ޑޮކިއުމެންޓްރީ މައްސަލާގައި އަދަދުގެ ސީއީއޯ ހުސެން ފިޔާޒު އަދި އެޑިޓަރު ހަސަން މުހައްމަދު ކްރިމިނަލް ކޯޓުގައި މިއަދު އޮތް އަޑުއެހުމަށް ހާޒިރުވަނީ. (ފޮޓޯ/ދައުރު)
ފިޔާޒާއި ހަސަންގެ ޝަރީއަތް ފަށައިފި
ރައީސް މުހައްމަދު މުއިއްޒަށް ތުހުމަތުތަކެއްކޮށް 'އަދަދު' ނޫހުން އުފެއްދި ޑޮކިއުމެންޓްރީއާ ގުޅިގެން، އެ ނޫހުގެ ސީއީއޯ ހުސެން ފިޔާޒު މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ކުރާ ގަޒުފުކުރުމުގެ ދައުވާގެ ޝަރީއަތް މިއަދު ފަށައިފި އެވެ.
ވީ ކިހިނެއް؟ - ފިޔާޒާއި ހަސަންގެ މައްޗަށް ގަޒުފު ކުރުމުގެ ކުށުގެ ދައުވާ ޕީޖީން ކްރިމިނަލް ކޯޓަށް ހުށަހެޅީ މިދިޔަ އާދިއްތަ ދުވަހެވެ. ޕީޖީން އަންގައިގެން ފުލުހުން ކުރި ތަހުގީގަކަށް ފަހު، އެ ދެ މީހުންގެ މައްޗަށް އެ ދައުވާކުރީ އަދަދު އޮންލައިންގެ އެޑިޓަރުންގެ ގޮތުގައި ތިބެ ރައީސް މުއިއްޒަށް ތުހުމަތުތަކެއްކޮށް، ޑޮކިއުމެންޓްރީ ހަދާ އެ އާންމުކޮށްފައި ވާތީ ކަމަށް ބުނެ އެވެ.
ތަހުގީގުގައި ދެމީ ހުން ވެސް މަސްދަރު ހިމާޔަތްކުރުމުގެ ގޮތުން ތިއްބެވީ ހަނެވެ.
ތަފްސީލް - މި މައްސަލައިގެ ޝަރީއަތް ފަށަން، މިއަދު 1 ޖެހިއިރު ކްރިމިނަލް ކޯޓުގައި އޮތް އިބްތިދާއީ އަޑުއެހުމުގައި ވަނީ ދައުވާތަކާ ގުޅޭ ލިޔެކިއުންތައް ބަދަލުކޮށްފަ އެވެ.
އެނގިފައިވާ ގޮތުގައި، ލިޔެކިއުންތައް ދިރާސާކުރަން ދެ މީހުންނަށް ވެސް ދެ ހަފްތާގެ މުއްދަތެއް ވަނީ ދީފަ އެވެ.
އެއްކޮށްލައިގެން ކުރިއަށްގެންދާ މި މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ގެންދަނީ ސިއްރުކޮށްގެންނެވެ. އަޑުއެހުންތައް ސިއްރުކޮށްފައިވާތީ، ޝަރީއަތުގައި ދެކެވޭ ވާހަކަތައް ރިޕޯޓުކުރުމާއި އެކަމާ ގުޅޭ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ދެއްކުން ވަނީ އެ ކޯޓުން ނެރުނު 'ގެގް' އަމުރަކުން މަނާކޮށްފަ އެެވެ.
އެނގުން މުހިންމު - އަދަދު ނޫހުން މިދިޔަ 28 މާޗުގައި ގެނެސްދިން ޑޮކިއުމެންޓްރީގެ މައްސަލައިގައި ފުލުހުން ވަނީ އެ ނޫހުގެ އޮފީހަށް ކޯޓު އަމުރެއްގެ ދަށުން ވަދެ ބަލައި ފާސްކޮށް، ގިނަ އަދަދެއްގެ ތަކެތި ގެންގޮސްފަ އެވެ.
މީގެ އިތުރުން، ފިޔާޒާއި ހަސަންގެ ޕާސްޕޯޓު ވެސް ވަނީ ހިފަހައްޓައިފަ އެވެ.
މި މައްސަލައާ ގުޅޭ ގޮތުން އެއްވެސް ވާހަކައެއް ނުދައްކަން ކޯޓުން އަމުރުކޮށްފައިވަނިކޮށް، އެކަމާ ގުޅޭ ހަބަރެއް ގެނެސްދިން މައްސަލައަކާއި ރައީސްއާ އެކަމާ ބެހޭ ގޮތުން ސުވާލެއް ކުރި މައްސަލާގައި އަދަދު ނޫހުގެ ދެ ނޫސްވެރިއަކަށް ވަނީ ޖަލު ހުކުމެއް ވެސް އިއްޔެ އިއްވާފަ އެވެ.
ކޮމެންޓް (1)
ސިކުނޑި