔަ މަހު 15 ގައި ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެ ހަފްތާ ތެރޭ ދައުވާ ކުރުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް އެ މައްސަލަ ފޮނުވާނެކަމަށް ބުނި ނަމަވެސް، އެ މައްސަލައިގައި އަދިވެސް ދަައުވާ ކުރަން ނުފޮނުވާ ކަމަށް ފުލުހުން މިއަދު ވަނީ ބުނެފަ އެވެ.

ވީ ކިހިނެއް؟ - ހ. ޝީރީން ވިލާ ގޭގެ ނުވަ ވަނަ ބުރީގައި ހުންނަ އެޕާޓްމަންޓުގެ ތެރޭގައި ޝިއާއު، 22، މަރާލާފައި އޮއްވާ ފެނުނީ 6 އޮގަސްޓްގަ އެވެ. ހަމަ އެރޭ އެ މައްސަލައިގެ ތުހުމަތުގައި އޭނާގެ ރަހުމަތްތެރިޔާ އަދި އެ އެޕާޓްމަންޓްގެ ކޮޓަރިއެއްގައި ދިރިއެޅުމުން ދިޔަ، އަލީ ޝާހިލް، 23 ކުށުގެ ވެށިން ވަނީ ހައްޔަރުކޮށްފަ އެވެ. މިމަހު ހަވަނަ ދުވަހަށް އޭނާ ހައްޔަރުގައި ހުންނަތާ ތިން މަސް ވަނީ ވެފަ އެވެ.

ތަފްސީލު - ފުލުހުންގެ މީޑިއާ ޔުނިޓްގެ ވެރިޔާ، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ފާތިމަތު ނަޝްވާ މިއަދު 'ދައުރު'އަށް ވިދާޅުވީ، އެ ތަހުގީގާ ގުޅިގެން މިހާރު ކުރިއަށްދާ މަސައްކަތަކީ، ޝާހިލްގެ ފޯނު ހުޅުވައިގެން އޭގައި ހުރި މައުލޫމާތުތައް އެނަލައިޒް ކުރުން ކަމަށެވެ.

"ޝާހިލްގެ ފޯނު، ބޭރަށް ފޮނުވައިގެން ހުޅުވުމަށް ފަހު، މިހާރު އޭގައި ހުރި މައުލޫމާތުތައް ވަނީ ލިބިފައި. މޯޓިވް ދެނެގަތުމަށް އެ މައުލޫމާތުތައް އެނަލައިޒް ކުރުމުގެ މަސައްކަތް ދަނީ ކުރަމުން،" ނަޝްވާ ވިދާޅުވި އެވެ.

ތޫނު ހަތިޔާރުގެ މައްސަލަތަކުގައި ތަހުގީގު ކުރުމަށް ލިބެނީ 15 ދުވަހެވެ.

ނަމަވެސް ޕީޖީ އޮފީހުގެ ތަރުޖަމާނު އަދި ޕަބްލިކް ޕްރޮސެކިއުޓާ އަހްމަދު ޝަފީއު މިއަދު 'ދައުރު'އަށް ވިދާޅުވީ، 15 ދުވަހުން 15 ދުވަހުން އެ މުއްދަތު އިތުރު ކުރަމުން އަންނަ ކަމަށެވެ.

"ގާނޫނު އޮންނަ ގޮތުން މިފަދަ މައްސަލަތައް ތަހުގީގުކުރަން  ލިބެނީ 15 ދުވަސް. އެކަމަކު ފުލުހުން އެދޭނަމަ، އެ މުއްދަތު 15 ދުވަހުން 15 ދުވަހަށް އިތުރު ކުރެވޭނެ. ވަކި ވަރެެއް ނޯވޭ މުއްދަތު އިތުރު ކުރާކަށް،" ޝަފީއު ވިދާޅުވި އެވެ.

ނަޝްވާ ވިދާޅުވީ، ދައުވާ ކުރަން ޕީޖީއަށް ފޮނުވަން ޖެހޭ މުއްދަތުގެ ކުރިން ދައުވާ އުފުލަން ފޮނުވާނެ ކަމަށެވެ.

"ވަރަށް އަވަހަށް ދައުވާ ކުރަން ޕީޖީއަށް އެ މައްސަލަ ފޮނުވޭނެ،" ނަޝްވާ ވިދާޅުވި އެވެ.

ބައެއް މަރުތަކާ ގުޅޭ ގޮތުން މި މިދިޔަ މަހު 15ގައި އިސްކަންދަރުކޮށީގައި ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން: ދެ ހަފްތާ ތެރޭ ޝިއާއުގެ މަރުގެ މައްސަލަ ދައުވާ ކުރަން ފޮނުވޭނެ ކަމަށް އޭރު ހާމަކޮށްފައިވޭ (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ގުޅުން ހުރި ކަމެއް - މިދިޔަ މަހުގެ 15ގައި ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑެތު އެންޑް ހޯމިސައިޑް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ވެރިޔާ އިންސްޕެކްޓަ އޮފް ޕޮލިސް މުހައްމަދު ސާމިހު ވިދާޅުވައި ވަނީ:

  • ޝިއާއު މަރާލި މައްސަލައިގައި ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ޝާހިލްގެ މައްޗަށް އުފުލޭ ވަރަށް ހެކި އެބަހުރި ކަމަށް

  • އެގޮތަށް ކޯޓުގައި ދައުވާ ކުރެވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވި

އެ ނޫސްވެރިންގެ ބައްދަލުވުމުގައި  ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުގެ ވެރިޔާ، ސުޕްރިންޓެންޑެންޓް ހަސަން ސައީދު ވިދާޅުވީ، ޝިއާއު މަރާލި ކަމަށް ގަބޫލުކުރެވޭ ސަބަބުތަކެއް ހޯދިފައިވާ ކަމަށާއި، ނަމަވެސް ހަމައެކަނި ގަބޫލުކުރެވޭ ކަމެއްގެ މައްޗަށް ބިނާކޮށް މައްސަލަ ޝަރީއަތަށް ނުފޮނުވޭނެތީ އިތުރު ހެކި ބޭނުންވާނެ ކަމަށެވެ. އެ ސަބަބު ޔަގީން ކުރެވޭވަރަށް ހެކި ލިބޭނީ ފޯނުގައި ހުރި މައުލޫމާތުތައް ލިބިގެން ކަމަށް އޭނާ އޭރު ވިދާޅުވެފައިވެ އެވެ. 

ފަސް މަންޒަރު - ތަހުގީގުގެ ތެރެއިން ޝިއާއުގެ ހަށިގަނޑު އިންޑިއާއަށް ފޮނުވައިގެން ހެދި ޕޯސްޓްމޯޓަމްގެ ވަގުތީ ނަތީޖާ 17 އޮގަސްޓުގައި ފުލުހުންނަށް ލިބިފައިވެ އެވެ. ޝިއާއު މަރުވި ފަހުން ވެސް އޭނާގެ ހަށިގަނޑަށް ބޮޑެތި އަނިޔާތަކެއް ދީފައިވާކަން އޮޓޮޕްސީ ރިޕޯޓުން ކަށަވަރުވާ ކަމަށް ފުލުހުން ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކޮށްފައިވެ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް