އަންހެނަކު މަރާލައި ބޮލާއި ހަތަރެސްފައި ބުރިކޮށްލި މައްސަލައިގައި ހައްޔަރުކުރި އަލީ ޝާހިލް، 23.

ޝިއާއުގެ މަރު

ޝާހިލް އެކުގައި އުޅުނު އެހެން އަންހެނުންނަށް ވެސް އަނިޔާ ކުރި: ރަށްޓެހިން

އަބަދު ވެސް ޝާހިލްގެ އަނިޔާވެރި ވިސްނުން ހުންނަ ކަމަށް ބައެއް ރަހުމަތްތެރިން ބުނި

މި ފަހުން އެންމެ އަނިޔާވެރިކޮށް ރޭ ޒުވާން އަންހެނަކު މަރާލި އިރު، އެކަމުގެ ތުހުމަތު ބޮލުގައި އެޅިފައިވާ އަލީ ޝާހިލްގެ އެކުވެރިން ތިބީ ބަސް ހުއްޓިފަ އެވެ. އޭނާއާ ގާތް އަދި ތަންކޮޅެއް ދުރު މީހުންނާ އެކަމާ ގުޅޭ ގޮތުން ސުވާލު ކުރި ނަމަވެސް ދެއްކީ މަދު ވާހަކަތަކެވެ. އެކަމަކު އޭގެ ތެރެއިން އޭނާ ބޮޑަށް ދަންނަ، ގިނަ މީހުން އެއް ވާހަކައެއް ތަކުރާރު ކުރި އެވެ. އެއީ ޝާހިލް އަކީ ކުރިއްސުރެ އަނިޔާވެރި ވިސްނުން ހުންނަ މީހެއް ކަމެވެ.

"އޭނާގެ ވާހަކަތަކުން ވެސް ވަޔަލެންސް ފެންނާނެ. ބައެއް ފަހަރު އޭނާގެ އިމޭޖިނޭޝަން ވެސް ހުންނާނެ ހަމަ އެހާ އަނިޔާވެރިކޮށް މީހުން މަރައި ނައްތާލާނެ ގޮތުގެ ވާހަކަ،" ޝާހިލްއާ އެކު ސްކޭޓް ކުރަން ގޮސް، ކޮފީތަކަށް އަރާ އުޅުނު އެކުވެރިއަކު ބުންޏެވެ. 

"އެކަމަކު ދުވަހަކު ވެސް ހިއެއް ނުކުރަން އޭނާ އެފަދަ ކަމެއް ކޮށްފާނެއޭ."

ޝާހިލް ދިރިއުޅެމުން އަންނަ ހ. ޝީރީންވިލާގެ އެޕާޓްމެންޓެއްގައި މަރާލާފައި އޮއްވާ ފެނިފައިވަނީ ފުވައްމުލަކަށް ނިސްބަތްވާ ޝިއާއު މުހައްމަދު ސައީދު، 22، އެވެ. ޝާހިލްގެ އެކުވެރިން ބުނާ ގޮތުން، އެއީ ދެ ލޯބިވެރިންނެއް ނޫނެވެ. އެކަމަކު އެ މީހުންގެ މެދުގައި ގާތްގުޅުމެއް އޮވެ އެވެ.

އަންހެނަކު މަރާލައި ބޮލާއި ހަތަރެސްފައި ބުރިކޮށްލި މައްސަލައިގައި ޝާހިލް ހައްޔަރުކޮށްގެން ގެންދަނީ. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ޝާހިލްގެ ގާތް ރަހުމަތްތެރިއަކު، ނަން ނުޖަހާ ގޮތަށް މިއަދު 'ދައުރު'އަށް ބުނި ގޮތުގައި، ޝިއާއު މަރާލުމަށް ފަހު އެ ޒުވާނާ މަގުމައްޗަށް ވެސް ނުކުތެވެ. އޭރު އޭނާގެ ގަޔާއި ގަމީހުގައި ވެސް ލޭ ހޭކިފައި ހުއްޓެވެ.

