ޕީއެންސީން ރޭ ބޭއްވި ޖަގަހަ ޖަލްސާގައި ރަައީސް މުއިއްޒުއްމަދު އަޝްހަލް ސައީދު)
ޑޮކިއުމެންޓްރީތައް ހަދާތީ އުފާވޭ، އަޅުގަނޑަށް ލިބޭނީ ސަވާބު: ރައީސް
ތުހުމަތުތަކެއްގެ މައްޗަށް ބިނާކޮށް ޑޮކިއުމެންޓްރީތައް ހަދާތީ އުފާކުރައްވާ ކަމަށާއި އެކަމުގެ ސަބަބުން އެމަނިކުފާނަށް ލިބޭނީ ސަވާބު ކަމަށް ރައީސް މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ރައީސް މިހެން ވިދާޅުވީ 'އަދަދު' ނޫހުން ހެދި ޑޮކިއުމެންޓަރީއަކާ ގުޅިގެން އެ ނޫހުގެ އިސް ނޫސްވެރިންގެ ޝަރީއަތްތަކެއް ހިނގަމުން ދާ ދަނޑިވަޅެއްގަ އެވެ. އަދި އެ ޑޮކިއުމެންޓްރީއާ ބެހޭ އެއްވެސް ވާހަކައެއް ސީދާކޮށްނާއި ނުސީދާކޮށް ވެސް އެއްވެސް ބަޔަކު ނުދެއްކުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރާ ހިލާފުވެ، 'އަދަދު'ގެ އެހެން ދެ ނޫސްވެރިޔަކު ވަނީ ޖަލަށް ވެސް ލައިފަ އެވެ.
ތަފްސީލު - ރޭ އޮތް ޕީއެންސީގެ ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނަށް ނިސްބަތްކޮށް "ދޮގު ވާހަކަ ހިމެނޭ" ޑޮކިއުމެންޓްރީތައް ހަދަމުންދަނީ، ސަރުކާރުގެ ސިޔާސަތުތަކާއި ކުރާ މަސައްކަތްތަކާ ގުޅޭ ގޮތުން ދައްކާނެ ވާހަކައެއް ނެތުމުން ކަމަށެވެ.
"އެހެންވެ އަޅުގަނޑުގެ އަބުރު ނަގާލެވޭތޯ މަސައްކަތް ކުރަމުންދަނީ،" ރައީސް ވިދާޅުވި އެވެ.
އެއާ އެކު ރައީސް ވިދާޅުވީ އިއްޔެ އެމަނިކުފާނާ ޒުވާނުންތަކާ ބައްދަލުވި ކަމަށެވެ. އެމީހުން ކުރި ސުވާލަކީ، މިހާ ބޮޑަށް އަބުރު ކަތިލަމުން ދާއިރު، ތިހާ މަޑުމަޑުން ތި ހުންނަވަނީ ކިހިނެއްތޯ ކަމަށް ރައީސް ވިދާޅުވި އެވެ. އެ ސުވާލަށް ދެއްވި ޖަވާބަކީ:
-
"އަޅުގަނޑަށް ގަބޫލުކުރެވެނީ، އޭގައި އޮތް ހަމައެކަނި ގޮތަކީ ދެ ކަމެއް. އެއް ކަމަކީ، އަމިއްލަ ނަފްސަށް އިތުބާރުކުރަން. އަޅުގަނޑަށް އެނގޭނެތާ އަޅުގަނޑު އުޅޭ ގޮތާއި ނޫޅޭ ގޮތް. ދެ ވަނަ ކަމަކީ ނަމާދުކޮށް، ﷲ ސުބުހާނަހޫ ވަތައާލާއަށް ދުއާކޮށް، އަޅުކަން ކުރުން."
-
އެހެން މީހަކު ދައްކާ ވާހަކައަކުން އެމަނިކުފާނު އުޅުއްވާ ގޮތާއި ދައްކަވާ ވާހަކަތައް ބަދަލެއް ނުވާނެ ކަމަށް
"އަޅުގަނޑާ ބެހޭ ގޮތުން ކިތަންމެ ބައިވަރު ދޮގު ވާހަކަތަކެއް ވެސް ހެދިދާނެ. ކިތަންމެ ބައިވަރު ޑޮކިއުމެންޓްރީތަކެއް ވެސް ހެދިދާނެ. އަޅުގަނޑު ވަރަށް ބޮޑަށް ހަމަ އުފާވޭ އެކަންކަން ކުރާތީ. ހަމަ ﷲއަށް ހަމްދުކުރަން. އަލްހަމްދުލިއްލާހި!،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި އިސްލާމް ދީނުގައި އޮންނަނީ މީހަކާ ބެހޭ ގޮތުން ދޮގު ވާހަކަ ދައްކައި އަބުރު ކަތިލަމުން ދާއިރު، އެމީހަކު ކެތްތެރިކަން އިސްކުރުމެވެ.
"އަބުރު ކަތިލަމުން ދާއިރު ކެތްތެރިކަން އިސްކުރުމަށް ވަރަށް މަތިވެރި އިސްކަމެއް [ދީނުގައި] ދެއްވާ. އެއީ ވަރަށް ސަވާބު ލިބޭ ކަމެއް. އެހެންވީމާ އަޅުގަނޑު އުފާކުރަން. އަލްހަމްދުލިއްލާހި. އެހެންވީމާ އަޅުގަނޑު އެދެނީ ގިނަގިނައިން ޑޮކިއުމެންޓްރީ ހަދައިގެން ނެރެން،" ރައީސް ވިދާޅުވި އެވެ.
އެއާ އެކު ރައީސް ވިދާޅުވީ ތެދު ބަހުން ނެރޭ ޑޮކިއުމެންޓްރީއެއްގައި އެމަނިކުފާނުުގެ އަބުރު ކަތިނުލެވޭނެ ކަމަށެވެ. އެއީ އެމަނިކުފާނަށް އޮތް ޔަގީން ކަމެއް ކަމަށް ވިދާޅުވި އެވެ.
"ހުސް ދޮގު ހަދަން ޖެހެނީ. ހުސް ދޮގު ހަދައިގެން ހަމަ ގިނައިން ނެރެންވީ. އަޅުގަނޑަށް އޭގައި އޮތީ ހުސް ފައިދާ. މި ދުނިޔޭގައި ވެސް އަދި އާހިރަތުގައި ވެސް،" ރައީސް ވިދާޅުވި އެވެ.
ކޮމެންޓް (3)
ކޮސް
ހުސައިން
ކާކޭ