ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް. (ދައުރު ފައިލް ފޮޓޯ/ މުޒައްޔިން ނާޒިމް)

އަދީބާއި ޒިޔަތަށް މައާފު ދިނުމުން ޕީޖީގެ ހިތްހަމަނުޖެހުން؛ ގޮވާލެއްވީ ގާނޫނު އިސްލާހު ކުރަން

މައާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނު އޮތް ގޮތުން، އެ ކަމުގެ އެއްވެސް މަރުހަލާއެއްގައި ޕްރޮސެކިއުޓަ ޖެނެރަލްގެ ދައުރެއް ނޯންނާތީ ޝަމީމް ނުރުހުން ފާޅުކުރެއްވި

އެމްއެމްޕީއާރްސީގެ ހިޔާނާތުގައި އިސްކޮށް ހުންނެވި އޭރުގެ ނައިބު ރައީސް އަދި ޓޫރިއަމް މިނިސްޓަރު އަހްމަދު އަދީބާއި އެމްއެމްޕީއާރްސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މައާފް ދެއްވުމާ މެދު ހިތްހަމަނުޖެހުން ފާޅުކުރައްވައި ކުށްވެރިންނަށް މައާފު ދިނުމުގެ ބާރު ގާނޫނުއަސާސީގެ ދަށުން ރައީސަށް ލިބިވަޑައިގަންނަވާ ގޮތް އިސްލާހު ކުރުމަށް ޕްރޮސެކިއުޓަ ޖެނަރަލް (ޕީޖީ) ހުސެއިން ޝަމީމް މިއަދު ގޮވާލައްވައިފި އެވެ. 

ވީ ކިހިނެެއް؟ - ރައީސް، އަދީބާއި ޒިޔަތަށް މިދިޔަ ހޯމަ ދުވަހު މައާފު ދެއްވުމުން، ރާއްޖޭގެ އެންމެ ބޮޑު ހިޔާނާތުގެ އެއް މައްސަލައިގެ އިސް ބައިވެރިން، އެންމެ އަށް އަހަރުގެ ތެރޭގައި، މިހާރު ވަނީ މިނިވަން ވެފަ އެވެ. ރައީސް ސޯލިހްގެ ފަސް އަހަރުގެ ވެރިކަން ނިމެން އެންމެ ހަތަރު ދުވަަހަށް ވެފައި ވަނިކޮށް އެފަދަ ނިންމެވުމެއް ނިންމެވި ސަބަބާ ބެހޭ ގޮތުން ރައީސް އޮފީހުން މިހާތަނަށް ޖަވާބުދީފައެއް ނުވެ އެވެ.

އަދީބާ ޒިޔަތަށް މައާފް ދިން މައްސަލާގައި އާންމުން ފާޅުކުރަމުންދާ ހިތްހަމަނުޖެހުންތަކަށް އިޝާރާތްކުރައްވައި ޝަމީމްގެ ބްލޮގުގައި އެކަމާ ގުޅޭ ގޮތުން އޭނާ ވަނީ ލިއުމެއް ޝާއިއުކޮށްފަ އެވެ. އެކަމާ މެދު އަމިއްލައަށް ދެކެވަޑައިގަންނަވާ ގޮތް އެހެން ލިއުމެއްގައި ހިއްސާކުރައްވާނެކަން ފާހަގަކުރައްވައި މައާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނީ ނިޒާމު ރާއްޖޭގައި އޮތް ގޮތާ ބެހޭ ގޮތުން އާންމުންގެ މެދުގައި އޮތް ސުވާލުތަކަށް އެ ލިއުމުގައި ޝަމީމް ޖަވާބު ދެއްވާފައި ވެއެވެ. 

ބުނީ ކީކޭ؟ - ޝަމީމް ވިދާޅުވީ، މައާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނު އޮތް ގޮތުން، އެކަމުގެ އެއްވެސް މަރުހަލާއެއްގައި ޕީޖީގެ ދައުރެއް ނޯންނަ ކަމަށާއި، ކްލެމެންސީ ބޯޑުގައި ޕީޖީ ތަމްސީލުކުރާ މީހަކު ނުވެސް އިންނަ ކަމަށެވެ. މައްސަލައެއްގައި ހުކުމެއް ކުރުމަށް ފަހު، އެ ހުކުމާ މެދު ދެން ނިންމާ ގޮތެއްގައި ޕީޖީ އޮފީހުގެ ދައުރެއް ނޯންނަކަން ފާހަގަކުރައްވައި ޝަމީމް ވިދާޅުވީ، އަދީބާއި ޒިޔަތަށް މައާފު ދިނުމުގައި ވެސް ޕީޖީ އޮފީހުގެ ބަހެއް ނުހޯދާ ކަމަށެވެ.