'ދައުރު'އާ ވާހަކަ ދެއްކި ޝާހިލްގެ ކުރީގެ ލޯބިވެރިއަކު ބުނި ގޮތުގައި، އެކި ފަހަރު މަތިން އޭނާއަށް ވެސް ޝާހިލް އަނިޔާ ކުރި އެވެ. އަދި އެ ގުޅުން ނިންމާލަން ޖެހުނީ ވެސް އޭނާގެ އަނިޔާވެރިކަން މާ ބޮޑުވާން ފެށުމުން ކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑަށް އެނގިފައިވާ ގޮތުން ޝާހިލް ރައްޓެހިވި އެހެން މީހުންނަށް ވެސް ވަރަށް އަނިޔާކުރި. ވަރަށް ހުތުރުކޮށް ވާހަކަ ދައްކައި ގަދަކަމުން ކަންކަން ކުރުވަން އުޅުނު،" އެ އަންހެން މީހާ ބުންޏެވެ.

އެ ޒުވާނާގެ ވާހަކަތަކަށް، ޝާހިލް ދަންނަ އެހެން އަންހެނަކު ވެސް ބާރު ދިނެވެ. އޭނާ ބުނި ގޮތުގައި، ޝާހިލް މީހަކު އަނިޔާވެރި ގޮތަކަށް މަރާލައިގެން އޭނާއަކަށް ސިހުމެއް ނުލިބެ އެވެ. އެފަދަ ވާހަކަތައް އެކުވެރިންގެ ކުރިމަތީގައި ވެސް ދައްކާ ކަމަށާއި އެކަން ހުއްޓުވަން އެކަކު ވެސް މަސައްކަތް ނުކުރާ ކަމަށް ތުހުމަތު ކުރި އެވެ.

އޭނާގެ ވާހަކަތަކުން ވެސް ވަޔަލެންސް ފެންނާނެ. ބައެއް ފަހަރު އޭނާގެ އިމޭޖިނޭޝަން ވެސް ހުންނާނެ ހަމަ އެހާ އަނިޔާވެރިކޮށް މީހުން މަރައި ނައްތާލާނެ ގޮތުގެ ވާހަކަ.

ޝާހިލްގެ ރަށްޓެއްސެއް

މަރާލާނެ ކަމާއި "ކުޅި ދައްކާލާނެ" ކަމުގެ އިންޒާރު ޝާހިލްގެ ފަރާތުން ލިބިފައިވާ ކަމަށް، އެ އަންހެން މީހާ ބުންޏެވެ.

"[ޝާހިލްގެ] މައްސަލަ މީގެ ކުރިން ވެސް ވަނީ ރިޕޯޓުކޮށްފައި،" ސޯޝަލް މީޑިއާގައި އޭނާ ލިޔުނެވެ.

"[ޝާހިލް] އަކީ އަނިޔާވެރި މީހެއްކަން އެނގޭ ބައިވަރު ހެކި އަބަދުވެސް ފެނޭ. ކީއްވެ މިހާ ހަމައަށް އައި އިރު ފިޔަވަޅެއް ނޭޅީ؟"

ފ. ނިލަންދޫގައި ރަޖިސްޓްރީ އޮތް ނަމަވެސް، ޝާހިލް އެންމެ ކުރިއްސުރެ ދިރިއުޅެނީ އޭނާގެ މަންމައާ އެކު މާލެ އާއި މަންމަ ނިސްބަތްވާ ފުވައްމުލަކުގަ އެވެ. ދުވަހަކު ވެސް އޭނާގެ ބައްޕަގެ ރަށް ކަމަށްވާ ނިލަންދުއަކަށް ނުދެ އެވެ. އަދި ބައްޕަ އާއި ބައްޕަ ފަރާތުގެ މީހުންނާ ވެސް މާ ބޮޑު ގުޅުމެއް ނޯވެ އެވެ.

ސްކޭޓިންގައި ޝާހިލަށް ލިބިފައިވާ ހުނަރަށް، ސްކޭޓިން އެސޯސިއޭޝަނުން އަބަދު ވެސް ތައުރީފް ކުރެ އެވެ. އެ މީހުން، އެ ޒުވާނާ ދުށީ، އެ ރޮނގުން ކުރިއަރައި ދާނެ މީހެއްގެ ގޮތުގަ އެވެ. ސްކޭޓު ކުރުމަށް ދާދި ފަހުން އޭނާ ވަނީ، އެ އެސޯސިއޭޝަނުގެ ފަރާތުން އިންޑިއާއަށް ވެސް ގޮސްފަ އެވެ. އެކަމަކު ރަހުމު ކުޑަ އެ މަރާ އެކު އެ އެސޯސިއޭޝަނުގެ މެމްބަރުން ވެސް ތިބީ ބުނާނެ އެއްޗެއް ނޭނގިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް