ހ. ޝީރީން ވިލާގައި އަންހެނަކު އަނިޔާވެރި ގޮތަކަށް މަރާލި މައްސަލައިގައި ހައްޔަރުކުރި އަލީ ޝާހިލް، 23.

ޝިއާއުގެ މަރު

ޝާހިލްގެ ފޯނު ހުޅުވައިފި؛ އިތުރު ހެކި ލިބޭނެ ކަމަށް ފުލުހުން ގަބޫލުކުރޭ

ޝާހިލް އޭނާގެ ފޯނުގެ ޕާސްވޯޑު ދީފައެއް ނުވޭ؛ ފޯނު ހުޅުވުނީ ފުލުހުންގެ ފޮރެންސިކްސް ޓީމުން ބޭރުގެ ބަޔަކާ ގުޅިގެން ކުރި މަސައްކަތުން
15 އޮކްޓޯބަރު 2022

މާލޭގެ ގެއެއްގެ ތެރޭގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ޝިއާއު މުހައްމަދު ސައީދު މަރާލިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އަލީ ޝާހިލްގެ ފޯނު ހުޅުވަން އޭނާ އެއްބާރުލުން ނުދިނަސް ފުލުހުންގެ ފޮރެންސިކް ޓީމުން ކުރި މަސައްކަތުން ފޯނު މިހާރު ހުޅުވިފައިވާ ކަމަށާއި އޭގެން އިތުރު ހެކި ލިބޭނެ ކަމަށް އުންމީދުކުރެވޭ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

މައްސަލައިގެ ފެށުން - ހ. ޝީރީން ވިލާ ގޭގެ ނުވަ ވަނަ ބުރީގައި ހުންނަ އެޕާޓްމަންޓުގެ ތެރޭގައި 6 އޮގަސްޓްގެ ރޭ އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނީ ފުވައްމުލަކަށް ނިސްބަތްވާ ޝިއާއު، 22، އެވެ. 

ޝިއާއު މަރާލި ކަމަށް ތުހުމަތުކޮށް ކުށުގެ ވެށިން ހައްޔަރުކޮށްފައިވަނީ، އެ އެޕާޓްމަންޓުގެ ކޮޓަރިއެއްގައި ދިރިއުޅެމުން އައި ޝާހިލް، 23، އެވެ. އޭނާ ހައްޔަރުކުރި އިރު ހުރީ މަސްތުގެ ހާލަތުގައި ކަމަށް ފުލުހުން ކުރިން ބުނެފައިވެ އެވެ.

ހ. ޝީރީން ވިލާގެ ނުވަ ވަނަ ފަންގިފިލާގައި އަންހެނަކު މަރާލި މައްސަލައިގައި ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަނީ. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ވީ ކިހިނެއް؟ - މިއަދު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުގެ ވެރިޔާ، ސުޕްރިންޓެންޑެންޓް ހަސަން ސައީދު ވިދާޅުވީ:

  • ތަހުގީގުގެ ތެރެއިން ޝާހިލް އޭނާގެ ފޯނުގެ ޕާސްވޯޑު ދީފައެއް ނުވޭ

  • ފޯނު ހުޅުވުނީ ފުލުހުންގެ ފޮރެންސިކްސް ޓީމުން ބޭރުގެ ބަޔަކާ ގުޅިގެން ކުރި މަސައްކަތުން

  • ފޯނުގެ 'އެކްސްޓްރެކްޝަން ޑޭޓާ' ފެށޭ ހަފްތާގެ ކުރީކޮޅު ލިބޭނެ

  • އެ މައުލޫމާތު ލިބޭ ހިސާބުން ޝިއާއު މަރާލާފައިވާ ސަބަބު ދެނެގަނެވޭ ވަރަށް އިތުރު ހެކިތަކެއް ލިބިގެން ދާނެ ކަމަށް ގަބޫލުކުރެވޭ

ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ބުނީ ކީކޭ؟ - ޝިއާއު މަރާލާފައިވަނީ ކީއްވެގެންކަން ގަބޫލުކުރެވޭ ސަބަބު މިހާރު ހޯދިފައިވާ ކަމަށާއި، ނަމަވެސް ހަމައެކަނި ގަބޫލުކުރެވޭ ކަމެއްގެ މައްޗަށް ބިނާކޮށް މައްސަލަ ޝަރީއަތަށް ނުފޮނުވޭނެތީ އިތުރު ހެކި ބޭނުންވާ ކަމަށް ސައީދު ވިދާޅުވި އެވެ. މައްސަލައާ ގުޅުން ހުރި އެއްވެސް ކަމެއްގައި ޝާހިލްގެ ފަރާތުން މާ ބޮޑު އެއްބާރުލުމެއް ނުލިބޭ ކަމަށާއި، ނަމަވެސް ތަހުގީގީ ޓީމާއި ޝާހިލް ވާހަކަދައްކާ ކަމަށް އޭނާ ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި 'ދައުރު'ން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ފުލުހުންގެ އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ސާމިހު ވިދާޅުވީ ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ޝާހިލްއަށް އުފުލޭ މިންވަރަށް ހެކި އެބަހުރި ކަމަށާއި، އެގޮތަށް ކޯޓުގައި ދައުވާ ވެސް ކުރެވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ފުލުހުން ބުނި ގޮތުގައި، ތަހުގީގު ތެރެއިން:

  • 45އަށް ވުރެ ގިނަ މީހުންނާ ސުވާލުކޮށް، މައްސަލައާ ގުޅުން ހުރި އެކިއެކި ތަންތަނުގެ ސީސީޓީވީ ފުޓޭޖު ބަލައި ދިރާސާކޮށްފައިވޭ

  • ފޮރެންސިކް ތަހުލީލަށް ބޭނުންވާ އެކިއެކި ޑިޖިޓަލް ވަސީލަތްތަކުގެ މައުލޫމާތު ހޯދައި އެނަލައިޒް ކުރުމުގެ މަސައްކަތް ދަނީ ކުރިއަށް 

  • ޕްރޮސެކިއުޓަރު ޖެނެރަލް (ޕީޖީ)ގެ އޮފީހާ އެކު ފުލުހުން އަންނަނީ މަސައްކަތް ކުރަމުން؛ އެ އޮފީހުގެ ލަފަޔާ އެކު ތަހުގީގު ފުރިހަމަކޮށް، ދައުވާކޮށްދިނުމަށް އެދި ކުރިއަށް އޮތް ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އެ މައްސަލަ ޕީޖީ އޮފީހަށް ފޮނުވޭނެ ކަމަށް ބެލެވޭ

އެނގުން މުހިއްމު - ތަހުގީގުގެ ތެރެއިން ޝިއާއުގެ ހަށިގަނޑު އިންޑިއާއަށް ފޮނުވައިގެން ހެދި ޕޯސްޓްމޯޓަމްގެ ވަގުތީ ނަތީޖާ އޮގަސްޓު 17ގައި ފުލުހުންނަށް ލިބިފައިވެ އެވެ. ޝިއާއު މަރުވި ފަހުން ވެސް އޭނާގެ ހަށިގަނޑަށް ބޮޑެތި އަނިޔާތަކެއް ދީފައިވާކަން އޮޓޮޕްސީ ރިޕޯޓުން ކަށަވަރުވާ ކަމަށް ފުލުހުން މިއަދު ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް