ކުރީގެ ތިން ރައީސުން ގުޅިގެން މަސައްކަތް ކުރަން ނިންމަވައި، މަޝްވަރާ ބައްދަލުވުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވާހަކަފުޅު ދައްކަވަނީ. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

އަދީބު ދޫކޮށްލުން ދިފާއުކޮށް ސޯލިހު: އެއީ މައާފަށް އެދެން ޖެހޭ ކަމެއް ނޫން

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ދައުލަތާ އެކު ހެދި އިއުތިރާފް އެއްބަސްވުމެއްގެ ދަށުން އަދީބު 20 އަހަރަށް ޖަލަށް ލުމަށް ހުކުމްކުރި. ސޯލިހު އޭނާއަށް މައާފުދެއްވީ ވެރިކަމުގެ ދައުރު ނިމެން ފަސް ދުވަހަށް ވެފައިވަނިކޮށް. އޭގެ ކުރިން އަދީބު ޖަލު ހުކުމް ތަންފީޒުކުރަމުން ދިޔައީ ވެސް ގޭގައި

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތް ހިންގުމުގައި އިސްކޮށް އުޅުއްވި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބަށް މައާފުދެއްވުން ދިފާއުކުރައްވައި، އެއީ ރައްޔިތުންގެ ފަރާތުން މައާފަށް އެދެންޖެހޭ ކަމެއް ނޫން ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރޭ ވިދާޅުވެއްޖެ އެވެ.

އެނގުން މުހިންމު - އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ދައުލަތާ އެކު ހެދި އިއުތިރާފް އެއްބަސްވުމެއްގެ ދަށުން އަދީބު 20 އަހަރަށް ޖަލަށް ލުމަށް ވަނީ ހުކުމް ކޮށްފަ އެވެ. އިއުތިރާފު އެއްބަސްވުމާ އެކު އަދީބު ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދެވީ ވެސް ގޭ ބަންދުގައި ހުންނަވައިގެންނެވެ.

ސޯލިހު އަދީބަށް މައާފުދެއްވީ، ވެރިކަމުގެ ދައުރު ނިމެން އެންމެ ފަސް ދުވަހަށް ވެފައިވަނިކޮށެވެ. މައާފު ލިބުމާ އެކު އަދީބު ވަނީ ރާއްޖެއިން ބޭރަށް ދިރިއުޅުން ބަދަލުކުރައްވާފަ އެވެ.

އަދީބު މިނިވަންކުރުމާ ގުޅިގެން އާންމުންނާއި ސިޔާސީ ވެރިންގެ ފާޑުކިޔުން ސޯލިހަށް ވަނީ އަމާޒުވެފަ އެވެ.

ވީ ކިހިނެއް؟ - ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ގާނޫނުއަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދޭ އަސާސީ ހައްގުތަކަށް "ފާޅުގައި އަރައިގަނެ" ޝަރުއީ ކޯޓުތަކަށް ނުފޫޒު ފޯރުވުމާއި ރައްޔިތުންގެ މަޖިލީހުގެ ބާރު ކަނޑުވާލައި ދައުލަތުގެ މުއައްސަސާތަކުގެ މުސްތަގިއްލުކަން ގެއްލުވާލާފައިވާ ކަމަށް ވިދާޅުވެ، ކުރީގެ ރައީސުން ކަމަށްވާ އިބްރާހީމް މުހައްމަދު ސޯލިހާއި އަބްދުﷲ ޔާމީނާއި މުހައްމަދު ނަޝީދު އެކުގައި މަސައްކަތް ކުރެއްވުމަށް ރޭ ވަނީ ނިންމަވާފަ އެވެ.

ބުނީ ކީކޭ؟ - އެކަމާ ގުޅޭ ގޮތުން މަޝްވަރާކޮށް، އެއްބަސްވެވަޑައިގަތުމަށް ފަހު ތިން ބޭފުޅުން އެކުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަދީބު މިނިވަން ކުރެއްވި ސަބަބާ ބެހޭގޮތުން ސީދާ ސޯލިހަށް ވަނީ ސުވާލު އަމާޒުކޮށްފަ އެވެ.

އެ ސުވާލަށް ޖަވާބުދެއްވަމުން ސޯލިހު ވަނީ އަދީބު މިނިވަންކުރެއްވި ކުރެއްވުން ދިފާއުކުރައްވާފަ އެވެ.

ސޯލިހު ވިދާޅުވި ގޮތުގައި، އެމަނިކުފާނު މައާފުދެއްވީ އަދީބަށް ކުރި ޖިނާއީ ހުކުމެވެ.

ސޯލިހު ވިދާޅުވީ ވެރިކަމުގައި މީހަކު ހުންނައިރު އަދަބު ލިބޭ ފަރާތްތަކުން ހުކުމަށް ލުއި ހޯދަން ވެރިންނާ ހަމައަށް މައްސަލަ ފޮނުވާ ކަމަށެވެ. އެކަހަލަ މައްސަލައެއް އައުމުން ދެން ބަލާނީ، ސޯލިހު ވިދާޅުވި ގޮތުގައި އެމީހަކަށް ލުޔެއް ދެވޭތޯ ނުވަތަ ނޫންތޯ އެވެ.

އަދީބަށް ލުއިދިނުމުގެ ކަންކަން ކުރިއަށް ގެންގޮސްފައިވާނީ ގާނޫނީ އިމުގެ ތެރެއިންކަން ފާހަގަކޮށް ސޯލިހު ވިދާޅުވީ:

  • ފުރަތަމަ ބެލީ އަދަބު ލުއިކޮށްދޭން ބޭނުންވާ މިންވަރަށް އަދަބު ތަންފީޒުކޮށްފައި އޮތްތޯ

  • އެއަށްފަހު ކަރެކްޝަންސްއިން އެ ކުށްވެރިޔަކާ މެދު ދެކޭ ގޮތް ބަލައި، ކުށަށް ލުއި ދިނުމާއި މިނިވަންކުރުމުގައި ކަމެއް ކުރެވެން އޮތްތޯ ބެލި

"އެ ހުރިހާ އެއްޗެއްގެ އަލީގައި އަޅުގަނޑާ ހިސާބަށް އައި ލިޔުމުގައި އޮންނަނީ އަހްމަދު އަދީބަށް ލުއިދިނުމަށް [އެހެން މީހުންނެކޭ ވެސް އެއްފަދައިން] ހުކުމް ތަންފީޒު ކޮށްފައި އޮތީމަ ލުއިދިނުމުގެ ފުރުސަތު އޮތް ކަމަށް. މެޑިކަލް ރިޕޯޓުތައް ހުރި އައިސްފައި،" ސޯލިހު ވިދާޅުވި އެވެ.

"އަޅުގަނޑު ހަމައެކަނި ލުއި ދިނީ ޖިނާއީ މައްސަލައަށް. އޭގެ އަނެއް ފަޅިއަކީ މަދަނީ. ފައިސާ ހޯދުމުގެ މައްސަލަ. އެކަން ބަލައި ތަހުގީގުކޮށް ނިންމާ، ޝަރީއަތް ކުރުމާ ހިސާބުގައި އެ މައްސަލަތައް ހުންނާނީ. އަޅުގަނޑު ހިތަށް އަރާ އެކަން ކުރިއަށް ނުދަނީ ކީއްވެގެންތޯ. އޭގެ އެއް ފަޅިއަކީ ގެއްލުނު ފައިސާ ހޯދުމުގެ ބައި. އެކަން ކުރިއަށް ގެންދަންވީ މިހާރު ވެސް."

ސޯލިހު ވިދާޅުވީ އެހެން މީހުންނަށް ވެސް ޖިނާއީ ކުށްތަކަށް ލުއި ދީފައި ހުންނާނެ ކަމަށާއި އަދީބަށް ވެސް ލުއި ދިނީ ގާނޫނުން ލިބިދޭ ފުރުސަތުގެ ތެރެއިން ކޮށްފައި އޮތް ކަމެއް ކަމަށެވެ.

ކުރީގެ ތިން ރައީސުން ގުޅިގެން މަސައްކަތް ކުރަން ނިންމަވައި، މަޝްވަރާ ބައްދަލުވުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވާހަކަފުޅު ދައްކަވަނީ. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

'ރުޅި އަންނަކަން އެނގޭ؛ މައާފަށް އެދޭކަށް ނުޖެހޭ'

ސޯލިހު ވިދާޅުވީ އަދީބު މިނިވަންކުރުމާ ގުޅިގެން ވަރަށް ގިނަ މީހުން އެކަމާ ހިތްހަމަނުޖެހޭކަން އެނގިވަޑައިގަންނަވާ ކަމަށެވެ.

ނަމަވެސް އެ ލުއި ދިނީ ގާނޫނީ އިމުގެ ތެރެއިން ކަމަށް ތަކުރާރު ކުރެއްވި އެވެ.

"އޭގައި ގޯސްކޮށް އަޅުގަނޑަށް ކަމެއް ކުރެވިފައި އޮތް ކަމަށްވާ ނަމަ މައާފަށް އެދޭ ނަމަ އެދެންވީ. އަޅުގަނޑު ހިތުން މައާފަށް އެދޭ ވަރުގެ ކަމެއް ނޫން އެއީ،" ސޯލިހު ވިދާޅުވި އެވެ.

"އެކަމަކު އެއީ ތިޔަބޭފުޅުން ދެކޭ ގޮތުގައި ގޯސް ކަމެއް ކަމަށްވާ ނަމަ އެކަން ބަލައިގަންނަން."

ކުރީގެ ތިން ރައީސުން ގުޅިގެން މަސައްކަތް ކުރަން ނިންމަވައި، މަޝްވަރާ ބައްދަލުވުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވާހަކަފުޅު ދައްކަވަނީ. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ކޮމެންޓް (4)

ލައްޓި

17 މޭ 2026
ތިބުނާދުވަސްވަރު އަހަރެނަގެ ދަރިއެއްވެސް ޖަލުގަ އޮތްއޭނަޔަށް އަދަބުލިއިކޮށް މާފުކޮށްދީ ދޯކޮއްލީކިހިނެތްވެގެން އެއީ ރިޔާސީއިންތިހާބަށްކައިރިވެގެން އުޅުނުދުވަސްވަރު
0 0

މަބުނީ

16 މޭ 2026
އެހެންވީމާ އެމްޑީޕީއަށް ވޯޓުދޭކަށްވެސް ނުޖެހޭ.
2 0

ތެފައާސާ.

16 މޭ 2026
ވެރިކަމަށް ކުފޫ ހަމަ ނުވާކަމުގެ ދަލީލު. މައާފަށް އެދެން ޖެހޭނީކީ ގާނޫނާއި ޚިލާފު ކަމެއް ކޮށްގެނެއް ނޫން. ގާނޫނާއި ޚިލާފު ކަމެއް ކުރީމާ އޮންނާނީ އެކަމަކަށް ގާނޫނުގައި ކަނޑައަޅާފައި އޮންނަ އަދަބު. މައާފަށް އެދެންވީ، ދިވެހި ބައިތުލްމާލުން އެވަރުގެ ބޮޑު ވައްކަމެއް ކޮށް، އަދި އެކަމަށް ދައުލަތާއިއެކު އިއުތިރާފު ވެގެން އަދަބު ތަންފީޒު ކުރަމުންދިޔަ މީހަކަށް އަފޫއާންމު ދީ މިނިވަންކުރީތީ.
7 0

އާސާފަތެ.

16 މޭ 2026
@ތެފައާސާ. 1 ވަނައިގެ ކޮމެންޓެއް. އެމްޑީޕީން ކުރިން ވެރިކަން ކުރި ދެރައީސުން އެޑްވައިޒަރުންނަށް ލާ ހިންގުމުން ބޭރުކުރަންޖެހޭ. އެހެންނޫނީ ނުވާނެ
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް