ބާ ކައުންސިލްގެ ރައީސް ސިރާޖު (ފޮޓޯ/ޕީއެސްއެމް)
ބާ ކައުންސިލުން ޕީޖީގައި އެދުނީ ގެގް އޯޑަރު ބާތިލްކޮށްދޭން ކްރިމިނަލް ކޯޓުގައި އެދުމަށް
'އަދަދު' ނޫހުން އުފެއްދި ޑޮކިއުމެންޓްރީއާ ގުޅޭ ގެގް އޯޑަރު މުރާޖައާކޮށްދިނުމަށް ކްރިމިނަލް ކޯޓުގައި އެދުމަށް ބާ ކައުންސިލުގެ ފަރާތުން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)އަށް ސިޓީއެއް ފޮނުވައިފި އެވެ.
ވީ ކިހިނެއް؟ - ޕީޖީ އައްބާސް ޝަރީފަށް އެޑްރެސްކޮށް ބާ ކައުންސިލްގެ ރައީސް ހުސެން ސިރާޖު ސޮއިކުރައްވައި ފޮނުއްވި ސިޓީގައި ޕީޖީގެ އެދުމަކަށް މިދިޔަ އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުން ނެރުނު ގެގް އޯޑަރު މުރާޖައާކޮށްދިނުމަށް ޕީޖީގެ ފަރާތުން އިސްވެ ކްރިމިނަލް ކޯޓަށް ހުށަހެޅުމަށް ވަނީ އެދިފަ އެވެ.
ތަފްސީލް - މީގެ އިތުރުން، ސިޓީއަކަށް ބިނާކޮށް ނޫސްވެރިއެއްގެ މައްޗަށް ކޯޓުގެ ހުރުމަތް ކެނޑިކަމަށް ކަނޑައަޅާ، ކްރިމިނަލް ކޯޓުން ނިންމި ނިންމުން މުރާޖައާކޮށްދިނުމަށް އެ ކޯޓަށް ހުށަހަޅައިދިނުމަށް ވެސް ޕީޖީއަށް ބާ ކައުންސިލްގެ ރައީސް ފޮނުއްވި ސިޓީގައި ވަނީ އެދިވަޑައިގެންފަ އެވެ.
ބާ ކައުންސިލްގެ ރައީސްގެ ސިޓީގައި، ނޫސްވެރިކަމަކީ ޑިމޮކްރަސީއެއްގެ އެންމެ މުހިއްމު އެއް އަސާސްކަަން ފާހަގަކޮށް، ކްރިމިނަލް ކޯޓުން ނެރެފައިވާ ގެގް އޯޑަރާއި ކޯޓުގެ ހުރުމަތް ކެނޑިކަމަށް ދެ ނޫސްވެރިއެއްގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީގެ ބާރު ބޭނުންކޮށްފައިވަނީ ޕީޖީގެ މުސްތަގިއްލުކަމާ މެދު ސުވާލު އުފެއްދުމުގެ ޖާގަ ލިބޭ ގޮތަށް ކަމަށް ބުނެފައިވެ އެވެ.
އަދަދު ނޫހުގެ ދެ ނޫސްވެރިންގެ މައްޗަށް އިއްޔެ ކޯޓުން ޖަލު ހުކުމް އިއްވާފައިވާއިރު، އެ ދެ މީހުންނަށް ވެސް ގާނޫނީ ވަކީލަކު ކަނޑައެޅުމަށް އެކަށީގެންވާ ވަގުތު ދީފައިނުވާ ކަމުގެ ކަންބޮޑުުވުން ބާ ކައުންސިލުގެ ސަމާލުކަމަށް އައިސްފައިވާ ކަމަށް ސިޓީގައި ފާހަގަކޮށްފައިވެ އެވެ.
"ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދައި ލިބިގަތުމަކީ ގާނޫނު އަސާސީގެ 51 ވަނަ މާއްދާ އާއި 53 މާއްދާގެ ދަށުން ވެސް ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގެއް ކަމުގައިވީ ހިނދު، އެ ހައްގު އެންމެ ނުރައްކާތެރި ކުށްތަކުގެ ތުހުމަތު ކުރެވޭ ފަރާތްތަކަށް ވެސް ގައިދު ނުކުރެވޭ މިންވަރަށް މި ދެންނެވި މައްސަލާގައި ގައިދުކޮށް އާންމުކޮށް ހުޅުވާނުލާ ބޭއްވި އަޑުއެހުމެއްގައި ގޮތް ނިންމަވާފައިވާ ނިންމުމަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ އަސާސީ މިނިވަންކަމާއި ހައްގުތަކާއި ހިލާފު ކަމެއް ކަމަށް ބާ ކައުންސިލުން ދެކެމެވެ،" އެ ސިޓީގައިވެ އެވެ.
މިއީ ޝަރުއީ ނިޒާމުގެ މިނިވަންކަމާ މެދު އާންމުންގެ މެދުގައި އޮންނަ އިތުބާރު ކުޑަވާނެ ކަމެއްކަން ވެސް ބާ ކައުންސިލުން ޕީޖީއަށް ފޮނުވި ސިޓީގައި ފާހަގަކޮށްފައިވެ އެވެ.
ފާހަގަ ކުރެވޭ - ރައީސް މުހައްމަދު މުއިއްޒުގެ މައްޗަށް އަހުލާގީ ގޮތުން ދަށް އަމަލުތަކެއް ހިންގެވި ކަމަށް ތުހުމަތުތަކެއްކޮށް 'އަދަދު' ނޫހުން ގެނެސްދިން ޑޮކިއުމަންޓްރީއާ ގުޅޭ ގޮތުން އެއްވެސް ވާހަކައެއް ނުދައްކަން ކޯޓުން އަމުރުކޮށްފައިވަނިކޮށް، އެކަމާ ގުޅޭ ހަބަރެއް ގެނެސްދިން މައްސަލައަކާއި ރައީސްއާ އެކަމާ ބެހޭ ގޮތުން ސުވާލެއް ކުރި މައްސަލާގައި އަދަދު ނޫހުގެ ދެ ނޫސްވެރިއަކަށް އިއްޔެ ވަނީ ޖަލު ހުކުމެއް އިއްވާފަ އެވެ.
އިތުރަށް ކިޔާލަން
އެ ޑޮކިއުމެންޓްރީގެ މައްސަލާގައި އެ ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި އެ ނޫހުގެ މެނޭޖިން އެޑިޓަރު ހަސަން މުހައްމަދަށް ވަނީ ޖިނާއީ ދައުވާ އުފުލައި ޝަރީއަތް ފަށާފަ އެވެ.
ކޮމެންޓް (1)
ރަދުން