"ހޯއްދަވާކަށް ނުވެސް ޖެހެ އެވެ. ގާނޫނީ ނިޒާމު މިހާރު އޮތް ގޮތުން، މައާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ ދަށުން ރައީސަށް ފުޅާ ބާރުތަކެއް ލިބެ އެވެ. އެ ބާރު ބޭނުންކުރައްވާ ގޮތާ މެދު ސުވާލު އުފެއްދުމަކީ ވެސް ޕްރޮސެކިއުޓަ ޖެނެރަލްގެ މަސައްކަތުގެ ދާއިރާގައި ހިމެނޭ ކަމެއް ނޫނެވެ،" ޝަމީމްގެ ލިއުއްވުމުގައިވެ އެވެ.

މައާފް ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނު ރައްޔިތުންގެ މަޖިލީހުން ފާސްކުރިއިރު، ޕްރޮސެކިއުޓަ ޖެނެރަލެއް ހުންނަކަން އެނގި ހުރެ، އޭނާގެ ދައުރެއް ނޯންނަ ގޮތަށް ގާނޫނު ލިޔުނީ ކޮންމެވެސް މުހިންމު މަގްސަދެއް ހާސިލުކުރަން ކަމަށް ބަލަން ޖެހޭ ކަމަށް ވެސް ޝަމީމް ވިދާޅުވި އެވެ.

މިކަމުގައި އާންމުންގެ މެދުގައި އޮތް ނުތަނަވަސްކަމަށް އޮތް ހައްލަކީ، ރައްޔިތުންގެ މަޖިލީހަށް ގެނެސްދެވޭނެ ހައްލެއް ކަމަށް ވެސް ޝަމީމް ވިދާޅުވި އެވެ.،

"އާންމުންގެ ހިޔާލާއި ފިކުރާ އެއްގޮތަށް، ރައްޔިތުންގެ މަޖިލީހުން ގާނޫނުތައް އިސްލާހުކުރާނެ ކަމީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ،" ޝަމީމްގެ ލިއުއްވުމުގައިވެ އެވެ.

ޝަމީމްގެ ލިއުއްވުމުގައިވާ ގޮތުން:

  • ރާއްޖޭގެ ގާނޫނީ ނިޒާމުގައި އެންމެ ފުރަތަމަ އަފޫކުރުމުގެ ވާހަކަ އޮތީ، 1998ގެ ގާނޫނުއަސާސީގެ 40 ވަނަ މާއްދާގައި؛ ކުށްވެރިންނަށް އަފޫކުރުމާއި ކުށްވެރިންގެ އަދަބު ލުއިކޮށްދިނުމުގެ ބާރު އޭރު ރައީސަށް ދީފައި އޮތީ މުތުލަގަށް

  • 2008 ވަނަ އަހަރު އަމަލުކުރަން ފެށި ގަނޫނުއަސާސީން އަފޫ އާންމު ދިނުމުގެ ބާރު ހަނިކުރި؛ މައާފް ދިނުމުގެ ބާރު އެ ގާނޫނުއަސާސީން ރައީސަށް ދިނީ އިސްތިއުނާފުކުރުމުގެ ފުރުސަތެއް ނެތް މީހުންނަށް އަދަބު ލުއިކޮށްދެވޭ ގޮތަށް

  • ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އެކަމާ ގުޅިގެން ފާސްކުރި މައާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގައި، މައާފު ދިނުމުގައި ބަލަން ޖެހޭ މިންގަނޑުތައް ހުރީ، ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ހުންނަ ފަދަ، އެކަށީގެންވާ ގޮތަކަށް

  • ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، ނޮވެމްބަރު 2014ގައި ރައްޔިތުންގެ މަޖިލީހުން އެ ގާނޫނަށް އިސްލާހެއް ހުށަހެޅި؛ އެ ހުށަހެޅުމަކީ އިލްތިމާސްއަށް ހުށަހެޅޭނެ މުއްދަތު ތިން ބައިކުޅަ އެއް ބައި އޮތް ތަން، ހަތަރު ބައިކުޅަ އެއް ބަޔަށް ކުޑަކުރަން

  • އޭގެ ބޭނުމަކީ، ޖަލުގައި ތިބި ޒުވާނުން ޖަލުން ނެރެ، މުޖްތަމައަށް ފައިދާ ހުރި ބަޔަކަށް ހެދުން؛ ނަތީޖާ އަކީ، 20 އަހަރުގެ ހުކުމެއް އޮތް މީހަކު ފަސް އަހަރު ތަންފީޒުކުރުމުން، އިލްތިމާސްއަށް ހުށަހަޅަން ފުރުސަތު ލިބުން

އެނގުން މުހިންމު - ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިންގި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރެއިން ރާއްޖޭގެ ރަށްތަކާއި ފަޅުތައް ކުއްޔަށް ދީގެން ދައުލަތަށް ލިބެން ޖެހޭ 3.2 ބިލިއަަނަށް ވުރެ ގިނަ ރުފިޔާ ގެއްލުނު ކަމަށް، ލަފާކުރެވެ އެވެ.

ރައީސް ސޯލިހް 2018ގައި ވެރިކަމަށް ވަޑައިގަތީ އެ ހިޔާނާތް ބަލައި ގެއްލުނު ފައިސާ ހޯދާނެ ކަމުގެ ވައުދާ އެކު އެވެ. ވެރިކަމުގެ ފަސް އަހަރު ނިމޭ އިރު އެއިން އެންމެ ފައިސާއެއް ވެސް ދައުލަތަށް ހޯދިފައެއް ނުވެ އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ދައުލަތާ އެކު ހެދި އިއުތިރާފް އެއްބަސްވުމެއްގެ ދަށުން އަދީބަށް އިއްވީ 20 އަހަރުގެ ޖަލު ހުކުމެވެ. އެފަދަ އެއްބަސްވުމެއްގެ ދަށުން ޒިޔަތަށް ވަނީ 32 އަހަރުގެ ހުކުމެއް އިއްވައިފަ އެވެ. އެއީ މިދިޔަ ސެޕްޓެމްބަރު މަހު އޭނާގެ މައްޗަށް އިއްވި އިތުރު 12 އަހަރުގެ ޖަލު ހުކުމާ އެކު އެވެ.

މި ދެ ބޭފުޅުންނަށް މައާފުދީ މިނިވަންކުރިއިރު، އަދީބާއި ޒިޔާތު ތިއްބެވީ ބަލިހާލަތަށް ރިއާޔަތްކޮށް ކަމަށް ބުނެ ގޭބަންދުގަ އެވެ. މި ވެރިކަމުގެ ބޮޑު ބައެއް އެ ދެ ބޭފުޅުން ހޭދަކުރެއްވީ ވެސް ގޭގަ އެވެ.

ކޮމެންޓް (2)

ތެފައާސާ.

15 ނޮވެމްބަރު 2023
މާ ބޮޑަށް ނޫންކަމަށް ހެދެން އުޅުނަސް، ޝަހީމް ޕީޖީކަމަށް އައްޔަންކުރުމާއިއެކު ފުރަތަމަވެސް ކުރިކަމަކީ އަދީބުއާއިއެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދައި، އެތައް ސަތޭކަ އަހަރެއްގެ ހުކުމެއް އަންނަވަރުގެ އަދަބަކުން ސަލާމަތްކޮށްދީ (ކިތާބީ ހެކިވެސް ހުރެމެ)، އެންމެ 20 އަހަރުގެ ހުކުމެއް އަންނަގޮތަށް ކުޅިބައި އަތުރާލީ. އެއިރު ޝަހީމަކީ އޭގެ ދުވަސްކޮޅެއް ކުރިއާއި ހަމައަށް އަދީބުގެ ޕޭރޯލްގައި ހުރި އަދީބުގެ ލޯޔަރު. އަދި މި ދެންނެވުނު އިއުތިރާފުގެ އެއްބަސްވުން ހެދީ އޭރު އެމްއެމްޕީއާރުސީގެ މައްސަލަ ތަހުގީގުކުރަމުން އަދި ޕޮލިސް، އޭސީސީ އަދި އެސެޓު ރިކަވަރީ ކަމިޝިންގެ ލަފަޔާއި ޚިލާފަށް. ކަންކަން ދެނެތިބި މީހުން ކަންކަން ދެނެތިބިކަން ހަނދާންކުރާތި..
1 0

އައިޖޭ

15 ނޮވެމްބަރު 2023
@ތެފައާސާ. އަދީބު އާއި އެކު އެއްބަސް ވުން ހެދީ ޕީޖީ ބިޝާމް ގެ ދައުރުގައި..
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް